ވަބާގެ ހިޔަލުގައި: ހުޅަނގުގެ މުފައްކިރުންނާއި ފަލްސަފާވެރިންގެ ބައެއް ވިސްނުންފުޅު

ޝިފްޒާން އަހްމަދު 21 ޖޫން 2020 16:45
Flowers
އިހުގައި ބަލިމަޑުކަމެއްގެ މަންޒަރު ފެންނަ ކުރެހުމެއް

އިންސާނީ ތާރީޚުގައި އިންސާނީ ހަރަކާތުގެ މިސްރާބު ބަދަލުކޮށްލި އަދި ބަދަލުކުރާ ކަންކަމުގެ ތެރެއިން އެންމެ ވަރުގަދަ އެެއް ކަމަކީ ވަބާއާއި ބަލިމަޑުކަމެވެ. އެގޮތުން ވަބާއާއި ބަލިމަޑުކަމުގެ ހިޔަނީގައި އިންސާނީ ޙަޟާރަތުގެ މިސްރާބު ބަދަލުވެ، މުޖުތަމަޢުތަކާއި ސިޔާސަތުތަކާއި އިޤުތިޞާދުތައް އެފުށް މިފުށަށްޖެހިފައިވެއެވެ. އަދި އައު ފިކުރުތަކާއި ފަލްސަފާތައް އުފަންކުރުމުގައިވެސް ވަބާގެ ދައުރު ބޮޑެވެ. ކޮރޯނާވައިރަސްގެ ވަބާ ފެތުރިޔަ ނުދިނުމަށް އަޅަންޖެހުނު ހަރުކަށި ފިޔަވަޅުތަކާއެކު، މިވަބާއީ ކާރިސާއަކީ، ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ މައްޗަށް ބާރު ހިންގި ފިކުރުތަކަށް ކުރިމަތިވި ވަރުގަދަ އިމްތިޙާނަކަށްވެއްޖެއެވެ. 

އެއާއެކު ކުރިއްސުރެ ފެތުރިފައިވާ ބައެއް ފިކުރުތަކަށް ފާޑުކިޔުމުގެ ނަޒަރަކުން ބަލާން މަޖުބޫރުވެއްޖެއެވެ. އަދި ބައެއް މުފައްކިރުންނާއި ފަލްސަފާވެރިންނަށް އެމީހުންގެ އަމިއްލަ ފަލްސަފާއާއި ފިކުރުތަކާމެދު ނަޤުދީ ނަޒަރަކުން ބަލާން ޖެހިއްޖެެެވެ. ކުރިން ދުވަހަކުވެސް އިންސާނީ މުޖުތަމަޢެއް ދެކެފައިނުވާ މިންވަރުގެ ބަދަލުތަކާއި ހަމަނުޖެހުންތަކުގެ ތެރެއަށް ޣަރަޤުވެފައިވާ މިޒަމާނުގެ އިންސާނީ މުޖުތަމަޢުތަކާއި، ހުޅަނގުގެ ޙަޟާރަތުގެ މުސްތަޤުބަލާމެދު ހުޅަނގުގެ މުފައްކަރުންގެ ވިސްނުން ހުރި ގޮތް ހާމަކުރާން މިދަނޑުވަޅުވެގެންދިޔައީ ރަނުގެ ފުރުޞަތަކަށެވެ. 

ވައިރަސް 

ގިނަ ބައެއްގެ މެދުގައި ޖަދަލާއި ޚިޔާލުތަފާތުވުންތައް އުފައްދާ ސްލޮވޭނިއާ ފަލްސަފާވެރިއެއް ކަމުގައިވާ ސްލޮވާޖް ޖިޖެކް ވައިރަސް ނަމުގައި ފޮތެއް ލިޔުއްވައި އޮންލައިންކޮށް ޝާއިޢުކުރައްވައިފިއެވެ. އެފޮތުގައި އޭނާ ބުނެދީފައިވަނީ މިވަބާގެ ސަބަބުން އަހަރުމެންގެ ސިކުނޑިތަކަށް ކޮށްފައިވާ އަސަރުތަކުގެ ވާހަކައެވެ. އަދި މިފަދަ ޙާލަތެއްގައި އެކަށީގެންވާ ނަތީޖާ ނެރުމަށް ޤާބިލުނޫން އިޖުތިމާޢީ އިޤުތިޞާދީ ނިޒާމަށް މިވައިރަހުން ކުރި އަސަރެވެ. އޭނާ އެފޮތުގައި ލިޔެފައިވަނީ މިވައިރަހާ ގުޅިގެން އިޢުލާނުކުރެވިަފއިވާ ކުއްލިނުރައްކަލުގެ ޙާލަތްތަކާއި ފުރަބަންދުތައް ދިގުލައިގެން ހިނގައްޖެނަމަ އެކަމުގެ ސަބަބުން އައު ޚުދުމުޚުތާރުކަމެއް ފެންމަތިވެ އެއަށް ގިނަ ބަޔަކު އާދަވެދާނެ ކަމުގައެވެ. 

އަދި ދިގުދެމިގެން ދަނިވި ކުއްލި ނުރައްކަލުގެ ޙާލަތުތަކާއި ކާފިއުތަކުގެ ކުރިމަތީގައި ސާބިތުވުމާ ގުޅޭ ގޮތުންވެސް ޖިޖެކް ލިޔެފައިވެއެވެ. އެގޮތުން އޭނާ ބުނެފައިވަނީ އަހަރުމެން މިހާރު ކަނޑައްތުކުރަމުންދަނީ އިސްތިސްނާއީ ޙާލަތެއް ކަމުގައެވެ. އަދި މިހާލަތުން އަހަރުމެންގެ އެންމެ ރަނގަޅު ކަންކަމާއި އެންމެ ނުބައި އަދި އެންމެ ނޭދެވޭ ކަންކަން ކަޝްފުވެ ސާފުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އޭނާ ބުންޏެވެ. އެންމެ ރަނޅު ގޮތަކީ މިހަމައެއް ނެތުމުގެ ކުރިމަތީގައި އެކީ ހާވިޔާނުވާނެ ކޮންމެވެސް އެއް ރޫޓީނެއް (ކަންކުރާ ދާއިމީ އެއް ގޮތެއް) ޚިޔާރުކުރުން ކަމުގައި ވެދާނެ ކަމަށް އޭނާ ލިޔުނެވެ. 

ފަރަންސޭސި ޖަދަލެއް

ކޮރޯނާ ވައިރަސް ވަބާ ހުޅަނގަށް ވެރިވެގެން ދިޔައިރު ފަރަންސޭސިވިލާތަކީ މިވަބާގެ އަސަރު އެންމެ ބޮޑަށްކުރި އެއް ޤައުމެވެ. އަދި ފަރަންސޭސިވިލާތަކީ މިވަބާއާ ކުރިމަތިލުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ކުރީ ސަފުގައި ހަރަކާތްތެރިވާ ޤައުމެކެވެ. ހަމައެހެންމެ މިކާރިސާގެ ތެރޭ ފަރަންސޭސި ޢިލްމުވެރިންނާއި މުފައްކިރުންވަނީ ވަރަށް ގިނަ ބަހުސްތައް ހިންގައި ޚިޔާލު ފާޅުކޮށްފައެވެ. 

ފަރަންސޭސި ފަލްސަފާވެރިޔާ ބްރޫނޯ ލާޓޫރް ރައްކާތެރިވުމުގެ މަބްދައު "ޕްރިކޯޝަނަރީ ޕްރިންސިޕަލް" ހަނދާން ކޮށްފިނެވެ. ޢުމުރުން 90ގެ އަހަރުތައް ގުނަމުންދާ އިޖުތިމާޢީ އިލްމުވެރިޔާ އަދި ފަލްސަފާވެރިޔާ އެޑްގާ މޯރިންވަނީ "ފައިދާ ހޯދުމަށް އަންނަ ކުއްލި ހިއްވަރާއި ޖޯޝާ"މެދު އިންޒާރުކުރިއެވެ. ފަލްސަފާގެ ތާރީޚުގެ މާހިރު އަންޑްރޭ ކޮމްޓޭ-ސްޕޯންވިލު އިންޒާރުކުރެއްވީ މުޅިން ތަފާތު ކަމަކާމެދުގައެވެ. އެއީ އަޚުލާޤީ ނިޒާމުގެ މަޤާމަށް ސިއްހީ ނިޒާމު އަތުވެދާނެ ކަމުގަ އިންޒާރެވެ. 

ފަރަންސޭސި ލިޔުންތެރިޔާ މިޝެލް އޮންފްރޭ ވަނީ ވަރުގަދަ ބަހުސްތަކާއި ޖަދަލުތައް އޭނާ ލިޔުނު ލިޔުއްވުންތަކުން އުފަންކުރުވާފައެވެ. އޭނާ ބުނި ގޮތުގައި މިކޮރޯނާ ވައިރަހާއެކު ޔަހޫދީ-މަސީޙީ ޙަޟާރަތުގެ ނިމުމަކަށް އައުމުގެ އައު މަރުހަލާއެއް ފެށިގެންދާނެއެވެ. އޭނާގެ ފޮތުގައި ބުނެފައިވަނީ މިވައިރަހަކީ ހުޅަނގުގެ ޔަހޫދީ-މަސީޙީ ޙަޟާރާތް ވީރާނާވެ ފަނާވުމުގެ މަރުހަލާތައް އަވަސްކޮށްދޭ ކަމަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އަދި ޔޫރަޕަކީ މުޅިން އައު ތިންވަނަ ދުނިޔެއެއް ކަމުގައިވެސް އޭނާ ސިފަކުރިއެވެ. ހަމައެހެންމެ ނިއޯ ލިބެރަލް ސިޔާސަތުތައް ބަލިކަށިވުމާއި ކޮރޯނާ ވައިރަސް ފެތުރުމާ ދިމާވުމަކީވެސް "އައު ތިންވަނަ ދުނިޔެއަކަށް ޔޫރަޕު ބަދަލުވާނެ" ސަބަބެއް ކަމުގައި އޭނާ ބުނެފައިވެއެވެ. 

އަނެއްކޮޅުން އިޖުތިމާޢީ ޢިލްމުވެރިޔާ މޯރިން ޤަބޫލުކުރާ ގޮތުގައި ބަވަނަވުންވަނީ މުޅި ދުނިޔެ ބޮޑު ބާޒާރެއް ކަމުގައި ހަދާފައެވެ. ބައްރުތަކުގެ މެދުގައި ހުރި ދުރުމިން ގާތްކޮށްދިން ޓެކްނޮލޮޖީގެ މިކުރިއެރުމާއެކު އައި މިބަދަލާ ގުޅިގެން ރައްޔިތްތަކުގެ މެދުގައި ފުރިހަމަ މުހާވަރާ (ޑައެލޮގެއް) ހިނގުމަށް ޖާގަ ތަނަވަސްވެފައި ނެތް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިފަދައިން ބައްރުތައް ގާތްވުމާއެކު ކޮންމެ ބަޔަކުވެސް، އިހުނަށްވުރެ ގަދައަށް، އެބައެއްގެ ޝަޚުޞިއްޔަތު (އައިޑެންޓިޓީ)ގައި ކޮލުދަތުން ހިފައިގަތް ކަމަށާއި، އެއާއެކު "ނުރައްކާތެރި" ޤައުމިއްޔަ ފިކުރުތައް ހުރިހާ ޤައުމަކުން ފާޅުވާން ފަށާފައިވާ ކަމުގައި އޭނާ ބުނެފައިވެއެވެ. 

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އަހަރުމެން ދިރިއުޅެމުން މިދާ ބޮޑު ބާޒާރުގެ ތެރެއިން، ތަފާތު ޤައުމުތަކުގެ މީހުންގެ މެދުގައި އުޚުއްވަތްތެރިކަމުގެ ކަންފުޅެއްވެސް އުފަންވެފައި ނެތެވެ. ނަމަވެސް މުސްތަޤުބަލާމެދު ބިރުގަނެ ނާމާންކަމުގެ އިހުސާސެއް މިބާޒާރުން އުފަންކުރުވިއެވެ. ކޮރޯނާ ވައިރަސް އައިސް ކުރި ކަމަކީ މިތަފާތުތައް ތިލަކޮށް އެންމެނަށް ސާފުވާނެހެން ފެންނާނެ ގޮތް ހެދީއެވެ. އޭނާ ބުނި ގޮތުގައި މިހާލަތުގަިއ އޭނާގެ ހަނދާނަށް އަންނަނީ 1930ގެ އިޤުތިޞާދީ ތަދުމަޑުކަމާއި، އެތަދުމަޑުކަމުގެ ތެރޭގައި ޖަރުމަނާއި އިޓަލީ ފަދަ ޤައުމުތައް ޤައުމީ ހަރުކަށި ފިކުރަށް ދިޔަ ގޮތެވެ.

އެމެރިކާގެ ފާޑުކިޔުމެއް 

އެމެރިކާގެ ފައިދާއެއް ނުލިބޭ ގޮތަށް މަސައްކަތްކުރާ ނޫސް ވެބްސައިޓު ޓްރޫތް އައުޓަށް ދެއްވި ބަސްދީގަތުމެއްގައި އެމެރިކާގެ މަޝްހޫރު މުފައްކިރު އަދި ލިންގުއިސްޓިކްސް ޢިލްމުވެރިޔާ ނޯމް ޗޮމްސްކީ ވިދާޅުވީ އެމެރިކާއަށް ކޮރޯނާ ވައިރަހާ ކުރިމަތިލުމުގައި ލިބުނު ނާކާމިޔާބުގެ ފަހަތުގައިވަނީ ލިބްރާލީ ރައުސްމާލިއްޔަތު (ލިބެރަލް ކެޕިޓަލަޒަމް) ކަމުގައެވެ. 

އަދި އެމެރިކާއަށް ބަލި އަންނާނެ ކަން އެމެރިކާއިން ބަލި ފެނުމުގެ މާކުރިން އެނގިފައި އޮތް ކަމަށާއި އެހެންނަމަވެސް މިފަދަ ޙާލަތަކާ ކުރިމަތިލުމަށް ފުރިހަމަކޮށްފައި ހުންނާންޖެހޭ އިޖުރާއާތުތައް (ޕްރޮސީޖާސް) އެމެރިކާގައި ފުރިހަމަނުވެ ހުރީ އެމެރިކާގެ އިޤުތިޞާދީ ނިޒާމަކީ ކުރިއަށް އޮތްތަނުގައި މެދުވެރިވެދާނެ ކާރިސާއަކުން މިންޖުވުމަށް އަހަންމިއްޔަތުކަން ދޭ ނިޒާމަކަށް ނުވާތީ ކަމުގައި ޗޮމްސްކީ ވިދާޅުވިއެވެ.

އެމެރިކާގެ އެތެރޭގެ އަދި ބޭރުގެ ސިޔާސަތުތަކަށް ވަރަށް ގަދައަށް ފާޑުވިދާޅުވާ ޗޯމްސްކީ ވިދާޅުވި ގޮތުގައި މިކުރިމަޔިވި ކާރިސާއާ ކުރިމަތިލުމުގައި އެންމެ ދަށް ފަންތީގެ ރެކޯޑެއް ޤާއިމުކުރީ އެމެރިކާއިންނެވެ. މިފަދަ ބަލިމަޑުކަމެއް އަތުވެދާނެ ކަމުގައި ބުނެ ޢިލްމުވެރިން އެތައް އަހަރެއް ކުރިން ފަށައިގެން އިންޒާރުދެއްވި ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން 2003 ވަނަ އަހަރު އޭޝިޔާގައި ފެތުރުނު ސާސް ބައްޔާއެކު އެމެރިކާގެ ދިފާޢީ އަދި ހަރަކީ ނިޒާމުތައް ހަރުދަނާކުރުމަށް ސައެންސްވެރިން ގޮވިނަމަވެސް އެކަމުން ލިބޭ ނަފާއަކީ އެވަގުތު ލިބޭ ނަފައަކަށް ނުވުމުން އެކަންކަން އިހުމާލުކޮށްލީ ކަމަށްވެސް އޭނާ ތުހުމަތުކުރައްވައެވެ. 

އޭނާ އިތުރަށް ވިދާޅުވީ ބާޒާރުގެ އިޝާރާތްތައް ސާފު ކަމުގައެވެ. މުސްތަޤުބަލީ ކާރިސާއަކުން މިންޖުކުރުމަކީ ވަގުތުން ނަފާ ލިބޭ ކަމަކަށް ނުވެއެވެ. ސަރުކާރުން ވަދެ ކަންކަން ހައްލުކުރެވުނީސް ކަމުގައާއި ނަމަވެސް ރައުސުމާލީ ވެރިކަމުގައި ސަރުކާރުން ބާޒާރަށް ތަދައްޚުލުވުމަކީ މައްސަލައެއް ކަމުގައި ދެކޭ ކަމަށާއި މިކަމުގެ ސަބަބުން ޤަރާރު ނެގުމާއި ގޮތް ނިންމުމުގެ ހުރިހާ ބާރެއް ވިޔަފާރީގެ ދުނިޔެއަށް ދޫކޮށްލެވޭ ކަމުގައިވެސް ޗޮމްސްކީ ވިދާޅުވިއެވެ. 

އޭނާގެ އަމިއްލަ ބްލޮގުގައި ޝާއިޢުކުރެއްވި ލިޔުމެއްގައި އެމެރިކާގެ ފަލްސަފާވެރިޔާ ގްރެގޮރީ ފާނެންޑޯ ޕާޕާސް ލިޔުއްވާފައިވަނީ މިހާރު ކުރިމަތިވެފައިވާ ކާރިސާއަކީ މިޒަމާނުގެ މުޖުތަމަޢުގައި ފުން ބަދަލުތަކެއް ގެންނަން ޖާގަ ހޯދައިދޭ ކަމެއް ކަމުގައެވެ. ނަމަވެސް އެއާއެކު އޭނާ ވިދާޅުވީ ބާރަށް ލޯބިކުރާ މީހުންނާއި ވިސްނުން ފަހަތަށް އަނބުރާލާ މީހުންނާއި، ވިސްނުމުގެ އުދަރެސް ހަނި މީހުންނަށްވެސް މިއީ އެމީހުންގެ ވިސްނުން ފަތުރައި އަސަރު ފޯރުވަން ލިބޭ ޖާގައެއް ކަމުގައެވެ.

އަޅުގަނޑުގެ މިލިޔުމުގެ ބޭނުމަކީ ހުޅަނގުގެ ބައެއް ފަލްސަފާވެރިންގެ ޚިޔާލާއި ވިސްނުން ހުށަހަޅައި ލިޔުމެވެ. ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން އެހުރިހާ ފަލްސަފާވެރިންނާއި މުފައްކިރުން އެއްބަސްވާ ކަމެއް އެބަ އޮތެވެ. ދުނިޔޭގެ އިޤުތިޞާދީ އިޖުތިމާޢީ އަދި ސިޔާސީ ނިޒާމުގައި މައްސަލަތައް ހުރި ކަމެވެ. އެމައްސަލަތަކާމެދު އެއްބަސްނުވެވުނަސް މައްސަލަ ހުރިކަން އެންމެން ޤަބޫލުކުރެއެވެ. މައްސަލައާމެދު އެއްބަސްނުވެވޭއިރު އަމުދުން މައްސަލައިގެ ހައްލާމެދު އެއްބަސްވެވޭނެ ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު
ނުރަބޯ
ވަރަށް ފުރިހަމައަށް މޮޅަށް ދިވެހިބަހަށް އިސްކަން ދީގެން ލިޔެފައިވާ ލިޔުމެއް.