ނުނިދިގެން: ޝަރުމީލާގެ ކަނދުރާމަތީގައި މުލިއްސެއް!

މުޞްޠަފާ ޢަލީ މަނިކު 26 ޖޫން 2020 15:46
Flowers

ޝަރުމީލާގެ ރީތިކަން އަޖާބެއް ފަދައެވެ. ޝަރުމީލާގެ ބުރުސޫރަ މުއުޖިޒާތެއް ފަދައެވެ. ޝަރުމީލާގެ ދޮންކަން ހަނދެއް ފަދައެވެ. އެހެންވެގެން ޝަރުމީލާގެ ކައިވެންޏަށް އެދޭ މީހުން އިންތިހާ ގިނައެވެ. ކޮންމެ މީހަކު ވެސް ބުނަނީ ޝަރުމީލާގެ ލޯބީގެ ހިޔާވަހިކަމަށް ވަދެވިއްޖެއްޔާ މުޅި އުމުރު ޤުރުބާން ކޮށްލާނީ ޝަރުމީލާއަށް ވަފާތެރިވުމުގައި ކަމަށެވެ.

ޝަރުމީލާގެ ކައިވަންޏަށް ދަހިވެތިވި ޒުވާނުންކުރެ އެކަކު ރަށު މުދިންބެއާ މި ވާހަކަ ދައްކައިފިއެވެ. ޝަރުމީލާ ހުންނަނީ ފަހަކަށް އައިސް މޫނު ބުރުގާ އަޅައިގެންކަމަށް ވާތީ، ސީދާ އޭނާއަށް ލޯބި ހުށަހަޅަން ބައެއް ކުދިން ޖެހިލުންވަނީއެވެ. ދެން އެގޭ މީހުން އެންމެ އިތުބާރު ކުރާ އެގޭ މީހުން ބަލިވީމާ ބޭސްކޮށްލައިދޭ [އޯގާވެރި] މިތުރަކީ މުދިންބެއެވެ. އެހެންވެ މުދިންބެއާ މި ވާހަކަ ދައްކާލީއެވެ.

ޝަރުމީލާގެ ވާހަކަ ހިފައިގެން އެ ގެއަށް ނުދެވި އުޅެނިކޮށް އެހެން ޒުވާނަކު ވެސް އައިސް ހަމަ މި ވާހަކަ ދައްކާލައިފިއެވެ. މި ގޮތަށް ގޮސް އެތައް ބައެކެވެ. އޭގެ ތެރޭގައި ރަށު ގާޒީގެ ދަރިފުޅު ވެސް ހިމެނިއްޖެއެވެ. ކޮންމެ ކުއްޖެއްގެ ގާތު ވެސް މުދިންބެ ބުނަނީ ޚަބަރު ދަބަރު އަހާލައިފައި ޖަވާބެއް ދޭނެކަމަށެވެ.

މުދިންބެ ހިތަށް އެރިއެވެ. މަގޭ ވެސް އެހެރީ އަންހެން ދަރިއެކެވެ. މީން އެކަކު ވެސް އެ ގޮއްޔެގެ ވާހަކައެއް ނުދެއްކިއެވެ. ކޮންމެ މީހަކު ވެސް ޝަރުމީލާގެ ވާހަކައެވެ. ގާޒީގެ ދަރިފުޅު ވެސް ދައްކަނީ ޝަރުމީލާގެ ވާހަކައެވެ. ކިހާ ބޮޑުކަމެއްހެއްޔެވެ؟ މި ގޮތް އަދި ރަނގަޅެއް ނޫނެވެ.

އަނެއް ދުވަހު މުދިންބެ އެ ޒުވާނުންނަށް ޖަވާބު ދޭން ފަށައިފިއެވެ. ބުނަންހެއްޔެވެ؟ ޝަރުމީލާ މޫނު ބުރުގާ އެޅީ ކީއްވެކަން އެނގޭހެއްޔެވެ؟ އޭނާގެ މުޅިގައިގައި ހުންނަނީ ރަތް މުލިހިތަކެއް ނަގައިފައެވެ. އެ މުލިހިތައް ހުންނަނީ ދޮސްގެންގައެވެ. ދުވާވަހުން ވައިއެޅިލަން ނުކެރެއެވެ. އިސާހިތަކު މުދިންބެގެ މި ވާހަކަތަކުން ޒުވާނުންތައް ގަތް ފަކުރުން އޯކާދެމެން ފަށައިފިއެވެ. ބައެއް ކުދީން ހޮޑުނުލީ ކިރިޔާއެވެ.

ކޮންމެޔަކަސް ޝަރުމީލާއަކަށް މި ކަމެއް ނޭނގެއެވެ. އޭނާ މޫނު ބުރުގާ އެޅީ ޤުރުއާން ހިތުދަސްކޮށްފައި ދިރިއުޅުމަށް އޭނާއަށް ފެންނަ ބަދަލެއް ގެންނާށެވެ. އެ ކަމުން އޭނާގެ ހަމުގެ އަލިކަން އިތުރަށް ވީ ރީއްޗެވެ. ފަޖުރުގެ އަލިކަމެއް ފަދަ ދޮންކަމެއް މިހާރު އެ ހަށިގަނޑަށް ލިބިގެންވެއެވެ.

މިހާރު ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިހިރަ ފުލެޓުތަކަށް ވީހެންނެވެ. އެ ފުލެޓުތަކަށް ވަންނަން ބޭނުންވި ދިވެހި ރައްޔިތުންނަށް އެ ތަންތަން ރީއްޗެވެ. އެކަމަކު ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ އަނބިކަންބަލުންނާއި ދަރިކަނބަލުންނާއި ދަރިކަލުންނާއި ބަފައިބޭކަލުންގެ ކުންފުނިން މިހާރު ވިއްކަން އިޝްތިހާރު ކޮށްފައިވާ ފުލެޓުތަކަށް ވުރެ މި ހައުސިންޔުނިޓުތައް ތަނަވަހެވެ. ވަސީލަތް ވެސް ގިނައެވެ. އެ ބޭފުޅުން އިޝްތިހާރުކޮށްފައިވާ ފުލެޓެއްގެ ޖާގައަކީ 500 އަކަފޫޓެވެ. މަހު ކުއްޔަކީ =/16000 ރުފިޔާއެވެ. އަދި ކިޔެއްތަ؟ 400 އަކަފޫޓާއި 300 އަކަފޫޓުގެ ތަންތަން ވެސް ބޮޑު އަގުގައި ވިއްކަން އެހެރީ އިޝްތިހާރު ކޮށްފައެވެ. މީދާ ހޮރެއް ނޫނެވެ. އިންސާނުން ދިރިއުޅޭން ހުރި ހޮރުހޮރެވެ. ނަމަވެސް ރައީސް ޔާމީނުގެ ސަރުކާރުން ރައްޔިތުންނަށް އަޅައިދެއްވި ހައުސިން ޔުނިޓުގައި 575 އެބަ ހުއްޓެވެ. މަހުކުއްޔަކީ އެންމެ =/5500 ރުފިޔާއެވެ. ވީމާ ޖާގަ ބޮޑުވެފައި އެތައް ތަނަކުން އަގުހެވީއެވެ. ރައީސް ސޯލިހުގެ އާއިލީ ވިޔަފާރީގެ ކުންފުނިން ހުޅުމާލޭގައި ވިއްކަމުން އެދާ ޔުނިޓުތަކުގެ އަގަށް ވުރެ މާ ބޮޑުތަނުން އަގުހެވިއްޔެވެ. ދެން އެ ހެއްދެވި ގޮތަކީ އަގު ބޮޑުކޮށްލީއެވެ. 11000 އަށް ޖައްސާލީއެވެ. އަދި އެންމެ ފަހުން އެއްކަލަ ހައުސިން ޔުނިޓަށް އެދޭ ފަރާތްތަކަށް އެންގެވީ ތަށިމުށްޓެއް ދޮރެއް ވެސް ނުހުންނާނެކަމަށެވެ. އެކަމަކު ފުރަތަމަ ކުރެހި ޕްލޭނާ އެއްގޮތަށް ސަރުކާރުން އެތަން ނިންމަވާލެއްވި ނަމަ ތަށިމުށްޓާއި ދޮރާއި އެނދުއަށްޓާއި ކަބަޑު ސެޓުގެ އިތުރަށް ޓީވީ ވެސް ހުންނާނީ ހަރުކުރެވިފައެވެ. ރައްޔިތުން ވަންނާނީ ފުރާފުރިހަމަވެފައިހުރި އާރޯތަނާ ސާމާނުގެ ޒަމާނީ ހިޔަލަކަށެވެ. ނަމަވެސް 7000 އާއިލާއިން މި ތަންތަނަށް ބަދަލު ވެއްޖެ ނަމަ، ޝަރުމީލާގެ މައްސަލައިގާ މުދިންބެއަށް ވިސްނުނު ގޮތަށް އެހެން މީހަކަށް އޭގެ ފައިދާ ވެދާނެއެވެ. އެހެންވީމާ ޝަރުމީލާގައި ހުރީ ހުސް މުލިހިކަމަށްވެގެން ނިމުނީއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކަސަބު
ވަރަށް ފައްކާ ލިޔުމެއް! ލިޔުންތެރިޔާއަށް ސަތޭކަ ފަހެއް! ހިނިއައިސްގެން މޫޑުވެސް ރަނގަޅުވެއްޖެ!
ޔައު
މީ ކޮންފަަދަ ކަމެއް
ހިބަރު
ވަރަށް ފައްކާ މިވާހަކަ
އިންތި
ކިޔާނިމުނު އިރުވެސް ފާޒިލްގެ ވާހަކައެއް ނައި. އެހެންވެ ދެން ފޫހި
ޢަބުދުއްލަތީފު
މިފަދަ ލިޔުންތައް ލިޔެގެން ފިތުނަ އުފެއްދުމަކީ ލިޔުނތެތީންގެ ޒިންމާ އަށް އިހުމާލުވުން
ޙަޖަމް
ކަން އޮތްގޮތް ބަޔާން ކުރީމަ ކަމުނުދިޔައީތޯ