ފަލަސްތީނުން ފިލާވަޅެއް: ގައުމީ ކަންކަމުގައި އާންމުން ހޭލުންތެރިވުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް 25 ޖުލައި 2020 11:48
Flowers
ފަލަސްޠީނުގެ ބިންތަކަށް އައިސްފައިވާ ބަދަލު ދައްކުވައިދޭ ޗާޓެއް

ވިހި ވަނަ ގަރުނަށް އެޅުނު އިރު، ފަލަސްތީނުގައި އެތަނުގެ އާބާދީގެ %92 އަށް ވުރެ މަތީ އަދަދަކަށް އުޅެނީ އަރަބިންނެވެ. އަދި، އޭރު، ފަލަސްތީނުގެ ބިމުގެ %98 މިލްކުވެރިކަން ވެސް އޮތީ އަރަބިންގެ އަތް މަތީގައެވެ. އެއިރު، ފަލަސްތީނުގެ ޔަހޫދީންގެ އާބާދީއަކީ %8 އެވެ. އެމީހުންގެ ބިމުގެ މިލްކުވެރިކަމަކީ %2 އެވެ. ނަމަވެސް، 1920 ވަނަ އަހަރުން ފެށިގެން މިއަދަދަށް ބަދަލު އަންނަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، ސައިކްސް ޕީކޯ އެއްބަސް ވުމުގެ ދަށުން ޝާމުކަރައާއި އިރާގު، އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެއްގައި އިނގިރޭސިވިލާތާއި ފަރަންސޭވިލާތުގެ ދެމެދުގައި ބަހާލެވި، ފަލަސްތީނު އިނގިރޭސިވިލާތުގެ އަތްދަށަށް ދިޔުމުންނެވެ. އިންސާނީ އަޚުލާގީ ހަމަތަކާ ޚިލާފު ގޮތެކޭ މިބުނީ، ތިމާމެންގެ އަމިއްލަ ނޫން ބިމެއް، އެ ބިމުގެ މިލްކުވެރި ފަރާތުގެ އިޒުނަޔަކާ ނުލައި، އެއާ މެދު، ތިމާމެން ބޭނުން ގޮތަކަށް ކަންތައް ކުރަން ނިންމާލެވުނީތީއެވެ.

މަތީގައި މިނަންގަތް އެއްބަސްވުން އެއްބަސްވެވުނު އިރު، އަރަބި މެދުއިރުމަތީގެ ބިންތަކުގެ ތެރެއިން އިނގިރޭސިން ބޭނުންވީ އިރާގާއި ފަލަސްތީނެވެ. އިރާގު ބޭނުންވީ އިރާގުން އޭރު ތެޔޮ ފެނިފައިވުމުން، ތެލުގެ ބޭނުމުގައެވެ. ފަލަސްތީނު ބޭނުންވީ، 1917ގައި އިނގިރޭސިން ނެރުނު ބެލްފޯރގެ ވައުދުގެ ނަމުން މަޝްހޫރުވީ އިއުލާނުގެ ސަބަބުންނެވެ. އެ ވައުދަކީ ޔޫރަޕްގެ ޒަޔަނިސްޓުންނަށް، ފަލަސްތީނުގައި ޔަހޫދީންގެ 'ގައުމީ ގެއެއް'، އާދެ ޔަހޫދީ ދައުލަތެއް، ގާއިމުކުރުމަށް އިނގިރޭސިން އެހީވެދޭނޭ ކަމުގެ ވައުދެވެ.

ދެން، އިނގިރޭސީންގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން، އަދި މިކަމަށް ގާނޫނީ ސިފަ ގެނައުމުގެ ގޮތުން، ލީގް އޮފް ނޭޝަންސްއިން، ފަލަސްތީނު އިނގިރޭސިންނާ ހަވާލުކުރިއެވެ. އަދި 1920ގައި، ފަލަސްތީނުގެ އިދާރީ ބާރެއްގެ ގޮތުން، ފަލަސްތީނުގެ މައްޗަށް އިނގިރޭސިން ވެރިވިއެވެ. މިއަށް ފަހު، ފަލަސްތީނަށް ޔަހޫދީން ހިޖުރަކުރުމުގެ މަގު އިނގިރޭސިން ހުޅުވާލިއެވެ. މައިގަނޑު ގޮތެއްގައި، ޔަހޫދީން، ފަލަސްތީނަށް ހިޖުރަކުރީ ޔޫރަޕުންނެވެ. މި ހިޖުރަކުރުން ހުޅުވާލުމުގެ ނަތީޖާއަކަށްވީ ދެން އައި 27 އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ އާބާދީގެ %30 އަކީ ޔަހޫދީން ކަމުގައި ވުމެވެ. އަދި 1948ގައި ފަލަސްތީނު، އ.ދ.ގެ ފަރާތުން ދެބައިކޮށް، ޔަހޫދީންނަށް ފަލަސްތީނުގެ ބޮޑުބައި ދީ، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރިއެވެ.

ފަލަސްތީނުގައި ޔޫރަޕްގެ ޔަހޫދީން ދައުލަތެއް ބިނާކުރުމުގެ މަސައްކަތް 19ވަނަ ގަރުނުގެ ފަހުކޮޅު ފެށުނެވެ. އަދި ވިހިވަނަ ގަރުނަށް އެޅުނު މިމަސައްކަތަށް އިތުރު ހަލުވި ކަމެއް ލިބުނެވެ. ޔޫރަޕުގެ އާންމުންނާއި ޚާއްސުންގެ ތެރޭގައިވެސް، ޔަހޫދީންނާ ދެކޮޅުވެރިކަމުގެ ޝުއޫރުތަކާއި ހަރަކާތްތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 1897ގައި ސުވިޓްޒަރލަންޑުގެ ބާސިލްގައި ބޭއްވުނު ޔަހޫދީންގެ ފުރަތަމަ ބޮޑު ބައްދަލުވުމުގައި، އެމީހުންގެ އޭރުގެ ޒައީމު، އަދި ފަހުން، އަދުގެ އިޒުރޭލުގެ ބާނީކަމުގައި ބެލެވޭ، ތިއޯޑޯ ހެރްޒެލް، ފަލަސްތީނުގައި ދައުލަތެއް ގާއިމުކުރުމުގެ ވާހަކަ އިއުލާނުކުރިއެވެ. އަދި، އެ ބައްދުލުވުމަށް ފަންސާސް އަހަރު ފުރުނުތަނާހެން، 1948ގައި، މިކަން ހަގީގަތަކަށް ވެގެންދިޔަތަން ފެނުނެވެ.

މިހުރިހާ ރޭވުމަކާ ތައްޔާރީތަކެއް ވަމުން ދިޔައިރު، އަރަބިން ކޮބާ ހެއްޔެވެ؟ އެމީހުންގެ ގިނަބަޔަކު ތިބީ ނިދާފައެވެ. ދުނިޔޭގައި އެމީހުންނާ އިދިކޮޅަށް ރޭވެމުންދިޔަ ރޭވެމުންތައް ފާޅުގައި ރޭވެމުން ދިޔަ ކަމުގައި ވިޔަސް، އެކަން އެމީހުންނަށް އެނގޭ ކަމަކަށް ނުވެއެވެ. އަނެއްކޮޅުން، އެމީހުންގެ ލީޑަރުންކަމުގައި ބެލެވުނު، މީހުން ތިބީ ވެރިކަން ކޮށްލާނޭ ބިންކޮޅެއްގެ ދަހިވެތި ކަމުގައެވެ. އެހެންވެ، މިމީހުންގެ ދަހިވެތިކަމުގެ ބޭނުން އިނގިރޭސިން ވަރަށް ރަނގަޅަށް ހިފިއެވެ. އެމީހުން ބޭނުންކޮށް، އުސްމާނީ ދައުލަތާ އިދިކޮޅަށް އެމީހުން ބައިވެރިކޮށްގެން ހަނގުރާމަކުރިއެވެ. އަދި އުސްމާނީން ބަލިކޮށް، އަރަބި ދުނިޔެއިން އެމީހުން ބޭރުކޮށްލައި، އިނގިރޭސިންގެ އަތް ދަށަށް ފަލަސްތީނު ގެނެސް، އެމީހުން ބޭނުންވި ގޮތަށް، ޔަހޫދީންގެ ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމަށް މަގު ފަހިކޮށް، އެކަންކުރުމަށް ޔަހޫދީންނަށް އެހީވެދިނެވެ.

ފަލަސްތީނު ގެއްލި ދިޔަ މައިގަނޑު ދެސަބަބު ކަމުގައި އާންމުންގެ ހޭލުންތެރިކަން ނެތުމާއި އަދި އަރަބިންގެ ޒައީމުންގެ ގޮތުގައި ތިބި މީހުންގެ އަމިއްލަ އެދުމުގެ ސަބަބުން، އިނގިރޭސީންގެ ހަގީގީ މަގުސަދު އޮޅުން ނުފިލުން ހިމެނެއެވެ. ދެން، 1920ގައި އިނގިރޭސިން ފަލަސްތީނަށް އައިސް، އެމީހުން، ޔަހޫދީންނަށް ހިޖުރަކުރުމުގެ ދޮރުހުޅުވާލުމުން، އަރަބިންނަށް ވާނުވާ ސާފުވިއެވެ. އަދި އެހިސާބުން، އެކަމާ އިދިކޮޅު، ހަނގުރާމަވެރި ހަރަކާތްތަކެއް ފެށިއެވެ. މިހަރަކާތްތަކަށް ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބުނެވެ. އަދި، ތިރީހުގެ އަހަރުތައް ނިމުމަކަށް އައިއިރު، ފަލަސްތީނުގެ ކަންތައް، ފަލަސްތީނު މީހުން އެދޭ ގޮތަށް ވުން ކައިރިވެފައި އޮތް ވެސް މެއެވެ. އިނގިރޭސީންނާއި އަރަބިންނާއި ދެމެދު ކުރެވުނު އެންމެ ފަހުގެ 'ހުދު ކަރުދާހުގެ' އެއްބަސްވުމުގެ މަތިންނެވެ. ފަލަސްތީނަށް ޔަހޫދީން ހިގުރަކުރުން ހުއްޓުވައި، ކުރިއަށްއޮތް ދިހައަހަރު ތެރޭގައި އަރަބިންގެ މިނިވަން ދައުލަތެއް ފަލަސްތީނުގައި ގާއިމުކުރުމުގެ ވާހަކަ މި 'ހުދު ކަރުދާހުގައި' އޮތުމުންނެވެ.

ނަމަވެސް، 1939ގައި ދެވަނަ ބޮޑު ހަނގުރާމަ ފެށުނެވެ. އަދި މިކަމުގެ ސަބަބުން، ދުނިޔޭގެ މަސްރަހު ބަދަލުވެގެން ދިޔައެވެ. ހިޓުލަރުގެ ކުރިއެރުމާއި ޔަހޫދީންނާ ދޭތެރޭ އޭނާ އަނިޔާވެރިވި އަނިޔާވެރިވުމާއި، ހަނގުރާމަ ނިމިނުއިރު، ދުނިޔޭގެ ބޮޑެތި ބާރުތަކުގައި އެމެރިކާއާއި ސޯވިއެޓު ޔުނިއަން ވެގެން ދިޔައެވެ. އަދި، އޭރު އޮތީ، އިނގިރޭސިންގެ އެދުމުގެ މަތިން، އަރަބީންގެ ބައެއް ލީޑަރުން ބުނެގެން، ފަލަސްތީނު މީހުން ހަތިޔާރު ވެސް، ބަހައްޓާފައެވެ. މިހުރިހާ ކަންތަކެއްގެ ސަބަބުން، ކުރިން ނަންގަތް 1939ގެ ހުދުކަރުދާހަށް އަމަލު ކުރެވޭ ގޮތްއް ނުވިއެވެ. އަދި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔާގެ ބޮޑު ބާރަކަށް އެމެރިކާވެ، ޔަހޫދީންގެ މަދަދުގާރުކަމުގައި އެމެރިކާވިއެވެ. ނަތީޖާއަކަށްވީ، ފަލަސްތީނުގެ ކަންތައް ބެލްފޯރގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭނެ ގޮތް ހަދައި، ފަލަސްތީނުގެ މައްސަލަ ޔޫ.އެން.އާއި ހަވާލުކުރުމަށް ފަހު، އިނގިރޭސިން ފަލަސްތީނުން ފޭބުމެވެ. އަދި، ދުނިޔޭގެ އާ ބޮޑު ދެބާރުކަމުގައިވި، އެމެރިކާއާއި ސޯވިއެޓް ޔުނިޔަންގެ އެހީގައި، ފަލަސްތީނު ބައިކުރުމަށް، ޔޫ.އެން.ގެ ފަރާތުން ނިންމައި، ޔަހޫދީ ދައުލަތެއް 1948ގައި، ފަލަސްތީނުގައި ގާއިމު ވުމެވެ.

ދެން އައީ އަރަބިންނާއި އިޒްރޭލާއި ހަނގުރާމަތަކެއް ކުރެވުނުވުނު އަހަރުތަކަކެވެ. މީގެ ތެރެއިން 1948 ގައްޔާއި 1967ގައި ކުރެވުނު ހަނގުރާމައިގެ ނަތީޖާއަކަށްވީ އ.ދ. އިން ފަލަސްތީނު މީހުންގެ ބައިކަމަށް ކަނޑައެޅިފައި އޮތްބައިން ވެސް ބޮޑު ބައެއް ގެއްލިދިޔުމެވެ. މިކަން ކުރުމަށް އޮތީ މާކުރިން ވެސް ރޭވިފައެވެ. ފަލަސްތީނު ބައިކޮށް، މުޅި ފަލަސްތީނަށް ހެން ޔަހޫދީން ވެރިވުމުގެ ރޭވުން އޮތީ މާކުރިން ވެސް ކުރެވެފައެވެ. ފަލަސްތީނުގެ އަރަބިންގެ ބަޔަށް ވެސް، ޔަހޫދީން ވެރިވުމުގެ ރޭވުން، ކުރިން ކުރެވިފައި އޮތްކަން ޔަހުދީން ފުރަތަމަ ބޮޑުވަޒީރު، ބެން ގިޔޫރިއޯންގެ 'ހަނދާންތައް' (މެމުއާރސް)، މިފޮތުން ފެންނަން އޮންނާނެއެވެ. މިކަމުގެ ހަގީގަތް މިއަދު، އަމަލީ މައިދާނުން އެއޮތީ ފެންނާށެވެ. މިއަދު، ފަލަސްތީނު މީހުންނަށް އޮތީ ހަމައެކަނި ޣައްޒާއެވެ. އެހެން ހުރިހާ އަރަބި ބިންތަކެއް އޮތީ އިޒްރޭލްގެ އަތް ދަށުގައެވެ. ޣައްޒާއަކީ ވެސް ބޮޑު ޖަލެއް ކަހަލަތަނެކެވެ. އެތަން ވަނީ އިޒްރޭލާއި މިސުރުގެ ހިސޯރުގެ ދަށުގައެވެ. ޣައްޒާއަށް ވަދެނިކުމގެ އުޅުމަކީ މިނިވަންކަމާއެކު ކުރެވެން އޮތްކަމެއް ނޫނެވެ. މިކަމަކީ އިޒްރޭލާއި މިސުރުގެ ބާރުގެ ދަށުގައި އޮތް ކަމެކެވެ. މިސުރުގެ އަތުގައި މިސުރާއި ޣައްޒާއާއި ގުޅޭ ސަރައްހަދު ހުޅުވުމުގެ އިޚްތިޔާރު އޮތް ކަމުގައި ވިޔަސް، މިކަން، ގިނަ ފަހަރަށް ކުރެވެނީ، އިޒްރޭލުގެ ރުހުން ލިބިގެންނެވެ. ސަތޭކަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ފަލަސްތީނުގެ ބިން ގެއްލި، އެތަނުގެ މީހުން ބިކަވެ، ނިކަމެތިވާން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮބާ ހެއްޔެވެ؟ އާދެ، އާންމުންގެ ހޭލުންތެރިކަން ނެތުމާއި ލީޑަރުންނަށް ތިބި މީހުން ވެރިކަމަށް ދަހިވެތި ވުމެވެ.

އާދެ، އަދި އެއްފަހަރު ތަކުރާރުކޮށް ލިޔެލަމެވެ. ފަލަސްތީނުގެ ހިތާމަވެރި، މައުސާވީ ހާދިސާއިން ލިބިދޭ އެންމެ މުހިއްމު ފިލާވަޅަކީ މިއެވެ. އާންމުންގެ ހޭލުންތެރިކަން ނެތުމުގެ ސަބަބަން ގައުމުތަކަށް ދިމާވާ ނުރައްކަލެވެ. ސިޔާދަތާއި މިނިވަންކަން ގެއްލިދާ ގޮތެވެ. އާންމުންގެ ހޭލުންތެރިކަން ނެތި، ގައުމީ ކަންތައްތަކާ މެދު އަމިއްލައަށް ނުވިސްނުމުގެ ނަތީޖާއަކީ، ވެރިކަމުގެ ދަހިވެތިކަން ނޫންކަމެއް ނެތް، ތަނުގެ ލީޑަރުންނަށް ވެގެން އުޅޭ، ޣައްދާރުވެރި ފިނޑި ޚާއިނުންނަށް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކާލުމުގެ ހިތްވަރާއި ކެރުން ލިބުމެވެ. ގައުމީ ކަންކަމާ މެދު، އާންމުން ލޯ މަރާލައިގެން ތިބުމުން، އެފަދަ ޣައްދާރުންނާއި ޚާއިނުންނަށް، ޣަދަރާއި ޚިޔާނަތުގެ އަޚުލާގީ ގޮތުން އެންމެ ދަށު ދަރަޖައިގެ އަމަލު ހިންގާލުމުގެ ފުރުސަތު ލިބުމެވެ. އާދެ، މި ނަންގަތް ހޭލުންތެރިކަން ނެތުމުގެ އާޚިރު ނަތީޖާއަކީ ތަނުގެ ސިޔާދަތާއި މިނިވަންކަން ގެއްލުމެވެ. އަމިއްލަ ވަކި ގައުމެއްގެ ސިފައިގައި އޮންނަ އޮތުމާއި ތަނުގެ މީހުންގެ މިނިވަންކަން ގެއްލިދިޔުމެވެ.

ދެހާހުގެ އަހަރުތައް ފެށުނީއްސުރެންހެން، އިންޑިޔާގެ ބާރުގެ ދަށަށް، ރާއްޖެ، ގެންދިޔުމުގެ މަސައްކަތް ބާރު އިސްޕީޑެއްގައި ފެށުނެވެ. ރާއްޖޭގައި އެމީހުންގެ ވެރިކަން ގާއިމު ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެއްގެ، ދަހިވެތި އެދުމުގެ ފައިދާގެ ބޭނުން، އިންޑިޔާއިން އެންމެ ފުރިހަމައަށް ހިފައިގެންނެވެ. މިކަންކަން ފާޅުގައި ކުރަމުން ދިޔައިރު، ފަލަސްތީނުގެ ރައްޔިތުން، އެމީހުންގެ ގައުމު އަތުލައިގަތުމުގެ ރޭވުންތައް ރާވަމުން ދިޔައިރު ނިދާފައި ތިބިފަދައިން، ދިވެހިން ވެސް ތިބީ ނިދާފައެވެ. ރާއްޖޭގެ މިނިވަންކަން ގެއްލުވާލުމުގެ ރޭވުންތައް ރޭވެމުންދާ ކަމުގެ ކިތަންމެ ކިތަންމެ އިޝާރަތެއް ލިބެމުން ދިޔައިރު ވެސް އެކަން ދެނެގަންނާކަށް ބޭނުމެއް ނުވެއެވެ. މީގެ ބައެއް އިޝާރަތްތަކުގެ ވާހަކަ މިތާގައި ލިޔެލަން ގަސްދުކުރަމެވެ.

ފުރަތަމަ އިޝާރަތަކީ ވެރިކަމުގެ ދަހިވެތިކަމުގައި އިންޑިޔާގެ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި ތިމާމެންގެ އަމިއްލަ ގައުމަށް ހަމަލާދީ، ހިފަން އައުމަށް ބަޔަކު ގޮވާލި ގޮވާލުމެވެ. ދެންމެ، ރާއްޖޭގައި އެމީހުންގެ ވެރިކަން ކުރުން ނޫން އެހެން އެދުމެއް ނެތް ބަޔެކޭ ބުނި މީހުންނަކީ މިއީއެވެ. ދުނިޔޭގެ އެހެން އެއްވެސް ބަޔަކު، އެބަޔެއްގެ ގައުމާ ބެހޭ ގޮތުން، މިފަދަ އިއުލާނެއް ކުރި ނަމަ، އެބަޔަކު ވާނީ ބޮޑެތި ބޮޑެތި މުޖުރިމުނަށެވެ. 1988 ނޮވެމްބަރު ތިނެއްގައި ހާޖަރާގޭ ޢަބްދުﷲ ލުތުފީ ޓެމިލް ޓައިގަރުން ރާއްޖެ ގެނެސް، ރާއްޖެއަށް ދިން ހަމަލާއާއި މިމީހުން ގޮވި ގޮވުމާ އޮތް ތަފާތަކީ ކޮބާ ހެއްޔެވެ؟ އެމީހުންނަށް އަމަލީ ގޮތުން އެކަން ނުކުރެވުމެވެ. ބައެއް ގައުމުތަކުގައި ގައުމަށް ޣައްދާރުވެ ޚިޔާނަތްތެރިވުމުގެ މިފަދަ ޖަރީމާތައް (ކުރައިމް އޮފް ޓްރީސަން) ހިންގާ މީހުންގެ އަދަބަކީ ދަންޖައްސާ މަރުމެވެ. އަނެއްބައި ގައުމުތަކުގައި މިފަދަ މުޖުރިމުން އުމުރަށް ޖަލަށް ލެވެއެވެ. ދުވަހެއްގައިވެސް އެމީހުން މިނިވަން ނުކުރެވެއެވެ. އެމީހުން މަރުވާން ޖެހެނީ ޖަލުގައެވެ. ނަމަވެސް ރާއްޖޭގައިތޯއެވެ؟ ގައުމު ވިއްކަން އުޅޭ މިފަދަ ބޮޑެތި ޚާއިނު މުޖުރިމުންނަކީ ސަރުކާރު ހިންގާ ސަރުކާރުގެ އިސް މަގާމުތައް ފުރަން ތިބޭ ގައުމަށް މަގުދައްކާ މީހުންނެވެ! މިނިކާ ވަގުންގެ ބައިގަނޑަކަށް ބަކަރިކޮށި ބެލެހެއްޓުން ހަވާލުކުރުން ފަދަ ކަމެކެވެ! މިހެން ކަންތައްވާން ދިމާވަނީ ކީއްވެ ހެއްޔެވެ؟ އާންމުންގެ ހޭލުންތެރިކަން ނެތުމުންނެވެ. ގައުމީ ކަންކަމާ މެދު، މިނިވަންކަމާއި އިޚުލާސްތެރިކަމާއެކު ވިސްނާ ފިކުރުނުކުރާތީއެވެ.

ގައުމަށް ޚިޔާނަތްތެރި ވުމުގެ މިފަދަ ގޮވާލުމެއް ގޮވާލައި، ބޭރު ބައެއްގެ ކިބައިން، ގައުމަށް ހަމަލާދޭން އަންނާށޭ ބުނުމުގެ ހިތްވަރު ލިބެނީ ކީއްވެ ހެއްޔެވެ؟ ދެ ސަބަބެއް އޮވެގެންނެވެ. ފުރަތަމަ ސަބަބަކީ މިފަދަ ވާހަކަތައް، ކުރިން، މިބުނާ ބޭރު ބަޔަކާ ދެކެވިފައި އޮތުމެވެ. މީގެ އެންމެ ބޮޑު ހެއްކަކީ، މިމީސް މީހުން އިންޑިޔާގެ އެކި މީސް މީހުންނާ ބައްދަލުކޮށްކޮށްފައި، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ވެރިކަން އެމީހުންގެ އަތްމައްޗަށް ފުރޮޅާލުމުގެ ވާހަކަ ދައްކަމުން ދާތީ އެކަމާ ބޮލަށް އުނދަގޫވެގެން އިންޑިޔާގެ މަސްއޫލު މީހަކު ބުނި ބުނުމެވެ. 'މި މީހުން ކެތްނުލަވައިގެނެގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ޅަ ނޫން ހެއްޔެވެ؟ އަދިވެސް ވެރިކަން ލިބިދާނެ ނޫންހެއްޔެވެ؟' މިވާހަކަތައް އިންޑިޔާގެ ބައެއް ނޫސްތަކުގައި ޝާއިއު ކުރެވެނެވެ. މިތާގައި އޭނާ އިޝާރަތްކުރަނީ ރާއްޖޭގައި އިންތިޚާބެއް ކައިރިވެފައި އޮތްކަމާއި އެ އިންތިޚާބު މި ކެތް ނުލެވިގެން އުޅޭ ބައިގަނޑަށް ކާމިޔާބުކުރެވިދާނޭކަމެވެ. ދެވަނަ ސަބަބީ ތަނުގެ އާންމުންގެ ހޭލުންތެރިކަން ނެތުމެވެ. އަދި އެކަމުގެ ސަބަބުން، އެފަދަ ޚާއިނު މުޖުރިމުން މަތި އޮމާންކޮށް ދައްކާ ކޮންމެ ވާހަކައެއް، އަމިއްލަ ވިސްނުން ބޭނުން ނުކޮށް އާންމުން ގަބޫލުކުރާނެ ތީއެވެ. އާންމުގެ ހޭލުންތެރިކަން ނެތުމުން، ކަންތައްތަކުގެ ހަގީގަތް ފޮރުވައި އޮޅުވާލެވުމުގެ އެކަށޭންކަން ލިބިގެންވީ ބަޔަކަށް އާންމުން ވެފައި ތިބީމައެވެ. އާދެ، އާންމުގެ މީހުންނަކީ ގުނބޯ ހެއްދޭނޭ ބަޔަކަށްވީތީއެވެ.

ދެވަނަ އިޝާރަތަކީ ހަސަނަށް އޮޑިދިންހެން، ރާއްޖެއަށް އިންޑިޔާއިން ދެ ހެލިކޮޕްޓަރު ދިނުމެވެ. ހެލިކޮޕްޓަރު ބޭނުމެއްނެތްކަމާއި އަދި އެ ގެންދިޔުމަށް އެދުމުން ވެސް، އެ ދެ ހެލިކޮޕްޓަރު ނުގެންދިޔުމެވެ. އަދި، އެ ދެ ހެލިކޮޕްޓަރު އުދުއްސަންތިބި މީހުންގެ ވިސާ ހުސްވުމުން، އަދި ދިވެހި ބިމުން ފައިބާން އެންގުމުން، ނުފައިބައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބުމެވެ. މިއީ އެންމެންނަށް ވެސް އެނގުނު ކަމެކެވެ. ނަމަވެސް، އެންމެ ކުޑަވެގެން މިވާހަކަ ނޫހެއްގައި ޖަހާލަންވެސް ނުކެރުނެވެ.

ތިންވަނަ އިޝާރަތަކީ ރާއްޖޭގެ ދާޚިލީކަންތައްތަކަށް އިންޑިޔާ ވަދެގަތުމެވެ. ސިޔާސީ ޕުރޮޓޮކޯލާއި ޚިލާފަށް، އެމީހުންގެ މަންދޫބަކު އައިސް، އަމިއްލައަށް ރާއްޖޭގެ ރައީސް އޮފީހަށް ވަދެގެނެ، މިވެނި ގޮތަކަށް ކަންތައް ކުރަން އަމުރުކުރަން ކެރުނުކަމެވެ. ފަހުން، މިމީހަކު، އެކަމާ އުޒުރުވެރިވެ، އަމިއްލަ ގޮތުން މާފަށް އެދުނު ކަމަށް ވެއެވެ. އަދި، އޭނާ އެގޮތަށް ކަންތައް ކުރީ، އިންޑިޔާ ސަރުކާރުން އަންގައިގެން ކަމަށް ވެސް އޭނާ އިޝާރަތްކުރިކަމަށް ވެއެވެ.

ހަތަރު ވަނަ އިޝާރާތަކީ ރާއްޖޭގެ މީހުންނަށް ދެވޭނޭ ގައުމުތަކާއި ނުދެވޭނޭ ގައުމުތައް އިންޑިޔާއިން ކަނޑައަޅާލުމުގެ އިޚްތިޔާރު އިންޑިޔާއަށް ލިބިދިނުމެވެ. ރާއްޖޭގެ ބަޔަކު، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގައުމެއްގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އިންޑިޔާ އެކަމާ ނުރުހިދާނެތީ، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެކަން ހުއްޓާލުމަށް މިބުނާ ބަޔަކަށް އެންގުމެވެ.

ފަސްވަނަ އިޝާރަތަކީ ޕޮލިސް އެކަޑަމީގެ ނަމުގައި ރާއްޖޭގެ އެތަން މިތަނުގައި އަސްކަރީ މަރުކަޒުތައް ހެދުމެވެ. އަދި، މިކަމަކީ އެމީހުންގެ އަސްކަރުން ރާއްޖޭގައި ތިބުމުގެ ބަހަނާއަކަށް ހެދުމެވެ. ރާއްޖޭގައި އެތަން މިތާގައި ޕޮލިސް އެކަޑެމީ އަޅަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މީގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ރާއްޖޭގެ ތަރައްގީއަށް މިވަގުތު އެންމެ މުހިއްމީ މިކަން ހެއްޔެވެ؟ މިހާރު ވެސް، ރާއްޖޭގެ ބޭނުން ފުދޭވަރަށް، މިކަންކަން ކުރާތަންތަން ރާއްޖޭގައި އެބަ ހުއްޓެވެ. އެތަންތަން ތަރައްގީ ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ ބޭރު ބައެއްގެ އަތް މައްޗަށް ގައުމުގެ މިފަދަ ހައްސާސީ ކަންތައްތައް ދޫކޮށްލަން ޖެހެނީ ކީއްވެ ހެއްޔެވެ؟ މިހުރީ ހައްތަހާވެސް ކުރަން ޖެހޭނޭ މުހިއްމު ސުއާލުތަކެވެ.

ރާއްޖޭގައި ތަނެއް އަޅަން ޖެހޭ ނަމަ އަޅަންވީ މުދައްރިސުން ތަމްރީނުކޮށް ތައްޔާރުކުރާނޭ ތަންތަނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްތަކުރުމައްޓަކައި ދިވެހިން އަހުލުވެރި ކުރެވޭނޭ ގޮތް ހެދޭނޭ ތަންތަނެވެ. ރާއްޖެ ތަރައްގީކުރުމައްޓަކައި، ރާއްޖޭގެ އެތަން މިތަނުގައި ޕޮލިސް އެކަޑަމީ ހެދުމަށްވުރެ، މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކާއި ހޮޓަލް އިސްކޫލުތައް، ރާއްޖޭގެ އެކިކަންކޮޅުގައި އެޅުން މާ މުހިއްމެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު މިއޮތް ގޮތަށް ބަދަލުވިތާ ފަސްދޮޅަސް އަހަރުވީއިރު ވެސް، އެކަށީގެންވާ ގާތުގެ އަދަދަކަށް ވެސް، ރާއްޖޭގެ އިސްކޫލުތަކުގައި މަސައްކަތްކުރާނޭ އަހުލުވެރިވެފައި ތިބި ދިވެހި މުދައްރިސުން ނެތުމުންނެވެ. ޓުއަރިޒަމްގެ މަސައްކަތް ރާއްޖޭގައި ފެށުނުތާ ފަންސާސް އަހަރުވާން ކައިރިވީ އިރުވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ 70 ނޫނީ 60 ޕަސެންޓަށް ވުރެ ގިނައީ ބޭރު މީހުން ކަމަށްވާތީއެވެ.

ހަވަނަ އިޝާރަތަކީ އެމީހުންގެ ގޮނޑިކޮއްކޮ ދިވެހި ސިޔާސީ ވެރިން، އިންޑިޔާއާ ޖަދަލު ނުކުރުމަށް ގޮވުމެވެ. އިންޑިޔާއަކީ ރާއްޖެ ތަރައްގީކުރުމައްޓަކައި، މާތްކަލާނގެ ފޮނުއްވި ރަހުމަތެއްކަމުގައި ގަބޫލުކުރަން، އަހަރުމެންގެ ތެރޭގައި އުޅޭ މިފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީވެރިން ގޮވަމުންދިޔުމެވެ. އަހަރުމެންގެ ތަރައްގީވުން އޮތީ އެމީހުންގެ އަތްމަތީކަމުގައި ބުނެއެވެ. މިކަމުގެ މައްޗަށް އިތުރު ވާހަކައެއް ބުނެ، އަލިއަޅުވާލަން ގަސްދުކުރަމެވެ. މިއީ ޑިމޮކުރަސީގެ އުސޫލު ހެއްޔެވެ؟ ވިސްނަން އެނގެނީ ފިކުރުކުރަން އެނގެނީ ހަމަ އެންމެ މީހަކަށް ހެއްޔެވެ؟ ޖާދޫގެ ގޮނޑީގައި އިށީނުމުން، އޭނައަށް ވަހީ ބަސްފުޅު އިއްވެވެނީ ހެއްޔެވެ؟ މިކަން ވެސް އަހަރުމެން ހަމަ ގަބޫލުކޮށް އަތްތިލަބަޑި ޖަހަންވީ ހެއްޔެވެ؟

ޝައްކެއްނެތް ގޮތުގައި، ތަފާތު މައިދާންތަކުގައި އިންޑިޔާވަނީ ކުރި ހޯދާފައެވެ. އިލްމީ މައިދާނުގައެވެ. އުފެއްދުންތެރިކަމުގެ މައިދާނުގައެވެ. ވިޔަފާރީގެ މައިދާނުގައެވެ. ބޭސްވެރިކަމާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މައިދާނުގައެވެ. ޓެކްނޮލޮޖީގެ މައިދާނުގައެވެ. އަދި، ބޮޑެތި ބޮޑެތި މުއްސަނދިން ވެސް އިންޑިޔާގައި އެބަތިއްބެވެ. އަދި ދުނިޔޭގައި އެންމެ ގިނަ މިލިޔަނަރުން ތިބި އެއްގައުމަކީ އިންޑިޔާއެވެ.

ނަމަވެސް، އިޖުތިމާއި ކުރިއެރުމާއި އިޖުތިމާއީ އަދާލަތު ގާއިމުކުރުމަކީ އިންޑިޔާއަށް ހާސިލުކުރުން، އަދި، ވަރަށް ދަތި އުނދަގޫ ކަމެކެވެ. އިޖުތިމާއީ ކުރި އެރުމާއި އިޖުތިމާއީ އަދާލަތޭ މިތާ މިބުނާ ބަހުގެ މާނައަކީ މުޅި ގައުމުގެ އެންމެންގެ މެދުގައި، އަދުލުވެރި ގޮތެއްގައި ގައުމުގެ މުއްސަނދިކަން ބެހިގެން، އެންމެން ޝާމިލުވެގެން ކުރިއަށް ގެންދެވޭ ތަރައްގީގެ ވާހަކައެވެ. މިފަދަ ކުރިއެރުމެއްގެ އަސާސަކީ، މުޅި މުޖުތަމައު، އެ މުޖުތަމައުގެ އެންމެންނަކީ ވެސް ހަމަހަމަ ބަޔެއް ކަމުގައި ދެކުމެވެ. އިންޑިޔާގެ ހިންދީ ދީނީ ސަގާފަތް ނިޔާކުރާ ގޮތުން، އެތަނުގައި ކަންތައް އޮތީކީ، އަދި، މިހެންނެއް ނޫނެވެ. އެ ސަގާފަތް ނިޔާކުރަނީ އެންމެންނަކީ ހަމަހަމަ ބަޔެއް ނޫންކަމެވެ. ހިންދީ ސަގާފަތް ގަބޫލުކުރަނީ ވަކި ބަޔަކަށް، ގުދުރަތީ ގޮތުން، ޚާއްސަ އިމްތިޔާޒުތަކެއް (ޕްރިވިލެޖް ތަކެއް) ލިބިދީފައި އޮންނަން ޖެހޭނޭކަމެވެ. އިންޑިޔާގައި، އެއްކޮޅުން، ބޮޑެތި ބޮޑެތި މުއްސަނދިން އުޅޭ އިރު، އަނެއްކޮޅުން، ތަރައްގީގެ މަސައްކަތުގައި 70އެއްހާ އަހަރު ވޭތުވިއިރު ވެސް، ތަނުގެ އާބާދީގެ ބޮޑު ބަޔަކަށް، ފަސޭހައިން ފާޚާނާކޮށްލުމުގެ ނިޒާމެއް ތަނުގެ ސަރުކާރުގެ އިދާރާތަކުން ގާއިމު ނުކުރެވިފައި އޮތުން ގުޅެނީ މި ނަންގަތް މުއައްސަސީ ތަފާތުކުރުމާއެވެ. (މި ނަންގަތް އިޖުތިމާއީ މައްސަލަތަކަށް އިޝާރަތްކުރެވި ހެދުނު ބައެއް ހިންދީ ފިލްމުގެ ދެތިން ލަވައެއް މިލިޔުމާއެކު ފެންނަން އޮންނާނެއެވެ. ބައްލަވާލެއްވުން މުހިއްމެވެ!) 

މިހެން ކަންތައް އޮތް އިރު، އަދި ރާއްޖެއަށް ބޭނުންވާ ހަގީގީ ކުރިއެރުމަކީ އިޖުތިމާއީ އަދާލަތުގެ ކުރިއެރުންކަމަށްވާއިރު، ރާއްޖޭގެ ކުރިއެރުން ގުޅެނީ އިންޑިޔާއާއޭ ބުނެވިދާނެ ހެއްޔެވެ؟ ޚުދް އިންޑިޔާގައި ނެތް އެއްޗެއް، އެތަނުން، އަހަރުމެންނަށް ލިބޭނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެންގެ ތަރައްގީއަކީ އަހަރުމެން އަމިއްލައަށް ވިސްނައި ރާވައިގެން ކުރަން ޖެހޭ ކަމެކެވެ. އެހެންވެ، އަހަރުމެންގެ ތަރައްގީ ގުޅެނީ އިންޑިޔާއާއޭ ބުނާ މީހަކު އެބުނަނީ ކަންކަމުގެ ހަގީގަތް އެނގިހުރެގެން ނެތް ނޫނެވެ. ނޫނީ ރާއްޖެ ކުރިއެރުވުމުގެ މަގުސަދެއްގައެއް ވެސް ނޫނެވެ. އެހެން އެބުނެ ގޮވަނީ މުޅިން އެހެން މަގުސަދެއްގައެވެ. ހަމައެކަނި ރާއްޖޭގެ މައްޗަށް އިންޑިޔާ ބާރުވެރިކުރުމަށް އެހީވެ، އެކަމަށް މަގުފައިކޮށްދިނުމުގެ މަގުސަދުގައެވެ.

ހަތްވަނަ އިޝާރަތަކީ ރާއްޖޭގައި ހަތިޔާރު އެޅި އިންޑިޔާގެ އަސްކަރީން ތިބުމުގެ ހުއްދަ ދިން ކަމުގެ ވާހަކައެވެ. ކޮންމެވެސް އެހެން ނަމެއް ކިޔައިގެން، އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއް ރާއްޖެ ގެނައުމާއި އެމީހުންގެ ބާރު ހިންގޭނޭ ވައިގެ ބަނދަރެއް އެމީހުންނާ ހަވާލުކުރުމުގެ ވާހަކަތަކެވެ. މިކަން ވުމުން، އިންޑިޔާއިން ބޭނުން ވަރަކަށް، އެމީހުން ބޭނުންވި ވަގުތެއްގައި، ރާއްޖެއަށް ހަތިޔާރު އެތެރެކުރެވޭނެއެވެ. އަދި، ރާއްޖޭގެ ދިފާއީ ބާރުތަކުގެ މައްޗަށް ވެރިވެގަތުމުގެ މަގު ހުޅުވިގެންދާނެއެވެ. މިކަން ހިތަށް ގެނައުމުން، ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ފަރާތުން، ރާއްޖޭގެ ދިފާއި ބާރުތައް، ސިފައިންނާއި ފުލުހުން، ބަދުނާމުކޮށް އަބަދުމެ އަބަދު ދައްކާ ވާހަކަތަކުގެ ހަގީގީ މަގުސަދުވެސް ދޭހަވެއެވެ. ތަނެއްގެ ސަރުކާރުގެ ފަރާތުން އެތަނުގެ ދިފާއީ ބާރުތައް ބަދުނާމުވާ ގޮތަށް އަބަދުމެ އަބަދު ވާހަކަ ދައްކަފާނެ ހެއްޔެވެ؟ މައްސަލަތައް ހުރި ނަމަ، އެކަންވާނީ ގައުމުގެ ހައްސާސީ މައްސަލައަކަށެވެ. އެހެންވެ، އެފަދަ ވާހަކަތައް ނުދައްކައި، އެކަންކަން އިސްލާހުކުރީމަ ނިމުނީ ނޫން ހެއްޔެވެ؟ ނަމަވެސް، މިކަން ނުކޮށް، އެފަދަ ބަދުނާމީ ވާހަކަތައް ދައްކަނީ ކީއްވެ ހެއްޔެވެ؟ މިކަމުގެ ބޭނުމަކީ މަގުސަދަކީ، ތަނުގެ ދިފާއީ މުއައްސަސާއަކި ބޭނުންނެތް ތަނެއް ކަމުގައި އާންމުންނަށް ދެއްކުމެވެ. އަދި، އެތަން އުވާލެވެންޏާ އުވާލައި، ނޫން ނަމަ، އެތަނުގެ އަމުރުވެރިކަން ވެސް ބޭރު ބަޔަކާ، އާދެ، އިންޑިޔާއާ ހަވާލުކުރުމެވެ. އެއް އިރެއްގައި ޖޯޑަންގެ ލަޝްކަރުގެ ބާރު އިނގިރޭސިންގެ އަތްމަތީ އޮތް ފަދައިންނެވެ. އަދި، މިހާރު، އިންޑިޔާގެ ބާރުގެ ދަށުގައި، ބޫޓާނުގެ ދިފާއީ ކަންތައްތަކާއި އަދި ޚާރިޖީ ކަންތައްތައް އޮތް ފަދައިންނެވެ. މިކަން އޮތް ގޮތް، މިބުނި އެއްޗެއްގެ ތެދު ދޮގު އޮޅުންފިލުވާލުމުގެ ގޮތުން، ކޮންމެ މީހަކުވެސް އަމިއްލައަށް ބަލާލުން މުހިއްމެވެ. މިއީ ޚިޔާލީ ވާހަކަތަކެއް ނޫންކަން ދެނެގަތުމަށެވެ.

މިނަންގަތް ހުރިހާ ކަމަކީ ވެސް ހަމަ ތަރައްގީގެ އެހީތެރިކަމާ ގުޅޭ ކަންކަން ހެއްޔެވެ؟ މިކަންކަން ނުކޮށް ވެސް، ރާއްޖެއާއި އިންޑިޔާއާއި އަދި އެހެން ގައުމުތަކާ ވެސް ގުޅި، ރާއްޖޭގެ ތަރައްގީގެ މަސައްކަތް ދިވެހިންނަށް ކުރެވޭނެއެވެ. ތަނެއްގެ ތަރައްގީގެ މަސައްކަތަކީ ބޭރުބަޔަކަށް ކުރެވޭނޭ އަދި ކުރާނޭވެސް ކަމެއް ނޫނެވެ. މިކަން އެންމެ ސާފު ގޮތެއްގައި ވިދާޅުވީ ކާކު ހެއްޔެވެ؟ އިންޑިޔާގެ މަހަތުމާ ގާނދީއެވެ! އިނގިރޭސީންގެ އަތުން އިންޑިޔާއަށް މިނިވަންކަން ހޯދުމުގެ މަސައްކަތުގައި އެހީވެދޭން، ހެޔޮއެދިގެން، އިނގިރޭސި ފާދިރީއަކު، އޭނާ އަރިހު ދެންނެވުމުންނެވެ. އެހެންވެ، އެހެން މީހުންގެ ތަޖުރިބާތަކުން ވެސް ފައިދާ ލިބިގަނެގެން، ދިވެހިންގެ ތަރައްގީގެ މަސައްކަތް ކުރަން ޖެހޭނީ ދިވެހިން އަމިއްލައަށެވެ. އަދި، އެއީ، ކެރިގެން، އިޚުލާސްތެރިކަމާއެކު އެކަމާ ކުރިމަތިލައިފި ނަމަ، އިރާދަކުރެއްވިއްޔާ، ކުރެވޭނޭ ވެސް ކަމެކެވެ.

ދެން، ރާއްޖެ ތަރައްގީކުރުމުގެ ނަމުގައި ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެވި ދިޔުމުގެ އެތައް އެތައް އިޝާރާތްތަކެއް ވަމުންދާއިރު ވެސް، އާންމުން ހޭލުންތެރި ނުވަނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ޖުލައި ސައްބީހެއްގައްޔާއި ނޮވެމްބަރު އެގާރާއެއްގައްޔާއި ރަބީއުލް އައްވަލު މަހު އެކެއްގައްޔާއި މިފަދަ ގައުމީ މުނާސަބަތްތަކުގައި ގޮވާ ގޮވުންތަކާއި ޖަހާ ލަވަތަކުގައި ކިޔާ އެއްޗެހީގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެކިޔާ ގައުމު ދެކެ ލޯބިވާ ވާހަކައާއި ގައުމު ދިފާއުކުރުމަށް އެންމެން ތެދުވާނެ ވާހަކައިގެ މާނައަކީ ކޮބާ ހެއްޔެވެ؟ ނޮވެމްބަރު ތިނެއްގެ ހާދިސާގެ ފަހުން، ސަލްޓަން ޕާކު ބުރު ކައިރީގައި ލިޔެފައި ބެހެއްޓި ފިލާގައި ހުރި ލިޔުންތަކުގެ މާނައަކީ ކޮބާހެއްޔެވެ؟ ގައުމީ އިހުތިފާލުތަކަކީ މާނައެއް ހުރި ކަމަކަމަށް ވަނީ ނަމަ، އެކިޔޭ ލަވަތަކުގެ ބަސްތަކުގައި މާނައެއް ވަނީ ނަމަ، އެ ފިލާގައި ލިޔެވިފައި އޮތް އެއްޗަކީ މާނައެއް ހުރި އެއްޗަކަށްވާ ނަމަ، ރާއްޖޭގެ މިނިވަންކަން ގެއްލެން އުޅޭ މިފަދަ ވަގުތެއްގައި އަތްއުރާލައިގެން ތިބެން ހެޔޮވާނެ ހެއްޔެވެ؟ ޑިމޮކުރަސީއަށްޓަކައި، އިންސާނީ ހައްގުތަކައްޓަކައި، އެންމެން މަގުތަކަށް ނިކުމެ ކުރި އިހުތިޖާޖުތައް ކޮބާ ހެއްޔެވެ؟ ގައުމުގެ މިނިވަންކަން ދިފާއުކުރުމުގައި، މަގުތަކަށް ނިކުމެ، އެފަދަ އިހުތިޖާޖުތައް ކުރުން ހައްގުވެގެން ނުވަނީ ހެއްޔެވެ؟ މިނިވަކަން ގެއްލެމުންދާ ކަމުގެ އިޝާރަތްތައް ލިބެމުންދާއިރު، ހެވިފައި ނޭނގޭކަމަށް ހަދައިގެން، މިއީ ތިމަންމެންނާ ބެހޭ ކަމެއް ނޫނޭ ބުނެ، ކަންނެއްކަން މަތީ ބޮޑުއަށިމަތީގައްޔާއި ހޮޅުއަށިތަކުގައްޔާއި ސައި ހޮޓާތަކުގެ މޭޒުތައް ދޮށުގައި ވައި އަނގަތަޅަން ތިބެއްޖެ ނަމަ، ފަލަސްތީނަށް ވީގޮތް ރާއްޖެއަށް ވެސް ވުމަކީ ދުރުކަމެއް ހެއްޔެވެ؟ ބަނޑުފައިވެފައި އޮތް ސިންގާއެއް އަނގަ ހުޅުވައިގެން ރާއްޖެއާ ދިމާއަށް ބަލަހައްޓައިގެން އޮތް އިރު ވެސް މެއެވެ. އަދި، މުޅަ މަސްގަނޑަކަށް ރާއްޖެ ހަދައި، އެ ސިންގާގެ އަނގައަށް، ރުހުމުގައި، ރާއްޖެ ލަވައިދިނުމުގެ މަސައްކަތް، ބަޔަކު ހުއްޓުމެއް ނެތި ކުރަމުންދާއިރު ވެސް މެއެވެ. 

ކިޔުންތެރިންގެ ހިޔާލު