ކުދި ދައުލަތްތަކުގެ ޤައުމީ ސަލާމަތުގެ މަންޒޫރަކުން ދިވެހިރާއްޖޭގެ މިނިވަންކަން

ޝިފްޒާން އަހްމަދު 27 ޖުލައި 2020 17:18
Flowers
ޤައުމީ ބޮޑު ދިދަ/ ފޮޓޯ: އަވަސް

ޖުލައި މަހުުގެ 26 ވަނަ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށް ވަކިވެގެން ހިނގައްޖެއެވެ. އަޅުގަނޑުމެންގެ ޤައުމަށް ޚާރިޖީ އަދި ދާޚިލީ މިނިވަންކަން ފުރިހަމައަށް ލިބުނުތާ 55 އަހަރު ފާއިތުވެ، 56 ވަނަ އަހަރު ފެށިގެން ދިޔައީއެވެ. މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންގެ ޤައުމުގެ ޠަބީޢަތާއި، ދިވެހި ޤައުމު ދިރިއުޅޭ މިވަޠަނުގެ ވަށައިގެންވާ ޙަޤީޤަތްތަކާއި، ދިވެހި ދައުލަތުގެ އެންމެ މަތީ ޒިންމާއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ކުރަންޖެހިފައިވާ ކަމެކެވެ. ސިޔާސީ ފިކުރު އެއްފަރާތްކުރުމަށްފަހު ވަޠަނީ ނަޒަރަކުން މިދަންނަވާ ކަންކަމުގެ މައްޗަށް ކޮންމެވެސް މިންވަރަކަށް އަލިއަޅުވައިލަން ޖެހެއެވެ. 

ކުޑަ ޤައުމެއް، ކުޑަ ދައުލަތެއް 

ދިވެހި ޤައުމަކީ ކުޑަ ޤައުމެކެވެ. މިލިޔުމުގައި ޤައުމު މިބަސް ބޭނުންކުރަމުންދާނީ "ނޭޝަން"ގެ ފުޅާ މާނައިގައެވެ. ޤައުމު ކަމުގައި މިދަންނަވަނީ ވަކި ސަރަހައްދެއްގައި އާބާދުވެގެން ދިރިއުޅޭ ހިއްސާވަނިވި ޞިފަތަކެއް ލިބިފައިވާ އިންސާނީ ޖަމާޢަތަކަށެވެ. ދިވެހި ޤައުމަކީ ދިވެހި ބަހުން ވާހަކަދައްކާ، އިސްލާމްދީން ޤަބޫލުކުރާ، ދިވެހިރާއްޖެއޭ ކިޔޭ ޖަޒީރާ ރަށްތަކުގައި ދިރިއުޅޭ އިންސާނުންގެ މައްޗަށް އެކުލެވޭ އިންސާނީ ޖަމާޢަތެވެ. މިޤައުމުގެ މީހުން ދިރިއުޅޭ ވަޒަނަކީ ނުވަތަ ވަތަނަކީ ދިވެހިރާއްޖެއެވެ. އެމީހުންގެ މިވަތަނާއި، އެމީހުންގެ އަމިއްލަ މަސްލަހަތުތައް ހިމާޔަތްކުރުމަށް، މުއައްސަސާތަކާއި، ބާރުތަކާއި ގުނަވަންތަކުގެ މައްޗަށް އުފައްދާފައިވާ ދައުލަތަކީ ދިވެހި ޖުމްހޫރިއްޔާއެވެ. އެއީ ޖުމްހޫރީ ވެރިކަމެއް ހިނގާ، ޔުނިޓަރީ އަދި ރިޔާސީ ނިޒާމެއް އޮންނަ، އިސްލާމީ ދައުލަތެކެވެ. 

ދިވެހި ޤައުމަކީ ކުޑަ ޤައުމެކެވެ. ޤައުމެއްގެ ކުޑަ ބޮޑުމިން މިންކުރާ މިންގަނޑަކީ އާބާދީއެވެ. އެގޮތަށް ބާލައިރު ދިވެހި ޤައުމަކީ އާބާދީގެ ގޮތުން ކުޑަ ޤައުމެކެވެ. ޤައުމުގެ ކުޑަ ކަމާއި އެއްވަރަށް އެޤައުމުގެ ކަންކަން ތަންޒީމުކުރުމަށް އުފައްދާފައިވާ ދައުލަތަކީވެސް ކުޑަ ދައުލަތެކެވެ. ދައުލަތެއްގެ ކުޑަ ބޮޑުމިނަކީ އެންމެ މިންގަނޑަކުން ބަލާ ވަޒަންކުރާ ކަމެއް ނޫނެވެ. ވަރަށް ގިނަ ގޮތްގޮތަށް ވަރަށް ގިނަ މިންގަނޑުތަކުން ދައުލަތެއްގެ ކުޑަބޮޑުމިން ބަލައެވެ. އެހުރިހާ މިންގަނޑަކުން ބެލިނަމަވެސް ދިވެހިރާއްޖެވާނީ ކުޑަ ދައުލަތަކަށެވެ. 

ކުޑަ ދައުލަތެއްގެ ތައާރަފު ދެ ގޮތަކަށް ބައިނަލްއަޤުވާމީ ގުޅުންތަކުގައި ދެވެއެވެ. އެއް ގޮތަކީ ދައުލަތުގެ ވަސީލަތްތަކާއި އިޤުތިޞާދާއި އާބާދީއާއި ސަރަހައްދު ފަދަ އެތައް ކަމެއްގެ ބޮޑު މިނަށް ބެލުމެވެ. މިދެންނެވި މަންޒޫރުން ބަލާއިރު، ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް މަދު ޤައުމެކެވެ. އަޅުގަނޑުމެންގެ އަތުގައި އޮތީ އަޅުގަނޑުމެން ދިރިއުޅޭ ވެށީގެ ރީތިކަމާއި ކަނޑުގައި މާތްﷲ ލެއްވެވި ދިރުންތަކުގެ މުއްސަނދި ކަމެވެ. އިޤުތިޞާދަށް ބަލާއިރު އަޅުގަނޑުމެންގެ އިޤުތިޞާދަކީ ދުނިޔޭގެ ބޮޑެތި އިޤުތިޞާދުތަކާ އަޅާބަލާއިރު ކުޑަ އިޤުތިޞާދެކެވެ. އެންމެ 6 ބިލިއަން ޑޮލަރުގެ އިޤުތިޞާދެކެވެ. އާބާދީއަށް ބަލާއިރު ދުނިޔޭގެ އެންމެ އާބާދީގެ ގޮތުން ކުދި ޤައުމުތަކުގެ ތެރޭގައި ދިވެހި ޤައުމު ހިމެނޭނެއެވެ. ސަރަހައްދަށް ބެލިނަމަވެސް ސަރަހައްދީ ގޮތުން އެންމެ ތަނަވަސް އަދި ބޮޑެތި ޤައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭނެއެވެ. 

ދެވަނަ ތައުރީފު ބިނާވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ލިބިފައިވާ ނުފޫޒަށެވެ. އަދި ބައިނަލްއަޤުވާމީ ވެށިން ނުފޫޒު ފޯރާ މިންވަރަށެވެ. މިމިންގަނޑުން ބެލި ނަމަވެސް ދިވެހިރާއްޖެއަކީ ކުޑަ ޤައުމެކެވެ. ރާއްޖެއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒަށް ހުށަހެޅިފައި އޮތް ޤައުމެކެވެ. އެހެން ޤައުމުތަކަށް ނުފޫޒު ފޯރުވުމުގެ މާ ބޮޑު ބާރެއް ލަޔާގަތެއް ދިވެހި ޤައުމުގައި ނެތެވެ. އެއީ ކުރިން ދެންނެވި ފަދައިން ވަސީލަތްތަކުގެ މަދުކަމާއި ޠަބީޢީ ގޮތުން ސަރަހައްދުގެ ކުޑަކަމާއި، އިޤުތިޞާދުގެ ކުޑަކަމާއި، އަސްކަރީ ބާރުގެ ހީނަރުކަމުންނެވެ. މިއީ ހައްތާވެސް އަޅުގަނޑުމެންގެ ނުފޫޒު ކުޑަކޮށް އެހެން ޤައުމުތަކުން އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ދޮރު ހުޅުވާ ކަންކަމެވެ. 

ކުދި ޤައުމުތަކުގެ ޤައުމީ ސަލާމަތް 

ޤައުމުތަކުގެ ޤައުމީ ސަލާމަތުގެ މަފުހޫމާއި ޢަސްކަރީ ފުދުންތެރިކަމާއި ބޮޑުކަން އޮންނަނީ ލާމެހިފައެވެ. ގުޅިފައެވެ. ޚާއްޞަކޮށް 20 ވަނަ ޤަރުނުގެ ފަހުކޮޅާ ހަމައަށް މިކަން އޮތީ އެގޮތަށެވެ. ޤައުމުތަކުގެ ޤައުމީ ސަލާމަތް އިސްތިޤުރާރުވެފައި (ސްޓޭބަލިޓީ) އޮންނަ މިންވަރު ކަނޑައެޅުމުގައި އެޤައުމެއްގެ އަސްކަރީ ލަޔާގަތާއި ޤާބިލުކަމަށް ބަލައެވެ. ދައުލަތެއްގެ ގޮތުގައި ޤައުމު ދިފާޢުކުރުމުގެ ބާރު ހުރި މިންވަރު ކަނޑައަޅަނީ މިދެންނެވި މިންގަނޑުންނެވެ. ނަމަވެސް ފިނި ހަނގުރާމަ ނިމުމަށްފަހު ދުނިޔެއަށް އައި ބޮޑެތި ބަދަލުތަކުގެ ތެރެއިން އެމިންގަނޑަށް އެކި މިންވަރުގެ ބަދަލުތައް އައިސްފައިވެއެވެ. ޚާއްޞަކޮށް ދުނިޔޭގެ ސިޔާސީ ނިޒާމު އެންމެ ދައުލަތެއްގެ މައްޗަށް ބަރޯސާވެފައި އޮތުމަށްފަހު، ވާދަވެރި އިތުރު ދައުލަތެއް 21 ވަނަ ޤަރުނު ފެށުމާއެކު ފާޅުވުން ވެގެން ދިޔައީ ޤައުމީ ސަލާމަތުގެ މަފުހޫމަށް ކޮންމެވެސް މިންވަރެއްގެ ބަދަލުތަކެއް ގެނުވި ކަމެއް ކަމުގައެވެ. ނަމަވެސް އަދިވެސް އަސްކަރީ ދާއިރާއަކީ ޤައުމީ ސަލާމަތާ މެދު ވިސްނުމުގައި އެންމެ މުހިއްމު އެއް ޒާވިޔާ (ޑައިމެންޝަން)އެވެ. 

ޤައުމުތަކުގެ ޤައުމީ ސަލާމަތަށް އަދި ޚާއްޞަކޮށް ކުދި ޤައުމުތަކުގެ ޤައުމީ ސަލާމަތަށް އަސްކަރީ ގޮތުން އޮތް ނުރައްކާ ފާއިތުވި އަހަރުތަކުގައި ކުޑަވެފައިވަނީ، ޤާއިމުވެފައިވާ ބައިނަލްއަޤުވާމީ ނިޒާމުގެ ސަބަބުންނެވެ. ޤައުމުތަކަށް އަރައިގެން އަސްކަރީ ގޮތުން ޤައުމުތަކުގެ މައްޗަށް ވެރިވުމަކީ މިހާރު އެހައި ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް މިހާރުވެސް މިބާވަތުގެ ކަންކަން ހިނގައެވެ. މިސާލަކަށް ދަންނަވާނަމަ، ރަޝިޔާއިން ޔޫކްރެއިނުގެ ކްރައިމިއާ ސަރަހައްދު ނެގި ނެގުމަކީ އަދިވެސް އަސްކަރީ ބާރު ބޭނުންކޮށްގެން ޤައުމެއް ޖަހައިގަތުމަކީ ބޮޑު ދައުލަތަކަށް ކުރެވިދާނެ ކަމެއް ކަމުގެ ނަމޫނާއެކެވެ. 

ނަމަވެސް މިހާރަކަށް އައިސް ކުދި ދައުލަތްތަކުގެ ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިޤުތިޞާދީ ބަރޯސާވުމެވެ. ޚާއްޞަކޮށް އެންމެ ދައުލަތެއްގެ މައްޗަށް ބަރޯސާވާންޖެހުމަކީ ކުދި ދައުލަތްތަކުގެ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމެކެވެ. މިދެންނެވި ފަދައިން އެއް ޤައުމު އަނެއް ޤައުމުގެ މައްޗަށް އިޤުތިޞާދީ ގޮތުން ބަރޯސާވާ ބަވަނަ ނިޒާމެއް އޮތުމުގެ ސަބަބުން ފާޅުކަން ބޮޑުކޮށް އިޤުތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެފިޔަވަޅުތަކާ ވިއްދައިގެން ސިޔާސީ ކަންކަމަށް އެދި އެކަންކަމަށް މަޖުބޫރުކުރުމަކީ އާންމު ކަމެކެވެ. ކުދި ދައުލަތްތަކަށް މިދެންނެވި ފަދަ ހާލަތްތައް މެދުވެރިވުމުގެ ނުރައްކާ އެހެން ދައުލަތްތަކަށްވުރެ ބޮޑެވެ. އަދި ސިއްރިއްޔާތުގައި ދަތިކުރުމުގެ އެކި ބާވަތްތަކުގެ ފިޔަވަޅުތައް އަޅައި އެފިޔަވަޅުތަކުގެ ނިވަލުގައި ސިޔާސީ ވަކި އަމާޒުތަކެއް ޙާޞިލުކުރުމަށް މަސައްކަތްކުރުމަކީވެސް ކުދި ދައުލަތްތަކާ މުއާމަލާތްކުރުމުގައި ބައެއް ބޮޑެތި ޤައުމުތަކުން ގެންގުޅޭ އިސްތިރާޖިޔާއެކެވެ. 

ޤައުމުތަކުގެ މެދުގައި އޮންނަ އިޤުތިޞާދީ ބަރޯސާވުން ސިޔާސީ ބޭނުންތަކަށް ބޭނުންކުރެވޭ އެއް ސަބަބަކީ މިބަރޯސާވުން ގިނަ ފަހަރުވަނީ ހަމަހަމަ ކަމެއް ނެތް، އެއް ފަރާތަށް ބުރަވާ ބަރޯސާވުމެއް ކަމަށްވާތީއެވެ. އެގޮތުން ކުދި އަދި ތަރައްޤީވަމުންދާ ޤައުމުތަކުން، ބޮޑެތި އަދި ކުރިއަރާފައިވާ ޤައުމުތަކުގެ މައްޗަށް ބަރޯސާވާންޖެހޭ މިންވަރު ވަަރަށް ތަފާތެވެ. އެހެން މެދުވެރިވާ އެއް ސަބަބަކީ އުފައްދާ މުދަލާއި ޚިދުމަތުގެ ތަފާތު ބޮޑުވުމެވެ. އާންމުކޮށް ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކަކީ އެންމެ ބާވަތެއްގެ އުފެއްދުމެއް އުފައްދާ ޤައުމުތަކެވެ. އެހެންކަމުން އެފަދަ ޤައުމުތަކާ ބޮޑެތި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ތިލަފަތް ވަރަށް ބޮޑަށް ބުރަވާނީ ބޮޑެތި ޤައުމުތަކަށެވެ. 

މިދެންނެވުނީ ޠަބީޢީ ގޮތުން އެކަން އޮންނަ ގޮތެވެ. މިދެންނެވި "އިމްބެލެންސް" ނުވަތަ ތިލަފަހަތް ހަމަނުވުމަކީ ސިޔާސީ މަޤުޞަދަކަށް ބަޔަކު ނާޖާއިޒު ގޮތުގައި އެކަން ބޭނުންނުކުރި ނަމަވެސް އެކަން އޮންނާނެ ގޮތެވެ. މިހެން މިކަން އޮއްވައި ކުޑަ ޤައުމަކީ އިސްތިރާޖީ ގޮތުން މުހިއްމު ޤައުމަކަށްވެއްޖެނަމަ، އެޤައުމެއްގެ މިނިކަމެތިކަން ބޮޑެތި ޤައުމުތަކުން ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ކުޑަ ޤައުމެއް އިސްތިރާޖީ ގޮތުން މުހިއްމުވާ ވަަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ އެޤައުމެއް އޮންނަ ތަނެވެ. ދިވެހިރާއްޖެ ބަޔަކަށް އެންމެ މުހިއްމުވާނެ އެއް ސަބަބަކީ އެއީއެވެ. ރާއްޖެ އޮތް ތަނެވެ. ޗައިނާއާއި އިންޑިޔާ އަދި އެނޫންވެސް ބައެއް ޤައުމުތަކަށް ރާއްޖެ މުހިއްމުވަނީ ރާއްޖެ އޮންނަ ތަނުގެ ސަބަބުންނެވެ. ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ މަގުތަކުގެ މެދުގައި މުހިއްމު ނުކުތާއެއްގައި ރާއްޖެ އޮންނަ ކަމެވެ. ދިވެހިން ނޫން އެންމެނަށް މިކަން އެނގެއެވެ. އެކަމުގެ މުހިއްމުކަންވެސް އިހުސާސުވެއެވެ. 

މިނިވަންކަމާއި ޤައުމީ ސަލާމަތް

ޚާރިޖީ އަދި ދާޚިލީ ސިޔާސަތު އެކުލަވައިލުމުގައި ޤައުމީ ސަލާމަތަކީ ސިޔާސަތުތަކުގެ މަދު ކަމުގައި ވާންޖެހެނީ ކުރިން ދެންނެވުނު ސަބަބަށެވެ. ދިވެހިރާއްޖެއަކީ މިވަޠަން އޮތް ތަނުގެ ސަބަބުން އިސްތިރާޖީ މުހިއްމު ނުކުތާއަކަށްވާތީއެވެ. އެހެންވީމާ ޤައުމުގެ ދާޚިލީ އަދި ޚާރިޖީ ގުޅުންތައް ބައްޓަންކުރުމުގައި ޤައުމީ ސަލާމަތަކީ ސިޔާސަތު ތަރުތީބުކުރާއިރު މެދުގައި އޮންނަ ނާރެސް ކަމުގައި ހެދުން މުހިއްމެވެ. 

އެގޮތުން ޢަސްކަރިއްޔާއެއް އޮތުމާއި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމާއި، މަދަނީ ހަމަޖެހުމާއި ޤައުމުގެ ދާޚިލީ އަމާންކަން ނެގެހެއްޓުމަށް ފުލުހުންގެ މުއައްސަސާއެއް އޮތުމާއި، އެމުއައްސަސާގެ ވަސީލަތްތައް ތަނަވަސްކުރުމާއި ހަރުދަނާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަކީ މުހިއްމު ކަމެކެވެ. ޤައުމުގެ ދާޚިލީ ހަމަނުޖެހުން ނެތިވެގެން ދިއުމަކީ ކޮންމެވެސް ސިފައެއްގައި ބޭރުގެ ނުފޫޒު ޤައުމުގެ ތެރެއަށް އެތެރެވުމަށް ހުޅުވައިލެވޭ ދޮރެކެވެ. އަދި ޤައުމުގެ އަސްކަރިއްޔާ ބަލިކަށިވުމަކީ، އެހެން އަސްކަރީ ނުފޫޒުތައް ޤައުމެއްގައި އިންދުމަށް ބޭނުންކުރެވޭ އުޒުރެކެވެ. ގިނަ ފަހަރަށް މިކަންކުރަނީ އެޤައުމެއްގެ ވެރިންނާއި ސިޔާސީ ލީޑަރުންގެ ރުހުމާއެކެއެވެ. 

އެހެންނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާމެދު އުފެދޭ ސުވާލުގެ އެންމެ އެތެރޭގައި އޮތީ އަސްކަރީ ސުވާލެއް ނޫނެވެ. ކުރިންވެސް ދެންނެވި ފަދައިން ބަވަނަވެފައިވާ ބައިނަލްއަޤުވާމީ އިޤުތިޞާދީ ނިޒާމުގެ ތެރޭގައި އެހެން ދައުލަތްތަކުގެ މައްޗަށް ބަރޯސާވާންޖެހިފައިވުމެވެ. މިހިސާބުން އުފައްދަންޖެހޭ ސުވާލަކީ އަޅުގަނޑުމެން އެޤައުމުތަކަކާ މުއާމަލާތްކުރާ ޤައުމުތަކުގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތާ ގުޅޭ ސުވާލެކެވެ. ބައިނަލްއަޤުވާމީ ޤާނޫނުގެ އެންމެ ފުނުގައި އޮންނަ މަފުހޫމަކީ ސިޔާދީ ހަމަހަމަކމެވެ. ނުވަތަ "ސޮވެރައިން އިކުއަލިޓީ"އެވެ. ދައުލަތްތަކުގެ ހަމަހަމަކަމެވެ. ނަމަވެސް އެކި ޤައުމުތަކުން މިމަފުހޫމު ޤަބޫލުކުރަނީ އެކި މިންވަރަށެވެ. ބައެއް ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި އެޤައުމުތައް ބޮޑުވެފައި، ބާރުގަދަވުމުން، އެޤައުމުތަކުގެ އިރާދާ "ވިލް" ނުވަތަ ބޭނުންވާ ގޮތް ކުދި އަދި ބަލިކަށި ޤައުމުތަކުގެ މައްޗަށް މަޖުބޫރުކުރުވޭނެއެވެ. މިފަދަ ޤައުމުތަކާ އިޤުތިޞާދީ ކަންކަމުގައި ނެގޯޝިއޭޓުކޮށް ވާހަކަދައްކާއިރު ކުދި ދައުލަތްތައް އަބަދުވެސް ސަމާލުވާންޖެހޭނެއެވެ. 

މިކަމުގައި ކުރެވޭނެ ދެތިން ކަމެއް އޮވެއެވެ. އެއް ކަމަކީ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގޮތުން ބޭރުގައި އިންވެސްޓުކުރަން ފެށުމެވެ. މިގޮތުން ކުދި ބައެއް ޤައުމުތަކުގެ ބާރަކީ އެޤައުމުތަކުން ޤާއިމުކޮށްފައިވާ ސިޔާދީ ތަނަވަސްކަމުގެ ފަންޑުތައް ނުވަތަ ސޮވެރައިން ވެލްތު ފަންޑުތަކެވެ. އެފަންޑުތައް މެދުވެރިކޮށް އެޤައުމުތަކުން އެހެން ޤައުމުތަކުގެ ބޮޑެތި ވިޔަފާރިތަކަށް އިންވެސްޓުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤުވާމީ ވިޔަފާރީގައި އެޤައުމުތަކުގެ ބާރު ގަދަވެއެވެ. 

ދެވަނަ ކަމަކަށް ކުރެވޭނެ ކަމަކީ އެެންމެ ޤައުމެއްގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ޤައުމުތަކެއްގެ ބައިވެރިވުން ހޯދުމެވެ. މިކަން އޮންނަނީ ވަރަށް ދަތިވެފައެވެ. ސަބަބަކީ އިޤުތިޞާދީ ހަރަކާތްތަކުގައި އެހީވުމަށް ބޮޑެތި ދައުލަތްތަކުގެ ޤާބިލުކަން ހުންނަނީ އެކި މިންވަރަށެވެ. ޤާބިލުކަން އެއް ފަރާތުގައި ބާއްވައި ބޭނުންވާވުންވެސް ހުންނަނީ ތަފާތުކޮށެވެ. ބައެއް ޤައުމުތަކުން ވަރަށް ފަސޭހައިން އެހީވެއެވެ. އަނެއް ބައި ޤައުމުތަކުން އެހީވަނީ އިޤުތިޞާދީ މަންފާއަށް ވިސްނުމުގެ ބަދަލުގައި، ސިޔާސީ މަންފާއަށް ބަލައިގެން، ސިޔާސީ ބާރުވެރިކަން ހޯދުމުގެ ނިޔަތުގައެވެ. މިކަންކަމަކީވެސް ޤައުމީ ސަލާމަތުގެ މަންޒޫރަކުން ވިސްނައިލުން މުހިއްމު ކަންކަމެވެ.

މިދެންނެވި ކަންކަމަށް ނުވިސްނާ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ތަރުތީބުކޮށްފިނަމަ، މިނިވަންކަމަކީ ހަމައެކަނި ނަމެއްގައި އޮންނަ ކަމަކަށްވެގެން ހިނގައިދާނެއެވެ. ޤައުމުގެ އެންމެ މަތީ މަސްލަހަތުތަކަށްވުރެ އެހެން ދައުލަތެއްގެ މަސްލަހަތުތައް އިސްކުރަން ޖެހިދާނެއެވެ. އެފަދަ ޙާލަތެއް މެދުވެރިނުވުމަށް އެންމެ މުހިއްމީ މިކަންކަމާމެދު ފުންކޮށް ވިސްނާ ރައްޔިތެކެވެ. ޚާރިޖީ އަދި ދާޚިލީ ސިޔާސަތުތަކަށް ނަޤުދީ ނަޒަރަކުން ވިސްނައި، ސިޔާސަތުތައް ކިރައި މިންކުރުމަށްފަހު ވޯޓުދޭނެ ރައްޔިތެކެވެ. 

މިލިޔުމާއި ގުޅޭ
ކިޔުންތެރިންގެ ހިޔާލު