ހިޔާ މަޝްރޫޢު: ބަޔަކު ނުރުހުނަސް އެތައް ބައެއްގެ ޙައްޤާއި އުންމީދު

ޝިފްޒާން އަހްމަދު 7 ޖޫން 2020 21:08
Flowers
ހިޔާ މަޝްރޫޢުގެ ފުލެޓުތައް /ފޮޓޯ: ޓުވިޓާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ހިޔާ މަޝްރޫޢު އިފުތިތާޙުކޮށްދެއްވީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ކަން ދިމާކުރި ގޮތުން އަޅުގަނޑަށް އެއިރު ހުރެވުނީ ބޭރު ޤައުމެއްގައެވެ. ނަމަވެސް އެއް ފަހަރާ 7،000 ފުލެޓު އަޅާ ވާހަކަ އަޅުގަނޑަށް ޤަބޫލުނުކުރެވުނެވެ. 5 އަހަރުން އެންމެ ދެ ތިން ހާސް ފުލެޓުވެސް ނޭޅޭ ޤައުމެއްގައި 2 އަހަރު ތެރޭގައި 7،000 އަޅުއްވާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވުމުން އަޅުގަނޑު ހިތަށް އެރީ އެހެންޏާވެސް ސިޔާސީ ވެރިން ދައްކަވާ ޒާތުގެ ޚިޔާލީ ފޮލައެެއް، ޙަޤީޤަތަކަށް ނުވާނެ އުންމީދެއް އަދި ވަހުމަކަށްވެ ނިމިދާނެ އަވާމެންދުރެއް ދައްކަވައިލެއްވީ ބާވައޭއެވެ. 

ނަމަވެސް މިއަދު އެއުސް ޓަވަރުތައް އެހެރީ ފެންނާށެވެ. ހުޅެވި ހަނދުގެ އަލީގައި ރޭގަނޑުގެ އަނދިރީގައި ދިއްލައިލީމާ ބަލައިލަން ވަރަށް ޗާލެވެ. އެޗާލު މަންޒަރު ފެނުމުން ބަޔަކަށް އަސަރުކުރެއެވެ. އެންމެ ބޮޑު އަސަރެއްކުރަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުން މަޖިލިހުގެ މިހާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށެވެ. އަސަރުކުރައްވާ ވަރުން އިތުރުފުޅު ހައްދަވައި އޮޅުވައިލައްވަން މަސައްކަތްކުރައްވައެވެ. ފުލެޓުގެ ބޮޑުމިނާއި ފުލެޓު އެޅުމަށް ހިނގި ޚަރަދު އޮޅުވައިލައްވައި ދަރަނި ދަންތުރައެއްގެ ގޮތުގައި އެތަންތަން ޞިފަކުރައްވައެވެ. 

އަޅުގަނޑު މިއަދު ހިތަށް އެރީ ކަންކަމުގެ ޙަޤީޤަތް ލިޔެ އަމާނާތްތެރިކަމާއެކު ރައްކާތެރިކުރުމަކީ ޤައުމީ ޚިދުމަތެއް އަދި ޤައުމަށްޓަކައި ކޮންމެހެންވެސް ކުރާންޖެހޭ ކަމެއް ކަމުގައެވެ. މިއީ ރައީސް ޔާމީން ވެރިކަމުގައި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅެއް ކަމުގައިވީނަމަވެސް މިމަޝްރޫޢަކީ ގިނަ  ބައެއްގެ ގިނަ ޤުރުބާނީއެވެ. ގިނަ ވަގުތާއި ވަރަށް ގިނަ އަދި އެހާމެ ބުރަ މަސައްކަތެވެ. ނަޝީދު ފަދަ ބޭފުޅަކު ސިޔާސީ ބޭނުމަށް އެއެންމެންގެ މަސައްކަތުގެ އަގު ނަންގަވައިލެއްވުމަށް ޖާގަ ދިނުމަކީ އަޅުގަނޑުގެ ޟަމީރަށް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. 

ފުލެޓުތަކުގެ ބޮޑުމިން

ހިޔާ މަޝްރޫޢަކީ އިޖުތިމާޢީ ބޯހިޔާވެހިކަމުގެ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ބޭނުމަކީ ކުއްޔަަށް ބޮޑު އަގެއް ދައްކައިގެން އާމްދަނީގެ ބޮޑު ބައެއް އެކަމަށް ހޭދަކޮށްގެން ދިރިއުޅެން މަޖުބޫރުވެފައިވާ ފަރާތްތަކަށް އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. އަދި އޭގެ އިތުރަށް މާލޭގައި ގެދޮރަށް އޮތް ޑިމާންޑު ނުވަތަ ބޭނުންޖެހުމަށް ކޮންމެވެސް މިންވަރެއްގެ ލުއިކަމެއް ހޯދައިދިނުމެވެ. އެއް ފަހަރާ 7،000 ފުލެޓު ބާޒާރަށް ނެރެވި ޙައްޤުވެރިންނަށް ލިބިގެންދާއިރު އެއީ ގާތްގަނޑަކަށް 35،000 މީހުންގެ އާބާދީއެކެވެ. އެއެންމެން މާލޭގެ ކާރޫބާރޫ ބޮޑު ތޮއްޖެހުމުގެ ތެރެއިން ނުކުމެގެން ދިއުމުން ވަރަށް ބޮޑު ލުއެއް މާލެއަށް ލިބޭނެއެވެ. 

ދެވަނަ ކަމަކަށް ހިޔާ މަޝްރޫޢަކީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ އައު ތަޞައްވުރެއްގެ މަތީގައި ފަރުމާކުރެވި ހިންގުނު މަޝްރޫޢެކެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ، ވާޓިކަލް ހައުސިން ނުވަތަ މައްޗަށް އުފުލިފައިވާ ޢިމާރާތްތަކުގައި ގެދޮރުވެރިކުރުމުގެ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ މަޝްރޫޢެކެވެ. ސިންގަޕޫރު ފަދަ ބިމުގެ ވަސީލަތް ތަދު ޤައުމުތަކުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގެންގުޅެނީ މިތަޞައްވުރެވެ. 

އިޖުތިމާޢީ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ދުނިޔޭގެ އެއްވެސް ތަނެއްގައި ފޯރުކޮށްދޭ ގެދޮރަކީ މާ ބޮޑު ތަންތަނެއް ނޫނެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުންނަމަ ހިޔާ ފުލެޓުތަކުގެ ބޮޑުމިނަކީ އެންމެ 500 އަކަފޫޓެވެ. ނަމަވެސް ޙަޤީޤަތުގައި އެއިން ފުލެޓެއްގެ ކާޕެޓު އަޅާ ސަރަހައްދު އެކަނި ގުނައިފިނަމަ ބޮޑުމިނަކީ 575 އަކަފޫޓެވެ. އަދި ބެލްކަންޏާއި ހޯލްވޭތަކާއި އިތުރު ސަރަހައްދުތައް ހިމަނައިފިނަމަ ޖުމްލަ 720 އަކަފޫޓެވެ. ނަމަވެސް ނަޝީދާއި އެމަނިކުފާނުގެ އަޢުވާނުންނަށް އެނަންބަރު ޖައްސަވައިން ލިޔުއްވައިގެން ލިބިވަޑައިގަންނަވާ ސިޔާސީ މަންފާ ކުޑަވާނެއެވެ. ޗައިނާ ސަފީރު އެޢަދަދު ވަރަށް ރަނގަޅަށް ހާމަކުރައްވާފައިވެއެވެ. 

މާލެއިން ލިބެން ހުންނަ 2 ކޮޓަރީގެ އެޕާޓުމެންޓުތަކުގެ ބޮޑުމިނަކީ ކިހާވަރެއް ހެއްޔެވެ؟ އެތަންތަނުގެ ކުއްޔަކީ ކިހާ ވަރެއް ހެއްޔެވެ؟ މިވެސް ނަޝީދާއި އެމަނިކުފާނުގެ ބައިވެރިންނަށް ދަންނަވައިލަން ބޭނުންވާ ސުވާލުތަކެވެ. ރާއްޖެތެރެއަށް ނިސްބަތްވާ ނިކަމެތި އަޅުގަނޑު ދިރިއުޅެމުން މިދަނީ ދެ ކޮޓަރީގެ އެޕާޓުމެންޓެއްގައެވެ. މިތަނުގައި 575 އަކަފޫޓު ހުންނާނެ ހެން ހިއެއްނުވެއެވެ. މަހަކު 16،000 ރުފިޔާ ކުއްޔަށް ދައްކާންޖެހެއެވެ. އެހެންވީމާ 5،600 ރުފިޔާއަށް މިއަށްވުރެ ތަނަވަސް ތަނެއް ލިބުނީމައި އެކަމާ އުފާނުކުރާންވީ ސަބަބެއް އޮންނާނެ ހެެއްޔެވެ؟ އަޅުގަނޑަކަށް ހިޔާ މަޝްރޫޢުން ފުލެޓެއް ނުލިބެއެވެ. ނަމަވެސް އެފުލެޓުތައް ލިބުނު މީހުންނަށް އެއީ ވަރަށް ބޮޑު ލުއެކެވެ. އެކަން އެނގޭނީ  ކުއްޔަށް މަހަކު 15،000 ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ދީގެން ދަތި ގޮޅިތަކުގައި ދިރިއުޅޭ މީހުންނަށެވެ. 

ފުލެޓުތަކުގެ އަގު

ދެން އޮތް ވާހަަކައަކީ ފުލެޓުތަކުގެ އަގާ ގުޅޭ ގޮތުން ރައީސް ނަޝީދު ހައްދަވާ އިތުރުފުޅެވެ. ރައީސް ނަޝީދު ގެންގުޅުއްވާ ކަލްކިއުލޭޓަރުން ހިސާބުޖެއްސެވުމުން މިއިން ފުލެޓެއްގެ އަގަކީ ކޮންމެ އަކަފޫޓަކަށް 1،900 ރުފިޔާއެވެ. ނަމަވެސް އެހިސާބު ޖެއްސެވި ގޮތެއް އެނގޭ މީހަކު މިއުޑު ދަށުގައި ނެތެވެ. މަޢުލޫމާތު ހޯއްދެވި ގޮތެއް ތަނެއްވެސް ދެކެދެނެވޮޑިގެންވަނީ މާތްﷲއެވެ. 

އަޅުގަނޑު ދަންނަވައިލާނީ ތަފުޞީލު ހިސާބުތަކެވެ. މިމަޝްރޫޢުގެ ޢިމާރާތްތައް ބިނާކުރުމަށް ހިނގި ޚަރަދަކީ 6,692,280,0000 ( ހަ ހާސް ހަސަތޭކަ މިލިއަން ނުވަދިހަ ދެ މިލިއަން ދެ ލައްކަ އައްޑިހަ ދެހާސް) ރުފިޔާއެވެ. ބޮޑު ޢަދަދެކެވެ. ނަމަވެސް 7،000 ދިވެހި ޢާއިލާގެ ބޯހިޔާވަހިކަން 2 އަހަރު ތެރޭގައި ކަށަވަރުކުރުމަށް މިއީ ބޮޑު ހޭދައެއް ނޫނެވެ. މިހޭދަ ސަރުކާރުން ކުރުމުން އިޤުތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވާނެއެވެ. އެވާހަކަ އެއްފަރާތެއްގައި ބޭއްވުމަށްފަހު މިޢަދަދުން ބަލާނަމަ ބިނާކުރުމުގެ ހުރިހާ މަސައްކަތެއް ނިންމައިލުމުން އަކަފޫޓަކަށް ހޭދަވެފައިވާނީ 1،395 ރުފިޔާއެވެ.

އިތުރަށް މިހުރިހާ ތަނެއްގެ މަސައްކަތް އެކީ ނިންމައިލުމަށް ފިނިޝިންގެ ޚަރަދުގެ ގޮތުގައި ޖުމްލަ އިތުރު 640،505،798 (ހަސަތޭކަ ސާޅީސް ހާސް މިލިއަން ފަސްލައްކަ ފަސްހާސް ހަތް ސަތޭކަ ނުވަދިހަ އަށް ރުފިޔާ) ހޭދަވާނެއެވެ. އެފައިސާއާއި ޢިމާރާތްކުރުމުގެ ޚަރަދާ އެއްކޮށްލައިގެން ޖުމްލަ އަކަފޫޓަކަށް ޖެހޭ މިންވަރު ބަލައިފިނަމަ އަކަފޫޓަކަށް ޖެހޭނީ 1،529 ރުފިޔާއެވެ. ކޮންމެ ފުލެޓެއް އެޅުމަށް އިމާރާތްކުރުމުގެ އަގުގެ ގޮތުގައި ޖުމްލަ ހޭދަވާނީ 957،040 ރުފިޔާއެވެ. އެއީ ޑޮލަރުން ބަލާނަމަ 62،000 ޑޮލަރެވެ. 

ރައީސް ނަޝީދު އިތުރަށް ވިދާޅުވާ ގޮތުގައި 11،000 ރުފިޔާއަށްވުރެ ކުޑަކޮށް މިތަންތަން ކުއްޔަށް ދީގެން ފަރުޖެހޭނެ ގޮތެއް ނޯންނާނެއެވެ. އެހެން އެވިދާޅުވަނީ ގިނަ ބަޔަކަށް މިމަޝްރޫޢަށް ފައިސާ ދެއްކުން ހަމަޖެހިފައިވާ ގޮތް ނޭނގޭތީއެވެ. މިމަޝްރޫޢަށް ފައިސާ ދައްކަން ފަށަންޖެހެނީ  ދެ އަހަރު ދުވަހުގެ ގުރޭސް ޕީރިއަޑު ހަމަވުމުންނެވެ. އިންޓަރެސްޓު ރޭޓަކީ 3.3% އެވެ. މިފުލެޓުތައް ބިނާކުރުމަށް ދިޔަ ޚަރަދާއި ތަނުގެ ކަންކަން ނިންމަން ކުރަންޖެހުނު ހޭދަތައް އެއްކޮށްލުމުން ކޮންމެ ފުލެޓަކަށް ޖެހޭ އަގަކީ 1،270،591.0 ރުފިޔާއެވެ. ދެން 20 އަހަރަށް މިފައިސާ ބަހައިލުމުން އަހަރަކަށް ޖެހޭނީ 63،529 ރުފިޔާއެވެ. 12 މަހަށް މިފައިސާ ބަހައިލުމުން ދޭންޖެހޭނީ 5،294 ރުފިޔާއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު ނިންމެވީ 20 އަހަރު ދުވަހުން ފައިސާ ދައްކާނަމަ، 5،600 ރުފިޔާއަށް އެތަންތަން ކުއްޔަށް ދެއްވުމަށެވެ. އެއީ މިފުލެޓުތައް އެޅުމަށް ކުރެވިފައިވާ ހޭދައަށް ބަލާއިރު މުނާސަބު އަގަކަށްވާތީއެވެ. އަދި ނަގާފައިވާ ލޯނު ދެއްކުމަށް އެމިންވަރަށް ފައިސާ ލިބޭނަމަ ދަތިކަމެއް މެދުވެރިނުވާނެތީއެވެ. 

ފުލެޓު ނުދެވުމަކީ ކާމިޔާބު؟!

ފުލެޓުތައް ނުދެވި އެފުލެޓުތަކުގެ އަގު އުފުލުމުގެ ފުރުޞަތު މިހާރު މިދަނީ ބޮޑުވަމުންނެވެ. ސަބަބަކީ އެންމެ ކަމެކެވެ. މިފުލެޓުތައް ބިނާކޮށް ނިންމާލުމަށްފަހު، ފުލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމައިނުލެވުމެވެ. މުށި ޖަހައި ދޮރު ބަހައްޓައި އިތުރު އެފަދަ ކަންކަން ނިންމައިނުލެވި ދެ އަހަރު ފާއިތުވާން މިހިރަ ދަނީއެވެ. މިއަހަރުގެ ސެޕްޓެންބަރު މަހުގައި މިފުލެޓުތައް ބިނާކުރުމަށް ނެގި ލޯނުތައް ދައްކަން ފަށަން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ލިބެއެވެ.

މިފުލެޓުތަކަށް ވަނުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހު މަސައްކަތް ކުރުމަށް ޚާއްޞަ ޕެކޭޖުތަކެއް ހަދައި ފުލެޓު ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކުންވެސް އެފަރާތެއް ބޭނުންވާ ޕެކޭޖެއް ނަގައިގެން އެމަސައްކަތްކުރެވޭނެ ގޮތަށް އެއިރު ރައީސް ޔާމީން ސަރުކާރުގައި ރާވާފައިވެއެވެ. އަދި ފިނިޝިން މަސައްކަތްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ހޯދައި އެކަންވެސް އޮތީ އެއްބަސްވުމަކާ ހަމައަށް ގެންދެވިފައެވެ. 

ރައީސް ޔާމީނުގެ ތަޞައްވުރަގައި 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފުލެޓު ލިބުނު މީހުން އެތަންތަނަށް ވަންނާނެއެވެ. އެކަން އެގޮތަށް ކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ނިމި އަދި ލިޔެކިޔުން ނިމިފައިހުރި 7،000 ފުލެޓު ފަޅަށް އެހެރީ ކީއްވެހެއްޔެެވެ؟ އެއީ ރައީސް ނަޝީދު ހިންގަވާ އެޖެންޑާ19 އާއި ސަރުކާރުން ހިންގާން އުޅެ ނުހިންގޭ ޖަޒީރާ ރާއްޖެ ތަޞައްވުރުގެ މޮޅުކަމުން ހެއްޔެވެ؟ ވެރިކަމާއި އާރާއި ބާރުގައި މިތިއްބެވި ޢިއްޒަތްތެރީންގެ ޤާބިލުކަމާއި ކުޅަދާނަކަމުން ހެއްޔެވެ؟ 

ބަޔަކު ރުޅިއަޔަސް ނުރުހުނަސް ހިޔާ ފުލެޓުތަކަކީ އެތައް ދިވެހި ޢާއިލާއަކަށް ހަމަޖެހުން ގެނެސްދީ ގެދޮރުގެ ދަތިކަމުން މިންޖުކޮށްދީ އައު ދިރިއުޅުމަކަށް ގެންގޮސްދޭނެ ފުލެޓުތަކެކެވެ. އެއީ ގިނަ ބައެއްގެ އުންމީދުތަކެވެ. ބަޔަކު އޮޅުވައިލިޔަސް ދޮގު ހެދިޔަސް ދިވެހި ތާރީޚުގައި އެއް ފަހަރާ އެންމެ ގިނަ ދިވެހިންނަށް އެންމެ އަގުހެޔޮކޮށް ގެދޮރުވެރިކަން ލިއްބައިދޭނެ މަޝްރޫޢެވެ. 

ކިޔުންތެރިންގެ ހިޔާލު