Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ޑރ.މުޙައްމަދު މުރުސީ: ނިއްވައިލި އިސްލާމީ އަލިގަދަ ދަންމަރު!

މިއަދަކީ މިޞްރުގެ ދިގު ޤަދީމީ ތާރީޚުގެ ތެރެެއިން ފާހަގަކޮށްލެވޭނެ ދުވަހެކެވެ. 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 3 ވަނަ ދުވަހަކީ މިޞްރުގެ ފުރަތަމަ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުރުސީގެ ވެރިކަން އަނިޔާވެރި އަސްކަރީ އިންގިލާބަކުން ބަދަލުކޮށްލި ދުވަހެވެ. ޑރ.މުރުސީގެ ޙަޔާތްޕުޅަކީ އުންމަތެއްގެ ޙައްޤުގައި ހޭދަކުރެއްވި ޙަޔާތްޕުޅެކެވެ. ވަޅުޖެހުމުންދާ ޙަޟާރަތަކަށް ފެންދެއްވައި އާރޯކަން ގެނެސްދެއްވުމަށް މަސައްކަތްކުރެއްވި ޚިދުމަތްތެރިއެއްގެ ޚިދުމަތުގެ ސީރަތެކެވެ. އިސްލާމީ އުންމަތަށް ހިނދުކޮޅަކަށް ނަމަވެސް އުންމީދުގެ އަލިކަން ގެނެސްދިން ދަންމަރެކެވެ.
މިއަދު މިފަަދަ ދުވަހެއްގައި ޑރ.މުރުސީގެ ޙަޔާތްޕުޅާއި އެމަނިކުފާނުގެ އަގުހުރި ޚިދުމަތާއި އެމަނިކުފާނުގެ ކުރު ވެރިކަން ބަދަލުވެގެން ދިޔަ ސަބަބުތަކާއި، ޚިޔާނަތާއި މަކަރާއި ހީލަތާއި އޮޅުވައިލުމާއި ޣަދަރުވެރިންގެ ޣަދަރުވެރި ނުބައި ރޭވުމުން އެދަންމަރުގެ އަލިކަން ފަނޑުކޮށްލި ގޮތުގެ ވާހަކަ ލިޔަން އަޅުގަނޑު މިފަށަނީ މާތްﷲގެ ޙަޟްރަތުގައި މަރުހޫމު ޑރ.މުޙައްމަދު މުރުސީ ޝަހީދެއްގެ މަޤާމުގައި ލެއްވުން އެދި ދުޢާކުރަމުންނެވެ.ވެރިކަމުގެ ކުރިން
ޑރ.މުޙައްމަދު މުރިސީގެ ފުރިހަމަަ ނަންފުޅަކީ މުޙައްމަދު މުޙައްމަދު މުރުސީ ޢީސާ އަލްޢައްޔާޠެވެ. މިޞްރުގެ ޝަރުޤިއްޔާގެ މުރުސް ނަމަކަށް ކިޔުނު އަވަށެއްގެ މެދު ފަންތީގެ އާދައިގެ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޑރ.މުރުސީ އުފަންވެވަޑައިގަތީ 1951 ވަނަ އަހަރުގައެވެ. އެއީ މިޞްރުގެ ވެރިކަން އަސްކަރީ އިންގިލާބަކުން 1952 ވަނަ އަހަރު ބަދަލުކޮށްލުމުގެ ގާތްގަނޑަކަށް އަހަރު ދުވަސް ކުރިންނެވެ.
ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ ޝަރުޤިއްޔާގެ މަދުރަސާތަކުންނެވެ. އެއަށްފަހު ޤާހިރާއަށް ހިޖުރަކުރައްވައި ޖާމިޢަތުލް ޤާހިރާއިން އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާޞިލުކުރެއްވިއެވެ. ޕީއެޗްޑީ ޙާޞިލުކުރެއްވީ އެމެރިކާއިންނެވެ. އެމެރިކާއަށް ވަޑައިގެން އެތަނުގައި ހުންނަވައި މިޞްރުގެ އިސްލާމީ ޙަރަކާތް ކަމުަގއިވާ އިޚުވާނުލް މުސްލިމީންގެ މެންބަރެއް ކަމުގައި ޑރ.މުރުސީ ވެވަޑައިގެންނެވިއެވެ. އެމެރިކާގައި ހުންނެވި މުއްދަތުގައި އެޤައުމުގެ ޖައްވީ އިދާރާ ނާސާއާއެކު ބައެއް މަސައްކަތްކުރެއްވިއެވެ. ޕީއެޗްޑީ ފުރިހަމަކުރެއްވުމަށްފަހު ޤައުމަށް އެނބުރި ވަޑައިގެން މިޞްރުގެ ޒަޤާޤީގު ޔުނިވަރސިޓީގައި އިންޖިނިއަރިން ކޮލެޖުގައި ކިޔަވައިދެއްވަން ފެެއްޓެވިއެވެ.
މިޞްރަށް ވަޑައިގެން އެކަޑެމިކް ދާއިރާގައި މަސައްކަތް ފެއްޓެވި ގޮތަށް މިޞްރުގެ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވިއެވެ. އިޚުވާނުލް މުސްލިމީންގެ ސިޔާސީ ގޮފީގައި މަސައްކަތްކުރައްވައި 2000 ވަނަ އަހަރު އިޚުވާނުންގެ ޓިކެޓުގައި މިޞްރުގެ ބަރުލަމާނަށް އިންތިޚާބުވެވަޑައިގެން، އެޖަމާޢަތުގެ ބަރުލަމާނީ ގުރޫޕުގެ ތަރުޖަމާނަށް ވެވަޑައިގެންނެވިއެވެ.
އެދުވަސްވަރު ސިޔާސީ ބައެއް ހަރަކާތްތަކުގައި އިސްކޮށް ހުންނެވުމުން 2006 ވަނަ އަހަރު ހައްޔަރުކުރެވި ޖަލަށް ވަޑައިގެންނެވިއެވެ. މަސްތަކެއް ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގެންނެވިއެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޖެހިވަޑައިގަތީ ޖަލަށް ވަޑައިގަންނަވާށެވެ. މިފަހަރު ޖަލަށް ވަޑައިގެންނެވި ގޮތަށް 2011 ވަނަ އަހަރުގެ ޢަރަބި ބަހާރުގެ އިންގިލާބީ ހަރަކާތް މިސްރަށް އައިސް ޢާންމުން ނުކުމެ ހުސްނީ މުބާރަކުގެ ދިގު ވެރިކަން ވައްޓައިލަން ދެން ހުންނެވީ ޖަލުގައެވެ.
ޖަނަވަރީ 25 ގެ އިންޤިލާބާއެކު ޖަލުން ވީއްލިވަޑައިގެން ނުކުމެވަޑައިގަތީ މިޞްރުގެ ތާރީޚުގައި އަލަށް ހުޅުވައިލެވުނު ސިޔާސީ މިނިވަން ޖައްވަށެވެ. އިޚުވާނުލް މުސްލިމީންގެ ފަރާތުން އެޖަމާޢަތުގެ ސިޔާސަތުތަކާއި ފިކުރުތަކުގެ މަތީގައި އުފެއްދި ފުރަތަމަ ސިޔާސީ ޕާޓީ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ޝޫރާ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.ވެރިކަމަށް އެދިވަޑައިނުގަންނަވާ
ޑރ.މުރުސީއަކީ ވެރިކަމަށް އެދިވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ފުރަތަމަ ނެރުނު ކެޑިޑޭޓަކީވެސް އެމަނިކުފާނެއް ނޫނެވެ. އިޚުވާނުގެ ނައިބު މުރުޝިދު ޚައިރަތުއް ޝާޠިރު ނެރެން ޖަމާޢަތުން މަސައްކަތްކުރިއެވެެ. ނަމަވެސް ޢަސްކަރީ ކައުންސިލުން އެޖާގަ ޖަމާޢަތަށް ފަހިނުކުރުމުން ޖަމާޢަތުން އިޚުތިޔާރުކުރި ކެޑިޑޭޓަކީ ޑރ.މުޙައްމަދު މުރުސީއެވެ.
މުރުސީ ވާދަކުރައްވަން ޖެހިވަޑައިގަތީ އެތައް ޒަމާނެއް ވަންދެން މުބާރިކު އަރިހުގައި އުޅުއްވި އޭނާގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައިވާ އަޙްމަދު ޝަފީޤުއާއެވެ. ޝަފީޤުގެ މައްޗަށް މުރުސީ ކާމިޔާބު ހޯއްދެވީ މިޞްރުގެ ތާރީޚުގައި ބޭއްވުނު ވާދަވެރި، ހުޅުވާލެވިފައިވާ ފުރަތަމަ ރިޔާސީ އިންތިޚާބުންނެވެ.
ޑރ.މުރުސީގެ ކާމިޔާބާއެކު މިޞްރަށް ދުނިޔޭގެ ލޯތައް އަމާޒުވިއެވެ. އިސްލާމީ ފިކުރުގެ ވެރިއަކަށް މެދުއިރުމަތީގެ އެންމެ އާބާދީ ބޮޑު، އެއް ޤައުމުގެ ވެރިކަން ލިބުމުންނެވެ. އިސްރާއީލާ އިންވެފައި އޮތް ޤައުމެއްގެ ވެރިކަމަށް އިސްލާމީ ފިކުރުގެ ވެރިއެއް ވަޑައިގަތުމުންނެވެ. ، އިސްލާމީ އުންމަތުގެ ލޯތައް އަމާޒުވީ އިސްލާމްދީނުގެ މަތީގައި ޒަމާނީ ދައުލަތެއް ބިނާކުރެއްވުމުގެ ވަޢުދާއެކު ވަޑައިގެންނެވި ވެރިއެއްގެ އަމަލުފުޅު ހުންނާނެ ގޮތަކާމެދު އޮތް ޝައުޤެއްގެ ބޮޑުކަމުންނެވެ.
މާތްﷲގެ ހެޔޮ ރަހުމަތްފުޅުން އަޅުގަނޑަށް ހުރެވުނީ މިޞްރުގައެވެ. ފިކުރީ ގޮތުންނާއި ސަގާފީ ގޮތުން އަޅުގަނޑުވެސް ނިސްބަތްވަނީ ޑރ.މުރުސީ އެމަދުރަސާއަކަށް ނިސްބަތްވެވަޑައިގަންނަވާ މަދުރަސާއަށެވެ. އިސްލާމީ ހިދާޔަތުގެ މަތީގައި ވަރުގަދަ ޒަމާނީ ޙަޟާރަތެއް ބިނާކުރެވިދާނެކަމީ އަޅުގަނޑުގެ އިޢުތިޤާދެވެ. އަޅުގަނޑުގެ ގިނަ އުންމީދުތަކެއް ޑރ.މުރުސީއާ ގުޅިގެން ދިޔައެވެ.ރައީސް ކަމަކަށް ޤަބޫލުނުކުރެވުނު
ޑރ.މުރުސީ މިޞްރުގެ ވެރިކަމަށް ވަޑައިގަތަސް މިޞްރުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތަސް، އެމަނިކުފާނަކީ މިޞްރުގެ ވެރިޔާ ކަމުގައި ޤަބޫލުކުރަން ބޭނުންނުވި މީހުން ވަރަށް ގިނައެވެ. ޚާއްޞަކޮށް މުބާރަކުގެ ވެރިކަމުގައި އިސްރާއީލާއި އެމެރިކާގެ ވާގިވެރިކަމާއި މަދަދުވެރިކަމާއެކު ތަރުބިއްޔަތުކޮށް އުފައްދާފައި އޮތް މިޞްރުގެ ސަލާމަތީ ބާރުތަކުން މުރުސީ ދުށީ ނަފުރަތާއެކުއެވެ.
ކޮންމެ ދުވަހަކު ހެނދުނު ރިޔާސީ ގަނޑުވަރަށް ވަޑައިގެން މަސައްކަތްކުރެއްވުމަށްފަހު، އަމިއްލަ ގެކޮޅަށް ރޭގަނޑު ވަޑައިގަންނަވާ، ރަށްފުށުގެ ކުޑަ އަވަށަކަށް ނިސްބަތްވެވަޑައިގަންނަވާ ޢިލްމީ ބޭފުޅާގެ ކޮނޑުފުޅުގައި ދުވަހަކުވެސް ތަރިއެއް ނުޖަހައެވެ. އެހެންވީމާ ޢަސްކަރީންނާއި ފުލުހުންނާއި އެނޫންވެސް ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތަކަށް މުރުސީއަކީ ރައީސެއް ނޫނެވެ. އެކަމަށް ކުފޫހަމަވާ ލާއިޤު ބޭފުޅެއް ނޫނެވެ. މުރުސީގެ ތަޤުރީރުތަކުގައި ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ އިރުޝާދުފުޅުތައް ހިމެނޭތީ އެއީ މިސްރުގެ އަލްމާނީ (ސެކިއުލާ) މީހުންނަށް އަޑުއަހަން މާ ފަސޭހަ ތަޤުރީރުތަކަކަށް ނުވެއެވެ. މިޞްރުގެ އުންމީދުތައް މަތިވެ، މިޞްރުގެ އިސްތިޤުލާލަށް މުޅި ޤައުމު އަމާޒު ހިފުމަކީ ޢަރަބި ޣައްދާރުންނަށް ތަހައްމަލުކުރެވޭވަރު ކަމަކަށް ނުވިއެވެ. މިޞްރުގެ މިނިވަން ޖައްވުގައި އިސްލާމީ ފިކުރަށް ކާމިޔާބު ލިބުމަކީ ތިމަތިމާމެންގެ ތަޚުތުތައް ގެއްލިދާނެ ކަމެއް ކަމުގައި ގިނަ ޢަރަބި ލީޑަރުންތަކެއް ޤަބޫލުކުރައްވާން ފެއްޓެވިއެވެ. ޚާއްޞަކޮށް ޚަލީޖުގެ ޤައުމުތަކުގެ ވެރިންނެވެ.
މިޞްރުގެ ޢަލްމާނީން ތުހުމަތުކުރި ގޮތުގައި މުރުސީއަކީ އިޚުވާނުލް މުސްލިމީންގެ މުރުޝިދުގެ އަތްޕުޅުގައި އޮތް އާލާތެކެވެ. އެމަނިކުފާނަކީ ވެރިކަން ކުރެއްވުމުގެ ޤާބިލުކަމެއް ނެތް ބޭފުޅެކެވެ. އެމީހުން ބުނި ގޮތުގައި މިޞްރުގެ ޤާނޫނު އަސާސީއާ ޚިލާފަށް އެމަނިކުފާނު ވަޑައިގަތީ މިޞްރުގައި އިސްލާމީ ކުލަވަރު ޖައްސަވަމުންނެވެ. މާބޮޑަށް ދީނީ ޢިލްމުވެރިންނަށް އިހުތިރާމުކުރައްވައި ޤަދަރުކުރައްވަނީއެވެ. އަދި މާ ގިނައިން ދީނީ ކަންކމަަށް އިސްކަންދެއްވަނީއެވެ. ދިރިއުޅުއްވާ ފުލެޓު ގާތުގައި ހުންނަ މިސްކިތަށް ޖަމާޢަތަށް ފަތިސް ނަމާދަށް ވަޑައިގަންނަވަނީއެވެ. މިހިރީ މިޞްރުގެ ވެރިން އުޅުއްވައިގެންވާނެ ގޮތެއް ނޫނެވެ. މިއީ އަޅުގަނޑު ލިޔާ ވާހަކައެއް ނޫނެވެ. މިއީ އެއިރު މިސްރުގެ ބައެއް ޓީވީ ޗެނަލްތަކުގައި މިސްރުގެ އަލްމާނީން ދައްކަމުންދިޔަ ވާހަކައެވެ.އިސްރާއީލާއި ޑރ.މުރުސީ
ޑރ.މުރުސީއަކީ ހަމައެކަނި ބަސްފުޅުން ފަލަސްޠީނުގެ ޙައްޤުގައި ވާހަކަފުޅު ދެއްކެވި ލީޑަރެއް ނޫނެވެ. ޢަމަލުން މަސައްކަތްކުރެއްވި ލީޑަރެކެވެ. މިޞްރުގެ ޢަސްކަރިއްޔާއަކީ ހުރިހާ ގޮތަކުން އިސްރާއީލާއި އެމެރިކާއާ ގުޅިފައިވާ މުއައްސަސާއެކެވެ. އެހެން ކަމުން މިޞްރުގެ ސައިނާއާ އިންވެގެން އޮންނަ ރަފަޙު ބޯޑަރުގެ ދަށުން ކޮނެފައި ހުރި ހޮހަޅަތައް "ޓަނަލްތައް" ބަންދުކުރަން ޢަސްކަރިއްޔާއިން ބޭނުންވިއެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިޓަނަލުތަކަކީ ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނު ރައްޔިތުންގެ ފުރާނަމުއްތިކުރާ މަގެވެ. ބޭހާއި ކާނާއި ހަތިޔާރު ޣައްޒާއަށް އެތެރެކުރަނީ މިމަގުންނެވެ. މިތަންތަން ބަންދުކުރާން ޢަސްކަރިއްޔާއިން ރައީސް މުރުސީއަށް ފިއްތުން ކުރިމަތިކުރިއެވެ. އެކަމުގައި ހިލާ އެންމެ އިންޗިއެއްވެސް ދޫނުދެއްވައެވެ.
މިހެން މިކަން އޮއްވައި ދެން ކުރިމަތިވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށުމެވެ. މަތިންނާއި ތިރިން ޣައްޒާއަށް އިސްރާއީލުގެ އަނިޔާވެރި ހަމަލާތައް އަމާޒުކުރިއެވެ. އިސްލާމީ އުންމަތް އޮތީ ހަނެވެ. މިޞްރުގެ އަލްއަޒުހަރު މިސްކިތުގައި ބޮޑު ޖަމާޢަތެއް ބާއްވައިވައި މިޞްރު އޮންނާނީ ފަލަސްޠީނާއެކީ ފަލަސްޠީނު ރައްޔިތުންގެ މަދަދުގާރެއްގެ ގޮތުގައިކަން ޑރ.މުރުސީ އިޢުލާނުކުރެއްވިއެވެ. އެތަނުގައި މުރުސީގެ ތަޤުރީރު އަޑުއަހާން އިން އެކަކީ ނިކަމެތި އަޅުގަނޑެވެ. ލޮލުން ކަރުނަ ފޫއްދައިލިއެވެ. އުފަލުންނެވެ.
ވިދާޅުވި ބަސްފުޅާއި ވެވަޑައިގެންނެވި ޢަހުދުކަށަވަރު މަތީ ޑރ.މުރުސީ ދެމިހުންނެވިއެވެ. އެމަނިކުފާނުގެ ބޮޑުވަޒީރު ޑރ.ހިޝާމް ޤިންދީލާއި ވަޒީރުންގެ މަޖިލިހުގެ އިތުރު މެންބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ޣައްޒާއަށް ފޮނުއްވިއެވެެ. ރަފަޙު ބޯޑަރު ހުޅުއްވައި އަނިޔާލިބޭ ފަލަސްޠީނު ރައްޔިތުންނަށް މިޞްރުން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސެވިއެވެ. އިސްރާއީލުގެ ހަމަލާތައް ހުއްޓައިލަންޖެހުނު އެއް ސަބަބު ކަމުގައި މާހިރުން ވިދާޅުވަނީ މިޞްރުން ނިންމި ނިންމުންތަކެވެ. މިޞްރުގެ ބޮޑުވަޒީރު ޣައްޒާގައި ހުންނަވަނިކޮށް ޣައްޒާ ސުންނާފަތިިކޮށް، އޭނާއަށް ގެއްލުމެއް ލިބިވަޑައިގެންފިނަމަ އުފެދޭނެ ބައިނަލްއަޤުވާމީ މައްސަލަތައްވީ އިސްރާއީލު ފަސްޖެހިލަން މަޖުބޫރުކުރުވި އިސްތިރާޖިޔާއަކަށެވެ.ވަރުގަދަ ކެމްޕޭނެއް
މިހައިރުން އެހެން މަންޒަރެއް ފެންނާން ފަށައިފިއެވެ. މިޞްރުގައި ޑރ.މުރުސީއާ ދެކޮޅު ހަރަކާތެއް ބިނާވަމުން އަންނަ ތަނެވެ. ކުރީ ސަފުގައި ތިބީ އަލްމާނީންނެވެ. ދިވެހި ބަހުން ދިވެހިންނަށް ވިސްނޭނެ ގޮތަކަށް ދަންނަވަނީނަމަ، ލާދީނީ މީހުންނެވެ. ޚަރަދުކުރަނީ މިޞްރު ކުރިއެރުމަށް ނޭދޭ ޢަރަބިންނެވެ. ވާގިވެރިވަނީ އިސްރާއީލުންނެވެ. އެކުވެރި އަރަބި އިމާރާތާއި ސަޢުދީ ޢަރަބިއްޔާއާއި އިސްރާއީލުގެ މެދުގައި އޮތް ގުޅުން މިއީ މިހާރު އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ކޮންމެއަކަސް މިތިން ދައުލަތާއި މިސްރުގެ ޣައްދާރުން އެކުވެ ފެށި ހަރަކާތް ކާމިޔާބުކުރިއެވެ.
މިޞްރުގެ އިޤުތިޞާދުގެ ބޮޑު ބައެއް ކޮންޓުރޯލުކުރަނީ އެޤައުމުގެ ޢަސްކަރިއްޔާއިންނެވެ. ޢަސްކަރިއްޔާއިން ދެމުން ދިޔަ ޚިދުމަތްތަކެއް މަޑުޖައްސައިލިއެވެ. ރައީސް މުރުސީގެ އަމުރު މަޢުރޫފެއް ޢަސްކަރިއްޔާގެ މައްޗަށް ނުހިނގައެވެ. މިޞްރުގެ ހުރިހާ މީޑިޔާއެއް ހުރިހާ ވަގުތެއް ހޭދަކުރީ ޑރ.މުރުސީގެ އަނބުރު ކަތިލުމުގައެވެ. އެއް ބަޔަކު ބުނަމުންދިޔައީ މުރުސީއަކީ ތުރުކީ ރައީސް އުރުދުޣާނުގެ ޕަޕެޓެއް ކަމުގައެވެ. އަނެއް ބަޔަކު ބުނަނީ މުރުސީއަކީ ޙަމާސްގެ އެޖެންޓެއް ކަމުގައެވެ. އަނެއް ބަޔަކު ތުހުމަތުކުރީ މުރުސީއަކީ އިސްރާއީލުގެ ޕަޕެެޓެއް ކަމުގައެވެ. އުފެއްދި އިޤުތިޞާދީ ތަދުމަޑުކަމާއި، މީޑިޔާގެ ވަސްވާސްލައިދިނުމާއި، އަލްމާނީންގެ ހީލަތްތެރިކަމާއި، ސަޢޫދީ/އިމާރާތުގެ ފައިސާއިން މީހުންގެ މެދުގައި މުރުސީއާމެދު ނަފުރަތުގެ ހުޅުގަނޑު ރޯކޮށްލިއެވެ.
މަގުމައްޗަށް ރައްޔިތުން ނުކުތެވެ. ނުކުތީ މިޞްރުގެ އާބާދީއަށް ބަލާއިރު، ބޮޑު ބައެއް ނޫނެވެ. އަދި މުރުސީއަށް ތާއީދުކުރާ މީހުންވެސް މަގު މައްޗަށް ނުކުތެވެ. ދެބައިމީހުން މުޒާހަރާގައި ތިއްބައި އަސްކަރިއްޔާއިން މުރުސީގެ ވެރިކަން ނިމުމަކަށް ގެނެސް އެމަނިކުފާނު ރަހީނުކުރިއެވެ. އަނެއް ދުވަހަކީ އަޅުގަނޑުގެ ހަޔާތުގައި އަނިޔާވެރިކަން އެންމެ ކައިރިން ދުށް ދުވަހެވެ. އަދި ޢަލްމާނީންގެ ނިފާޤުކަމާއި ގޮތްކުޑަކަން އެންމެ ރަނގަޅަށް ތަޖުރިބާކުރި ދުވަހެވެ. ރާބިޢާ ކިޔާ ޤާހިރާގެ މައިދާނެއްގައި އެއްވެ ތިބި މުރުސީއަށް ތާއީދުކުރާ މީހުން ތެރެއަށް މިސްރު އަސްކަރިއްޔާއިން ބަޑިޖެހީއެވެ. މީހުން ތިބި ޓެންޓުތަކުގައި އަލިފާން ރޯކޮށް އަންދައިލީއެވެ. އެތައް ސަތޭކަ ބައެއް މަރައި ޤަތުލުކޮށް ތިރިކުރީއެވެ.
އެއްކަލަ އިންސާނީވަންތަ ޢަލްމާނީންތޯއެވެ؟ ތިބީ ހަނެވެ. ބަހެއްވެސް ނުބުނެއެވެ. ދަހިވެތިކަމުގައި މުރުސީގެ ވެރިކަން ނިމުމަކަށް އައުމުގެ އުފާވެރިކަމާއެކު އެލިބުނު މަސްތުގައި އެތިބަ ގޮތަކަށް ތިބީއެވެ. ވެރިކަން ފޭރިގަތީ ޢަސްކަރިއްޔާގެ ވެރިޔާ ޢަބްދުލްފައްތާޙުއް ސީސީއެވެ. މިއަދު މިމީހުންގެ ޙާލަކީ ކޮބައިތޯއެވެ. ގިނަ ބަޔަކު ތިބީ ޖަލުގައެވެ. އަނެއް ބަޔަކު ތިބީ ޤައުމުން ބޭރުކޮށްފައެވެ. އޮފުކެނޑި މަޤުބޫލުކަން ގެއްލި މިއަދަކު އެމީހުންގެ ނަމެއް ބަހެއް އަހާނެ މީހަކު ނެތެވެ. މުރުސީގެ ވެރިކަމުގައި އެމަނިކުފާނަށް ފާޑުކީ ހުރިހާ އަޑެއް މިއަދުވަނީ ކެނޑިފައެވެ. ސީސީއަށް މިސްރު ހިތަކަށް ދީފައެވެ.އުންމީދު ނުނިވޭ
މިޞްރުގެ ޖަލެއްގައި ޑރ.މުރުސީ ދުނިޔެ ދޫކުރެއްވީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ. އެކަނިމާއެކަނި ގިނަކަންޏާ ކުޑަ ގޮޅިއެއްގައި އޮންނެވިތާ އެތައް ދުވަހެއް ވެފައެވެެ. ޖަނާޒާގައި ބައިވެރިވެވުނީ އެންމެ ދެތިން މީހަކަށެވެ. ނަމަވެސް މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމަނިކުފާނުގެ މައްޗަށް ޣައިރު ޙާޟިރުގައި އެތައް ލައްކަ ބަޔަކު ކަށުނަމާދުކުރިއެވެ. ހެޔޮ ދުޢާ ދަންނަވައި ފިރުދައުސުގައި މުރުސީއަށް މަތިވެރި މަޤާމު ދެއްވުމަށް ﷲގެ ޙަޟްރަތުގައި ދެންނެވިއެވެ. މުރުސީ ޖަލުގައި ހުންނެވިއިރު، ކޯޓަށް ގެންދެވޭ ކޮންމެ ދުވަހު ސާބިތުކަމުގެ މިސާލު ދެއްކެވިއެވެ. "އަން ރައީސް މިޞްރު އައްޝަރުޢީ" "އަހުރެންނަކީ މިޞްރުގެ ޝަރުޢީ "ލެޖިޓިމެޓް" ވެރިޔާ" ކަމުގައި ވިދާޅުވުން ހުއްޓަވައެއް ނުލައްވައެވެ.
ޤާޟީއާ މުޚާޠަބުކުރައްވައި ވިދާޅުވީ ޙުކުމްކުރާނެ ގޮތަކަށް ޙުކުމް ކުރުމަށެވެ. މަރަކަށް ބިރެއް ނެތް ކަމުގައެވެ. އަނިޔާވެރިންނާމެދު ޝަކުވާ ދަންނަވާނީ ﷲ ޙަޟްރަތުގައި ކަމަށެވެ. މުރުސީ ދުނިޔެ ދޫކުރެއްވީ ހިތްވަރުގަދަކަމާއި ޢަޤީދާގެ ސާބިތުކަމާއި އީމާންތެރިކަމުގެ ވަރުގަދަކަމުގެ މިސާލެއް ދައްކަވައި އިސްލާމީ ފިކުރަށް ދިރުމުގެ އުންމީދާއި އަލިކަން ގެންނަވަމުންނެވެ.
ނަމަވެސް ޖަލުގައި ހުންނެވިއިރު ކަންބޮޑުވެގެން ފަރަންޖީން ނޫޅެއެވެ. ނޫޅޭ ސަބަބުވެސް ސާފެވެ. ބައެއް މީހުން ކުރި ކުށަކަށް ހައްގު އަދަބެއް ލިބިގެންވެސް ޖަލު ފެންނަ ހިސާބަށް ގެންގޮސްފިނަމަ، އީޔޫއާއި އިނގިރޭސިވިލާތާއި އެމެރިކާއާއި އެނޫންވެސް ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތް ފާޅުވަނީ، ނިސްބަތްވާ ފިކުރުގެ ގޮތުންނެވެ. އިންސާނަކަށްވަނީ އެފިކުރަށް ނިސްބަތްވުމުން ކަމުގައިވާތީއެވެ.
މުރުސީ މިޞްރުގެ ވެރިކަމުގައި ހުންނަވައި މިޞްރަށް ގެންނަވަން ނިންމެވި ތަރައްޤީއާއި ކުރިއެރުން މިޞްރަށް ލިބުނުނަމަހީއެވެ. ފަލަސްޠީނާއި ސޫރިޔާގެ ނިކަމެތިންގެ ޙައްޤުގައި ބަސްވިދާޅުވެ، ޢަމަލުން އެހީތެރިކަމާއި މަދަދުވެރިވާނެ ލީޑަރެއް ހުންނެވިނަމައެވެ. އަހަރު ނުފުރެނީސް، ކަތިލި މުރުސީގެ ކުރު ވެރިކަމަކީ އިސްލާމީ ވެރިކަމެއްގެ ނަމޫނާއެކެވެ. އުފެއްދުންތެރިކަން ނެތިފައި އޮތް މިސްރުގެ އުފެއްދުންތެރިކަން އިޢާދަކޮށް، ކުނި ބުނިން ތޮއްޖެހިފައިހުރި މިޞްރުގެ މަގުތައް ސާފުކޮށް، މިސްރުން ބޭރުގައި ތިބި މިސްރުގެ އިލްމުވެރިން ގައުމަށް ގެންނަވައި އިލްމީ ބޮޑު ދިރިމެއް ގެންނަވަން ފައްޓަވައި، މިސްރުގެ ނިއުކުލިއާ ހަކަތައިގެ މަޝްރޫޢުގެ އަސާސްތައް ބިނާކުރައްވައި، ޤާހިރާ ޔުނިވަރސިޓީގައި ކެންސަރު ބަލި ދިރާސާކުރާ މަރުކަޒެއް ބިނާކުރައްވައި، ޒަމާނީ ޓެކްނޮލޮޖީއަށް މިސްރު އަހުލުވެރިކުރުމުގެ ޕްލޭނެއް އެކުލަވައިލައްވައި، ސުއޭސް ކެނަލް ގާތުން ސައިނާގައި ޞިނާޢީ ބޮޑު ސަރަހައްދެއް ޤާއިމުކުރުމަށް މަސައްކަތްކުރައްވައި، ބޭހާއި ކާބޯތަކެއްޗާއި ހަތިޔާރު މިޞްރުން އަމިއްލައަށް އުފެއްދުމުގެ އުންމީދު މިޞްރަށް ގެނުވި ކުރު ވެރިކަމެކެވެ.
އެވެރިކަން ދިއްލައިދިނީ އަމިއްލަ ޝަޚުޞިއްޔަތާމެދު ފަޚުރުވެރިވާ ޙާލު، އަމިއްލަ ދީނަށް ލޯބިކުރަމުން، އަމިއްލަ އިޢުތިޤާދުގައި ހިފަހައްޓައިގެން، ދީނާއި މިއްލަތް ބައެއްގެ ފައިދަށުގައި ޤުރުބާންނުކޮށް ޤައުމެއް ބިނާކުރެވޭނެ ކަމުގެ އުންމީދުގެ ދަންމަރެވެ. މުރުސީ އަވަހާރަވުމަކުން އެދަންމަރުގެ އަލިކަން ނިވިޔަނުދެއެވެ. ޢަލްމާނީންގެ ޣަދަރުވެރި ޚިޔާނާތަކުން މުރުސީގެ ނަންފުޅެއް، މުރުސީގެ ފިކުރެއް، އެމަނިކުފާނު ރަމްޒުކޮށްދެއްވި ހަރަކާތެއް ވަޅުޖެހިގެން ނުދާނެއެވެ.
މުރުސީގެ ޙަޔާތްޕުޅުގެ ޚުލާޞާއަކީ "ތިޔަބައިމީހުންގެ ޤައުމުގެ ސިންގާތައް އަމިއްލައަށް ކަތިނުލާށެވެ. އެއިރުން ތިޔަބައިމީހުންގެ ޢަދުއްވުންގެ ކުއްތާތައް ތިޔަބައިމީހުން ކައި ހުސްކޮށްފާނެއެވެ!"
މި ލިއުމާއި ގުޅޭ