Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

މިނިވަން ދުވަސް ފާހަގަ ކުރަމުންދާ އިރު ހަނދާން ކޮށްލަން ޖެހޭ ބައެއް މުހިއްމު ކަންތައްތައް

މިއަދަކީ، އަޅުގަނޑުމެން އާންމުން ކިޔާ ގޮތުން ނަމަ ޖުލާއީ ސައްބީސް ދުވަހެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، އިތުރު އަހަރެއް ފުރޭ ދުވަހެވެ. މި ނަންގަތް މިނިވަންކަން ލިބުނީ 1965ގައެވެ. އެއަހަރު ޖުލައީ މަހުގެ 26ވަނަ ދުވަހު، އިނިގިރޭސިންނާއި އޭރުގައި އޮތް ދިވެހި ސަރުކާރުގެ އިސްވެރިންނާ ކުރެވުނު މިނިވަންކަމުގެ އެއްބަސް ވުމުގައި ސޮއިކުރެވުމުންނެވެ. މިއަދަކީ އެ ދުވަހު ލިބުނު މިނިވަންކަން ފާހަގަކުރާ ދުވަސް ކަމުގައިވާ އިރު، މިއަދު ހަނދާންކޮށްލަން ޖެހޭ މުހިއްމު ކަންތައްތަކެއް ވެއެވެ. މި ލިޔުމުގައި މިފަދަ ކަންތައްތަކެއް ލިޔެ،ފާހަގަކޮށްލަން ގަސްދުކުރަމެވެ.
މިކަންކަން ފާހަގަކޮށްލުމުގެ ކުރިން ބުނެލަން ބޭނުންވަނީ ރާއްޖެއަކީ ރާއްޖޭގެ ދިގު ތާރީޚަށް ބަލާލާއިރު، އަބަދުހެން ވެސް، މިނިވަންކަން މަތީ އޮތް ގައުމެކެވެ. ރާއްޖެއަކީ، ބޭރު ބައެއްގެ އެއްވެސް ނުފޫޒެއް ނެތި، ތަނުގެ އަމިއްލަ ސިޔާސަތަކީ އާންމު ރައްޔިތުންގެ މަސްލަހަތު އެންމެ ފުރިހަމަ ގޮތުގައި ރައްކާތެރި ކުރެވިފައި އޮތް ސިޔާސަތަކަށް ނުވިކަމުގައި ވިޔަސް، އެ ސިޔާސަތު އަމިއްލައަށް އެކުލަވާލައިގެން، މިނިވަންކަމާއެކު، ދިވެހިން އުޅެމުން އައި ރާއްޖެއެކެވެ. ރާއްޖެއާ ބެހޭ ގޮތުން ލިޔެވިފައިވާ އެންމެ އިހުގެ ލިޔުންތަކަށް ބަލާލާއިރު، ވަރަށް ސާފުކޮށް މިކަން އެނގެއެވެ. މިސާލަކަށް، މީލާދީން ސާދަވަނަ ގަރުނުގައި، ރާއްޖެ ޒިޔާރަތްކުރެއްވި ސައްޔާހު، އިބުނު ބަތޫތާ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވި ލިޔުމުގައި ރާއްޖެއަކީ ފުރިހަމަ މިނިވަން ގައުމެއްކަމާއި، ދިވެހިންނަކީ މިނިވަން ބައެއްކަން ފާހަގަކުރައްވާފައި ވެއެވެ.
ނަމަވެސް، ރާއްޖޭގެ ތާރީޚަށް ބަލާލާއިރު، ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ސިޔާސީ މިނިވަންކަމަށް ބުރޫއަރާފައި ވެއެވެ. ފުރަތަމަ ފަހަރަކީ ސޯޅަ ވަނަ ގަރުނުގައި ސަތާރަ ވަރަކަށް އަހަރު ވަންދެން، ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖޭގެ މިނިވަންކަން ދިޔަ ދިޔުމެވެ. ޕޯޗުގީޒުން، ރާއްޖެއަށް އައީ ޕޯޗުގަލްއަކުންނޫނެވެ. އެމީހުން ރާއްޖެ އައީ އިންޑިޔާ، އާދެ، އެދުވަސްވަރު ދިވެހިން ކިޔާ ގޮތުން ނަމަ އުތުރު ކަރައިންނެވެ. އިންޑިޔާގައި ޕޯޗުގީޒުންގެ އިސްތިއުމާރީ މަރުކަޒެއް ކަމުގައިވެފައި އޮތް ކަންނަންނޫރުންނެވެ. މިކަން ފާހަގަކޮށްލަން ޖެހޭ ސަބަބު ފަހުން ބަޔާންކުރެވޭނެއެވެ.
ދެވަނައަށް، ރާއްޖޭގެ ސިޔާސީ މިނިވަންކަން ގެއްލިގެން ދިޔައީ، ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަން ކުރެވުނުތާ 170ވަރަކަށް އަހަރު ފަހުން، މީލާދީން 1757ގެ ޖޫން މަހު ހޮޅީންގެ އަތް ދަށުވެގެންނެވެ. ހޮޅިންނަކީ ވެސް ހަމަ އުތުރު ކަރައިގެ ބައެކެވެ. އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރީގައި އުޅޭ މީހުންނެވެ. ސިލޯނުގައި މިމީހުންނަށް ކިޔައި އުޅެނީ ސޯޅިންނެވެ. ރާއްޖޭގައި މި މީހުންނަށް ތަފާތު ނަންނަން ކިޔައިއުޅުނެވެ. މީގެތެރޭގައި ހޮޅިން ހިމެނެއެވެ. އަދި މީގެ އިތުރުން، ސޯޅިޔާއިން، މަލަބާރީން، މުއްކަވާރުން ވެސް، މި މީހުންނަށް ދިވެހިން ކިޔައި އުޅުނެވެ. ލަފާ ކުރެވޭ ގޮތުގައި މިމީހުންނަށް 'ހޮޅީންނޭ' ކިޔިފައިވަނީ އެއް ދުވަސްވަރެއްގައި އުތުރުކަރައިގެ އެހިސާބުގަނޑުގައި އޮތް ޗޯލާ ވެރިކަމަށް ނިސްބަތްކޮށެވެ. ހޮޅިންގެ އަތްދަށުގައި ތިންމަހެއް ހާ ދުވަސް ވާންދެން ރާއްޖެ އޮތެވެ.
މި ދެފަހަރު ވެސް ރާއްޖޭގެ މިނިވަންކަން ގެއްލުނީ ދިވެހިންގެ ޣައްދާރު ޚާއިނު ބައެއްގެ ޣަދަރާއި ޚިޔާނަތުގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ބޭރު ބައެއްގެ އެހީ ހޯދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖެ ދިޔައީ ހަސަން ނުވަ ވަނަ ރަސްގެފާނު، ނުވަތަ، އިސްލާން ދީން ދޫކޮށްލައްވައި، މަސީހީ ދީން ޚިޔާރުކުރެއްވުމަށް ފަހު، ކިޔުނު ނަމުންނަމަ، ޑޮމް މެޏުއަލް، ވެރިކަން ހޯއްދެވުމައްޓަކައި ޕޯޗުގީޒުންގެ އެހީ ހޯއްދެވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދެވަނަ ފަހަރަށް، ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުން ކަމަށްވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަހުމަދު މުޙްޔިއްދީނު، ވެރިކަމަށް ދަހިވެތިވެ ވަޑައިގެން ބޭރުބައެއްގެ އެހީ ހޯއްދެވުމުގެ ނަތީޖާގެ ސަބަބުންނެވެ. މިފަހަރު ކަންތައް ވެގެން ދިޔަގޮތަކީ، ހޮޅިންނަށް ރާއްޖޭގެ ވެރިކަން ލިބުމުން، މި ދެ ޚާއިނުން ކަނޑުފައްތާ މެރުމެވެ. އާދެ، ހޮޅިން ދުށް ގޮތުގައި، އަމިއްލަ ވަޒަނާއި އަމިއްލަ ދީނަށް، އަދި އަމިއްލަ މީހުންނަށް ވެސް، ނެތް އިޚުލާސްތެރިކަމެއް ބޭރު ބަޔަކަށް ނޯންނާނޭ ކަމެވެ.
މަތީގައި ނަންގެނެވިދިޔަ، ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ދެ ފަހަރަށް ބަލައިލާއިރު ފާހަގަވާ ދެކަމެއް އެބަ އޮތެވެ. ފުރަތަމަ ކަމަކީ، އެ ދެ ފަހަރު ވެސް، ރާއްޖޭގެ މިނިވަންކަމާ ތޮޅެން އައީ އުތުރު ކަރައިން ކަމެވެ. އާދެ، މިހާރުގެ ބަހުރުވައިން ނަމަ، އިންޑިޔާއިން ކަމެވެ. ދެވަނަ ކަމަކީ، ކުރިން ވެސް ބުނިފަދައިން، މިކަން ކުރެވުނީ، މިކަމަށް މަގުފަހިކޮށްދޭނޭ، ދިވެހި ޣައްދާރު ޚާއިނުންގެ ބަޔަކު ތިބީމައެވެ. ވެރިކަމަށް ބޫތުކައިފައި ތިބި، އަދި، އެއީ ސީދާ އެމީހުންގެ ހައްގެއްކަމުގައި ދުށް، ޑޮމް މެޏުއަލްއާއި އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަހުމަދު މުޙުޔިއްދީނު ފަދަ ޣަދަރުވެރި ޚާއިނުން ތިބީމައެވެ. އެއީ އުތުރު ކަރަ ބޮޑު ވެގެން، ނޫނީ އެކަރައިގެ ބާރު ގަދަވެގެންވީ ކަމެއް ނޫނެވެ. ވެރިކަމުގެ އަމިއްލަ އެދުމުގައި ތިބި ބަޔަކު، އެކަމުގެ އެދުމުގައި ގައުމު ވިއްކާލުމަކީ ވެސް ހަމަ އެންމެ ރަނގަޅުކަމެއް ކަމުގައި ދުށީމައެވެ. ދެން، ސިޔާސީ ހޭލުންތެރި ކަމެއް ނެތް ރައްޔިތެއް (ޕަބްލިކެއް) އޮތީމައެވެ. ވެރިކަމުގައި ތިބި ބަޔަކު ކުޅޭ ކުޅިގަނޑުގައި ކޮޅު ނަގައި އަތްޖަހަން ތިބީ މައެވެ. ނޫން ނަމަ، އެއީ ތިމާ މެންނާ ބެހޭ ކަމެއް ނޫނޭ ކިޔައި އަޅާ ނުލާ ތިބީމައެވެ. މިނިވަން ދުވަސް ފާހަގަކުރަމުންދާ އިރު، މިއީ ކޮންމެހެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ނުކުތާއެކެވެ. ޚިޔާނަތްތެރި ޣަދަރުވެރިންގެ އަތް މައްޗަށް ރާއްޖޭ ދޫކޮށްފައި އެމީހުން ކުޅޭ ކުޅިގަނޑެއް ވަރިހަމަވެފައި ނުތިބުމެވެ. މިނިވަންކަން މަތީ، ކުރިއަށް އޮތް ޖީލުތަކަށް، ރާއްޖެ ފޯރުކޮށް ދިނުމައްޓަކައި ކޮންމެ ހެންވެސް ދެނެގަންނަން ޖެހޭނޭ ކަންކަމެވެ. ތާރީޚުގައި ވެދިޔަ ކުށްތައް ތަކުރާރުވެ ދިޔަ ނުދިނުމައްޓަކައެވެ.
މިތަނުގައި މިކަމާ ގުޅޭ އެހެން ވާހަކައެއް ލިޔެލުން މުހިއްމުކަމަށް ދެކެމެވެ. ބައެއް ފަހަރު، ތާރީޚީ ހަގީގަތްތައް އޮޅުވާލައި، އަލުން ތާރީޚު ލިޔެ އުޅުމުގެ މައްސަލައެވެ. މިނިވަން ގައުމުތަކަށް އަރައި ގަނެ، ބައެއްގެ މިނިވަންކަން ގެއްލުވާލުމަކީ ނުރަނގަޅު އަމަލަކަށް ވުމުން، ތާރީޚުގައި އެކަން ކުރި މީހުންގެ މާ ބޮޑުކުށެއް ނެތްކަމާއި، އެނުރަގަޅު އަމަލުން ބަރީއަކުރުމުގެ ގޮތުންނެވެ. ޚާއްސަ ގޮތެއްގައި، އެހެން ގައުމުތަކަށް އަރައިގަތުމުގެ ނަތީޖާއެއްގެ ގޮތުން މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލި، އަނެއް ބަޔަކަށް އަނިޔާކުރެވިފައިވާ ނަމައެވެ. މީގެ އިތުރުން ޚިޔާނަތްތެރި ޣަދަރުވެރި އަމަލެއް ވަކި ބަޔަކު ހިންގުމުން، އެއީ އެމީހުން ނުކުރާ ކަމެއްކަން ދެއްކުން ވެސް އަލުން ތާރީޚު ލިޔުމުގެ ސަބަބަކަށް ވެފައި އޮވެއެވެ. މިކަމަކީ ވެސް މިނިވަންކަމުގެ ވާހަކަ ދެކެވޭ ދުވަހެއްގައި ހަނދާނުގައި ހަރުކޮށްލަން ޖެހޭ ކަމެކެވެ. މިފަދަ ކަންކަމަށް ވެސް ހޭލުންތެރިވެ، އަމިއްލަ ތާރީޚު ދަސްކޮށް ދެނެގަތުމަކީ ވަރަށް ވެސް މުހިއްމުކަމެއްކަމަށް ދެކެ އެކަމުގެ މަސައްކަތް ވެސް ކުރުމައްޓަކައެވެ.
މިހާރު، ރާއްޖޭގައި ވެސް ޕޯޗުގީޒުންގެ ވާހަކައާއި ހަސަން ނުވަ ވަނަ ރަސްގެފާނު ނުވަތަ ޑޮމް މެޏުއަލްގެ ވާހަކަ ތަފާތު ގޮތް ގޮތަކަށް ދެކެވޭން ފަށައިފިއެވެ. މިވާހަކަތައް، އަދި، ވައިގައި ނުހިފާ ކަމުގައި ވިޔަސް، މިކަމަށް އަޅުގަނޑުމެން ސަމާލު ނުވެއްޖެ ނަމަ، ތާރީޚު ބަދަލުކޮށްލެވި، މުޅިން 'އާ ތާރީޚީ ހަގީގަތްތަކެއް' ހަދާލާތަން އަތުވެދާނެއެވެ. ފަލަސްތީނުގައި އޮތް އަރަބި ހަތަރު ސަތޭކައަށް ވުރެ ގިނަ ވިލެޖުތަކާއި އަރަބި ރަށުފާހަގަތައް (ލޭންޑްމާރކް) މުޅިން ފުހެލައި ނެތިކޮށް ތާރީޚީ އާ ހަގީގަތްތަކެއް ހަދަމުންދާ ފަދައިންނެވެ.
މިހާރު، މިގޮތުން ދެކެވޭ ވާހަކަތަކުގައި ޕޯޗުގީޒުގެން ދަށުގައި ރާއްޖެ އޮތްކަމަށް އިންކާރުކުރެއެވެ. އަދި ރާއްޖެއަށް ޕޯޗުގީޒުން ނާންނަކަމާއި ރާއްޖޭގައި ޕޯޗުގީޒުން ބާރު ނުހިންގޭ ވާހަކަ ބުނެވެއެވެ. ޝައްކެއްނެތް ގޮތުގައި ރާއްޖެއަށް ޕޯޗުގީޒުން އައީ ޕޯޗުގަލްއަކުން ނޫނެވެ. އަދި، ދުރާލައި މިކަމަށް ރޭވުންތަކެއް ނުރޭވި ވެސް އޮވެދާނެއެވެ. ނަމަވެސް، އިންޑިޔާ ކަނޑުގެ ތަފާތު ސާވޭތައް ސާދަވަނަ ގަރުނާއި ފަނަރަވަނަ ގަރުނުގައި ޕޯޗުގީޒުން ކުރިކަމާއި އަދި ރާއްޖެއާ ބެހޭ މައުލޫމާތު ވެސް އެއްކުރިކަމުގެ ލިޔުންތައް ޝާއިއުކުރެވިފައި ވެއެވެ. މީގެ އިތުރުން، އެނގޭ ކަމަކީ ޕޯޗުގީޒުންގެ އިސްތިއުމާރީ އެމްޕަޔައެއް ދުނިޔޭގައި އޮތް ކަމެވެ. އެމެރިކާގައްޔާއި އެފްރިކާގައްޔާއި އަދި އޭޝިޔާގައި ވެސް މެއެވެ. އިންޑިޔާގެ ހުޅަނގު ދެކުނުގައި ވެސް އެމީހުންގެ ބާރު އޮތެވެ. ރާއްޖެއަށް ޕޯޗުގީޒުންއައީ އިންޑިޔާގެ ހުޅަގު ދެކުނުން، ކުރިންވެސް ނަންގަތް ހެން، ކަންނައްނޫރުންނެވެ. މިކަން ހިނގަން ދިމާވީ ހަސަން ނުވަ ވަނަ ރަސްގެފާނުގެ އެދުމުގެ މަތިންވެސް މެއެވެ. މިކަން ކުރުމުގެ ގޮތުން، ޕޯޗުގީޒުގެ ފަރާތުން އިންޑިޔާގައި ހުރި ގަވަރުނަރާއި ޕޯޗުގީޒުގެ އޭރުގެ ރަސްގެފާނު މެޏުއަލް އެއްވަނައާ ދެމެދު ސިޓީތަކެއް ބައްދަލުކުރެވުނު ވާހަކަތައް ވެސް ލިޔުންތަކުން ފެނެއެވެ. އެހެންވެ، ރާއްޖެއަށް ޕޯޗުގީޒުން އައި ވާހަކަ ދައްކާއިރު، އޭގެ މާނައަކީ ސީދާ ޕޯޗުގަލްއިން އެމީހުން އައި ވާހަކައެއް ނޫނެވެ. އަދި އެމީހުންގެ ބޮޑު ލަޝްކަރެއް ރާއްޖެ އައި ވާހަކައެއް ވެސް ނޫނެވެ. ނަމަވެސް، ރާއްޖެއަށް ޚިޔާނަތްތެރިވި ބަޔަކުގެ އެދުމާ ވެސް އެކު، ޕޯޗުގީޒުންގެ ވެރިކަމުގެ ދަށުގައި އެމީހުން ފޮނުވި ބަޔަކު އައިސް ޕޯޗުގީޒުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދިޔަ ވާހަކައެވެ. ހަސަން ނުވަ ވަނަ ރަސްގެފާނު މަސީހީ ދީން ގަބޫލުކުރައްވައި ނަން ބަދަލުކުރެއްވި އިރު ޚިޔާރުކުއްވި ނަމަކީ ހަމަ ގައިމުވެސް ހިންދީ ނަމެއް ނޫނެވެ. ނުވަތަ މަލަބާރީ ނަމެއް ނޫނެވެ. ޕޯޗުގީޒުންގެ ނަމެކެވެ. އަދި ފަހު ނަމަކީ އެދުވަސްވަރުގެ ޕޯޗުގީޒުގެ ރަސްގެފާނު، މެޏުއަލް އެއްވަނަ، މިރަސްގެފާނުގެ ނަންފުޅުވެ. އާދެ، ޑޮމް މެޏުއަލް މި ނަމެވެ. މިއިން ވެސް އެނގެނީ ހަސަން ނުވަ ވަނަ ރަސްގެފާނާއި ޕޯޗުގީޒުންނާއި ދެމެދު ގުޅުން އޮތް ކަމެވެ. އަދި ރާއްޖެއަށް އައި ބަޔަކީ، ހަސަން ނުވަ ވަނަ ރަސްގެފާނު ޕޯޗުގީންގެ މަދަދަށް އެދިވަޑައިގަތުމުން، އެމީހުން ފޮނުވި ބަޔެކެވެ. އަދި އެބަޔަކު ރާއްޖެ ހިފައި ރާއްޖެ އަޅުވެތިކުރިއެވެ. މީގެ އިތުރުން، ރާއްޖޭގެ މީހުންގެ 'ކަރަށް ރާއަޅައި' މަސީހީ ދީނަށް ވައްދަން އުޅުނު ކަމުގެ ވާހަކަވެސް ބައެއް ލިޔުންތަކުން ފެނެއެވެ. މިއީ އިންޑިޔާގެ މަލަބާރީން ކޮށްފާނެ ކަމެއް ހެއްޔެވެ؟ މަސީހީ ދީން ފަތުރަން އެމީހުން އުޅުނީ ކޮން އިރަކު ހެއްޔެވެ؟
ކޮންމެ އަކަސް މިނިވަން ކަމުގެ ވާހަކަ ދައްކައި މިނިވަންކަމުގެ އިހުތިފާލު ކުރެވޭ އިރު، ތަނުގެ ތާރީޚުގެ ވާހަކަ ދައްކަން ޖެހެއެވެ. ކުރިން ބުނިފަދައިން، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ ތާރީޚު އެނގެން ޖެހެއެވެ. އަޅުގަނޑުމެންގެ ތާރީޚާ ބެހޭ އިލްމީ ދިރާސާތުތައް އަމިއްލައަށް ކުރަންޖެހެއެވެ. މިފަދަ ބައެއް ދިރާސާތުތައް ރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި މިހާރު ކުރެވެމުންދާކަން އުފަލާއެކު ފާހަގަކުރަމެވެ. މިފަދަ ދިރާސާތުއް އިތުރުކޮށް އަޅުގަނޑުމެންގެ ތާރީޚުގެ ޚަބީރުން އަޅުގަނޑުމެންގެ ތެރެއިން އުފެދެން ޖެހެއެވެ. އަދި އަޅުގަނޑުމެންގެ ޅަދަރިންނަށް، އިލްމީ ސިފައެއްގައި، ހަރުދަނާ ގޮތެއްގައި، އަޅުގަނޑުމެންގެ ތާރީޚު ކިޔަވައި ދޭން ޖެހެއެވެ.
މިނިވަންކަން ގެއްލުމުގެ މިނަންގަތް ދެ ފަހަރުގެ އިތުރުން، ނަވާރަ ވަނަ ގަރުނުގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ރާއްޖެ ދިޔައެވެ. އޭރު ދުނިޔޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މިކަމަކީ ރާއްޖެއަށް މުހިއްމު ކަމެއް ކަމުގައި ރާއްޖޭގެ ސިޔާސީ ވެރިން ދެކިވަޑައިގަތުމުންނެވެ. ރާއްޖޭގެ ހުރިހާ ކަމެއްހެން ބިނާވެފައި އޮތީ ކަނޑު ދަތުރުތަކުގެ މައްޗަށް ކަމުން، ކަނޑުތަކުގެ އަމާންކަން ހޯދުމުގެ ވެސް ބޭނުމުގައެވެ. ކޮންމެ އަކަސް މި މިނިވަންކަން ގެއްލިފައި އޮތުން ގުޅިފައި އޮތީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއެވެ. އެއެއް ބަސްވުމުގެ ސަބަބުން މިކަން ކުރެވެން އޮތީ އިނގިރޭސީންގެ ބެލުމުގެ ދަށުންނެވެ. މިގޮތުގައި އޮތުމަށް ފަހު، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965ގެ ޖުލާއީ މަހުގެ 26ވަނަ ދުވަހުއެވެ. މިއަދު މިފާހަގަ ކުރަނީ މި މިނިވަންކަން ލިބުނު ލިބުމެވެ.
މިއަދު މިނިވަން ދުވަސް ފާހަގަކުރެވެމުންދާ އިރު ފާހަގަކޮށްލަން ޖެހޭ އަނެއް ނުކުތާއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިޔާއިން ނުރައްކަލެއް އަތުވެދާނެ ކަމުގެ ބިރެވެ. އިންޑިޔާގެ އެދޭ ގޮތަކަށް ރާއްޖޭގައި ކަންތައްތައް ކުރަން މަގުފަހިވާ ގޮތަށް އެކިއެކި އެއްބަސްވުންތަކުގައި ސޮއިކުރެވެމުންދާ ކަމެވެ. މިވާހަކަތަކަކީ ބޭރު ނޫސްތަކުގައި ބޭރުގެ ލިޔުންތެރިން ޝާއިއުކޮށް ދައްކަމުންދާ އާންމު ވާހަކަތަކެކެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަން ދެނެގަންނަން ބޭނުންވާ ކޮންމެ މީހަކަށް ވެސް ދެނެގަނެވެން އޮތް ކަމެކެވެ. ކޮންމެ އަކަސް، އިންޑިޔާއިން ރާއްޖޭއާ މެދު ބާއްވަން ބޭނުންވާ ގުޅުން، އިންޑިޔާގެ ބައެއް އަވައްޓެރި ގައުމުތަކާ އިންޑިޔާ ބާއްވާ ގުޅުމާ މެދަށް ބަލާލުމުން ފެނެއެވެ.
މިސާލަކަށް އިންޑިޔާއާ ބޫޓާންގެ ގުޅުމުގެ މައްޗަށް ބަލާލާށެވެ. މިގުޅުން ބިނާވެފައިވަނީ ހަމަހަމަ ދެ ގައުމުގެއްގެ ގުޅުން އޮންނަ ގޮތަށް ވުރެ ބޮޑަށް އިންޑިޔާއިން ބޭނުންވާ ގޮތަކަށް ކަންތައް ކުރެވޭ ސިފައަކަށެވެ. އިންޑިޔާއާއި ބޫޓާނުގެ މި ގުޅުން ސިފަކުރެވެނީ 'ޚާއްސަ ގުޅުމެއްގެ' ގޮތުގައެވެ. މީގެ މާނައަކީ ބޫޓާނުގައި އިންޑިޔާ ބޭނުންވާ ގޮތަށް ކަންތައް ކުރުމުގެ ބާރާއި އިޚްތިޔާރު އިންޑިޔާއަށް ލިބިފައި އޮތުމެވެ. މިގޮތުން ބޫޓާނުގެ ޚާރިޖީ ސިޔާސަތާއި ވިޔަފާރިއާއި އަދި އަސްކަރިއްޔާގެ މައްޗަށް 'ނުފޫޒު ފޯރުވުމުގެ' ބާރު އިންޑިޔާއަށް ލިބިގެން ވެއެވެ. މާނައަކީ ބޫޓާނުގެ މިދާއިރާތަކަކީ އިންޑިޔާގެ ބާރުގެ ދަށުގައިވާ ދާއިރާތަކެކެވެ. މިސަބަބައްޓަކައި ބޫޓާނު ސިފަކުރެވެނީ އިންޑިޔާގެ 'މަހުމިއްޔާ' (ޕްރޮޓެކްޓަރޭޓެއް) ނޫންކަމުގައި ވިޔަސް ބޫޓާނަކީ އިންޑިޔާއިން 'ހިމާޔަތްދީފައިވާ' (ޕްރޮޓެކްޓަޑް) ތަނެއްގެ ގޮތުގައެވެ. އަދި، މިކަން މިގޮތުގައި ދެމެހެއްޓުމައްޓަކައި، އިންޑިޔާގެ ލަޝްކަރުގެ 2000 ސިފައިން ބޫޓާނުގެ ސިފައިން 'ތަމްރީނުކުރުމުގެ ގޮތުން' ތިބެއެވެ. މިކަމުގެ ބަދަލެއްގެ ގޮތުގައި، ގާތްގަނޑަކަށް އެއްހާސް މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ބޫޓާނަށް ލިބެއެވެ. އާދެ، ބޫޓާނަކީ، ހަގީގަތަށް ބަލާއިރު، ސިޔާދަތަކާއި މިނިވަންކަމެއް ލިބިފައި އޮތް ގައުމެއް ނޫނެވެ.
އިންޑިޔާއާއި ބޫޓާނުގެ ދެމެދުގައި އޮތް ގުޅުމަށް ބަލާލުމުން، އިންޑިޔާއިން ރާއްޖެއާ މެދު ބާއްވަން ބޭނުންވަނީ ކޮން ކަހަލަ ގުޅުމެއްކަން އެނގެއެވެ. އިންޑިޔާއިން ބޭނުންވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ރާއްޖޭގެ ވިޔަފާރިއާއި އަދި ރާއްޖޭގެ އަސްކަރިއްޔާ އިންޑިޔާގެ ބާރުގެ ދަށުގައި ބޭއްވުމެވެ. ސަބަބަކީ މިކަންކަން ކޮންޓުރޯލު ކުރެއްވިއްޖެ ނަމަ، ކޮންމެހެން، އެހެން އިތުރު ކަމެއް ނުކުރެވުނަސް މުޅި ތަން ކޮންޓުރޯލު ކުރެވޭނެތީއެވެ. އޭރުން ތަނުގެ ސިޔާދަތާއި ތަނުގެ މީހުންގެ މިނިވަންކަން އޮންނާނީ ނަމެއްގެ ގޮތުގައެވެ. މިކަންކަން މިހެން ވަމުންދާކަމުގެ ހެކިތައް މިހާރުވެސް ފެންނަމުން އެބަ ދެއެވެ.
ޚާރިޖީ ސިޔާސަތަށް ބަލާލާއިރު، މިކަން، ދެ ގޮތަކަށް ފެނިގެން ހިނގައްޖެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ޕާކިސްތާނުގައި މިނިވަންކަމާއެކު ދަތުރުކުރެވެނީ އިންޑިޔާގެ ރުހުން ލިބިގެންނެވެ. އަދި، ޕާކިސްތާނުގެ އެހީއެއް ރާއްޖެއިން ބަލައިގަނެވެނީ ވެސް، ބައެއް ފަހަރު، މި ރުހުން އޮވެގެންނެވެ. ހަމަ އެހެންމެ، ޗައިނާއާ ރާއްޖެއާ އޮންނަންޖެހެނީ ވެސް، އިންޑިޔާ އެދޭ ކަހަލަ ގުޅުމެކެވެ. އިންޑިޔާއާ މެދު ރާއްޖޭގައި ފާޑު ކިޔިއްޖެ ނަމަ، ސަރުކާރުގެ އިސްފަރާތުން، އެކިޔުނު ފާޑިކިޔުމަކަށް ސީދާ ރައްދު ނުދީ، ދެކެވެނީ ޗައިނާގެ ވާހަކައެވެ. އާދެ، ރާއްޖެ މިހާރު ވެފައި އޮތީ އިންޑިޔާއިން ޗައިނާގެ ގައިގާ ތަޅަން ގެންގުޅޭ ޗާބޫކަކަށެވެ.
މީގެ އިތުރުން، ރާއްޖޭގައި އޮތީ އިންޑިޔާއަށް އިސްކަންދޭން ޖެހޭ ސިޔާސަތެއްކަން ދާދި ފަހުން ބޭއްވުނު އިސްލާމީ ދައުލަތްތަކުގެ މުއުތަމަރުގައި ފެނިގެންދިޔައެވެ. މި މިއުތަމަރުގައި ކަޝްމީރުގެ މައްސަލަ ނެގި، އިންޑިޔާއިން ކަޝްމީރުގައި ހިންގާ ބައެއް ކަހަލަ ލާއިންސާނީ ކަންތައްތައް ކުށްވެރި ކުރުމުން، ރާއްޖެއިން ދެކޮޅު ހަދައި އިންޑިޔާ ދިފާއުކުރަން ޖެހެނެވެ. މިނަންގަތް ކަންކަމަކީ އ.ދ.އިންވެސް ކުށްވެރި ކުރާކަން ކަމުގައިވީ އިރުވެސް މެއެވެ. އާދެ، ރުހުމުގެ ލޮލަކީ އިންސާނީ ހައްގުތަކުގެ އައިބުވެސް ފޮރުވާލާ ކަމަކަށްވީތާއެވެ! ފުރަގަސް ފަރާތަކީ ޖިންސީ ގުނަވަނެއްކަމާއި އެތަނާ މެދު ބަލަން ޖެހޭނީ އެގުނަވަނުގެ ވަޒީފާއަކީ، ތަބީއީ ގޮތުން، ހަމަ އެކަނި ނަޖިސް ބޭރުކުރަން، ތަބީއީ ގޮތުން، އާދެ، އިންސާނާގެ ފިޒިޔޮލޮޖޯ ނިޔާކުރާ ގޮތުން، އޮތް ތަނެއް ނޫންކަމާއި، އަދި މީގެ އިތުރުން އެއީ ޝަހުވަތުގެ ގުނަވަނެއް ކަމުގައި ދެކުމަކީ އިންސާނީ ހައްގެކޭ ކިޔައި މިކަން މިގޮތަށް ބަލައި ނުގަތުމަކީ އިންސާނީ ހައްގުން ބަޔަކު މަހުރޫމުކުރާ ކަމެކޭ އަޅުގަނޑުމެންގެ ތެރޭގައި ގޮވާ މީހުންގެ ގާތުގައި، ކަޝްމީރުގައި ކުޑަކުދީންނާއި އަންހެނުން އަދިވެސް މައުސޫމު އެތައް ބަޔަކަށް އަނިޔާކޮށް މަރައި ހެދުމަކީ އިންސާނީ ހައްގަކަށް އަރައިގަންނަ ކަންކަމަކަށް ނުވެއެވެ.
ދެން، ވިޔަފާރީގެ ކަންތައްތަކަށް ބަލާލާއިރު ވެސް، ރާއްޖޭގެ ބައެއް ކަހަލަ ވިޔަފާރިތަކުގެ ކޮންޓުރޯލު އިންޑިޔާއަށް ލިބިފައި ވެއެވެ. ކާޑުގެ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ފިޔާ އަލުވި ފަދަ ތަކެއްޗާއި ބޭސް އެތެރެކުރުމުގެ ބާރެވެ. މީގެ އިތުރުން އިމާރަތްކުރުމަށް ބޭނުންވާ ހިލަވެލި ފަދަ ތަކެތި އެތެރެކުރުމުގެ ބާރު ވެސް މެއެވެ. މި ތަކެއްޗަކީ މިނިވަންކަމާއެކު އެހެން ތަންތަނުން ވެސް އެތެރެ ކުރެވިދާނޭ އެއްޗިއްސެވެ. ނަމަވެސް އެކި އެކި އެއްބަސްވުމުގެ މަތިން މިކަންތައްތައް އިންޑިޔާގެ ބާރުގެ ދަށަށް ގޮއްސައި އޮތީއެވެ. މީގެ ތަފްސީލީ ލިޔުމެއް ފޮތެއްގެ ސިފައިގައި ލިޔެވެމުންދާ ކަމުގެ ޚަބަރު ލިބެއެވެ. ލަފާކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި މިފޮތް ޝާއިއު ކުރެވޭނެހެން ހީވެއެވެ. އޭރުން، ހެއްކާއެކު، ލިޔުމުން، އެންމެނަށް، މިކަން، ފެންނަން އޮންނާނެއެވެ.
ދިވެހި އަސްކަރިއްޔާއަށް ބަލާލުމުން އެ މުއައްސަސާ ވެސް އިންޑިޔާގެ ބާރުގެ ދަށަށްދާކަމުގެ ހެކިތައް ވެސް ފެނެއެވެ. ބޫޓާނުގައ އެތާގެ ސިފައިން ތަމްރީނުކުރުން ހަމަޖެހިފައި އޮތް ފަދައިން، ރާއްޖޭގައި އޮތީ ރާއްޖޭގެ ފުލުހުން ތަމްރީނުކުރާ ގޮތަށް އިންޑިޔާއިން ތައްޔާރުކުރާ ފުލުހުންގެ އެކަޑެމީތަކެވެ. މީގެ ހަގީގީ ބޭނުމަކީ، ފެންނަ ގޮތުގައި، ބޫޓާނުގައި އިންޑިޔާ ސިފައިން ތިބޭ ގޮތަށް، ރާއްޖޭގައި ވެސް އިންޑިޔާގެ ސިފައިން ތިބުމެވެ. އިންޑިޔާގެ ބާރުގެ ދަށަށް ރާއްޖޭގެ އަސްކަރީ ބާރު ގެނެސް، އިންޑިޔާގެ ބާރުގެ ދަށުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ވިޔަފާރި ވެސް ބޭއްވުމެވެ.
މީގެ އިތިރުން، އެހެން ވާހަކައެއްވެސް އެބަ ދެކެވެއެވެ. ރާއްޖޭގެ އުތުރުގައި ބޮޑު ފަޅު ރަށެއްގައި އިމާރާތްތައް ކުރެވި، ދިގު މުއްދަތަށް އިންޑިޔާގެ ރައްޔިތުންނަށް ދިނުމުގެ ވާހަކައެވެ. މިތަނުގައި ރާއްޖޭގެ އެހެން ބިންތައް ވެސް ދިގު މުއްދަތަށް ދިނުމަކީ، ރާއްޖޭގައި ކަމާ ބެހޭ ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނެތް އިރު، އަދި، ދުރު މުސްތަގުބަލަށް ބަލާއިރު، ރާއްޖެއަށް ގެއްލުން ހުރި ކަންކަމެވެ. މިއީ، މިކަންކަން ދިފާއުކުރުމުގެ ނަމުގައި، ބޭރުގެ ބާރުތައް ރާއްޖެއަށް އަރައިގަތުމުގެ މަގުފަހިވެ، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފާނޭ ވެސް ކަންކަމެވެ. 1956ގައި ކުރެވުނު ސުއޭޒުގެ ހަނގުރާމައަކީ މީގެ މިސާލެކެވެ. މިއީ، އިނގިރޭސީންނަށް ދިގު މުއްދަތަކަށް ކުއްޔަށްދީފައި އޮތް ސުއޭޒު ކެނަލް މިސުރުގެ އަމިއްލަ ގައުމީ ތަނަކަށް ހެދުމުން، އެކަމާ ނުރުހި، އިނގިރޭސީވިލާތާއި ފަރަންސޭސި ވިލާތާއި އިޒްރޭލު ބައިވެރިވެގެން މިސުރަށް ދިން ހަމަލާއެކެވެ.
މިއީ ކަންތައްތައް ވަމުންދާ ގޮތް ނޫންކަން ދެއްކުމުގެ ގޮތުން ތަފާތު ވާހަކަތައް ވެސް ދެކެވެއެވެ. ރާއްޖޭގެ ތަރައްގީ އޮތީ އިންޑިޔާއާއި ގުޅިފައި ކަމެވެ. ރާއްޖޭގެ އަމަން އަމާންކަން އޮތީވެސް އިންޑިޔާއާއި ގުޅިފައި ކަމެވެ. މިވާހަކަތައް ދައްކަނީ ޑޮމް މެޏުއަލް ފަދައިން ވެރިކަމަށް ދަހިވެތިވެފައި ތިބި އަމިއްލަ އެދުމުގެ މީސްމީހުންނެވެ. މީގެ އިތުރުން، ވެސް އެހެން ވާހަކަތައް ދައްކައެވެ. މިސާލަކަށް، އިންޑިޔާ ބޭނުން ނަމަ، ރާއްޖެ ހިފިދާނެ ވާހަކައެވެ. މީގެ މައްޗަށް ވެސް ބަލާލުން މުހިއްމެވެ.
މިވާހަކައަކީ ރާއްޖެ ދިފާއުކޮށް، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ޒިންމާ އެ މުއައްސަސާއެއްގެ ކޮނޑުގައި އެޅިފައިވާ ރާއްޖޭގެ ދިފާއީ މުއައްސަސާތަކުގެ އެންމެ އިސްވެރިޔާ، ރާއްޖޭގެ ދިފާއީ ވަޒީރުގެ ބަސްފުޅެކެވެ. ނިކަން ޚިޔާލަށް ގެނެސް ބަލާށެވެ. ޓައިވާނުގެ ދިފާއީ ވަޒީރު، ޗައިނާއިން ބޭނުން ނަމަ ޓައިވާނު ހިފާފާނޭ ބުނާ ބަސްފުޅެވެ. ނޫނީ، ސިންގަޕޫރުގެ ދިފާއީ ވަޒީރު، މެލޭޝިޔާއިން ބޭނުން ނަމަ، ސިންގަޕޫރު ހިފާފޭނޭ ބުނާބަސްފުޅެވެ. އެންމެ ފުރަތަމަ، މިފަދަ ޒިންމާދާރު ކުޑަ ވާހަކައެއް، ބުނެފާނެ ނާގާބިލު މީހަކު، އެތަންތަނުގެ ދިފާއީ ވަޒީރުންނަކަށް ނުތިބޭނެއެވެ. ދެވަނަ ކަމަކީ އެފަދަ ވާހަކައެއް ބުނެފި ނަމަ، އެބުނާ މީހެއްގެ ސިޔާސީ ހަޔާތް، އެ ހިސާބުން ނިމޭނޭ ކަމެވެ. ތިން ވަނަ ކަމަކީ ދުނިޔޭގައި ތަންތަން ހިފުމަކީ ހަމައެކަނި، ބާރުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމެވެ. ގައުމު ގައުމުތަކުން، އެހެން ގައުމުތަކަށް ހަމަލާދެވެނީ ހަނގުރާމައަކާ ހަމައަށްދާ ވަރުގެ މައްސަލަތައް ޖެހިގެންނެވެ. ރާއްޖެއާ އިންޑިޔާ ހަނގުރާމަ ކުރަން ޖެހިދާނޭ އެއްވެސް ސަބަބެއް އެބަ އޮތް ހެއްޔެވެ؟ އަދި، އެފަދަ ކަނޑުކޮސް ކަމެއް ކުރުމުގެ އެދުމެއް ވިޔަސް ރާއްޖޭގެ ބަޔަކު ގެންގުޅޭނީ ހެއްޔެވެ؟ ދުނިޔޭގައި ބައިނަލް އަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް އޮވެއެވެ. މިފަދަ ގަވާއިދުތަކަށް ކުޑަކޮށް ވެސް ބެލުމެއް ނެތި އެއް ގައުމަކުން އަނެއް ގައުމަކަށް ހަމަލާދީ އެއް ގައުމު އަނެއް ގައުމެއްގެ މިނިވަންކަން ގެއްލުވާލާކަށް ނޫޅޭނެއެވެ. މިފަދަ ކަންތައް ކުރެވެނީ ތަނުގައި ޣައްދާރު ޚާއިނު ސިޔާސީ ވެރިންގެ އުފެދި އެފަދަ މީސް މީހުންގެ އަމަލުތަކުގެ ސަބަބުންނެވެ. އިހުގައި ރާއްޖޭގެ މިނިވަންކަން ގެއްލުނު އިރު، ޚާއިނުންގެ ބަޔަކު ރާއްޖެއަށް އަރައިގަތުމަށް ދައުވަތު ވެސް ދިން ފަދައިންނެވެ. އަދި، 2018ގައި ރާއްޖޭގެ ސިޔާސީ ބަޔަކު އިންޑިޔާގެ ކިބައިން ރާއްޖެ ހިފުމަށް ދައުވަތު ވެސް ދިން ފަދައިންނެވެ.
މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު މިއީ ވެސް ހަނދާންކޮށްލަން ޖެހޭ ކަންކަމެވެ. އަވައްޓެރި ގައުމުތަކާ މެދު ރަނގަޅު ގުޅުން ބޭއްވުމަކީ އަމިއްލަ ސިޔާދަތާއި މިނިވަންކަން ގެއްލޭ ފަދަ ގޮތެއްގައި އޮވެގެންވާނޭ ކަމެއް ނޫންކަން ދެނެގަތުމައްޓަކައެވެ.
މިކަންކަމުގެ އިތުރުން، އަދިވެސް ވަރަށް މުހިއްމު ކަމެއް ފާހަގަކޮށްލަން ޖެހެއެވެ. ތަނެއް، މިނިވަން ގައުމެއްގެ ގޮތުގައި އޮތުމައްޓަކައި ތަނުގެ އާންމު އަޚުލާގު ވަކި ހަމައެއްގައި ދެމި އޮންނަން ޖެހޭ ކަމެވެ. މިއަދު، އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރުތައް އަންގައިދެނީ އަޅުގަނޑުމެންގެ އާންމު އަޚުލާގީ ފެންވަރު ވަރަށްވެސް ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމެކެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ފަސާދަ އޮތީ އާންމުވެފައެވެ. ރިޝްވަތު ދިނުމުގެ ފަސާދައިގެ އަމަލުތަކެވެ. ވައްކަން ކުރުމުގެ ފަސާދައިގެ އަމަލުތަކެވެ. ރައްޔިތުން ތަމްސީލުކުރާ މަޖްލިސްތަކަށް ހޮވެދިޔުމަކީ ވިޔަފާރިއަކަށް ވެފައި އޮތުމެވެ. އާދެ، ވޯޓުދޭން ތިބީ ފައްސަތޭކައެއްހާ މީހުން ކަމަށް ވަންޏާ، މިވެނި އަދަދަކަށް ފައިސާދީ ވޯޓު ގަނެލުމެވެ. އަދި ވޯޓުގަތުމަށް އެދާ ޚަރަދު، ދެތިން އަހަރު ދުވަހުގެ ތެރޭގައި އެކި އެކި ފަސާދައިގެ 'ޑީލްތައް' ހަދައި ފައިދާއާއެކު އަނބަރާ ހޯދުމުގެ ފާސިދު އަމަލުތަކެވެ. މިނިވަން ޑިމޮކުރަސީއާއި ޕާޓީ ނިޒާމު އަޅުގަނޑުމެންނަށް ތައާރުފުކޮށްދިން ކަމަކީ މިއެވެ. ރޯމާ ދުވާލު ވައްކަން ކުރުމެވެ.
މީގެ އިތުރުން ބަދުއަޚުލާގީ މައްސަލަތައް އިތުރުވުމުގެ މައްސަލައެވެ. ކުޑަކުދިންނާ ބެހުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރުމުގެ ފަސާދައިގެ އަމަލުތަކެވެ. ޒުވާން އަންހެން ކުދިން، އެކުދިންގެ، ނޫނީ އެހެން މީހުންގެ، ބަރަހަނާ ފޮޓޯތައް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެހެން މީހުންނަށް 'އެމުގެ' ގޮތުގައި ފޮނުވައި އެކިއެކި ޖިންސީ ޚިދުމަތްތައް ދޭން ބުނެ ފައިސާ ހޯދުމުގެ ފަސާދައިގެ އަމަލުތަކެވެ. މިހުރިހާ ކަމެއް އަންގައިދެނީ އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު އަދު އޮތް ދަށު ދަރަޖައެވެ. އާދެ، އެކަން އޮތީ ބިރުގަންނަ ފަދަ ދަށު ދަރަޖައަކަށް ވެއްޓިފައިކަމެވެ. މިފަދަ ދަށު ދަރަޖައެއްގައި އަޅުގަނޑުމެންގެ އަޚުލާގީ ފެންވަރު އޮތް އިރު، މިކަންކަން އިސްލާހު ނުކޮށް، މިނިވަން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އޮތުމުގެ ހައްގެއް އެބަ އޮތް ހެއްޔެވެ؟ ގައުމުތަކުގެ މިނިވަންކަން ގެއްލި ގައުމުތައް ނެތިދާ ގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ލިޔުއްވި އިބްނު ޚަލްދޫނު، ގިބްސަން، އަދި ޖިމް ނެލްސަން ފަދަ މުއައްރިޚުން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމުތައް ހަލާކުވެ، ނެތިދަނީ އެ ގައުމުތަކުގެ އާންމު އަޚުލާގީ ފެންވަރު ދައްވެ، އަޚުލާގީ ގޮތުން ގައުމުގެ މީހުން ދަށު ދަރަޖައަކަށް ވެއްޓިފައި ވުމުންނެވެ.
މިކަންކަން އިސްލާހު ކުރުން ގުޅެނީ ތަނުގެ އަސާސީ އަގުތަކާއެވެ. މިކަން ގުޅެނީ ތަނުގެ ދީނީ ރޫހާއެވެ. އަޅުގަނޑުމެންގެ ތެރޭގައި ދީން މިހާރުވެފައި އޮތީ އެއިން އަޅުގަނޑުމެންނަށް މަގުދައްކައި، އަގުތަކެއް ލިއްބައިދޭ އެއްޗެއްގެ ގޮތުގައެއް ނޫނެވެ. ބޭރުފުށަށް ބަލައި މީހާގެ ރަނގަޅު ނުރަނގަޅު ކަނޑައަޅާލެވޭ އެއްޗެއްގެ ގޮތުގައެވެ. ހަމައެކަނި މީހާގެ ތުނބުޅީގެ ދިގުމިނަށް ބަލައި، ނުވަތަ ހެދުމުގެ ދިގުމިނާ ކުލައަށް ބަލައި، މީހާގެ ދީންވެރިކަމާއި ހެޔޮލަފާކަން ކަނޑައަޅާލެވޭ އެއްޗެއްގެ ގޮތުގައެވެ. މީގެ އެންމެ ބޮޑު ހެއްކަކީ މުޖުތަމައުގައި ދެންމެ މިނަންގަތް ފަސާދައިގެ އަމަލުތަކާއި ބަދުއަޚުލާގީ އަމަލުތައް ފެތުރިފައި އޮތުމާއި އެކަން ފެތުރިފައި އޮތް ދަރަޖައެވެ. ކީރިތި ގުރުއާނުގެ لم يكن الذين كفروا ސޫރަތުގައި އޮންނަފަދައިން، ދީނަކީ (الدين القيم) އަކަށް ނުވެއެވެ. އާދެ، ރަނގަޅު އަގުތަކެއް (ވެލިޔުސްތަކެއް) ލިއްބައިދީ މީހާގެ އެތެރެ ފުށް އިސްލާހުކުރާ އެއްޗަކަށް ނުވެއެވެ. އެހެން ވިނަމަ، އަދި އަޅުގަނޑުމެންގެ ބޭރުފުށް ބަދަލުކުރުމަށް ބާރު އަޅާ ފަދައިން އެތެރެފުށް އިސްލާހުކުރުމަށް ބާރު އަޅާ ނަމަ، ފަސާދައިގެ އަމަލުތަކާއި ބަދުއަޚުލާގީ އަމަލުތައް މިހާރު މިއޮތް ދަރަޖައަށް ފެތުރިފައި އޮންނާނޭ ހެނެއް ހިޔެއް ނުވެއެވެ. ކިރިތި ގުރުއާނުގައި އޮންނަފަދައިން (فألف بين قلوبكم) ދީނަކީ މީހުންގެ ހިތްތައް އެއްބައި ކުރާ އެއްޗަކަށް މިހާރަކު ނުވެއެވެ. އޭގެ ބަދަލުގައި، ބޭރު ފުށުގެ ކަންތައްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ ސަބަބުން، ދީންވެފައި އޮތީ މީހުން ބައިބައިކުރާ އެއްޗަކަށެވެ.
އަދި މީގެ އިތުރުން، ތަނުގައި ހަމަހަމަކަމާއި އަދުލުވެރިކަން ނެތި، ލިބޭ މީހުންނާ ނުލިބޭ މީހުންގެ އިގުތިސާދީ ފޯރުންތެރިކަމުގެ ތަފާތު ބޮޑުވުމުގެ ނަތީޖާއަކީ ތަނުގައި ހުރި ބަހާއި ބަހުރުވައިގެ ކުދި ކުދި ތަފާތުތައް ބޮޑެތި ކަންތައްތަކަށްވެ، ބައިބައިވުމުގެ ރޫހު ރާއްޖޭގެ ބައެއް ހިސާބުތަކުގައި އުފެދިފައި ވުމެވެ. މިހުރިހާ ކަމަކީ ވެސް މިނިވަންކަމަށް ބުރޫ އަރުވާފާނޭ ފަދަ ކަންކަމެވެ. މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު މިކަންކަން މަތިން ހަނދާންކޮށް، މިކަންކަމުގެ ހައްލު ހޯދަން މަސައްކަތް ކުރަން ޖެހެއެވެ. މިނިވަންކަން މަތީ އެއްބަޔެއްގެ ގޮތުގައި ދެމި ތިބުމައްޓަކައެވެ.
އާދެ، މަތީގައި ފާހަގަކޮށްލެވިފައި އެވަނީ، އަޅުގަނޑު ދެކޭ ގޮތުގައި، މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު، ހަނދާކޮށްލަން ޖެހޭ މުހިއްމު ބައެއް ކަންކަމެވެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަކަމާއި އެކަމުގެ މައިގަނޑު ސަބަބެވެ. ވެރި ކަމުގެ ދަހިވެތި ކަމުގައި ރާއްޖޭގެ ބަޔަކު ބޭރު ބަޔަކަށް ރާއްޖެއަށް އަރައިގަތުމަށް ދައުވަތު ދިނުމުގެ ސަބަބުންނެވެ. އަދި ހަމަ މިހާރު ވެސް، ތިމާމެންގެ ވެރިކަން އަބަދުގެ އަބަދަށް ދެމެހެއްޓުމުގެ އެދުމުގައި، މިފަދަ އަމަލުތައް ހިންގަމުންދާ ކަމެވެ. މީގެ އިތުރުން، ތަނުގެ ހަރު މުދާ، ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ނެތް އިރު، ބޭރު މީސްމީހުނަށް، ހަގީގަތަށް ބަލާއިރު، 'ވިއްކާލެވިފައިވާ' ކަމެވެ. އަދި ވެސް މިނިވަންކަން ގެއްލިދާނޭ ފަދަ އެހެން މައްސަލަތަކެވެ. ފަސާދައިގެ އަމަލުތައް ކެންސަރެއް ފަދައިން ގައުމުގެ މުޅި ހަށިގަނޑުގައި ފެތުރި އަށަގެންފައިވާ ކަމެވެ. އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، ފާޅުގައި، ބަދުއަޚުލާގީ އަމަލުތަކަށް އަރައިގަތުން އާންމުވެފައިވާ ކަމެވެ. ތަނުގައި އިޖުތިމާއީ އަދާލަތެއް ނެތުމުން، މުއްސަނދިންނާއި ފަގީރުންގެ އިގުތިސާދީ ފޯރުންތެރިކަމުގެ ތަފާތު ބޮޑުވެ، ތަނުގައި، ގައުމު ބައިބައިވުމުގެ ރޫހު އުފެދިފައިވާ ކަމެވެ. އާދެ، މިނިވަން ދުވަސް ފާހަގަކުރަމުން ދާއިރު، މިކަންކަން މަތިން ހަނދާންކުރަން ޖެހެއެވެ. މިކަންކަމީ، ގައުމުގެ ސިޔާދަތާއި ގައުމުގެ މީހުންގެ މިނިވަންކަން ދިފާއުކޮށް، މިސިޔާދަތާއި މި މިނިވަންކަން ދެމެހެއްޓުމައްޓަކައި، އިސްކަންދީންގެން، އަވަސް ގޮތެއްގައި، އިސްލާހުކުރަންޖެހިފައިވާ ކަންތައްތަކެއްކަން ފާހަގަކުރުމައްޓަކައެވެ. އަދި، މިކަންކަން އިސްލާހުކުރުމުގެ މަގުތައް ކޮށައި، އެ މަގުތަކުގައި ހަރުދަނާ އަމަލީ ފިޔަވަޅުތަކެއް އަޅަން ފެށުމުގެ ބޭނުމުގައި ވެސް މެއެވެ. މާތްކަލާނގެ އަޅުގަނޑުމެންނަށް މިކަން ކުރުމުގެ ތައުފީގު ދެއްވާށިއެވެ! އާމީން!
މި ލިއުމާއި ގުޅޭ