Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ސުޕަރ މެޖޯރިޓީގެ ބަދަލުގައި އައްޑޫއަށް ލިބުނީ ބާ ކޮމްޕިއުޓަރުގެ ބިޔަ މަޝްރޫޢު!؟

1970 ގެ އަހަރުތަކުގެ ފަހުކޮޅު ސ.ގަމުން އިނގިރޭސިން ފައިބައިގެން ދިޔައިރު އެތާހުރި ތެޔޮ ތާނގީތަކާއި ފަޔަރ ލޮރީތައް އަދި ސިނަމާގައި ބޭނުންކުރި ސްޕީކަރުތަކާއި ގަމުގައި ތިބި ހުރިހާ އެއްޗިއްސެއް މާލެ ގެންދިޔަ ވާހަކަ އަކީ އައްޑޫގެ ޒުވާނުންނަށް އާ ވާހަކައެއް ނޫނެވެ. މިއަދު އައްޑޫގެ ގިނަ ޒުވާނުން ބޮޑެތިވަމުން އައީ އެމީހުންގެ މާމައިންނާއި ކާފައިންގެ ފަރާތުން އެވާހަކަތައް އަޑުއަހަމުންނެވެ.
ގަމުން އިނގިރޭސިން ފައިބައިގެން ދިޔަ ފަހުން ފާއިތުވި 55 އަހަރު ދުވަހު އައްޑޫގެ ތަރައްޤީއަށް މާބޮޑު މަސައްކަތެއް ކުރި ތަނެއް ފެންނާކަށް ނެތެވެ. އަދި ތަރައްޤީގެ މަސައްކަތެއް ކުރިއަށްދާ މަންޒަރެއް ވެސް ފެންނަން ނެތީއެވެ. އެހެނަސް ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޖަހާ ކަޑަތަކެއްގެ ގޮތުގައި ބިޔަ މަޝްރޫޢުތަކުގެ ވާހަކަ ދައްކާނެއެވެ. ކޮންމެ ސިޔާސީ ކުލައަކަށް ނިސްބަތްވިޔަސް އައްޑޫ މީހެއް ވެއްޖެއްޔާ މިކަމާ ދެބަހެއް ނުވާނެއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ނިމިފައިވާ ހަމަ އެންމެ ރަށެއް ވެސް އައްޑޫއަކު ނެތެވެ. އައްޑޫގެ ނަރުދަމާގެ ނިޒާމެއްގެ ވާހަކައަކީ ކުރީގެ ރައީސް މައުމޫނުގެ ދައުރުންފެށިގެން ދެކެވެމުންއަންނަ ފަލްސަފީ ވާހަކައެކެވެ. އައްޑޫ ރައްޔިތުން އަދިވެސް ތިބީ ނަރުދަމާއެއްގެ ޚިދުމަތް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މަގުތައް ހެދުމުގެ މަޝްރޫޢު އެތައް ފަހަރެއްގެ މަތިން އިފްތިތާޙްކުރި ނަމަވެސް ތާރުއަޅައިގެން ހަދާފައި އޮތީ ދެ ތިން މަގެކެވެ. އައްޑޫގެ މަޝްހޫރު ލިންކް ރޯޑުގެ ބައެއް ހިސާބުތަކުގެ ތާރު ގަނޑުގެ ބޯމިނުގައި އެއް އިންޗިވެސް ނެތްއިރު މަގުގައި ހެދޭ ވަޅުގަނޑުތައް މަރާމާތުކުރުން އެއީ ނުނިމުނު މަސައްކަތެކެވެ.
އައްޑޫގެ ހޮސްޕިޓަލް ފެންވަރު ރަގަޅުކޮށް މުޅިން އާ ހޮސްޕިޓަލެއް އެޅުމަށް 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރަކުންވެސް އައްޑޫ ރައްޔިތުންނަށް ހުވަފެން ދައްކަމުން ދަނިކޮށް އެންމެ ފަހުން އެކަން މިވަނީ ހަގީގަތަކަށް ވެފައެވެ. އެ ހުވަފެން ހަގީގަތަކަށްވެ އައްޑޫ ރައްޔިތުންނަށް ހަމަނޭވާއެއް ލެވޭ ވަރުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރި ޙިކްމަތްތެރި މަސައްކަތްތަކުގެ ސަބަބުންނެވެ. އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިންމަވާލެއްވި އިރު ހޮސްޕިޓަލުގެ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްދެއްވިއެވެ. ނުނިމި އޮތީ ރިބަން އެއްސުމަށް ފަހު ރިބަން ކޮޅު ކަނޑާލެއްވުމުގެ މަސައްކަތް އެކަންޏެވެ. ހުރިހާ ވަސީލަތްތައް ފުރިހަމަކޮށްފައި ހުރި ހޮސްޕިޓަލް މިސަރުކާރަށް އަދިވެސް ނުހުޅުވެއެވެ.
އައްޑޫ މީހުން މަރުދޭ އެމްޑީޕީގެ ވެރިކަމެއް ނަމަވެސް އައްޑޫއަށް ތަރައްޤީގެ ބިޔަ މަޝްރޫޢެއް އަންނާނެ ތަނެއް ނުފެނެއެވެ. ވެރިކަމުގެ ފުރަތަމަ އަހަރު އައްޑޫއަށް އެތައް މިލިއަން ރުފިޔާއެއް އޮއްސާލައްވާނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް ރައްޔިތުން ބުނަމުން ދަނީ ލައްކައެއްހާ ރުފިޔާ ޚަރަދުކުރި ކަމެއް ވެސް ތިމަންނާމެންނަށް ނޭނގޭ ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައި އެންމެ "ދުވެލި ލަސް ސަރުކާރު" ކަމަށް ގިނަ ބަޔަކު ބުނަމުން ގެންދާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އައްޑޫން އާކަމެއްގެ ގޮތުގައި ފެންނަނީ ސިޓީ ސްކެއާގެ ނަމުގައި ހަދަން ފެށި ޕާކެވެ. އެ މަސައްކަތް ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އައްޑޫ ގިނަ މީހުން ސިފަކުރަނީ އެއީ ވެސް ނިމުމެއް ނެތް މަސައްކަތެއްގެ ގޮތުގައެެވެ.
އައްޑޫގެ ހާލަތު މިހެން އޮތް ނަމަވެސް ނޫސްތަކުގެ ފަލަ ސުރުޚީގައި މިދިޔަ ހަފްތާގައި އޮތީ މަޖިލީހުގެ ރައީސްގެ ހެޔޮފުޅުކަމުން އައްޑޫއަށް ވެދެއްވި ދީލަތި އެހީފުޅެއްގެ ވާހަކައެވެ. އައްޑޫގެ ސްކޫލަކަށް 60 ކޮމްޕިއުޓަރު ހަދިޔާކުރެއްވުމުން އެކްޓިވިސްޓުންގެ ޝުކުރު ނަޝީދަށް އޮއްސާލިއެވެ.
މަޖިލީހުން އުކާލަން ވެފައި ހުރި ކޮމްޕިއުޓަރުތަކެއް ދެއްވީމާ އައްޑޫ މީހުން ނަޝީދަށް ސަނާކިޔަން ޖެހޭ ހެއްޔެވެ؟ ރިޔާސީ އިންތިޚާބާއި މަޖިިލިސް އިންތިޚާބުގައި އައްޑޫ ރައްޔިތުން ނިކުމެ އެމްޑީޕީއަށް ދިން މެޖޯރިޓީގެ އަގަކީ އެންމެ 60 ކޮމްޕިއުޓަރު ހެއްޔެވެ؟
ކޮމްޕިއުޓަރުތައް ހަދިޔާކުރުމާއި ގުޅުވައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރެއްވި ބާ ކޮމްޕިއުޓަރު ލިބުމުން އައްޑޫ ރައްޔިތުން ފަޚުރުވެރިވާން ޖެހޭ ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކުރިއެވެ. އެހެން ނަމަވެސް އައްޑޫގެ ގިނަ ބަޔަކު އެކަން ބަލައިގަތީ އެއީ މަލާމާތެއްގެ ގޮތުގައެވެ. އެހެނަސް އެގޮތަށް އެކަން ގަބޫލުނުކުރާ މީހުން ވެސް ގިނަ އެވެ. އޭގެ ތެރޭގައި މަޖިލީހުގައި އައްޑޫގެ ތަރައްޤީއަށް ވަކާލާތު ކުރައްވާ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
ކޮމްޕިއުޓަރުތައް ހަދިޔާކުރުމާއި ބެހޭގޮތުން ހިތަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ފާޅުކުރެއްވި ޚިޔާލުފުޅަކާއި އެކު އެކަމާއި ބެހޭގޮތުން ފޭދޫ ދާއިރާގެ މެންބަރުގެ ޝުޢޫރު ފާޅުކުރެއްވިއެވެ. އަދި ޒާހިދު ރަމީޒަށް ރައްދު ދެއްވައި އައްޑޫގެ ތަރައްޤީއަށް ހުރި ކަމަށް ބުނާ އަދަދުތަކެއް ވެސް ނިހާދު ހާމަކުރެއްވިއެވެ. ނިހާދު ވިދާޅުވި ގޮތުގައި އައްޑޫ ދަތުރުކުރަމުން ދަނީ ތަރައްޤީވުމާއި ދިމާލަށެވެ. އަދި ބާ ކޮމްޕިއުޓަރު ލިބުމަކީ ވެސް އުފަލެއް ކަމަށް ނިހާދު ދެކެވަޑައިގަންނަވައެވެ. ނިހާދު ހުންނެވީ މަޖިލީހުގައި ބޭނުންކުރި ބާ ކޮމްޕިއުޓަރުތައް ނުވަތަ އޭގެއިން ބައެއް ކޮމްޕިއުޓަރު ފޭދޫ ސްކޫލަށް ހޯއްދަވައިދެއްވަން ވެސް ތައްޔާރަށެވެ.
ރައްޔިތުންގެ މަޖިލީހަށް އައްޑޫ ތަރައްޤީއަށް މަސައްކަތް ކުރާނެ ކަމުގެ ވައުދުވެ ވަޑައިގެން އިންތިޚާބުވި މެންބަރު ސުވާލު އުފެއްދެވީ "ކޮމްޕިއުޓަރުތައް ބާވެދާނެތޯ" އެވެ.
މަޖިލީހުގައި ކޮމްޕިއުޓަރުތައް ބޭނުންކުރުމުން ބާވެދާނެކަމަށް ނިހާދު ޤަބޫލުނުކުރެއްވައި ތަރައްޤީގެ މަޝްރޫޢުތަކަށް އިހުމާލުވުމަށް ފަހު އިންތިޚާބު ބޯމަތިވުމާއި އެކު ބާ ކޮމްޕިއުޓަރުތަކެއް ދިނުމަކީ ފަޚުރެއް ކަމުގައި އައްޑޫގެ ގިނަ ރައްޔިތުން ނުދެކެއެވެ. އައްޑޫ ރައްޔިތުން ތިބީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ސަރުކާރުން އައްޑޫގެ ތަރައްޤީއަށް އިހުމާލުވާތީ އެކަމާއި ނުރުހިފައެވެ. ކޮމްޕިއުޓަރުތައް ހަދިޔާކުރެއްވި މަޖިލީހުގެ ރައީސް އައްޑޫއަށް ވަޑައިގަތުމުން އައްޑޫ ރައްޔިތުން ގެ ހިތަށް ކަހެރިވަކެކޭ ވެސް ނާރަނީ އެހެންވީމައެވެ.
ހަމަގައިމުވެސް އައްޑޫން ސަރުކާރަށް އަދި އެމްޑީޕީއަށް ދިން ސުޕަރ މެޖޯރިޓީގެ އަގަކީ ބާ ކޮމްޕއުޓަރުގެ ޝިޕްމަންޓެއް ފޮނުވާލުމަކީ އައްޑޫ ރައްޔިތުނަނަށް ކުރެވުނު މަލާމާތެކެވެ. އެއީ ހަމަގައިމުވެސް އައްޑޫ ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫނެވެ.
މި ލިއުމާއި ގުޅޭ