ކޯލިޝަން: އިބްރާހިމް މުހައްމަދު ސޯލިހް

އިސްމާއިލް އަހްމަދު 20 ޖޫން 2020 22:10
Flowers
ރައީސް ސޯލިހް އަދި އަބްދުﷲ ޝާހިދު. ފޮޓޯ:ރައީސް ސޯލިހް

އިބްރާހީމް މުހައްމަދު ޞާލިޙްއަކީ މިވަގުތު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއެވެ. ރައީސް ޞާލިޙް މިމަޤާމަށް އައުމަށްޓަކައި މަގުކޮށިގޮތާއި މިމަޤާމަށް ވަޑައިގަތް ގޮތް އެންމެ ރަނގަޅަށް ދެނެވޮޑިގެންވާނީ ﷲ ސުބުހާނަޙޫ ވަތަޢާލާއެވެ. އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުއަށް ތާޢީދުކުރާ ފަރާތްތަކާއި އަސްލު އެމްޑީޕީއޭ މިކިޔާ ފަރާތްތަކެވެ. ނޫނީ ރައީސް ނަޝީދުގެ ފަލްސަފާތަކަށް ފުރިހަމައަށް ތާޢީދުކުރާ ފަރާތްތަކެވެ. ރައީސް ޞާލިޙް ވެރިކަމަށް ފައިނެގި ހިސާބަކީ ޢަބްދުﷲ ޝާހިދުއާ ގުޅި ގުޅުން ބަދަހިވި ހިސާބުންނެވެ. މިގުޅުން މިހާ ބޮޑުވި އެއްސަބަބަކީ ރައީސް ނަޝީދު އަމިއްލައަށް އަރުވައިލެވިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދިއުމެވެ. އަދި އެމްޑީޕީއާ ދުރުގައި ހުންނަން ޖެހުމެވެ. ރައީސް ޞާލިޙްއަކީ އޭރުގެ އެމްޑީޕީ ޕާލަމެންޓް ގްރޫޕްގެ ލީޑަރެވެ. ޢަބްދުﷲ ޝާހިދުއަކީ އެމްޑީޕީ ޕާލަމެންޓް މެންބަރެކެވެ. އެހެންވެ އެވަގުތު އިދިކޮޅުގައި އޮތް ޕާޓީއަކީ އެމްޑީޕީއަށް ވެފައި، ދުވަހުން ދުވަހަށް އެމްޑީޕީ ހިންގުމާ މަޖިލިސްގައި ނަގަންޖެހޭ ޑިސިސަންތައް ޢަބްދުﷲ ޝާހިދު ދަނީ ރައީސް ޞާލިޙް ލައްވައި ނަންގަވަމުންނެވެ.

ރައީސް ޞާލިޙްއަކީ އެމްޑީޕީ ތެރޭގައި ބަސްވިކޭ މަޤްބޫލް  ބޭފުޅެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭ އެކަކީ ޢަބްދުﷲ ޝާހިދުއާއި ޢަބްދުﷲ ޝާހިދުއަށް ތާއީދުކުރާ ބޯގަންވިލާގޭ ބޭފުޅުންނާއި އޭނާއާއެކު ޑީއާރުޕީގައި އުޅުނު އެކުވެރިންތަކެވެ. މިގާތް އެކުވެރި ރަޙްމަތްތެރި ކަމުގައި ޢަބްދުﷲ ޝާހިދުއަށް އެނގުނު ކަމަކީ ރައީސް ޞާލިޙްގެ ނާޤާބިލްކަމާއި ކަންނެތްކަމާއި ހިންގުންތެރިކަމެއް ނެތްކަމެވެ. މިސިފަތައްވީ ޢަބްދުﷲ ޝާހިދުއަށް ނުހަނު ބޭނުންތެރި ސިފަތަކެއްގެ ގޮތުގައެވެ. ޢަބްދުﷲ ޝާހިދުގެ ސިޔާސީ ހިކުމަތްތެރި ވިސްނުމުގެ ސަބަބުން އަބަދުވެސް ވިސްނިފައިއޮތް ހަޤީޤަތަކީ ރައީސް ނަޝީދު ވެރިކަމަށް އައިސްފިނަމަ ޢަބްދުﷲ ޝާހިދު ބޭނުންވާ އާރާއި ބާރު ލިބިގެން ނުދާނެކަމެވެ. އަދި އޭނާގެ ހުވަފެނީ މަންޒިލަށް ދުވަހަކުވެސް ނާދެވޭނެކަމެވެ. އެހެންކަމުން ޢަބްދުﷲ ޝާހިދު ބޭނުންވާ މަންޒިލަށް ދެވެންއޮތީ ރައީސް ޞާލިޙްގެ ބޭނުން ރަނގަޅަށް ހިފައިގެންނެވެ. އެގޮތުން ޢަބްދުﷲ ޝާހިދުގެ "ހިޔަޅު" ވިސްނުމުގެ ބޭނުން ހިފައިގެން ރައީސް ޞާލިޙް ދުނިޔެ އުމުރަށް ޢަބްދުﷲ ޝާހިދުގެ ކިބައިން ސަލާމަތް ނުވެވޭވަރުގެ މަޅިއެއްގައި ވަރަށް ރަނގަޅަށް ޖެއްސުވިއެވެ. މިކަމުގައި ޢަބްދުﷲ ޝާހިދުގެ އެންމެ ބޮޑު ވާގިވެރިއަކީ މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި މިހާރުގެ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމްއެވެ. މިދެބޭފުޅުންގެ މޭސްތިރިކަމުގައި ރޭގަނޑެއްގެ ވަގުތެއްގައި ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބްގެ އަތުން ރައީސް ޞާލިޙް ލައްވައި އަދީބް ބޭނުންވާގޮތަށް އެމްޑީޕީގެ މެމްބަރުންގެ ވޯޓް މަޖިލިސް ތެރެއިން ލިބޭނެކަމަށް ވައުދުވެ ނެންގެވިއެވެ. އަދި މިފައިސާ އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ވަރަށް ގިނަ ބަޔަކަށް ބައްސަވައި މިމަޅީގައި އެބޭފުޅުންވެސް ޖެއްސެވިއެވެ. ޢަލީ އާޒިމް އޭނާގެ އަންހެނުންގެ ގެ 10 ބުރިއަށް ހެއްދެވީ މި ކަޅު ފައިސާއިންކަމަށް ވަރަށް ގިނަ ބަޔަކު ކިޔާ އުޅެއެވެ. މި ހިސާބުން ރައީސް ޞާލިޙްގެ ފުރިހަމަ ކޮންޓްރޯލް ޢަބްދުﷲ ޝާހިދުއަށް ލިބި ރައީސް ޞާލިޙް ކޮންޕްރޮމައިޒްވީއެވެ. މިއާއެކު ރައީސް ޞާލިޙް ވެރިކަމަށް ނެގުމުގެ މަސައްކަތް ޢަބްދުﷲ ޝާހިދުއާއި އޭނާގެ ސިޔާސީ ބައިވެރިން ފެށިއެވެ. މިކަމުގައި ޢަބްދުﷲ ޝާހިދުއާއި އޭނާގެ މިތުރުން އެންމެ ބޮޑަށް ބޭނުންކުރެއްވީ ރައީސް ޞާލިޙްގެ ނާޤާބިލްކަމެވެ. ރައީސް ޞާލިޙްގެ މަޑުމައިތިރިކަމާއި، ބަސްމަދުކަމާއި، އިލްމީ ނިކަމެތިކަމާއި، މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރުގެ ދިގު ދަތުރުގައި ހާޞިލްކުރެވުނު ކަމެއްނެތުމާއި، އެއްވެސް އިރެއްގައި ސަރުކާރުގެ ވުޒާރާއެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާއެއް ލިބިފައިނެތުމާއި، އަދި އަމިއްލަ އެއްވެސް ހިންގުންތެރި މަސައްކަތެއްގައިވެސް ނޫޅުމާއި، އެއްވެސް ޒިންމާދާރު ވަޒީފާއެއް އަދާކޮށްފައިނެތުން، މިސިފަތަކަކީ ރައީސެއްގެ ކިބައިގައި ހުންނަން ވަރަށް ރަނގަޅު ސިފަތަކެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދުއާއި އޭނާގެ ބައިވެރިން ކޯލިޝަން ޕާޓްނަރުންނަށް ވިސްނައިދިނެވެ. މި ސިފަތަކަކީ ޤާބިލް ސިފަތަކެއް ނޫންކަން އެނގޭއިރުވެސް އަމިއްލަ އެދުމުގެ ބޮޑުކަމާއެކު ރައީސް ޞާލިޙްއާ ކޯލިޝަން ޕާޓްނަރުންނާ އަތާއަތް ގުޅުވައިދިނެވެ.

ރައީސް ޞާލިޙް އިންތިހާބު ކާމިޔާބު ކުރެއްވުމާއެކު ރައީސް ނަޝީދު މާލެ ވަޑައިގެންފިއެވެ. މިއާއެކު ރައީސް ނަޝީދު އެމްޑީޕީ ހިންގުމުގައި މަސްއޫލުވެރިވާން ފަށައިފިއެވެ. މި މަސްއޫލުވެރިކަމުގައި އެންމެ ބޮޑަށް އިހްސާސްކުރެވުނީ އަމިއްލައަށް އުފައްދާ ފައްކާކުރި ޕާޓީގެ ކޮންޓްރޯލް ކުރީގައި އޮތްވަރަށް ނެތްކަމެވެ. ރައީސް ޞާލިޙްގެ ވެރިކަމުގެ ހުވައާއިއެކު އެކުލަވައިލި ވަޒީރުންގެ މަޖިލިސް އެކުލަވައިލެއްވީ ކޯލިޝަންގެ މެދުގައި ނަޝީދުއާނުލާ ކުރެވުނު ސައްލާތަކާއި އެއްގޮތަށް ވެވުނު އެއްބަސްވުމާއި އެއްގޮތަށެވެ. ރައީސް ނަޝީދު އެންމެ ގަޔާވާ ގޮތަކަށް ނޫނެވެ. އަދި މިއުޞޫލުން އެކުލަވައިލެވުނު ވަޒީރުންގެ މަޖިލީހަށް ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ ވަރަށް ބޮޑެތި ފާޑުކިޔުމާއި ނުރުހުން އަމާޒުވިއެވެ. އެއާއެކު ކުރިއަށް އޭރުއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ރައީސް ނަޝީދުއާ އޭނާގެ ބައިވެރިން ޕާޓީގެ ތެރެއިން މަސައްކަތް ފެށިއެވެ. ނަމަވެސް މަޖިލިސްއަށް ކުރިމަތިލުމަށް ބޭއްވުނު އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ނަޝީދުގެ އަރިސް އެތައް ބޭފުޅުން ނުހޮވި ފޭލިވެގެން ދިޔައީއެވެ. މިއާއެކު އަނެއްކާވެސް އިތުރަށް އިހްސާސް ކުރެވުނީ ޕާޓީގެ ތެރެއިން ބާރު ދަށްވާކަމެވެ. މިކަމުގެ ނުރުހުމާއިއެކު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ވެފައިވާ މަޖިލިސް އިންތިހާބަށް ގުޅިގެން ކުރިމަތިލުމުގެ ވަޢުދާ ހިލާފްވާން ފެށިއެވެ. މިކަން ޢަބްދުﷲ ޝާހިދުއާއި ރައީސް ޞާލިޙް ކޯލިޝަންގެ ބައިވެރިންނަށް ވިއްކީ ރައީސް ނަޝީދު ކުރައްވާ ކަމެއްގެ ގޮތުގައެވެ. ރައީސް ޞާލިޙް ބޭނުންފުޅުވެގެން ކުރައްވާކަމެއްނޫން ގޮތުގައި ކޯލިޝަންގެ ބައިވެރިންނަށް އެކަން ޤަބޫލުވެސް ކުރެވުނެވެ. މިބޭފުޅުންގެ އެދުމަކީވެސް ގިނަ ގޮޑިތަކެއް އެމްޑީޕީއަށް ލިބިގެން ދިއުމެވެ. އަދި މިގޮތުން މަޖިލިސް އިންތިހާބްގައި ބޮޑު އަޤްލަބިއްޔަތެއް އެމްޑީޕީއިން ނެގިއެވެ. މިއާއެކު މަޖިލިސް ރައީސް ހޮވުމުގައި ރައީސް ޞާލިޙްއާއި ޢަބްދުﷲ ޝާހިދުގެ އަސްލު ބާރު ފާޅުގައި ރައީސް ނަޝީދަށް ދައްކާލެއްވިއެވެ. ރައީސް ނަޝީދު މިއަދު މަޖިލިސް ރައީސްގެ ގޮތުގައި އެއިންނެވީ ނުރުހުމުގައެވެ. ކުޅޭނެ ހުރިހާ ކުޅިއެއް ކުޅެ، ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތިގެން ބޮދު ބުޑަށް ސައިކިޔާގެންނެވެ. ރައީސް ނަޝީދުއެވެ. މިއަދު މިޤައުމުގެ ވެރިކަމުގެ ހުރިހާ ބާރެއްއޮތީ ޢަބްދުﷲ ޝާހިދުގެ އަތުގައެވެ. ސަރުކާރު ހިންގަނީ ޢަބްދުﷲ ޝާހިދު ބޭނުންވާގޮތަށް ރައީސް ޞާލިޙްއަށް މަޝްވަރާ އަރުވާގޮތަށެވެ. ރައީސް ޞާލިޙްއަކީ ނަމެކެވެ. ރައީސް ޞާލިޙް ކޮންޓްރޯލް ކުރައްވަނީ ސީދާ ޢަބްދުﷲ ޝާހިދުއެވެ.

މިސަރުކާރު ގެނައުމަށްޓަކައި އެންމެ ބޮޑަށް ވާގިވެރިވެ އެންމެ ބޮޑު ޚަރަދެއްކުރީ އިންޑިއާއިންކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ނަޝީދަށެވެ. މިރާއްޖޭގެ ގިނަ ރައްޔިތުންނަށް ހީވެފައި އޮންނަނީ އިންޑިއާގެ އެންމެ ބޮޑު ތާޢީދެއް އޮންނަނީ ރައީސް ނަޝީދަށް ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އިންޑިއާގެ ތާޢީދު އެންމެ ބޮޑަށް އޮތް އެމީހުންގެ އެންމެ މަޤްބޫލް މީހަކީ ޢަބްދުﷲ ޝާހިދުއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގައި އިންޑިއާއިން ތާޢީދުކުރާނީ ރައީސް ޞޯލިޙްގެ ރުހުމާއިއެކު ޢަބްދުﷲ ޝާހިދުއަށެވެ. ސަބަބަކީ ޢަބްދުﷲ ޝާހިދުއަކީ އިންޑިއާއިން ބޭނުންވާފަދަ "ހިޔަޅު" ވިސްނުމުގެ ސިޔާސީ ކުޅި ކުޅުއްވާ ދުރުވިސްނޭ ބޭފުޅަކަށް ވާތީއެވެ. ރައީސް ނަޝީދަކީ ކުއްލި ޖޯޝުގައި ތިލަ ވިސްނުމުގެ ކުރު ސިޔާސީ ކުޅި ކުޅުއްވާ ބޭފުޅެކެވެ. ރައީސް ނަޝީދުއެވެ. ތިބޭފުޅާއަކީ މިއަދު އިންޑިއާއާއި ޢަބްދުﷲ ޝާހިދު ގެންގުޅުއްވާ ގޮނޑިކޮއްކޮއެކެވެ. އިންޑިއާއިން ބޭނުންވާ ދިވެހި ރައްޔިތުންނަށް ދައްކައިގެން ފާޅުގައި ކުރަންބޭނުންވާ ކަންތަކާއި މަޖިލިސް ތެރެއިން ކުރަން ބޭނުންވާ ކަންތައްތައް ކުރުވާނީ ތިބޭފުޅާގެ މޫނު ރައްޔިތުންނަށް ދައްކުވައިގެންނެވެ. ފޮރުވިގެންވާ މިހުރިހާކަމެއް ރޭވުމުގައި ޢަބްދުﷲ ޝާހިދުއާއި އިންޑިއާއާ ދެމެދު ބަރާބަރަށް މަޝްވަރާކުރެވި ނިޒާމީ ގޮތެއްގައި އިންތިޒާމްވެގެން ކުރިއަށް އެބަދެއެވެ. ރައީސް ނަޝީދު ލައްވައި ހުރިހާ ކަމެއް ޢަބްދުﷲ ޝާހިދު ކުރައްވަނީ އިންޑިއާއިން އެދިގެން ކުރާ ކަންތައްތައް ގޮތުގައެވެ. މިއަދު ރައީސް ނަޝީދުގެ ހަޤީޤީ ސިޔާސީ ހަތުރުން ތިބީ އިދިކޮޅުގައެއްނޫނެވެ. އެމީހުން އަސްލު ތިބީ ތިބޭފުޅާގެ އަމިއްލަ ޕާޓީތެރޭގައެވެ. މިކަން މިހާރު ރައީސް ނަޝީދުއަށް ރޭކާލާނެއެވެ.

ޢަބްދުﷲ ޝާހިދުއާ އޭނާގެ ބައިވެރިން ރައީސް ޞާލިޙް ލައްވާ ހެދި ކޯލިޝަން ރޫޅައިލުމަށް ރައީސް ނަޝީދު މިއަދު ކިތަންމެ ބޮޑަށް ބޭނުންވިޔަސް އެކަން ކުރެވޭނެ މަގެއް ނުފެނެއެވެ. ޢަބްދުﷲ ޝާހިދު އާއި ރައީސް ޞާލިޙް އެކަން އެގޮތަށް ވިޔަކަ ނުދޭނެކަން މިހާރުވެސް އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. މިސަރުކާރުގެ ނާޤާބިލްކަމުގެ ސަބަބުން ކޯލިޝަން ރޫޅިއްޖެނަމަ ސަރުކާރު ދެމިނޯންނާނެކަން ޢަބްދުﷲ ޝާހިދު ޤަބޫލުކުރެއެވެ. ޢަބްދުﷲ ޝާހިދުގެ "ހިޔަޅު" ވިސްނުމުގައި ފިނިހަކަ ދުވެލީގައި ކޯލިޝަނާއިއެކު މިސަރުކާރު ދާނީ ކުރިއަށެވެ. ރައީސް ނަޝީދު ދެކޭ ހުވަފެންތައް ޖެހޭނީ ދޫކޮށްލާށެވެ. އަމިއްލަ ޕާޓީގެ ތެރެއިންނާއި، މަޖިލިސް ތެރެއިންނާއި، އަދި ސަރުކާރުގެ ތެރެއިންވެސް ރައީސް ނަޝީދު ހާސިލްކުރަން ބޭނުންވާ ކަންކަން ދެން ވުމަކީ މުސްތަޙީލްކަމެކެވެ. މަޖިލީހުގެ ރައީސް ކަމުގެ މަޤާމް ފިޔަވައި އިތުރު ކަމެއް މިޤައުމުގައި މިއަދު ރައީސް ނަޝީދަކަށް ނެތެވެ. މިފަދަ ހުރިހާކަމެއްގެ ނުތަނަވަސްކަން ހިތުގައި އެއްކުރައްވައިގެން ހުންނަވާ އެރުޅި ރައީސް ނަޝީދު ބޭލުއްވީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށެވެ. ވެލާނާގެއިން ވައްކަންކޮށްގެން ކުރިން ރައީސް މައުމޫންގެ ޒަމާނުގައި ޢަބްދުﷲ ޝާހިދުގެ "ހިޔަޅު" ވިސްނުމުން ފެއްތެވިފަދަ މަޅިއަކަށް މިއަދު ޢަބްދުﷲ ޝާހިދު އެވަނީ ރައީސް ނަޝީދު ފައްތަވާފައެވެ. އެހެނީ ނައިފަރު ދާއިރާގެ މެމްބަރަށް ރައީސް ނަޝީދު އަންގަވައިގެން އެމްޑީޕީ މެމްބަރުން ހަމަލާ ދެއްވުމަކީ ޖިނާއީ ތަޙްޤީޤެއް ރަނގަޅަށް ކުރެއްވިއްޖެނަމަ އޭގެ ސަބަބުން ރައީސް ނަޝީދަށް ޖިނާޢީ ޙުކުމެއް އައިސް 2023 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޢަބްދުﷲ ޝާހިދަށް ކަށަވަރުވާނެ ކަމެކެވެ.

މިގޮތުގައި ރައީސް ޞާލިޙްގެ ވެރިކަން ފިނިހަކަ ދުވެލީގައި ދަނީ ކުރިއަށެވެ. ވީ ވަޢުދުތައް ސަރުކާރުގެ ނާޤާބިލުކަމާއި ކަންނެތްކަމާއި އަދި ހިންގުންތެރިކަމެއް ނެތުމުގެ ސަބަބުން އެއްވެސް ވަރަކަށް ޙާޞިލްކުރެވިފައިނުވެއެވެ. އިންސާފުގެ ބޮޑު ވަޢުދު ވެރިކަން ފެށުނުތަނާއިއެކު އަމިއްލަ ވެރިކަން ސަލާމަތްކުރުމަށްޓަކައި ފުއްދަވާފިއެވެ. އަދީބު ގޭގައި ބަހައްޓަވައިގެން ރައީސް ޔާމީން ޖަލަށް ލައިގެންނެވެ. އެކަން ކޮށްގެންމެނުވީ ހަމަނިދިފުޅު ކުރެއްވޭގޮތެއް ނުވިއެވެ.

ކިޔުންތެރިންގެ ހިޔާލު
Ahmed Ashraf
ވަރަށް ފުރިހަމަ ލިޔުމެއް
ނުރަބޯ
ވަކި ފަރާތަކަށް ނުޖެހޭ ތެދު ބަޔާނެއް. ލިޔުންތެރިޔާގެ އަދަބީ ފެންވަރު ވަރަށްވެސް މޮޅު.
އަލީމުހަންމަދު
ވިސްނުމެއްނެތި ކުރެވުނު އެންމެކަމަކުން މުޅި އުމުރަށް ނަސީދު ދެކެލެއްވި ހުވަފެން ބިލާހަކަށް ވެއްޖެކަން އެ ލިޔުން ތެރިޔާގެ ލިޔުމުން ވަރަށްސާފް.
ޟުހައިބު
މީ ލިޔުންތެރިޔާގެ ވިސްނުން. ބޭނުންވާ ގޮތް. ނަފްރަތު އުފެއްދުން. ރައީސް ސޯލިހު މީނާ އަށް އެގޭވަރު.
ނަޒިއްޓޭ
ކީކޭ ބުބާނޫ މިއީ މިލިޔުން މިލުޔުނު ލިޔުންތެރިޔާ އަމިއްލަ ވިސްނުމުގަ ލިޔެފައިވާ ލިޔުމެއް ހެނެއް ހީޔެއް ނުވޭ.
ޢަހުމަދު
ވަރަށް ރަނގަޅު
ޙުސައިން
އެއްވެސް އޮއްޓަރެއް ނެތް ލިޔުމެއް. ވަރަށް PPM ފާޑުގެ ލިޔުމެއް