Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ކޮމިޝަނަރު ޙަމީދުގެ މައްސަލައާއި ދިވެހިންގެ އައު އަޚުލާޤިއްޔަތު

ހެވާއި ނުބައި ވަކިކުރުމަށް ގެންގުޅޭ މިންގަނޑަށް އިނގިރޭސި ބަހުން "މޯރޭލިޓީ" ކިޔައެވެ. މިމުޞްޠަލަޙަށް ކިޔާނެ ދިވެހި ބަހެއް ކަމުގައި އަޅުގަނޑަށް ފެނުނީ އަޚުލާޤިއްޔަތެެވެ. އަޚުލާޤަކީ މިހާރުވެސް ދިވެހިން ބޭނުންކުރާ ދިވެހި ބަސްކޮށާރުގައި ހިމެނޭ ލަފުޒެކެވެ. އަޚުލާޤިއްޔަތު ނުވަތަ މޯރަލިޓީއަކީ ޖަމާޢަތެއް، މުޖުތަމަޢެއް ނުވަތަ ފަރުދެއްވިޔަސް ހެވާއި ނުބައި ވަކިކުރުމުގައި ގެންގުޅޭ މިންގަނޑެވެ. އެކި މުޖުތަމަޢުގައި އެމިންގަނޑު ތަފާތެވެ. އެމިންގަނޑު ބިނާވަމުންދަނީ އެމުޖުތަމަޢެއްގެ ޤަބޫލުކުރުންތަކާއި ފިކުރާއި އެނޫންވެސް އެތައް ކަމެއްގެ މައްޗަށެވެ.
މިލިޔުމަކީ ކޮމިޝަނަރު ޙަމީދާމެދުގައި އެއްޗެއް ދަންނަވާން ލިޔާ ލިޔުމެއް ނޫނެވެ. ނަމަވެސް ޙަމީދުގެ ފޮޓޯތަކަކާއި ވީޑިޔޯތަކެއް މީސްމީޑިޔާގައި ދައުރުވާން ފެށުމުން ތިލަވި އެހެން ޙަޤީޤަތެއްގެ މައްޗަށް ކުރުކޮށް ނަމަވެސް ދެތިން ބަހެއް ދަންނަވައިލާން ލިޔާ ލިޔުމެކެވެ. އެއީ ދިވެހިންގެ އަޚުލާޤިއްޔަތަށް އައިސްފައިވާ ބޮޑު ބަދަލުގެ ވާހަކައެވެ. އެބަދަލާމެދު އަޅުގަނޑުމެން ކުރެ ގިނަ ބައެއް ޣާފިލުވެފައި ތިއްބައި އަޅުގަނޑުމެންގެ ރަށްރަށުގެ ހޭޅިފަށް ހުރަސްކޮށް ގެދޮރުގެ ހަފޮޅުން އެތެރެއަށް އެބަދަލު ވަދެފައި އޮތް ވާހަކައެވެ. އެކަމާމެދު ފުންކޮށް ވިސްނައިލުން މުހިއްމުވެފައިވާ ވާހަކައެވެ.
މީގެ އަހަރުތަކެއް ކުރިން ބަޔަކު ރާ ބޯ ވާހަކައެއް އަޑުއިވުނަސް އެކަމަކީ ބޮޑު ކަމެކެވެ. އެއީ ދިވެހިންނަށް ތަޙައްމަލުކުރަން އެހައި ފަސޭހަ ވާހަކައެއް ނޫނެވެ. ސަބަބަކީ ދިވެހިންނަކީ މުސްލިމުން ކަމުގައިވުމެވެ. އިސްލާމްދީނުގައި ޙަރާމްކުރެއްވި ކަންކަމަށް ދިވެހިންގެ ހިތްތަކުގައި ނުރުހުންތެރިކަމެއް އޮތުމެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ އިންތަކަކީ ދިވެހިންގެ އަޚުލާޤިއްޔަތުގެ އިންތައް ކަމުގައިވުމެވެ. މާނައަކީ ދިވެހި އަޚުލާޤިއްޔަތުގެ ނާރެހަކީ އިސްލާމްދީން ކަމުގައެވެ. އިސްލާމްދީނުގައި ނުބައި ކަމެއް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމަކީވެސް ނުބައި ކަމެކެވެ. އެގޮތުން ދެ ޖިންސުގެ މީހުން އެއްތަންވެ، ރާ ބޮއެ މަސްތުވެ، ގައިގޯޅިވެ ނަށައި ގައަށް ފައަށް އަތްލައި އުޅުމަކީ ދިވެހިންނަށް ހުތުރު ހަޑި ކަންކަމެވެ. އެއީ ނުބައި ކަންކަމެވެ.
ޒަމާނާއެކު ދިވެހިންގެ އަޚުލާޤިއްޔަތުގެ އިންތައް ބަދަލުވެއްޖެއެވެ. މިހާރު އިސްލާމްދީނުގައި ޙަރާންކުރެއްވި ކޮންމެ ކަމަކީ ދިވެހިންނަށް ހަޑި ކަންކަމެއް ނޫނެވެ. އެކަން އަޅުގަނޑަށް ފެނިގެން ދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކަމުގައި ބެލެވޭ ބޭފުޅެއް، ބަޔަކު ރާ ބޮއެ، ނަށައި "ބިރެއް ނެތި" މަޖާކުރާ ތަނެއްގައި ހުންނެވި ފޮޓޯއާއި ވީޑިޔޯ ޢާންމުވުމުންނެވެ. މީސްމީޑިޔާގައި ޚާއްޞަކޮށް ޓުވިޓާގައި ގިނަ ބައެއް އެކަން ދިފާޢުކުރިއެވެ. އެއީ މާބޮޑު ކަމެއް ނޫން ކަމުގައި އަދި އެއީ މައްސަލައެއް ނޫން ކަމުގައި ބުނެ ވަކާލާތުކުރިއެވެ. ދިވެހި އަންހެނުންތަކެއް ނިވައިކަން ކުޑަ ހެދުމުގައި ބައިތަށިތަކުގައި ތުންޖަހައިގެން އުޅޭ މަންޒަރު ފެނުމުން އެކަންވެސް ހަމަ ދިވެހިން ދިފާޢުކުރިއެވެ.
އެހެންވީމާ ދިވެހި އަޚުލާޤިއްޔަތުގެ އިމަކީ އިސްލާމީ އަޚުލާޤިއްޔަތުގެ އިންތައް ކަމުގައި މިއަދު ބުނެވިދާނެ ހެއްޔެވެ؟ އަދިވެސް ގިނަ ދިވެހިން އިސްލާމްދީނަށް ލޯބިކުރާނެއެވެ. އިސްލާމްދީނުގެ އަޚުލާޤީ އިންތަކުން ބޭރުވެ، ފާޙިޝް ކަންކަމުގެ ތެރެއަށް ވަނުމާ ދެކޮޅު ހަދާނެއެވެ. އަދި އެފަދަ ކަންކަމާ ދުރުހެލިވާނެއެވެ. ނަމަވެސް ދިވެހިންގެ ތެރެއިން ޒުވާނުންގެ އަޚުލާޤިއްޔަތަށް ބޮޑު ބަދަލެއް ނާދޭ ހެއްޔެވެ؟
ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖާއި ތަރުބަވީ ސަގާފަތުގެ އުނިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ދަރިން ހުޅަނގުގެ ޤަބޫލުކުރުންތަކާއި ސަޤާފަތްތަކުގެ އަވާގައި ޖެހި ވަރަށް ބޮޑަށް ޣަރަޤުވެފައިވާ ކަމުގައެވެ. އެކުދިން ހެވާއި ނުބައި ދަސްކުރުމަށް މިއަދު ގެންގުޅޭ މިންގަނޑަކީ ހޮލީވުޑެވެ. އިނގިރޭސި ވާހަކަތަކެވެ. ހުޅަނގުގެ ސަޤާފަތެވެ. ފުންކޮށް ހުޅަނގުގެ ޙާލަތާމެދު ނަޤުދީ ގޮތެއްގައި ވިސްނުމަށް ބޭނުންވާ ޤާބިލުކަމެއް އެކުދިން ކިބަޔަކު ނެތެވެ. އަދި ހުޅަނގުގެ ފިކުރާއި ސަގާފަތާއި އަޚުލާޤިއްޔަތާއި އިސްލާމީ ފިކުރާއި ސަގާފަތާއި އަޚުލާޤިއްޔަތު އަޅައިކިޔުމަށް ބޭނުންވާ ސަޤާފީ ހޭލުންތެރިކަމެއްވެސް އެކުދިން ކިބައިގައި ނެތެވެ.
އެހެންކަމުން ދިވެހިންގެ ތެރޭގައި މިހާރު އެންމެ ގަދައަށް ފެތުރެމުންދާ އެއް ކަމަކީ "މޯރަލް ރިލޭޓިވިޒަމް" އަޚުލާޤިއްޔަތަކީ ނިސްބީ ކަމެއް ކަމުގައި ޤަބޫލުކުރުމުގެ ފިކުރެވެ. މިފިކުރުގެ މަދުގައިވަނީ އަޚުލާޤިއްޔަތުގެ އަސާސަކީ "ގެއްލުމުގެ މަބްދައު" ނުވަތަ ހާމް ޑޮކްޓަރިން ކަމުގައި ޤަބޫލުކުރާ ކުރުމެކެވެ. މިމަބްދައު ބުނަނީ ކޮންމެ ކަމެއްވެސް އެހެން މީހަކަށް ގެއްލުން ނުލިބޭ ކަމެއް ކަމުގައިވާނަމަ، ގޯހަކަށް ނުވާނެ ކަމުގައެވެ. ހެވާއި ނުބައި ކަނޑައެޅުމުގެ އަސާސަކީ ގެއްލުމެވެ. އެވެސް ތިމާ ނޫން އެހެން މީހަކަށް ގެއްލުންވުމެވެ. އެހެން މީހަކަށް ގެއްލުންވާ ކޮންމެ ކަމަކީ ގޯހެކެވެ. ނުބައި ކަމެކެވެ. އެހެން މީހަކަށް ގެއްލުމެއް ނުވާ ކޮންމެ ކަމަކީ ހުއްދަ ރަނގަޅު ކަންކަމެވެ.އެހެންވީމައި، އަނެކުންނަށް ގެއްލުންނުވާ، ދެމީހަކު ރުހިގެން ކުރާ ކޮންމެ ކަމަކީ ހަމަ ރަނގަޅު ކަމެކެވެ. މިދެންނެވި މިންގަނޑުން ޖިންސީ ގުޅުންތަކާއި، މަސްތުވުމާއި، އެނޫންވެސް ކިތަންމެ ކަމެއް، ދީނުގައި ޙަރާމްކުރެއްވިޔަސް، އަޚުލާޤީ ގޮތުން ރަނގަޅު ކަންކަމަށް އެބަވެއެވެ.
އިސްލާމީ ފިކުރުގައި މައުޟޫޢީ "އޮބްޖެކްޓިވް" އަޚުލާޤީ ޤަބޫލުކުރުންތަކެއް ހުރެއެވެ. އެއީ ޒަމާނާއި ޙާލަތަށް އަންނަ ބަދަލަކުން އަސަރުނުކުރާ އަޚުލާޤީ ޤަބޫލުކުރުންތަކެވެ. ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޒަމާނުގައިވެސް ޒިނޭއަކީ އަޚުލާޤީ ކުށެކެވެ. އަދިވެސް އެއީ އިސްލާމީ އަޚުލާޤިއްޔާތުގައި ކުށެކެވެ. ހުޅަނގުގައިވެސް އެއް ޒަމާނެއްގައި އެއީ ކުށެކެވެ. އިހުގެ ނާވިލުތަކުގައި އެފަދަ ކަންކަން ޞިފަކޮށްފައި ހުންނަނީ ފާފައިގެ ގޮތުގައެވެ. އެކަންކުރާ މީހުން ޞިފަކުރަނީ ފާފަވެރިން، ކުށްވެރިން އަދި އަނިޔާވެރިންގެ ގޮތުގައެވެ. ޒަމާނާއެކު ހުޅަނގުގައި ދީނުގެ ދައުރު މަރުވެ، މިހާރު އެއީ އާދައިގެ ކަންކަމެވެ. ކީއްހެއްޔެވެ؟ ޢިއްފަތްތެރިވެ، ކާވެނިން ބޭރުން ޖިންސީ ގުޅުން ނުހިންގުމަކީ ކަޓު ކަމެއް ކަމުަގއިވެސް ހަދައިފިއެވެ. ދީނުގެ ދައުރު ކުޑަވުމުން އަޚުލާޤިއްޔަތުގެ އިންތަކުގެ ދައުރުވެސް ހަނިވެއެވެ. ސުވާލަކީ އަޅުގަނޑުމެން މިދަތުރުކުރަނީ އެ މިސްރާބަށްތޯ ކުރެވޭ ސުވާލެވެ.
އިސްލާމީ އަޚުލާޤިއްޔަތުގެ އެންމެ މުހިއްމު އަސާސަކީ ހެވާއި ނުބައި ދެނެވޮޑިގެންވަނީ މާތްﷲ ކަމުގައި ޤަބޫލުކުރުމެވެ. ހެވާއި ނުބައި ކަނޑައަޅާނީ ކީރިތި ޤުރުއާނާއި ސުންނަތުން ކަމުގައި ޤަބޫލުކުރުމެވެ. އެހެންކަމުން ތިމާގެ ބުއްދިން ވިސްނާ ވިސްނުމުގައި އެކަމަކީ ނުބައެއް ކަމުގައި ޤަބޫލުނުކުރެވުނަސް ﷲ ނުބައެއް ކަމުގައި ކަނޑައެޅުއްވި ކޮންމެ ކަމެއް ނުބައެއް ކަމުގައި ޤަބޫލުކުރުމެވެ. ނަމަވެސް މާތްﷲގެ ހެޔޮ ރަޙުމަތްފުޅުން އިސްލާމީ އަޚުލާޤީ ނިޒާމަކީ ބުއްދިއަށް ދައުރެއް އޮތް ނިޒާމެކެވެ. އިސްލާމްދީނުގެ އަޚުލާޤިއްޔަތަކީ ބުއްދިންވެސް ދިފާޢުކުރެވޭނެ އަޚުލާޤިއްޔަތެކެވެ. ހުޅަނގުގެ އަޚުލާޤިއްޔަތު ބިނާކޮށްފައިވަނީ ބުއްދީގެ މައްޗަށް އެކަންޏެވެ. އިލާހީ އިރުޝާދާއި ތަޢުލީމަށް އެއަޚުލާޤިއްޔަތުގައި މިހާރު ދައުރެއް ނޯވެއެވެ. އަމުދުން ޢާންމު އަޚުލާޤިއްޔަތު "ޕަބްލިކް މޯރަލިޓީ"އަކީ ދީނާ ވަކިވެފައި އޮންނަ ކަމެކެވެ.
އަޅުގަނޑުމެންގެ މުޖުތަމަޢަށް ބަލާއިރު، ހުޅަނގުން ތަޢުލީމު ޙާޞިލުކުރި ބައެއް ޒުވާނުންނާއި، ހުޅަނގުގެ ފިކުރުތަކުގެ އަވާގައި ޖެހިފައިވާ ބައެއް ހަރު މީހުންނަށްވެސް މިހާރު ހުޅަނގުގެ މާއްދީ މިފަލްސަފާ މިއޮތީ ކަމުގޮސްފައެވެ. އެއަށްވުރެ ހިތާމަވެރި ކަމަކީ އިސްލާމްދީނަށް ލޯބިކުރާ ބައެއް މީހުންނަށްވެސް، ސިޔާސީ ވާދަވެރިކަމުގެ އަވާގައި ގޮސް މިފަލްސަފީ މަޅިއަށް މެހިގަނެވޭ ކަމެވެ. އެމަޅިއަށް ކަނދުރައި މަހައިލަނީ، އެކަން ނުވެސް އެނގިއެވެ. އެހައިވެސް އަޅުގަނޑުމެންގެ ލޯތަކުގެ ކަނުކަމާއި އަނދިރިކަން މިހާރު ބޮޑުވެއްޖެއެވެ. ޒުވާނުންގެ ތެރެއިން ވަރަށް ގިނަ މީހުންވެސް މިފިކުރު ޤަބޫލުކުރަނީ ބުއްދީގެ ތަރާދުން ކިރައިގެން މިފިކުރުގެ މޮޅުކަމާއި ގަދަކަން ޤަބޫލުކުރެވިގެންނެއް ނޫނެވެ. ނަމަވެސް ސަޤާފީ ގޮތުން ހުޅަނގަށް ބަރޯސާވެވި އާގަމަވެވިފައިވާ މިންވަރު ހަމަ ބޮޑީއެވެ.
އިސްލާމީ އަޚުލާޤިއްޔަތު ދިވެހި އަޚުލާޤިއްޔަތުން ވަކިކުރެވި، ހުޅަނގުގެ އަޚުލާޤީ މަންޒޫރު (ޕަރސްޕެކްޓިވް) ދިވެހި އަޚުލާޤިއްޔަތާ ލާމެހި ގުޅެމުންދާ ދިއުން ފެނުމުން ހިތަށް އަސަރުކުރިއެވެ. ދެރަވެއެވެ. އަދި ލަދުވެސް ގަނެއެވެ. އެހެންނަމަވެސް އެއަށްވުރެ އަސަރުކުރާ ކަމަކީ މިކަމުގައި އަޅުގަނޑުމެން އިސްލާމީ އަޚުލާޤިއްޔަތުގައި ހިފަހައްޓައިގެން ތިބެން ބޭނުން މީހުންގެ ނުކުޅެދުންތެރިކަމާއި ނާޤާބިލުކަމާއި ޣާފިލުކަމެވެ.
މި ލިއުމާއި ގުޅޭ