އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ވާހަކަ (1)

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް 2 އޯގަސްޓު 2020 11:39
Flowers
އުތުރުކަރަ ނުވަތަ އިންޑިޔާ

'ރޫސީ ސާރިދޯޅު' ނުވަތަ 'ރަތް ސާރިދޯޅު' މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރު އާންމުވީ އިބާރާތެކެވެ. އެދުވަސް ވަރު ސޯވިއެޓު ޔުނިއަންއަށް ނިސްބަތްކޮށް ކިޔާ އުޅުނު ނަމެކެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅުގެ ވާހަކައަކީ ކޮބައިކަމާއި މިއަދު އެވާހަކަ ދައްކަން ޖެހުނު ސަބަބު ބަޔާންކޮށްދިނުމުގެ ކުރިން ފިނި ހަނގުރާމައަކީ ކޮބައިކަން ބުނެލަން ޖެހެއެވެ. ރޫސީ ނުވަތަ ރަތް ސާރިދޯޅު ފާޅުވާން މެދުވެރިވި ސަބަބު އެނގިދިޔުމައްޓަކައެވެ.

1945ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ދުނިޔޭގެ ސިޔާސީ މަސްރަހު ބަދަލުވެގެން ދިޔައެވެ. ގިނަ ގުތުބުތަކުގެ (މަލްޓިޕޯލަރ) ދުނިޔެއަކުން ދެ ގުތުބުގެ (ބައިޕޯލަރ) ދުނިޔެއަކަށް، ދުނިޔެ ބަދަލުވިއެވެ. އާދެ، ގިނަ ގުނަ ބޮޑެތި ބާރުތަކެއް ހިމެނޭ ދުނިޔެއަކުން ބޮޑު ދެބާރު އެކުލެވޭ ދުނިޔެއަކަށް، ދުނިޔެ ބަދަލުވެގެންދިޔައެވެ. މީގެ މާނައަކީ ބޮޑު ހަނގުރާމައިގެ ކުރިން، ބޮޑެތި ބާރުތަކެއްގެ ގޮތުގައި ހިމެނުނު، ޖަރުމަނުވިލާތާއި އިނގިރޭސި ވިލާތާއި ފަރަންސޭސިވިލާތާއި މިހުރިހާ ބާރުތަކުން އެއް ބާރެއް ވެސް، ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި ނުހިމެނުމެވެ. މީގެ ބަދަލުގައި އެމެރިކާއާއި ސޯވިއެޓް ޔުނިއަން، ދުނިޔޭގެ ބޮޑު ދެބާރަށް، ވެގެން ދިޔުމެވެ. މިހެން ވުމުގެ މައިގަނޑު ދެ ސަބަބެއް އޮތެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިކުރުމުގައި މި ދެ ގައުމުގެ ރޯލު ބޮޑުވުމެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނު އިރު އެމެރިކާއާއި ސޯވިއެޓުން ނޫން އެހެން އެންމެނަށް، ނިސްބަތުން، ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތް ހަލާކުވެ ފުނޑުފުނޑު ވިއެވެ. ހަމަ އެހެންމެ، އިނގިރޭސި ވިލާތަށް ވެސް ބޮޑެތި ބޮޑެތި ގެއްލުންތައް ލިބުނެވެ. ސޯވިއެޓު ޔުނިޔަންއަށް ގެއްލުން ލިބުނުކަމުގައި ވިޔަސް، ސޮވިއެޓު ޔުނިޔަން ބޮޑުވުމުގެ ސަބަބުން މުޅި ތަން ހަލާކެއް ނުވެއެވެ. އަދި، ހަނގުރާމައިގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ތަން ބިނާކުރެވި، ޖަރުމަނާ ހަނގުރާމަކޮށް ޖަރުމަނު ބަލިކުރުމުގެ މަގު ސޯވިއެޓުން ފަހިކޮށް ދިނެވެ. ޚާއްސަގޮތެއްގައި ޔޫރަޕުގެ އިރުމަތީ ފަޅީގައި ކުރެވުނު ހަނގުރާމައިގެ މައުރަކާތަކުގައި ޖަރުމަނާ ކުރިމަތިލީ ކުރިމަތިލުމުގައި ޖަރުމަނު ބަލިކޮށްގެންނެވެ. އަނެއްކޮޅުން، ހަނގުރާމައިގެ ސަބަބުން، ނިސްބަތުން، ސީދާ އެމެރިކާއަށް މާ ބޮޑު ގެއްލުމެއް ނުލިބެއެވެ. ބޮޑު ހަނގުރާމައިގެ ސަބަބުން، ހަގީގަތުގައި، އެމެރިކާއަށް ކުރީ ފައިދާއެވެ. ހަނގުރާމައަށް ބޭނުންވި މުދަލާއި އަދި ހުލަފާއިންގެ ދައުލަތްތަކުގެ އާންމު މީހުންގެ ބޭނުންތައް ފުއްދުމައްޓަކައި އެމެރިކާގެ އުފެއްދުންތައް އިތުރުކުރިއެވެ. އަދި، މިކަމުގެ ސަބަބުން، އެމެރިކާގެ އިގުތިސާދު ކުރިއަރައި ވަރުގަދަވިއެވެ. ހަނގުރާމަ ނިމުނު އިރު އެމެރިކާގެ އިގުތިސޯދު އޮތީ ދުނިޔޭގެ އެންމެ ބޮޑު އަދި ވަރުގަދަ އިގުތިސާދަށްވެފައެވެ. މީގެ އިތުރުން ޔޫރަޕުގެ ގައުމުތައް އޮތީ އެމެރިކާއަށް ދަރާފައި ވެސް މެއެވެ.

ކޮންމެ އަކަސް، މި ނަންގަތް ދެކަމުގެ ސަބަބުން، ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު ސޯވިއެޓުންނާއި އެމެރިކާނުން ދުނިޔޭގެ ބޮޑު ދެ ބާރު ކަމުގައި ވިއެވެ. މި ދެ ބާރުގައި ހިންގަމުން އައީ ތަފާތު ދެ ސިޔާސީ އަދި އިގުތިސާދީ ނިޒާމެކެވެ. އެއްކޮޅުން އެމެރިކާގައި އޮތީ މިނިވަން، ޑިމޮކުރަޓިކް ސިޔާސީ ނިޒާމެކެވެ. އަދި އިގުތިސާދު ބިނާވެފައި އޮތީ ރައުސްމާލިއްޔަތުގެ މައްޗަށެވެ. ސަޕްލައި އާއި ޑިމާންޑުގެ މައްޗަށް އެކުލެވޭ އުފެއްދުންތެރިކަމަކާއި ހުޅުވިފައި އޮތް ބާޒާރެއްގައި ކުރެވޭ މިނިވަން ވިޔަފާރިއެއްގެ މައްޗަށެވެ. އަނެއްކޮޅުން ސޯވިއެޓު ޔުނިއަންގައި އޮތީ އެއް ޕާޓީ، އާދެ، މާ ބޮޑު ފަރުދީ މިނިވަންކަމެއް ނެތް، ކޮމިޔުނިސްޓު ޕާޓީގެ އިސްތިބްދާދީ ސިޔާސީ ނިޒާމެކެވެ. އިގުތިސާދީ ގޮތުން، ކޮމިޔުނިސްޓު އަގީދާގެ މައްޗަށް ބިނާވެފައި އޮތް 'އަމުރުވެރި އިގުތިސާދެކެވެ'. އާދެ، 'ކޮމާންޑް އިކޮނޮމީއެކެވެ.' މާނައަކީ ފަރުދީ މިނިވަންކަމެއް ނެތް، ސަރުކާރުން ކަނޑައަޅައި އަންގާ ގޮތަކަށް އުފެއްދުންތެރިކަން ބައްޓަންކޮށް، ކުރިއަށް ގެންދަންޖެހޭ ކޮމިޔުނިސްޓު އިގުތިސާދީ ނިޒާމެކެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމި، އެމެރިކާއާއި ސޯވިއެޓު ޔުނިއަން ދުނިޔޭގެ ބޮޑު ދެބާރަށްވެ، މި ދެބާރުގެ ދެމެދުގައި ނުރަނގަޅު ވާދަވެރިކަމެއް އުފެދުނެވެ. އެއްކޮޅުން ސޮވިއެޓް ޔުނިއަން ބޭނުންވީ އެމީހުންގެ ކޮމިޔުނިސްޓް އިގްތިސާދީ ނިޒާމާއި މި ނިޒާމު ފެތުރުމުގެ ވަސީލަތްކަމުގައިވާ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމު އެހެން ގައުމުތަކަށް އެކްސްޕޯޓުކުރާށެވެ. މަސައްކަތްތެރިން މިނިވަންކޮށް، އެމީހުން ބާރުވެރިކުރުމުގެ ނަމުގައެވެ. މިގޮތުން، އިރުމަތީ ޔޫރަޕުގެ ބައެއް ގައުމުތައް ހިމަނައިގެން ކޮމިޔުނިސްޓު ބުލޮކެއް ގާއިމުކުރެވުނެވެ. އިރުމަތީ ޖަރުމަނާއި ޕޯލަންޑާއި، ހަންގޭރީއާއި ޗެކޮސްލަވޭކިޔާއާއި ރޫމޭނިޔާ ފަދަ ގައުމުތައް ހިމަނައިގެންނެވެ. އަދި އެމެރިކާގެ ބައްރުގެ ގައުމުތަކާއި އޭޝިޔާގެ ގައުމުތަކަށް ވެސް ސޯވިއެޓުންގެ ނިޒާމު ފަތުރަން ބޭނުން ވިއެވެ. މިގޮތުން މިފަދަ ނިޒާމެއް ކިޔުބާއާއި އުތުރު ކޮރެއާއާއި ވިއެޓްނާމާއި އަދި ޗައިނާގައި ވެސް ގާއިމުވެގެންދިޔައެވެ. މިހުރިހާ ގައުމުތަކަކީ ކޮމިޔުނިސްޓު ގައުމުތަކަށް ވިޔަސް، ސޯވިއެޓް ޔުނިޔަންގެ ބާރުގެ ދަށުގައި މި ހުރިހާ ގައުމުތަކެއް ނުހިމެނެއެވެ. އަނެއްކޮޅުން އެމެރިކާއިން ބޭނުންވީ ދުނިޔޭގައި ސޯވިއެޓުންގެ ހަންފެތުރުމުގެ މަސައްކަތް ހުއްޓުވައި، އެމެރިކާގެ ނުފޫޒު ފެތުރުމެވެ.

އެމެރިކާއާއި ސޯވިއެޓުންގެ މި ވާދަވެރިކަމަށް ފިނިހަނގުރާމައޭ ކިޔުނެވެ. މި ފިނި ހަނގުރާމަ، ދެ ފަރާތުގެ ސީދާ ކުރިމަތިލުމަކަށް ނުދިޔަކަމުގައި ވިޔަސް، ދެފަރާތް ތަމްސީލުކުރި ބައެއްގެ ދެމެދުގައި ފިނި ހަނގުރާމަ، ހޫނު ހަނގުރާމައަކަށް ބަދަލުވެ، ތަޅާފޮޅުން ހިންގައި ލޭ އޮހޮރުވުނެވެ. މި ފަދައިން ހޫނުވެގެންދިޔަ ހަނގުރާމަތައް ހަންގޭރީގައްޔާއި ކޮރެއާގެ ޖަޒީރާގައްޔާއި ވިއެޓްނާމްގައި ކުރެވުނެވެ. އަދި، 1963ގައި ކިޔުބާ މެދުވެރިކޮށް، ސޮވިޔެޓުންނާއި އެމެރިކާނުން ނިޔުކުލިޔަރުގެ ކުރުމަތިލުމެއް ކުރިމަތިލާ ހިސާބަށް ވެސް ދިޔައެވެ. ފިނިހަނގުރާމައިގެ މި ވާދަވެރިކަން، 1945 އިން ފެށިގެން، 45 ވަރަކަށް އަހަރު ވަންދެން ދެމި އޮތެވެ.

މި މުއްދަތުގެ ތެރޭގައި، ހުޅަނގުގައްޔާއި އަދި އެމީހުންނަށް ތާއިދުކުރާ އެހެން ގައުމުތަކުގައި ސޯވިއެޓުންނަށް އިޝާރަތްކޮށް ރޫސީ ސާރިދޯޅޭ ނޫނީ ރަތް ސާރިދޯޅޭ ކިޔުނެވެ. ސާރިދޯޅަކީ ވަހުޝީ (ވައިލްޑް) ނުރައްކާތެރި ޖަނަވާރެކެވެ. އިންސާނުންނާ ހަމަލާދީ އިންސާނުން މަރައި ކާ ހަދާ ޖަނަވާރެކެވެ. ރަތް ކުލަ އިޝާތްކުރަނީ، ސޮވިޔެޓުންގެ ދިދައިގެ ކުލަ ރަމްޒުކޮށްދޭ ކޮމިޔުނިސްޓު ނިޒާމަށެވެ. ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުން އިޝާރަތް ކުރެވެނީ މި ނިޒާމުގެ ފަނާކުރުވަނިވި މާނައަށެވެ. އާދެ، ކޮމިޔުނިސްޓު ނިޒާމަކީ އިންސާނާގެ މިނިވަންކަމާއި، ދިރުން ނެތިކޮށްލާ ނިޒާމެކެވެ. ސޯވިއެޓުގެ ބާރު ބޭނުންކޮށް، އެމީހުން ބޭނުންވަނީ މި ނިޒާމު މުޅި ދުނިޔޭގައި ފެތުރުމަށެވެ. މިކަމުގެ ނުރައްކާތެރިކަން އާންމު މީސްތަކުންނަށް އަންގައިދީ މިކަމަށް އެމީހުން ހޭލުންތެރިކުރުވައި މި ފަދަ ފަނާކުރުވަނިވި ނިޒާމަކާ އެމީހުން ދުރުހެލިކުރުމައްޓަކައި މި އިބާރާތް އާދެ، ރޫސީ ސާރިދޯޅު ނުވަތަ ރަތް ސާރިދޯޅުގެ ވާހަކަ ފިނި ހަނގުރާމައިގެ ދުވަސްވަރު ދެއްކުނީއެވެ.


ފިނި ހަނގުރާމަ މިއަދު މިއޮތީ ނިމުމަކަށް އައިއްސައެވެ. އެކަން ނިމުނުތާ މިހާރު ތިރީސް އަހަރުވީއެވެ. ދެން މިއަދު މިވާހަކަ ދައްކަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ބުނަމެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ރޫސީ ނުވަތަ ރަތް ސާރިދޯޅު ފަދަ، އެހެން ސާރިދޯޅެއް ރާއްޖެއާ ކުރިމަތި ވެއްޖެއެވެ. އާދެ، ހިންދީ ނޫނީ އޮރެންޖު ސާރިދޯޅެކެވެ. ރޫސީން ކުރިން ބޭނުންވީ އެ މީހުންގެ ނިޒާމު މުޅި ދުނިޔޭގައި ފެތުރުމައްޓަކައި ދުނިޔޭގެ ގައުމުތައް އެމީހުންގެ ބާރުގެ ދަށަށް ގެނައުމެވެ. އެހެން ގައުމުތަކުގެ ސިޔާދަތާއި އެ ގައުމުތަކުގެ މީހުންގެ މިނިވަންކަމަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. ޗައިނާއާއި ޔޫގޮސްލޭވިޔާ ފަދަ، ހުރިހާ ކޮމިޔުނިސްޓު ގައުމުތައް އެމީހުންގެ އަތްދަށަށް ނުގެނެވުނު ކަމުގައި ވިޔަސް، އެމީހުންގެ އަތް ދަށަށް ގެނެވެން އޮތް ގައުމުތައް، އެމީހުންގެ އަތް ދަށަށް ގެނައެވެ. ޚާއްސަކޮށް އިރުމަތީ ޔޫރަޕުގެ ގައުމުތަކެވެ. މިފަދަ ގައުމުތަކުގައި ތިބި، ސޮވިއެޓުންގެ ސިޔާސީ އޭޖެންޓުން މެދުވެރިކޮށް، ބާރު ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބާރުވެސް ބޭނުންކޮށްގެންނެވެ. މީގެ މިސާލު 1956ގައި، ހަންގެރީ އިންނާއި، އަދި 1968ގައި، ޗެކޮސްލަވޭކިޔާއިން، އެތަންތަނުގައި އެވަގުތު ތިބި ސޯވިއެޓުންގެ އޭޖެންޓުންގެ އެހީގައި، ސޯވިއެޓުގެ އަސްކަރީ ބާރުތައް، އެތަންތަނަށް އަރައިގަތް އަރައިގަތުމުން ފެނިގެން ދިޔައެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު، އެ ގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އިރުމަތީ ޔޫރަޕުގެ ގައުމުތައް، ރޫސީ ރަތް ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރި ފަދައިން، މިއަދު، އުތުރު ކަރައިގެ ހިންދީ އޮރެންޖު ސާރިދޯޅު، އޭތީގެ އަވައްޓެރި ބައެއް ގައުމުތައް، އެގައުމުތަކުގެ ސިޔާދަތާއި މިނިވަންކަމަށް އެއްވެސް ބެލުމެއް ނެތި، އޭތީގެ ބާރުގެ ދަށަށް ގެނެސް ކޮންޓުރޯލުކުރަން ބޭނުންވެއެވެ. މި ގޮތުން، ބޫޓާނާއި ނޭޕާލާއި ޝުރީލަންކާއާއި ދިވެހިރާއްޖެ، އުތުރު ކަރައިގެ ބާރުގެ ދަށަށް ގެންނަން ބޭނުންވެއެވެ. އަދި މި ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމުގެ ގޮތުން މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މީގެ ނަތީޖާއަކީ، މިގައުމުތަކުގެ ތެރެއިން، ބޫޓާން، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ދިޔުމެވެ. ބޫޓާނުގެ ޚާރިޖީ ސިޔާސަތާއި އަސްކަރިއްޔާއާއި އަދި ވިޔަފާރި ވެސް، އެ ސާރިދޯޅީގެ ބާރުގެ ދަށަށް ގެނެސްގެންނެވެ. ނަމަވެސް، ބޫޓާނުގައި ވެސް، އެތަނުގެ ސިޔާދަތު ގެއްލިފައިވާ މައްސަލަ ނެގި، ކުރީގައި ބޫޓާނާއި އުތުރު ކަރައާއި ދެމެދު ކުރެވުނު އެއްބަސްވުންތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެވުނެވެ. ނަމަވެސް، އަދިވެސް، ބޫޓާނު އޮތީ އުތުރު ކަރައިގެ ސާރިދޯޅުގެ ވަކިގަނޑުގެ ދަށުގައެވެ. ދެންމެ މިނަންގަތް ގައުމުތަކުގެ ތެރެއިން، ޝުރީލަންކާ، އުތުރު ކަރައިގެ ސާރިދޯޅުގެ ބާރުގެ ދަށަށް ގެނެވޭ ގޮތެއް ނުވިއެވެ. ޝުރިލަންކާގެ ގައުމީ ހޭލުންތެރިކަން ބޮޑުވެފައި، އެމީހުންގެ ސިޔާދަތު ވިއްކާލާނޭ ބަޔަކު އެ ގައުމުން ނުލިބުމުންނެވެ. މީގެ އިތުރުން، އެ ސާރިދޯޅުގެ ބާރުގެ ދަށަށް، ނޭޕާލު، ގެނައުމައްޓަކައި މަސައްކަތްތަކެއް ކުރެވުނު ކަމުގައި ވިޔަސް، އޭތި ބޭނުންވާ ގޮތަކަށް އަދި، އެކަން ނުވެއެވެ. ރާއްޖޭގެ މައްސަލައަށް ބަލާލާއިރު، އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ވަރަށް ބާރު އިސްޕީޑުގައި ކުރެވެމުން އެބަދެއެވެ. ރާއްޖޭގެ އަމިއްލަ ސިޔާދަތަކަށް ނޫނީ މިނިވަންކަމަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތިއެވެ. މިގޮތުން އެންމެ ފަހުން އާންމުވެގެން ދިޔައީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އާދެ، އިންޑިޔާގެ އަސްކަރީ ބޯޓެއް ރާއްޖެ ގެންނަ ވާހަކައެވެ. މިލިޔުމުގެ ދެން އޮތް ބައިގައި މި ބޯޓާ ގުޅޭ ވާހަކަތައް ލިޔެލަން ގަސްދުކުރަމެވެ. މި ނަންގަތް މަސައްކަތުގެ އެހެން ވާހަކަތައް އެކި ފަހަރު އެކި ސިފައިގައި ލިޔެވި ހިނގައްޖެއެވެ. އަދި، ބައެއް ކަހަލަ ރައްދުތައް ވެސް އެލިޔެވުނު ވާހަކަތަކާ ވިދިގެން ލިބުނެވެ. އެހެންވެ، 'އަސްކަރީ ބޯޓުގެ' ވާހަކަ ދެއްކުމުގެ ކުރިން، އަދި ވެސް އެއްފަހަރު، ހިންދީ އޮރެންޖު ސާރިދޯޅުގެ ވަކިތައް ރާއްޖޭ މިނިވަން ހަށިގަނޑުގައި ހިއްޕާލުމުގެ މަސައްކަތުގެ ތެރެއިން ކުރީގައި ދެއްކިފައިވާ ބައެއް ވާހަކަތައް ވެސް، އަނެއްކާވެސް، ތަކުރާރުކޮށް ލިޔެލަން ޖެހެއެވެ.

އެންމެ ފުރަތަމަ، މި ފަހުން، އެ މަސައްކަތް ފެށުމުގެ ވާހަކައެވެ. ދެހާހުގެ ކުރީގެ އަހަރުތަކުގެ ހިސާބުން ފެށިގެން، ހިންދީ ސާރިދޯޅުގެ ވަކި ގަނޑުގެ ދަށަށް، ރާއްޖެ ގެންދިޔުމުގެ މަސައްކަތް، ހަލުވި އިސްޕީޑެއްގައި ކުރަން ފެށުނެވެ. އަދި، ރާއްޖޭގެ އޭރުގެ އިދިކޮޅު ސިޔާސީ ބައެއް މީސް މީހުންނާ، ކޮންމެވެސް ގޮތަކުން، ގުޅުންތަކެއް އުތުރުކަރައިގެ އޮރެންޖު ސާރިދޯޅު ގާއިމުކުރިއެވެ. ދެން، މި ގުޅުންތަކުގެ އެހީގައި، މިނަންގަތް މަސައްކަތް ކުރާނީ ކިހިނެއްކަމާ މެދު ބަހުސްކުރެވުނެވެ. ބައެއް އާންމު ފޯރަމްތަކުގައި ރާއްޖޭގެ ދިފާއީ މުއައްސަސާއަކީ ބޭކާރު ތަނެއް ކަމުގައި ވެސް ބަހުސްކުރެވުނެވެ. އެމީހުން ކުރަން ބޭނުންވާ ކަންތައްތަކަށް، އެ މުއައްސަސާއިން ކުރިމަތިވެދާނެ ހުރަހެއް އޮވެދާނެތީއެވެ. އަދި، އެތަންތަން އުވާލައި، އޭގެ ބަދަލުގައި، އެ މުއައްސަސާ ހިންގުން ބޭރު ބަޔަކާ ހަވާލުކުރުމުން، ޚަރަދުކުޑަވެފައި ނަތީޖާ މާ ރަނގަޅުވާނެކަމަށް ވެސް ބަހުސްކުރެވުނެވެ. މީގެ ރައްދު އަޑު (އެކޯ) މިހާރުވެސް އިވި އިވި އެހުރީއެވެ. އުތުރު ކަރައިގެ ސާރިދޯޅުގެ އެންމެ އިސް އޭޖެންޓު، އަޅުގަނޑުމެންގެ މަހާރާޖާ ކޮންމެ ދުވަހަކުހެން، ހަރުއަޑުފުޅުން، އެ މުއައްސާސާއަކީ އެއްވެސް އަގެއް ނެތް ބޭކާރު ތަނެއްކަމުގައި ދޭހަވާ އިބާރާތުން ވާހަކަ ދައްކަވައެވެ! މީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އަދި މިސުއާލުގެ ކުރު ޖަވާބަކީ އެ މުއައްސަސާ އުވާލެވެންޏާ އުވާލުމުވެ. އަދި ރާއްޖޭގެ އަމާންކަން ބެލެހެއްޓުން ބޭރު ބަޔަކާ ހަވާލުކުރުމެވެ. ނޫން ނަމަ ރާއްޖޭގެ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ބޭރު މީސްމީހުން އައްޔަނުކޮށް، ބޭރުމީހުންގެ ބާރުގެ ދަށަށް ދިވެހި އަސްކަރިއްޔާ ގެނައުމެވެ. ބޫޓާނުގައި ކަންތައް ހިނގާ ދިޔަ ފަދަ ގޮތެއްގައެވެ. ދެން، ދެހާހުގެ ދިހައިގެ އަހަރުތަކަށް އެޅިގެން އައިރު ހިންދީ ސާރިދޯޅަށް ބާރު ލިބޭ އެކި އެކި ކަންތައް ކުރެވެން ފެށިއެވެ. ރާއްޖޭގެ މައި ވައިގެ ބަނދަރު އިންޑިޔާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 'މަތިން ވިދާޅުވެގެން ކަމަށް' އެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވި ވަޒީރު، އޭނާގެ ބަސްދީގަތުމެއްގައި، ވިދާޅުވިއެވެ. މާނައަކީތޯއެވެ؟ އެކަން ކުރެވުނީ އެފަދަ ކަންކަން ކުރަން އޮންނަ އިޖުރާއާތުތަކެއްގެ ދަށުންނެއް ނޫނެވެ. އަދި ގަވާއިދުތަކާއި ގާނޫނުތަކަށް ބަލައިގެންނެއް ވެސް ނޫނެވެ. ދެން، އެ ކުންފުނިން ރާއްޖޭގައި ކުރަން އޮތީ ކޮން އިންވެސްޓުމަންޓެއް ހެއްޔެވެ؟ މިކަން ބިނާވެފައި އޮތީ، މައުލޫމާތު ލިބިފައިވާ ގޮތުގައި، ރާއްޖެއިން ޒިންމާ ނަގާ ގޮތަށް، ބޭންކުތަކުން ނަގާ ލޯނަކުން ޚަރަދުކުރާ ކުރުމުގެ މައްޗަށެވެ! އެކުންފުންޏަކުން ރާއްޖެއަށް ގެންނަ އެކުންފުނީގެ އަމިއްލަ ފައިސާއަކުންނޫނެވެ. އާދެ، ވެން މަސް ވެނަށް ކާންދޭ އުސޫލަށް އޮތް އިންވެސްޓުމެންޓެކެވެ. އެއްވެސް، އަމިއްލަ އިންވެސްޓުމެންޓެއް އެކުންފުނިން ނުކޮށް، އެކުންފުންޏައް ފައިދާވާ ގޮތަށެވެ. މިއީ މިހާރު ބޭކާރު ވާހަކައެކެވެ. ނަމަވެސް، ހަނދާންކޮށްލަންވީ، ވިސްނަންވާ ވަރަށް ނުވިސްނައި ކުރި ކަމަކުން ބޮޑެތި ގެއްލުންތަކެއް ރާއްޖެއަށްވީ ކަމެވެ. ނަމަވެސް، މިކަމުގެ ވެސް ޒިންމާ ނަގާނޭ އެއްވެސް ބަޔެއް ނެތެވެ. ދެން، މީގެ އިތުރުން ވެސް، ރާއްޖެއާއި ހިންދީ ސާރިދޯޅާއި ދެމެދު އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އަސްކަރީ އެއްބަސްވުންތައް ހިމެނެއެވެ.

މި ފަދަ އެއްބަސްވުންތަކުގެ ބޭރު ފުށުގައި އޮންނަނީ މިއީ އެކުވެރިކަމުގެ އެއްބަސްވުންތަކެއް ކަމުގައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީވެދޭނޭ، އަދި އެކަމުގެ ސަބަބުން، ދެބައި މީހުންގެ ގުޅުން ބަދަހި ވެގެންދާނޭ އެއްބަސްވުން ތަކެއްގެ ގޮތުގައެވެ. ފަހަރެއްގައި ވެސް، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީ ރަތް ސާރިދޯޅާއި އޭގެ ވަކިތަކުގެ ދަށުގައި ލެވިފައިވާ އިރުމަތީ ޔޫރަޕުގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުން ފަދަ، ސޯވިއެޓުން އަންގާ ގޮތަށް ކަންތައް ކުރުމުގެ ގޮތަށް އޮންނަ ގުޅުމެއް ނޫންކަމެވެ. ނަމަވެސް، ވަކި ހިސާބަކުން، ރާއްޖޭގެ އިސް ކޮންމެ ވެސް ބަޔަކަށް، ހިންދީ ސާރިދޯޅުގެ ދަތްތަކާއި ވަކިތައް ފެނި، އެއްކަލަ އެއްބަސްވުންތަކަކީ ދޭދޭ ގައުމުތަކުގެ މެދުގައި ވެވޭ ރަހުމަތްތެރިކަމުގެ އެއްބަސްވުންތަކެއް ނޫންކަން ފާހަގަކުރެވެން ފެށިއެވެ. އެހެންވެ، ފުރަތަމައަށް ވީ އަސްކަރީ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، މި އެއްބަސްވުން އާ ނުކުރުމަށް ރާއްޖެއިން ނިންމިއެވެ. އަދި، އެމެއްގެ ގޮތުގައި، މޮހޮނަށް އޮޑި ދިން ގޮތަށް، ރާއްޖެއަށް ދީފައި އޮތް، ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރު ގެންދަން ވެސް، ރާއްޖެއިން އިންޑިޔާއަށް އެންގިއެވެ. ނަމަވެސް، އިންޑިޔާއިން މިކަން ކުރާކަށް ބޭނުމެއް ނުވިއެވެ. މީގެ އިތުރުން، ލައުނަތް ލެއްވިގެންވީ އެ ދެހިލިކޮޕްޓަރު ދުއްވަން އައިސް ތިބި ދިހަވަރަކަށް މީހުންގެ ވިސާ އާ ކުރުމުގެ ބޭނުމެއް ނެތުމުން، އެކަން ނުކުރުމަށް ނިންމައި އެމީހުން ރާއްޖެއިން ބޭރުވާން އެދުނެވެ. ނަމަވެސް، އެމީހުން ނިންމީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމަށެވެ. އާދެ، ސާރިދޯޅުގެ ވަކިތަކާއި ދަތްތައް މިހިސާބުން ވަރަށް ރީތިކޮށް ފެނުނެވެ. ދެން ސަރުކާރު ބަދަލުވުމާއެކު ވަރަށް ހަލުވި އިސްޕީޑެއްގައި އަނެއްކާ ވެސް މި އެއްބަސްވުންތަކުގައި ސޮއިކުރެވި އެއްބަސްވުންތައް އާކުރެވުނެވެ. 2018ގައި، ރާއްޖޭގެ އާ ރައީސްގެ ހުވާކުރުމުގެ ރަސްމިއްޔާތަށް، ކުޑަ ހިނދުކޮޅަކަށް، އުތުރު ކަރައިގެ ސަރުކާރުގެ އިސް ވެރިޔާ، ރާއްޖެ ޒިޔާރަތްކުރި ތަނުން މިކަން ފެނިގެންދިޔައެވެ. އާދެ، ހިންދޫ ސާރިދޯޅުގެ ތޫނު ވަކިތައް، ރާއްޖޭގެ ބައެއްގެ އެހީގައި، ރާއްޖޭގެ މިނިވަންކަމުގެ ހަށިގަނޑުގެ ތެރެއަށް ހަރާލައި، ހިއްޕާލުމުގެ މަސައްކަތް، މިހިސާބުން، އަނެއްކާވެސް ފެށުނެވެ. މިގޮތުން ފާހަގަކޮށްލެއްވުނު އެއްކަމަކީ ސ. އަތޮޅާއި ލ. އަތޮޅުގައި ޕޮލިސް އެކަޑަމީތަކެއްގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމެވެ. އަދި ދެ ހެލިކޮޕްޓަރު ދުއްވަން ތިބި މީހުންގެ އަދަދު އިތުރު ވެގެން ވެސް ދިޔުމެވެ. އާދެ، ރާއްޖޭގެ ތަރައްގީއަށް އެހީވެދިނުމުގެ ނަމުގައެވެ. ނަމަވެސް، މިއީ ބޫޓާނުގައި ވެސް ކަންތައް ކުރެވުނު ގޮތެވެ. އެތަނުގައި ވެސް ސިފައިން ތަމްރީނުކުރާ އަސްކަރީ މަރުކަޒުތަކެއް ހެދި، ދެހާހެއްހާ އިންޑިޔާގެ ސިފައިން އެތަނުގައި، މިކަމަށް އެކަނިވެސް، ތިބެވޭ ގޮތް ހަމަޖެހުނެވެ. މިލިޔުމުގައި ދެން، އިތުރަށް އަލިއަޅުވާލަން ގަސްދުކުރަނީ ދެކަމެއްގެ މައްޗަށެވެ. ފުރަތަމަ ކަމަކީ އިންޑިޔާއިން ގެންނަ 'ޑޯނިޔާ ބޯޓުގެ' މައްސަލައެވެ. ދެވަނަ ކަމަކީ، ރާއްޖެއިން، އިންޑިޔާ ބޭނުންވާ ކަމަކީ ކޮބައިތޯގެ މައްސަލައެވެ.

ޑޯނިޔާ ބޯޓުގެ ވާހަކަ ދާދި ފަހުން ފެންމަތިވީ އިންޑިޔާގެ އަސްކަރީ ބޯޓެއް އިންޑިޔާއިން ރާއްޖެއަށް ގެންނަ ޚަބަރެއް ދިވެހި ނޫހެއްގައި ޝާއިއު ކުރުމާ ވިދިގެންނެވެ. މި ޚަބަރަށް ރައްދުދީ އެކަން ސަރުކާރުން އިންކާރުކުރިއެވެ. ދެން ވެސް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ސަފުހާތަކުން މި ޚަބަރު ފޮހެވިގެން ނުދިޔުމުން، ކުޑަ ބަދަލަކާއެކު، އަނެއްކާވެސް، މި ޚަބަރަށް، ކަމާ ބެހޭ ފަރާތުން، ރައްދުދިނެވެ. ރާއްޖެއަށް ގެންނަނީ އަސްކަރީ ބޯޓެއް ނޫންކަމާ އަދި ރާއްޖެގެންނަނީ 'ޑޯނިޔާ' ބޯޓެއްކަން ބުނެއެވެ. މާ ބޮޑު ތަފްސީލެއް ނުދެއެވެ. މިފަދަ ބޯޓެއް ގެންނަނީ ކީއްކުރަންތޯއާއި ކޮން ބަޔެއްގެ ބޭނުމެއްގައިތޯއާއި މި ބޯޓު ދުއްވުމާއި އަދި އެކަމާ ގުޅޭ އެހެނިހެން ޚަރަދުތައް ކުރުމުގެ ޒިންމާ ނަގާނީ ކޮން ބަޔެއްކަން ސާފެއް ނުވެއެވެ. ނަމަވެސް، މިކަންކަން އިންޑިޔާގެ ބައެއް ނޫސްތަކުން ކޮންމެވެސް ވަރަކަށް ސާފުވެއެވެ.

މިބޯޓަށް އަސްކަރީ ބޯޓެކޭ ނުވަތަ މިއީ ޑޯނިޔާ ބޯޓެކޭ ކިޔަސް އޭގެ މަގުސަދަކަށް، ބޭނުމަކަށް، ބަދަލެއް ނާދެއެވެ. މި ބޯޓު ދުއްވާ އަދި ބޯޓުގެ ކަންތައް ބެލެހެއްޓުން އޮންނާނީ އިންޑިޔާގެ އަސްކަރިއްޔާގެ އަތް މަތީގައި ކަމަށް ބެލެވެއެވެ. ލައުނަތް ލެއްވިގެންވީ ދެ ހެލިކޮޕްޓަރުގެ ކަންތައްތައް އޮތް ގޮތުގެ މައްޗަށް ބަލާލާއިރުއެވެ. އެ ދެ ހެލިކޮޕްޓަރަކީ ރާއްޖެއަށް 'ހަދިޔާކުރެވެން އެއްޗަކަށްވީ އިރު'، މޮހޮނަށް އޮޑިލިބިދިން އިރު، އޮޑީގައި އަތް ނުލެވޭ ފަދައިން، ރާއްޖޭގެ މީހަކަށް އެ ދެ ހެލިކޮޕްޓަރުގައި އަތްލެވޭ ގޮތެއް ނުވެއެވެ. އެހެން ކަމަށްވާއިރު، 'ކުއްޔަށް' ގެންނަ ބޯޓެއްގައި، އަތްލެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެންވީމާ، ލަފާކުރެވެނީ، މައިގަނޑު ގޮތެއްގައި، މި ބޯޓު ބޭނުންކުރެވޭނީ އިންޑިޔާގެ އަސްކަރީ ބޭނުމައްޓަކައެވެ. އިންޑިޔާއިން ބޭނުންވާ އަސްކަރީ މީހުންނާއި މުދާ، ހަތިޔާރު ވިޔަސް އަދި އެމީހުންނަށް ބޭނުންވާ އެހެން އެއްޗެހި ވިޔަސް، އޭގެ ހަގީގަތް ނޭނގޭ ގޮތުގައި ރާއްޖެއަށް އެތެރެ ކުރުމަށެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރަތްކޮށް ގާއިމުކުރެވެމުންދާ އިންޑިޔާގެ އަސްކަރީ މަރުކަޒުތަކަށް، ނުވަތަ 'ޕޮލިސް އެކެޑަމީތަކަށް' އިންޑިޔާގެ އަސްކަރިއްޔާގެ މީހުން އުފުލައި ނަގުލު ކުރުމުގައެވެ. މީގެ މާނައަކީ އެހެން ކުރާ ދަތުރެއްގައި ބަލި މީހަކު ނޫފުލާނޭ ވާހަކައެއް ނޫނެވެ. ނަމަވެސް، މި ބޯޓުގެ ހަގީގީ ބޭނުމަކީ ރާއްޖޭގެ ބަލިމީހުން އެއްތަނުން އަނެއް ތަނަށް ގެންދިޔުމެއް ނޫންކަން ޔަގީނާ ގާތަށް އެނގެއެވެ. އެއީ މިހާރުވެސް މިފަދަ ކަންކަން ކުރެވޭނޭ އެއްގަމާއި ވައިގެ ބޯޓުފަހަރުތައް ރާއްޖޭގައި ހުރީމައެވެ. އަދި އެއްކަލަ ލައުނަތް ލެއްވިގެންވީ 'މޮހޮނުގެ' ދެ ހެލިކޮޕްޓަރު ވެސް އެއޮތީ ނޫން ހެއްޔެވެ؟ ދެން، ކަން އޮތީ މިހެން ނޫންކަމަށްވަންޏާ، ހަގީގަތް ފޮރުވުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އެ ހަގީގަތަކީ ތަނަށް ހެޔޮ އެދިގެން ކުރެވޭ ކަމަކަށްވަންޏާ، އެކަމުގެ ތަފްސީލު އަވަހަށް ނުދެވެންވީ ކީއްވެ ހެއްޔެވެ؟ އެކަންކަމާ ބެހޭ ވާހަކައެއް، ކޮންމެވެސް ގޮތަކުން އެނގުމުން، ފޫބެއްދުމުގެ ގޮތުން ވާހަކަތައް ދައްކަން ޖެހެނީ ކީއްވެ ހެއްޔެވެ؟

ދެން އޮތީ މި ޑޯނިޔާ ބޯޓު ދުއްވުމުގެ ޚަރަދެވެ. ކުރިން ވެސް ބުނިފަދައިން، އަދި، އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއު ކޮށްފައިވާ، މިކަމާ ބެހޭ ޚަބަރުތައް ވެސް ބުނާ ގޮތުގައި، މިބޯޓަކީ ރާއްޖެއިން 'ކުއްޔަށް' ހިފާ އެއްޗެކެވެ. މީގެ މާނައަކީ ކޮބައި ހެއްޔެވެ؟ މި ބޯޓު ރާއްޖެ ގެނައުމާއި ރާއްޖޭގައި ބޭއްވުމާއި މި ބޯޓު ދުއްވުމަށް ހިނގާ ހުރިހާ ޚަރަދުތަކެއް ކުރަން ޖެހެނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންކަމެވެ. އިންޑިޔާގެ ބޭނުމަކަށް، އިންޑިޔާ ބޭނުންވެގެން، ރާއްޖެއިން ކުއްޔަށް ހިފަން ޖެހުނު، އަދި އެކަމުގެ ހުރިހާ ޚަރަދެއް ރާއްޖެއިން ކުރަންޖެހޭ ބޯޓެކެވެ! ނަމަވެސް، މިތާގައި ނޯޓުކޮށްލަން ޖެހޭ ކަމެއް އެބައޮތެވެ. އިންޑިޔާގެ ބައެއް ނޫސްތައް ބުނާ ގޮތުން ނަމަ، ޚަރަދުތައް އޮތީ 'ދެފަރާތުން ބައިވެރިވެގެން ކުރާ ގޮތަށެވެ'. ނަމަވެސް ސާފު ނުވާކަމަކީ މި ބައިވެރިވުން އޮތީ ކިހިނެއް ކަމެވެ. މި އެއްބަސްވުން ބުނާ ގޮތުން ޑޯނިޔާ ބޯޓު ބާއްވާނެ ތަނެއް، ހޭންގަރެއް، ހަނިމާދޫގައި ހަދަން ޖެހެއެވެ. ލަފާކުރެވޭ ގޮތުގައި، ޚަރަދުގައި ދެ ފަރާތުގެ ބައިވެރިވުން ގުޅެނީ ހަމަ އެކަނި އެބާއްވާނެ ހޭންގަރެއް ހެދުމުގައެވެ. ދެން އެހެނިހެން ޚަރަދުތައް ކުރަން ޖެހޭނީ ރާއްޖެއިން ކަމެވެ.

އާދެ، މިއީ ލަފާކުރެވޭ ގޮތެކެވެ. މި ގޮތަށް ލަފާ ކުރެވެނީ ކީއްވެ ހެއްޔެވެ؟ ދެ ސަބަބައްޓަކައެވެ. ފުރަތަމަ ސަބަބަކީ ކުއްޔަށް ހިފާ އެއްޗެއް ހިންގަން ކުރަން ޖެހޭ ޚަރަދުތައް ކުރަން ޖެހޭނީ ކުއްޔަށް ހިފާ ފަރާތުންކަމަށްވާތީއެވެ. މިސާލަކަށް ދޯންޏެއް ކުއްޔަށް ހިފައިފި ނަމަ، އެ ދޯނި ދުއްވުމައްޓަކައި ދޯންޏައް އަޅަން ޖެހޭ ތޮޔޮ ގަންނަންޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫން ހެއްޔެވެ؟ ދޯނި ދުއްވަން ކައްޕިއެއް ނުވަތަ ކެޔޮޅަކާއި އިންޖިނޭރުން ބޭނުން ނަމަ، އެ މީހުން ގެންގުޅެން ހިނގާ ޚަރަދު ވެސް ކުރަން ޖެހޭނީ ދޯނި ކުއްޔަށް ހިފާ ފަރާތުން ނޫން ހެއްޔެވެ؟ އެހެންވެ، ޑޯނިޔާ ބޯޓަކީ ރާއްޖޭން ކުއްޔަށް ހިފާ އެއްޗެއް ކަމަށްވާއިރު ދުއްވަން ބޭނުންވާ ތެލާއި އަދި ދުއްވާ މީހުންނަށާއި އެ ބަލަހައްޓަން ބޭނުންވާ އިންޖިނޭރުންގެ ޚަރަދުތައް ވެސް ކުރަން ޖެހޭނީ ހަމަ ދިވެހި ރައްޔިތުންނަށް ނޫން ހެއްޔެވެ؟ ދިވެހި ރައްޔިތުން މަސައްކަތްކޮށްގެން ހޯދާ ފައިސާއިން ދިވެހި ރައްޔިތުން ދައްކާ ޓެކުސްއިންނެވެ. ދެވަނަ ސަބަބަކީ ދުނިޔޭގައި މިފަދަ ގޮތަކަށް ކުރެވޭ އެހެން މުއާމަލާތުތަކުގައި ވެސް، ކަންތައް މިބުނި ގޮތަށް ކުރެވޭތަން ފެންނާތީއެވެ. މިސާލަކަށް ދެވަނަ ގަލްފު ހަނގުރާމައިގައި ކަންތައްވީ ގޮތް ބަލާށެވެ. އެކަމަށް ހިނގި ޚަރަދު ދައްކަން ޖެހުނީ އަރަބި ބައެއް ގައުމުތަކުންނެވެ. މި ހަނގުރާމައަކީ އެމެރިކާ ވެސް ބޭނުންވެގެން، އެމެރިކާގެ މަސްލަހަތު ވެސް އޮވެގެން ކުރެވުނު ހަނގުރާމައަކަށްވީ އިރުވެސް ވެހެވެ. އަދި މިކަމާ ވިދިގެން އެމެރިކާ ބޭނުން ވެގެން އަރަބި ބައެއް ރަށްތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހެދިއިރު، އޭގެ ޚަރުދުގެ ބައެއް ވެސް އުފުލަން ޖެހުނީ ހަމަ އަރަބި ބައެއް ގައުމުތަކަށެވެ.

އެހެންވީމާ މި ގެންނަ ޑޯނިޔާ ބޯޓު ގެންނަން ބޭނުން ވަނީ ވެސް، އަދި، އެބޯޓުގެ ހުރިހާ ކަމެއްވެސް ހަގީގަތުގައި ގުޅެނީ އިންޑިޔާގެ މަސްލަހަތާ ކަމުގައި ވިޔަސް، މިކަމުގެ ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ރާއްޖެއަށެވެ. ރާއްޖޭގެ ރައްޔިތުންނަށެވެ. އިންޑިޔާއަށް ކިހާ ފައިދާ ހުރި 'ޑީލެއް' ހެއްޔެވެ؟ ރާއްޖޭގެ މިނިވަންކަން ވިއްކާލާއިރު، ރާއްޖެ ގަންނަ ފަރާތަށް، އެ ކަމުގެ އަގު ވެސް ދޭން މިޖެހެނީ ހަމަ ރާއްޖެއިންނެވެ! ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ! މިއީ މިކަން އޮންނަން ޖެހޭ ގޮތްކަމުގައި ވެސް ސަރުކާރުގެ އެންމެ ބާރުގަދަ މީހާގެ މަގާމަށް، އަމިއްލައަށް އިސްވެގެން އުޅޭ، މަހާރާޖާ ގޮވައެވެ. އިންޑިޔާއާ ޖަދަލު ނުކުރުމަށެވެ. ރާއްޖޭގެ ސަލާމަތް އިންޑިޔާގެ ސަލާމަތާއި ގުޅިފައި އޮތް ކަމެވެ. ރާއްޖޭގެ ކުރިއެރުމާއި ރާއްޖެއަށް ލިބެން އޮތް ހުރިހާ ފައިދާއެއް ވެސް އޮތީ އިންޑިޔާގެ އަތްމަތީގައި ކަމެވެ. އިންޑިޔާ ކަނޑަކީ އިންޑިޔާގެ މިލްކެއް ކަމެވެ. މިފަދަ މާނަތައް ދޭހަވާ އިބާރާތްތަކެވެ. މިފަދަ އިބާރާތްތަކާއި ވާހަކަތައް ނޫސްތަކުން ފެންނާނެއެވެ. ލޯހުޅުވާލައިގެން، އަމިއްލަ ވިސްނުން ބޭނުން ކޮށްގެން އެ ލިޔުންތައް ކިޔާލާށެވެ!

އާދެ، މިފަދައިން ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވަކި ކަމަކަށް ރައްޔިތުން ތައްޔާރުކުރުމެވެ. ރާއްޖޭގައި އިންޑިޔާ ބޭނުންވާ ގޮތަކަށް ކަންތައްތައް ކުރުމަށް މަގު ފަހިކޮށް ރައްޔިތުން އެކަން ބަލައިގަންނާނޭ ގޮތަކަށް ރައްޔިތުން ދުރާލާ ތައްޔާރުކުރުމެވެ. މިއީ އާ ކަމެއް ނޫނެވެ. މިއީ، ފިނި ހަނގުރާމައިގެ ދުވަސްވަރު، ރޫސީގެ ރަތް ސާރިދޯޅު، އޭތީގެ އޭޖެންޓުން ލައްވައި، ނޫސްތަކާއި، ރޭޑިޔޯއާއި ޓީވީ ޗެނަލްތަކުގެ ޒަރިއްޔާއިން ފެތުރި ޕުރޮޕަގެންޑާ ވާހަކަތައް ފަދަ ވާހަކަތަކެވެ. ރައްޔިތުންގެ 'ސިކުނޑި ދޮވުމުގެ' ވާހަކަތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ތިބި އުތުރު އޮރެންޖު ހިންދީ ސާރިދޯޅުގެ އެޖެންޓުންނާއި އޭނާގެ އައުވާނުން ވެސް ކުރަމުން އެދަނީ ހަމަ އެފަދަ ޕުރޮޕަގަންޑާގެ މަސައްކަތެވެ. ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތެވެ. މީހުންގެ މޫނަށް ބަލައި، މީހުންނަށް ތާއިދުކުރާ، ހޭލުންތެރިނޫން ރައްޔިތެއް އޮތް ތަނެއްގައި، މިކަންވާނީ ވަރަށް ވެސް ފަސޭހަ ކަމަކަށެވެ. މީގެ އެންމެ ހެއްވާކަމަކީ އުތުރު ކަރައިގެ އޮރެންޖު ސާރިދޯޅުގެ އޭޖެންޓުން، އެމީހުންގެ ޕުރޮޕަގެންޑާގެ ވާހަކަތައް ދައްކައި ރައްޔިތުންގެ ސިކުނޑި ދޮވުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށް އެހީވެދޭ، މީހުން ވެސް ތިބޭ ކަމެވެ. އޭގެ އެއް ވާހަކަ ފަހުން ގެނެސްދޭނަމެވެ.

(ނުނިމޭ)   

ކިޔުންތެރިންގެ ހިޔާލު
ނުރަބޯ
މިގައުމަށާ މާތްވެގެންވާ އިސްލާމްދީނަށް ލޯބިހުރި ކޮންމެ ދިވެއްސަކު މިލިޔުން ކިޔާފަ ލޮލުން ކަރުނަ ނައިސް ނުދާނެ އެވެ.
ޝާރފު
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މަހާރާޖާއަށް ހެޔޮވިސްނުން ދެއްވާދޭވެ. އޮރެންޖު ސާރިދޯޅުގެ ނުބައި ވަކިތަކުން މިގައުމު ސަލާމަތްކޮށް މިނިވަންކަންމަތީ މިގައުމު ލައްވާދޭވެ.
ދަންޑަހެލެ
ކަރަޕްސަންއާއި ވަގު ފައިސާ ގެ މީހުންގެ އައްދަށުވުމައްވުރެ އިންޑިއާގެ އަލުވެތިކަންވެސް ރަގަޅު. ޥީމާ އިންޑިއާ ގޯސްނުކުރޭ.