Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

މިއަދު ވެރިކަމުގައި ރައީސް ޔާމީން ހުންނެވިނަމަ...

ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ދިވެހިންގެ ޙާލަތު މިއަދު ހުންނާނެ ގޮތް ކަމުގައި ބުނެ ދިވެހި ނޫހެއްގައި ލިޔެފައި އޮތް ލިޔުމެއް އަޅުގަނޑު އިއްޔެ ދުށީމެވެ. ލިޔުން ފެށިގެން ނިމެންދެން ކިޔައިލުމުން އައު ވާހަކައެއް އަދި އައު ފިކުރެއް އެލިޔުމުން ނުފެނުނެވެ. ކޮންމެއަކަސް ރައީސް ޔާމީން މިއަދު ވެރިކަމުގައި ނެތެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމަށް ކުރަހައިލެއްވި ތަޞައްވުރާއި އެތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅު ހުރީ ދިވެހިންނަށް ފެންނާށެވެ.
އެހެންވީމާ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ނަމަ ކަންކަން ހިނގާނެ ގޮތުގެ ވާހަކަ ދައްކަމާ ބަހީއެވެ. ނަމަނަމައިން ރިހަ ނުކެއްކުނަސް މިއީ ހަމަދައްކައިލަން ރަނގަޅު ވާހަކައެވެ. މިވަގުތު ކުރިމަތިވެފައިވަނީ ޞިއްޙީ ކާރިސާއެއް ކަމުގައިވާއިރު، ރައީސް ޔާމީނަކީ ވެރިކަމަށް ވަޑައިގެން މާގިނަ ދުވަސްތަކެއް ނުވެ، އައިޖީއެމްއެޗުގައި ދިވެހި ދައުލަތުގެ ޚަރަދުގައި ފުރަތަމަ ފަހަރަށް އެމްއާރުއައި ސްކޭނު ކުރެވޭނެ ގޮތް ހަމަޖެއްސެވި ވެރިޔާއެވެ. ހިތުގެ ބަލިތަކަށް ފަރުވާކުރާނެ މަރުކަޒެއް ޤާއިމުކުރައްވައިއެންޖިއޯ ޕްލާޒީން ފެށިގެން ގޮސް ހިތުގެ ބޮޑެތި އިތުރު އޮޕަރޭޝަންތައް ރާއްޖެއިން ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވި ވެރިޔާއެވެ.
އިތުރަށް ޞިއްޙީ ޚިދުމަތް ފުޅާކުރާނަމަ އެކަމަށް ޢުމްރާނީ ވަސީލަތްތައް ބޭނުންވާނެ ކަމާއި، ދިވެހިން ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ކުރަމުންދާ ހޭދަ ބޮޑުތަނުން މަދުކުރެވޭނީ ރާއްޖެއިން ގިނަ ޚިދުމަތްތަކެއް ދިނުމަށް ބޭނުންވާނެ ޢުމްރާނީ ވަސީލަތް ޤާއިމުކުރެވިގެން ކަން ދެނެވަޑައިގެން އެކަމުގެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ބޮޑުބައި ހުރީ ނިމިފައެވެ. އެމަނިކުފާނު މިއަދު ވެރިކަމުގައި ހުންނެވިނަމަ، އެޢިމާރާތުގެ ހުރިހާ ފަންގިފިލާއެއް ބޭނުންކުރެވޭ މިންވަރަށް ވަސީލަތްތައް ޤާއިމުކޮށް ފުރިހަމަކުރައްވާނެއެވެ. 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރު ބައްދަލުކުރާއިރު އެހަސްފަތާލުގެ އެއްވެސް ފަންގިފިލާއެއް ފަޅުކޮށް ހުހަށް ނުހުރީހެވެ. ނަމަވެސް އެތަނަކީ "ހޮހަޅައެއް" ކަމުގައި ވިދާޅުވި ބޭފުޅަކަށް އެތަން ބޭނުންކުރާނެ ގޮތެއް އެނގިވަޑައިނުގަންނަވާނެއެވެ. އެކަމާ އަންތަރީސްވެ ހައިރާން ވާނެ ޖާގައެއް ނެތެވެ.
ކުރިމަތިވެގެން މިއުޅެނީ ޞިއްޙީ ކާރިސާއެއްގެ ތެރެއިން އުފަންވި އިޤުތިޞާދީ ކާރިސާއެކެވެ. މާލީ ދަތިކަމެކެވެ. ދުނިޔޭގެ މާލީ އިދާރާތަކުން އިޤުތިޞާދީ ކާރިސާއެއްގެ މަލަމަތި ފެންނަމުންދާ ކަމުގެ އިންޒާރު ދެމުންދަނިކޮށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރު ފަހު ކޮޅުގައި ބޫމެއް އަންނާނެ ކަމުގައެވެ. އަދި މާލީ ކާރިސާއެއް މެދުވެރިނުވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދާ ހަމައަށްވެސް ދައުލަތުގެ ބަޖެޓު ހަމަޖެއްސުމަށް ބޭނުންވާ ބޭރު ފައިސާގެ ބޮޑު ބައެއް ވަނީ ނުލިބިއެވެ. އިސްވެ ދެންނެވުނު ލިޔުމުގައި ބުނެފައިވަނީ ރައީސް ޔާމީން ގުޅުން ބޭއްވެވީ ޗައިނާއާއި ސަޢޫދީއާ އެކަނި ކަމުގައެވެ. އެހެންވީމާ އެދެޤައުމުން އެހީއެއް ނުލިބޭނެ ކަމުގައެވެ.
ޗައިނާއިން އިސްވެ އޮވެ ޤާއިމުކުރި އޭޝިއަން އިންފްރަސްޓަކްޗާ އިންވެސްޓްމެންޓު ބޭންކުން އިހަށްދުވަހު އިންޑިޔާއަށް 500 މިލިއަން ޑޮލަރުގެ ލޯނެއް ދީފިއެވެ. ލަންކާއަށް އިޤުތިޞާދު ހަމަޖެއްސުމަށް އިތުރު 500 މިލިއަން ޑޮލަރުގެ ލުއި ލޯނު ދޫކޮށްފިއެވެ. އެހެންވީމާ ރައީސް ޔާމީނު ހުންނެވިނަމަ މިފަދަ އެހީއެއް މިޤައުމަށްވެސް ހަމަޖެހިއްޖައިސްތާއެވެ. ދެން އޮތީ ސަޢޫދީގެ ވާހަކައެވެ. ސަޢޫދީން މިކާރިސާގެ ތެރޭގައިވެސް ދަނީ ގިނަ ޤައުމުތަކެއްގައި އިންވެސްޓުކުރަމުންނެވެ. ރާއްޖެއަށް އެހީއެއް ދިނުމަށް ސަޢޫދީން ޖެހިލުންވާނެ ކަމުގައި ޤަބޫލުކުރާނީ ސަޢޫދީއަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. ސަޢޫދީއާ ރަނގަޅު ގުޅުމެއް އޮވެއްޖެނަމަ ސަޢޫދީން ދީލަތި އެހީ ލިބޭނެއެވެ. އެގުޅުން ރައީސް ޔާމީން ބާއްވަވާނެއެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ދަރަނި އަދާކުރުން ލުއިކުރުމަށް ޚާއްޞަ ފަންޑެއް ސޮވެރައިން ޑިވެލޮޕްމެންޓު ފަންޑުގެ ނަމުގައި 2017 ވަނަ އަހަރު ޤާއިމުކުރެއްވިއެވެ. ވެރިކަން ދޫކޮށްލެއްވިއިރު 90 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ އެފަންޑުގައި ހުއްޓެވެ. ރައީސް ޔާމީން ހުންނެވިނަމަ އެފަންޑުގައި ހުރި ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ދިވެހިރުފިޔާއަށް ބަދަލު ނުކުރައްވާނެއެވެ. އެމަނިކުފާނު ހުންނެވިނަމަ، އެފަންޑުގައި ފައިސާ ހުންނާނީ ޑޮލަރުންނެވެ. 120 މިލިއަން ޑޮލަރު ދިވެހިރުފިޔާއަށް ބަދަލުކުރި ވާހަކައަކީވެސް އައިއެމްއެފުގެ ރިޕޯޓުގައި ބުނެފައިވާ ވާހަކައެކެވެ. އަދި އެފަންޑު ޤާއިމުކުރުމުން ދިވެހި ދައުލަތުގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އެތައް ގުނައެއް އިތުރުވި ވާހަކައަކީވެސް ހަމަ އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކެވެ.
އަދި މިއަށްވުރެ މުހިއްމު ކަމެއް އެބައޮތެވެ. ފާއިތުވި އަހަރު ބަދަލުގެ ގޮތުގައި 1 ބިލިއަން ދިވެހި ރުފިޔާ އެކި ކުންފުނިތަކަށް ބަހައި ހުސްކުރިއެވެ. ރައީސް ޔާމީން ހުންނެވިނަމަ، އެފައިސާއެއް ނުދެއްވާނެއެވެ. ދައުލަތުން މަސައްކަތެއް ހަވާލުކުރުމުން އެމަސައްކަތް ނުކޮށް ކުންފުންޏަކުން ދޫކޮށްލުމަކީ ނުވަަތ އެމަސައްކަތް ކުރަން ކަނޑައެޅި ފެންވަރަށް މަސައްކަތް ނުކުރުމުން ދައުލަތުގެ މާލިއްޔާއިން ބަދަލު ދިނުމަކީ ރައީސް ޔާމީނުގެ ފަސް އަހަރުގައި ކުރެއްވި ކަމެއް ނޫނެވެ. އަދި އެއީ ކުރައްވާނެ ކަމެއްވެސް ނޫނެވެ.
މިކާރިސާ ތެރޭގައި އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ކުލި ދެއްކުމަށް މެދުވެރިވެފައިވާ ދަތިކަމެވެ. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ، ހުޅުމާލޭގައި އެމަނިކުފާނު ބިނާކުރެއްވި 7،200 ފުލެޓު އޭގެ ޙައްޤުވެރިންނަށް ދެއްވާނެއެވެ. 2017 ނޮވެންބަރު މަހު ރައީސް ޔާމީން އިފުތިތާޙުކޮށްދެއްވި މަޝްރޫޢުގެ ބޮޑުބައެއް 2018 ވަނަ އަހަރުގެ ނޮވެންބަރަށް އައިއިރު ނިމިފައިވެއެވެ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިނަމަ އެތަންތަނުގައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މީހުން ދިރިއުޅޭނެއެވެ. ކޮމާޝަލް ބޭންކް އޮފް ޗައިނާގެ ލޯނު އެހީގައި ސީނޯ ހައިޑްރޯއިން ހިންގާ އިތުރު 2،500 ހައުސިން ޔުނިޓުގެ މަޝްރޫޢު އޮންނާނީ ފެށިފައެވެ. މިއީ ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގަތް އިރު ލޯނު ހަމަޖެހި، މަސައްކަތްކުރުމަށް ހަމަޖެހި އެއްބަސްވުން އެކުލަވައިލެވިފައިވާ މަޝްރޫޢެކެވެ. ސަރުކާރަށް ދެ އަހަރު ފާއިތުވެގެން ދާއިރު މިމަޝްރޫޢު ފައްޓައިނުލެވުނެވެ. ހިޔާ މަޝްރޫޢުގެ 7،000 ފުލެޓު ހުހަށް ހުއްޓައި އެތަންތަން ބިނާކުރަން ނެގި ލޯނު ދައްކަންޖެހޭ ދުވަސް ބޯމަތިވަނީއެވެ. އަދިވެސް އެތަންތަން ކުއްޔަށް ދޭނެ ގޮތެއް މިސަރުކާރަށް ނިންމައިނުލެވެއެވެ.
ފަތުރުވެރިމަށް ބަލާއިރު، ވައިގެ ބަނދަރުގެ މަސައްކަތުގެ ދުވެލި އަވަސްކުރެވި އެމަސައްކަތުގެ ބޮޑު ބައެއް ރައީސް ޔާމީން ހުންނެވިނަމަ ނިންމަވައިލެއްވީހެވެ. ރާއްޖެއަށް އެއްފަހަރާ ގެނެވޭ ފަތުރުވެރިންގެ ޢަދަދު އެތައް ގުނައެއް އިތުރުވާނެއެވެ. އެއާއެކު ސީޕްލޭން ޓާމިނަލާމެދު ގޮތެއް ނިންމަވައި އެޓާމިނަލްވެސް ކުއްޔަށް ދެއްވާނެއެވެ.
ދެން އޮތީ ތަޢުލީމީ ދާއިރާއެވެ. 2018 ވަނަ އަހަރު ޓެބްލެޓު ސުކޫލުތަކުގެ މުދައްރިސުންނަށް ދިނެވެ. މިހާރު އެބޭނުންކޮށްގެން ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް ދަނެގަނެ، މުދައްރިސުން އެކަމަށް ބޮޑަށް ހާނުވާފައިހުރީހެވެ. އިންޓަނެޓު މެދުވެރިކޮށް ކިޔަވައިދިނުން މަޖުބޫރުވި ދުވަހު އެކަމުގެ ތަޖުރިބާ މުދައްރިސުން ކިބައިގައި ހުންނާނެއެވެ. މިބާވަތުގެ އުނގަންނައިދިނުމަށް ބެލެނިވެރިންވެސް ހޭނި ލާމެހުނީހެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ ޔަޤީނުންވެސް ހިނގާނެ އެއް ކަމެއް އޮންނާނެއެވެ. އިދިކޮޅުން މިވަގުތު ތިބީހީ މަގު މައްޗަށް ނުކުމެ މުޒާހަރާކުރާށެވެ. އިދިކޮޅު ލީޑަރުން ބޭރު ޤައުމުތަކުގެ ސަފީރުންނަށް ގުޅުއްވައިގެން އެދެމުންދާނީ ރާއްޖެއަށް އެހީނުވުމަށެވެ. އެއާޕޯޓު ބަންދުކޮށް ދަތުރުފަތުރު ހުއްޓައިލަން މަޖުބޫރުނުވަނީސް ރާއްޖެއަށް ފަތުރުވެރިން ނައުމަށް އެބޭފުޅުން އެދިވަޑައިގަންނަވާނެއެވެ. އެކަމަށް އާދޭސްކުރައްވާނެއެވެ. ސުނާމީގައި ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ދިވެހިރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވި ދަނޑިވަޅު އެހީތެރިކަން ފޯރުކޮށްނުދިނުމަށް ގޮވައިލި ގޮތަށެވެ.
މަތީގައި އެވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފައްޓަވާފައިވާ މަސައްކަތްތަކުގެ ވާހަކައެވެ. އެއީ އަލަށް ކަމެއް ނުފައްޓަވައި ފެއްޓެވި ކަންކަން ނިންމެވިނަމަ ކަންކަން ދާނެ ހިސާބެވެ. ނަމަވެސް ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން އެނގޭ މީހުން އެއްބަސްވާ ކަމެއް އޮވެއެވެ. ދޮޅު އަހަރު ފާއިތުވެދާއިރު ކަމެއް ނުފައްޓަވައި ރައީސް ޔާމީން ނުހުންނަވާނެއެވެ. އިންޤިލާބީ ބަދަލުތައް އަންނަ ކޮންމެވެސް އައު ކަމެއް އެމަނިކުފާނު ފެއްޓެވީހެވެ. އެކަމެއް އެނގޭނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިނަމައެވެ. ނަމަނަމައަކުން ލިބޭނެ މަންފާއެއް ފައިދާއެއް ނޯންނާނެއެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވިނަމަ، ކަން ހިނގާނީ މިވެނި އެވެނި ގޮތަށޭ ބުނެ، ލިޔުން ލިޔަނީ ބުރިޖާއި، 25 ބުރީގެ ހަސްފަތާލާއި، ސޮވެރައިން ޑިވެލޮޕްމެންޓު ފަންޑާއި، ދައުލަތުގެ ރިޒާވާއި، އެނޫންވެސް ޙަޤީޤަތްތަކަށް ލޯ މަރައިގެން އިހުއްސުރެ ތަކުރާރުކޮށް ލިޔަމުން އައި ވާހަކައެއް ލިޔާށެވެ. އެއީ ޝަޚުޞިއްޔަތު ކަތިލައި ރައީސް ޔާމީނުގެ ހިންގުންތެރިކަމާއި، ތަންފީޒީ ޤާބިލުކަން ވަންހަނާކުރުމަށް ކުރާ މަސައްކަތެކެވެ.
މި ލިއުމާއި ގުޅޭ