Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

މިނިވަންދުވަހާއެކު ދިވެހި ސިފައިންނަށް ހުޅުވާލެވިފައިވާ ސިޓީއެއް!

މިއަދަކީ ދިވެހި ޤައުމުގެ މިނިވަންކަމަށް 55 އަހަރު ފުރޭ މުނާސަބާ އިހުތިފާލުކުރާ ދުވަހެވެ. މިމުނާސަބާ ކުރިމަތިވެގެން އަންނައިރު، ތިލަވަމުން ފެންމަތިވަމުން އަންނަނީ ކަންބޮޑުވާންޖެހޭ ޚަބަރުތަކެވެ. ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ދިވެހިންގެ އަތްތަކުން ބީވެ، ދިވެހި ޤައުމުގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ގުޅުންތަކުގެ ލަގަން އެހެން ބައެއްގެ އަތްމައްޗަށް ދޫވެގެން ހިނގައިދާނެ ކަމުގެ ލިސާންތަކެވެ. ބިރުވެރި ނާމާން މުސްތަޤުބަލެއްގެ އަލާމާތްތަކެވެ. ދިވެހި ޤައުމަށް ކުރިމަތިވާ މިފަދަ އޮއިވަރުތަކުން ޤައުމު ސަލާމަތްކޮށްދިނުމަށް އަޅުގަނޑުމެން އުންމީދުކުރަނީ އެންމެ ބައެއްގެ ކިބައިންނެވެ. އަމިއްލަ އެދުމުން ތަތްތެޅި ޤައުމިއްޔަތާއި ޙުއްބުލް ވަޠަނުގެ ކުނޑިފުކެއްގެ މިންވަރެއްވެސް ހިތުގައި ނެތް ސިޔާސީ މީހުން ކިބައިންނެއް ނޫނެވެ. އަޅުގަނޑުމެން މިޤައުމަށް ކަމެއް ދަމެއް ބޮޑުވާއިރު އަޅުގަނޑުމެންގެ ހިމާޔަތުގައި މޭ އައްޑަނައަކަށް ދިއްކޮށް ހަށިގަނޑާއި ފުރާނައިން ޤުރުބާންވާ ލޮބުވެތި ދިވެހި ސިފައިންގެ ކިބައިންނެވެ.
މިއަދު ކަންކަން ހިނގަމުންދަނީ ސިފައިން މިހިނގަމުންދާ ކަންކަމާމެދު ހޭވެރިވާންޖެހޭ ގޮތަަކަށެވެ. ޤައުމުގެ އެންމެ މަތީ ފަނޑިން އަންގަމުންދަނީ ޤައުމުގައި އުފެދިފައިވާ އިޖުތިމާޢީ މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ މައްސަލަތަކަކީ ހައްލުނުކުރެވޭނެ މައްސަލަތައް ކަމުގައެވެ. އެކަންކަމަކީ ދިވެހި ޤައުމުގެ ޤައުމީ ސަލާމަތާ ގުޅިފައިވާ ކަންކަން ކަމުގައެވެ. އެކަންކަން ރަނގަޅުކުރުމުގެ ލަޔާގަތާއި ގާބިލުކަން ދިވެހި ދައުލަތުގައި ނެތް ކަމަށް ދިވެހި ޤައުމުގެ އެންމެ މަތީ ވެރިން ވިދާޅުވުމަކީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެކެވެ.
އެއާއެކު ދިވެހިރާއްޖޭގައި ބޭރު ޤައުމެއްގެ އަސްކަރިއްޔާއިން ހަރަކާތްތެރިވާން ޖާގަދިނުމާއި، ބޭރުގެ އާބާދީއަކަށް ދިވެހިރާއްޖޭގައި ޤާއިމުވެގެން ތިބެވޭނެ ގޮތަށް ޤާނޫނުތައް ފަރުމާކުރުމާއި، ދިވެހިރާއްޖޭގައި ތިބި ލިޔެކިޔުން ނެތް ބިދޭސީންނަށް ރަށްވެހިކަން ދިނުމާއި، މިނޫންވެސް ގިނަ ކަންތައްތަކެއް ކުރެވުމުން، ކުރުމަށް ގޮވައިލަމުންދަނީ އިންތިޒާމީ ގޮތެއްގައި ރޭވިގެންނެވެ. މިއަދު އަޅުގަނޑުމެންނަށް މިއެނގުނީ އުތުރުގެ ބޮޑު ރަށެއްގައި ރެޒިޑެންސީ އައިލެންޑެއް ޤާއިމުކުރުމަށް 2011 ވަނަ އަހަރުގައި އެއްބަސްވި ވާހަކައެވެ. އަލުން ހަމަ އެތަނުގައި އެމަސައްކަތްކުރުމުގެ ވާހަކަ ސަރުކާރުގެ ބައެއް ވަޒީރުން އިހަކަށް ދުވަހު ދައްކަވައިފިއެވެ. ދިވެހިންނަށް، އަދި އަމުދުން ތިޔަ ލޮބުވެތި ސިފައިންނަށް ދެ ހެލިކޮޕްޓަރު ބަލަހައްޓައި މަރާމާތުކޮށް، ދުއްވަން ނޭނގޭނެ ކަމުގައި ބުނެ ދޮޅަހަކަށް އިންޑިޔާ ސިފައިން މިޤައުމުގައި ބައިތިއްބައިގެން އުޅޭ އުޅުމަކީވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. ޑޯނިއާ ފުލައިޓަކާއެކު އިތުރު ސިފައިން ދިވެހިރާއްޖެއަށް ގެނައުމުގެ މަސައްކަތްކުރުމަކީ އެކަންބޮޑުވުން އިތުރުވާ ކަމެކެވެ.
ޤައުމަށް ދިމާވަމުން މިދާ ކަންކަމަށް ފުންކޮށް ނަޒަރު ހިންގަވައި ސަމާލުވެލައްވާށެވެ. ތުންތުން މަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު، ޢަސްކަރީ މަރުކަޒެއް ޤާއިމުކުރުމަކާ ނުލައި، ބޭރު ޤައުމަކުން ދިވެހި ފަސްގަނޑުގައި އެޤައުމުގެ އަސްކަރީ ނުފޫޒު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް މިހާރުވަނީ ކާމިޔާބުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިމަސައްކަތުގައި އިތުރު ކާމިޔާބީތައް ހޯދަމުންދާނެ ކަމީ ފެންނަން އޮތް ހަގީގަތެކެވެ.
ޤައުމީ ޣީރަތް ހުރި ދިވެހި ދަރިއެެއްގެ ހައިސިއްޔަތުން އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވަނީ ދެ ވާހަކައެކެވެ. ދިވެހި ޤައުމަށް މެދުވެރިވާން އަންނަ ބިޔަ ތޫފާނާމެދު ތިޔަ ލޮބުވެތި ސިފައިން ހޭވެރިވެވަޑައިގެން ސަމާލުވެވަޑައިގަތުމުގެ މުހިއްމު ކަމެވެ. ޤައުމުގެ ޚާރިޖީ ސިޔާސަތު މިހާރުވަނީ ބޭރު ޤައުމެއްގެ އަތް ދަށުގައި ކަމަށް އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. އެހީތެރިކަމާއި މަދަދު ހޯދުމުގައި، އެހީ ހޯދޭނީ ކޮން ޤައުމަކުން ކިހާ މިންވަރަކަށްކަން ކަނޑައަޅަނީ ބޭރު ޤައުމަކުން ކަމަށް މުއުތަބަރު ގޮތުގައި މައުލޫމާތު ލިބިފައިވެއެވެ.
ދާޚިލީ ސިޔާސަތަށް ބަލާއިރު ވަކި ޤައުމެއްގެ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ލިބިގެން އެކަމަކީ އިހުތިފާލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އެޤައުމުގެ ޚާރިޖީވަޒީރު ވިދާޅުވުމުން ފެންނަނީ އަމިއްލަ ޤައުމުގެ އިޤުތިޞާދު އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލާ ކޮށްލުމެވެ. ވޯރާ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި ތިބުމަކީ ދިވެހިރާއްޖެއަށް ފައިދާ ބޮޑު ގޮތް ކަމުގައި ޤަބޫލުކުރައްވާ ލީޑަރެއްގެ ގިޔާދަތުގައި ހިނގާ ޕާޓީއެއްގެ ވެރިކަމުގައި މިހެން މިކަންވުމަކީ އަޅުގަނޑު އަންތަރީސްވާ ކަމެއް ނޫނެވެ. ނަމަވެސް މިއީ އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަންކަމެވެ. ޚާއްޞަކޮށް ދިވެހި ޤައުމުގެ އަމާންކަމާއި، ޞުލްޙަވެރިކަމާއި، މިނިވަންކަން ދިފާޢުކުރުމުގެ ޒިންމާ ކޮނޑުއަޅުއްވައިގެން، އިސްތަށިފުޅަށް އުފުއްލަވައިގެން ތިއްބެވި ތިޔަ ލޮބުވެތި ދިވެހި ސިފައިން ވިސްނަވާންވާނެ ކަމެކެވެ.
ފަހަރުގައި މިލިޔުން ކިޔާ މީހަކަށް މިއީ ރައްޔިތުން ޤާއިމުކޮށްފައިވާ ސަރުކާރު މުލުން ލުހެލައި އަސްކަރީ ބަޣާވާތެއް ހިންގުމަށް ގޮވައިލާ ގޮވައިލުމެއް ކަމުގައި ސިފަވެދާނެއެވެ. ދެވަނަ ވާހަކައަކަށް ދަންނަވަމެވެ. އެއީ އަޅުގަނޑުމެން އެދޭ ކަމެއް އަދި ތާއީދުކުރާނެ ކަމެއްވެސް ނޫނެވެ. ޤައުމީ އެންމެ މަތިވެރި އަމާނަތާ ހަވާލުވެވަޑައިގެން ތިއްބެވި، އަދި އެބޭފުޅުންތަކަކަށް އަޅުގަނޑުމެން އެންމެ ބޮޑު އިތުބާރު އޮތް ބޭފުޅުން އަރިހުގައި ޤައުމީ ކަންކަމާ ގުޅިގެން އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދެންނެވުމަކީ ކުރަންޖެހޭ ކަމެކެވެ.
ލޮބުވެރި ސިފައިންނެވެ. މިޤައުމަށް ލިބިފައިވާ މިނިވަންކަމަކީ ބަޔަކު ތަބަކަކަށް ލާފައި ދިން ހަދިޔާއެއް ނޫނެވެ. މިއީ އަޅުގަނޑުމެންގެ ކާބަފައިން ލޭ އޮހޮރައިގެން، ފުރާނައިން ޤުރުބާންވެގެން، ޖާނާއި މާލު ފިދާކޮށްގެން ހޯދައިދިން މިނިވަންކަމެކެވެ. މިމިނިވަންކަން ދެމެހެއްޓެވީ ތިޔަ އަބްޠާލުންގެ މަތިވެރި ޖިހާދާއި ޤައުމަށް ޣީރަތްތެރިކަން ހުރި ދިވެހި ދަރިންގެ ނިޔަނެތި ޚިދުމަތުންނެވެ. އަޅުގަނޑުމެން މިއެދެނީ މިނިވަންކަން ދިފާޢުކޮށްދެއްވުމެވެ. ޤައުމަށް ކުރިމަތިވަމުން އަންނަ ކަންކަމާމެދު ސަމާލުވެވަޑައިގެން ފާރަވެރިވެވަޑައިގަތުމެވެ.
މި ލިއުމާއި ގުޅޭ