Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ރިޔާސީ ބަޔާނާއެކު އިދިކޮޅުގެ ހަމަހިމޭން މަޑުމައިތިރި އިޙުތިޖާޖު: ތަފާތު މަންޒަރެއް

ރިޔާސީ ބަޔާން އިއްވަވަން ރައީސުން މަޖިލިހަށް ވަޑައިގަތުމުން އިޙުތިޖާޖުކުރުމަކީ ޢާންމު ކަމެކެވެ. އެންމެ ފުރަތަމަ މިފަދަ އިޙުތިޖާޖެއް ކުރިމަތިވި މަންޒަރު ފެނުނީ 2013 ވަނަ އަހަރުގައި ރިޔާސީ ބަޔާން އިއްވަވަން ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަޑައިގެންނެވުމުންނެވެ. އަޑުގަދަވެ އިޙުތިޖާޖުގެ ސަބަބުން ރިޔާސީ ބަޔާން އިއްވެވުން މެދުކަނޑައިލައްވަން ޖެހިވަޑައިގަތެވެ. ދެން ފެނުނީ ރައީސް ޢަބްދުﷲ ޔާމީނު މަޖިލިހަށް ވަޑައިގަތުމުން އެއިރުގެ އިދިކޮޅު ފަރާތްތަކުން ކުރި އިޙުތިޖާޖެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ޢާންމުންނަށް އަޑުނީވޭ މިންވަރަށް މަޖިލިހުގެ ތަޅުމުގައި އަޑުގަދަވެގެން ދިޔައެވެ.
މިއަދު އަނެއްކާވެސް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖަކަށް މަޖިލިހުގެ ތަޅުމުގައި ތެދުވިއެވެ. ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުން މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ތެދުވެވަޑައިގެން ރިޔާސަތުގެ ކުރިމައްޗަށް ވަޑައިގެން މަޑުކޮށްލެއްވުމުން، ފަހަތުން ކޯލިޝަނުގެ އެހެން މެންބަރުން ވަޑައިގެން މަޑުކުރެއްވިއެވެ. އަޑުގަދައެއް ނުކުރައްވައެވެ. މަޑުމައިތިރިކަމާއެކު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ވާޖިބަށް ހުރަސް ނާޅުއްވައި، އިޙުތިޖާޖު ކުރެއްވީއެވެ. އެބޭފުޅުން ދައްކަވަން ބޭނުންފުޅުވި ވާހަކަފުޅުތައް ހުރީ އެބޭފުޅުންގެ އަތްޕުޅުގައި ހުރި ބޯޑުތަކުގައެވެ.
މިމަންޒަރު ފެނުމުން އަޅުގަނޑު ހިތަށް އެރީ އިހުތިޖާޖުކުރުމަކީ އިޙުތިރާމާއެކު ކުރެވިދާނެ ކަމެއްކަން ދިވެހިންނަށް ފެނިއްޖެ ކަމުގައެވެ. އިހުތިޖާޖުކުރުމުގެ މާނައަކީ ދިވެހި ދައުލަތުގެ ކަރާމަތާއި، ދައުލަތުގެ އެންމެ މަތީ މަޤާމުގެ ޙުރުމަތަށް ބެލުމެއް ނެތި ހިތުހުރިހައި އެއްޗެއް މަޖިލިހުގެ ތަޅުމުގައި، އަޑަށް ލެވުނުހައި ބާރެއް ލައި ގޮވުން ނޫންކަން ދިވެހިންނަށް މިއަދު އެނގޭނެއެވެ. މިއަދު ފެނިގެންދިޔަ މަންޒަރުން ދިވެހިންނަށް ސިޔާސީ މަސައްކަތް ތަހުޒީބު ބައެއްގެ ގޮތުގައި، އަޚުލާޤީ އިންތަކުގައި ހިފަހައްޓައިގެން ތިބެ ކުރުމުގެ ނަމޫނާ ދައްކަވައިދެއްވީތީ އެބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.
ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް އެމަޤާމަކީ އިހުތިރާމު ޙައްޤު މަޤާމެކެވެ. އެއީ ދައުލަތުގެ އެންމެ އިސްވެރިޔާއެވެ. އެއީ ދިވެހިންގެ މޫނު މައްޗެވެ. ޤައުމުގެ ލީޑަރެވެ. އެބޭފުޅާގެ ސިޔާސަތުތަކާއި ކަންކަން ހިންގަވާ ގޮތާމެދު ހިތްހަމަނުޖެހުމެއް އޮތުމަކީ އެމަޤާމުގެ ޝަރަފާއި ޤަދަރު ކެނޑޭ ގޮތަށް ޢަމަލުކުރަންޖެހޭ ސަބަބެއް ނޫނެވެ. އަދި އެގޮތަށް ޢަމަލުކުރުމަކީ ޒިންމާދާރު ސިޔާސީ ހަރަކާތެއްގެ ތެރެއިން ފެނިގެންވާނެ މަންޒަރެއްވެސް ނޫނެވެ.
މިއަދު ރައްޔިތުން މަޖިލިހުގައި އިދިކޮޅު މެންބަރުންގެ ޢަދަދު މަދެވެ. އެހެންވީމާ އަޑުގަދަ ނުކުރެވޭނެ ކަމުގައި ބަޔަކު ހީކޮށްފާނެއެވެ. ކިތަންމެ ޢަދަދު މަދަސް، އަޑުގެ ނެތްކޮޅަށް 9 ވަރަކަށް ފިރިހެނުން ހަޅޭއްލަވަން ފެށީމައި ތަޅުމުގެ މަޞްލަޙަތު ގެއްލޭނެއެވެ. ރިޔާސީ ބަޔާން އިއްވަވަން ރައީސަށް އުދަގޫވެވަޑައިގަންނަވާނެއެވެ. ނަމަވެސް އެގޮތް އިޚުތިޔާރުނުކުރެއްވުން އެއީ މިއަދު އިދިކޮޅު މެންބަރުންގެ ގޮތުގައި މަޖިލިހުގައި ތިއްބެވި މެންބަރުން ނިންމެވި ރަނގަޅު ނިންމެވުމެކެވެ. އެއީ ބަލިކަށިކަމުގެ ޢަލާމާތެއް ނޫނެވެ. އެއީ ވިސްނުމުގައި ތަޞައްރުފު ފުދި ޤައުމުގެ އަދާއި މާދަމާއާމެދު އިޚުލާޞްތެރިކަމާއެކު، ވިސްނަވާ ކަމުގެ ޢަލާމާތެކެވެ. ހެޔޮ ރަނގަޅު ނަމޫނާ ދައްކަވަން ބޭނުންފުޅުވާ ކަމުގެ އުންމީދީ ރަމްޒެކެވެ.
މި ލިއުމާއި ގުޅޭ