Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

މަރުގެ އަދަބު ތަންފީޒުކުރެވޭކަށް ނެތްތޯ؟

އިސްލާމީ ޝަރީޢަތުގައި މަރަށް މަރުގެ ޙުކުމް ކަނޑައަޅުއްވައިފައިވީ ނަމަވެސް މިއަދަބު ތަންފީޒުކުރުމުގައި ދިވެހި ސަރުކާރާއި ދިވެހި ދައުލަތްވަނީ ފަސްޖެހިފައެވެ. ފަހަތުފައަށް ބުރަވެފައެވެ. ކުރީގެ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީން މަރުގެ ޙުކުމް ތަންފީޒުކުރައްވާނެ ކަމުގައި ވިދާޅުވުމުން ޢަދުލު އިންޞާފުގެ ނިޒާމު އެކަމަށް ތައްޔާރު ނޫން ކަމުއި ވިދާޅުވި ބޭފުޅުން މިއަދު ތިއްބެވީ ވެރިކަމުގައެވެ. ޢަދުލު އިންޞާފުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަވައި "ޢަދުލުވެރި" ސުޕްރީމު ކޯޓެއް އުފައްދަވައިފިއެވެ. އެހެންވީމާ ސުވާލަކީ މަރުގެ އަދަބު ތަންފީޒުކުރަން ނުވޭ ހެއްޔެވެ؟
މިސުވާލު ކުރަންޖެހުނީ ދެ އަހަރުގެ ތުއްތުކުއްޖަކާމެދު، އެކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ޢަމަލު ހިންގި ކަމުގެ ތުހުމަތު ފެންމަތިވުމާ ގުޅިގެންނެވެ. މިވަގުތު ދިވެހިރާއްޖޭގެ ޤާނޫނުތަކުން މިޢަމަލު ހިންގި ފަރާތްތަކުގެ މައްޗަށް ކުށް ސާބިތުކުރެވިގެން، ދެވޭނެ އެންމެ ހަރުކަށި އަދަބަކީ 25 އަހަރަށް ޖަލަށް ލުމެވެ. މިދެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީޢަތުގެ އަލީގައި ތަޢުޒީރީ އަދަބެއްގެ ގޮތުގައި މަރުގެ ޙުކުމް ތަންފީޒުކުރެވިދާނެ ކަމުގައި ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މިބައިމީހުން ހިންގި ޢަމަލަކީ ޙަރާބާގެ ޢަމަލެއް ކަމުގައި ބަލައި އެކުށުގެ ޙައްދުވެސް ތަންފީޒުކުރެވިދާނެއެވެ.
ކުރިން މަރުގެ ޙުކުމް ތަންފީޒުކުރުމާ މުޅިން ދެކޮޅު ބައެއް ފަރާތްތަކުންވެސް މިމައްސަލާގައި މަރުގެ އަދަބު ކަނޑައަޅައި ތަންފީޒުކުރުމަށް ގޮވާލާފައިވެއެވެ. ސަބަބަކީ މިކުށުގެ ނުބައިކަމާއި، ބޮޑުކަމުން އިންސާނީ ޟަމީރުގެ ޠަބީޢީ ޙާލަތު އެފަދައިން ނިޔާކުރުމެވެ. ނަމަވެސް މިހިސާބުން އުފެދޭ ސުވާލަކީ މިއަދު ދިވެހި ދައުލަތުގެ ފިކުރު ހުރީ ކޮން އަމާޒަކަށްތޯ ކުރެވޭ ސުވާލެވެ. ފިކުރީ ގޮތުން މަރުގެ އަދަބާ ދެކޮޅު އެއީ ވަޙުޝީ (ބާބޭރިކް) އަދަބެއް ކަމުގައި ހިތުގެ އަޑިން ޤަބޫލުކުރާ މީހުން ދިވެހި ދައުލަތުގެ މަތި ފަނޑީގައި ނެތްތޯ ކުރެވޭ ސުވާލެވެ.
އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ ވާހަކަ މިފަދަ ކޮންމެ ދުވަސްވަރެއްގައި ޢާންމުވެއެވެ. އަޑު އަހަރުކޮށް ރައްޔިތުން ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބުތައް ތަންފީޒުކުރުމަށް ގޮވައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ދައްކުވައިދޭ މަންޒަރަކީ ޝަރީޢަތް ތަންފީޒުކުރުމަށް ބޭނުންވާ ބައަކަށް ރައްޔިތުންގެ ތާއީދު ނެތުމެވެ. އިސްލާމީ ޝަރީޢަތުގައި މިަފަދަ ބޮޑެތި ލާއިންސާނީ ކުށްތަކަށް ބޮޑެތި އަދަބުތައް ދެވޭ ގޮތަށް އޮންނަނީ ސަބަބެއް އޮވެގެންނެވެ. މިކުށްތަކުގެ ސަބަބުން މުޖުތަމަޢަށް އަދި އެކުށްތަކުގެ ޝިކާރައަށްވާ ފަރާތްތަކާއި އެފަރާތްތަކުގެ ޢާއިލާތައް ތަޙައްމަލުކުރަންޖެހޭ ހިތްދަތިކަމާއި ގެއްލުމުގެ ބޮޑުކަމުގެ ސަބަބުންނެވެ.
މިސާލަކަށް ޤިޞާޞަށް ބަލައިލަމާތޯއެވެ. އިސްލާމީ ޝަރީޢަތުގައި ޤިޞާޞުގެ އަދަބު ޢަފޫކުރުމުގެ ޙައްޤު ވާރުތަވެރިންނަށްވަނީ ދެއްވާފައެވެ. އެއީ އެފަރާތްތަކަށް ލިބުނު ގެއްލުމާއި އުނިކަމުގެ އިޙުސާސްކުރެވޭނީ އެފަރާތަށް ކަމުގައިވާތީއެވެ. ނަމަވެސް މާތްﷲވަނީ ޤިޞާޞުގައި ޢަފޫކުރުން ހެޔޮ ކަމުގައި އަންގަވައި އެކަމަށް ބާރު އަޅުއްވާފައެވެ. ޢަފޫކޮށް މަޢާފުދިނުމަށް ބާރުއެޅުއްވުމާއެކުވެސް އެޙައްޤު މާތްﷲ ދެއްވާފައިވަނީ ވާރުތަވެރިންނަށެވެ. މިގޮތް ޢަދުލުވެރިވެފައި އިންޞާފުވެރިކަމުގައި ނުވާނަމަ، ޢަދުލާއި އިންޞާފަކީ ކޮބައިކަން އަޅުގަނޑަކަށް ނުވިސްނެއެވެ.
ނަމަވެސް މައްސަލައެއްގެ ޙައްލަކީ އަދަބު އެކަންޏެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒުކުރުމަށް އަޅުގަނޑުމެން ގޮވައިލުމާއެކު، މިއަދަބުތަކާ ދެކޮޅު ދޫތަކާއި ގަލަންތައް ހަރަކާތްކުރަނީ އަދަބު ދިނުމަކީ ހައްލެއް ނޫން ކަމުގައި ބުނުމަށެވެ. އަދި ހަރުކަށި އަދަބު ދިނުމުން ރަނގަޅުވެފައިވާ ތަނެއް ނެތް ކަމުގައި ބުނެ ތަފާސް ހިސާބުތައް އަތުރައިލަނީ ޝަރުޢީ އަދަބުތައް އެއްފަރާތްކޮށް އެކަހެރިކުރުމަށެވެ. ނަމަވެސް މިފަރާތްތަކަށް ނުވިސްނޭ އަދި ޤަބޫލުނުކުރެވޭ ކަމަކީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ އަދަބުތަކަކީ ހުސްކަމެއްގެ ތެރޭގައި ހުރި އަދަބުތަކެއް ނޫންކަމެވެ. މިއަދަބުތަކަކީ އިޖުތިމާޢީ ނިޒާމެއްގެ ތެރޭގައި ހުރި އަދަބުތަކެކެވެ. އެއީ އިސްލާމީ އަޚުލާޤީ މަންޒޫމާއެއްގެ ތެރޭގައި ހުރި އަދަބުތަކެކެވެ. އިޖުތިމާޢީ ގުޅުންތައް އިސްލާމްދީނުގައި ތަރުތީބުކުރެވިފައިވާ އުޞޫލުތައް ޤާއިމުކުރުމާއި އެކަންކަމަށް މަސައްކަތްކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.
އެހެންކަމުން އިސްލާމީ ޝަރީޢަތް ޤާއިމުކޮށް އިސްލާމީ އުޞޫލުތައް ތަންފީޒުކުރުމަށް ގޮވައިލެވޭ ގޮވައިލުމަކީ ހަމައެކަނި އަދަބުތަކެއް ދިނުމަށް އެދެވޭ އެދުމެއް ނޫނެވެ. އެއީ އެއަށްވުރެ ފުޅާ ދާއިރާއެއްގައި އިސްލާމީ އަޚުލާޤީ އުޞޫލުތަކާއި ހަމަތައް ޤާއިމުކޮށް، އިސްލާމީ މުޖުތަމަޢެއް ތަރުތީބުކުރުމަށް ގޮވައިލެވޭ ގޮވައިލުމެވެ. އެތަރުތީބުތަކުގެ ތެރޭގައި ޖަމާޢަތުގެ މަޞްލަޙަތަށްޓަކައި ހަރުކަށި އަދަބު ޙައްޤުވާ ފަރާތްތަކަށް އެފަދަ އަދަބު ދިނުމަށް ގޮވައިލެވެނީއެވެ.
މިއަދު އަނެއްކާވެސް ދިވެހިންގެ ގިނަ ބައަކު މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވައިލަމުންދަނީ މުޅި ޤައުމަށް ލިބިފައިވާ ސިހުމެއްގެ ބޮޑުކަމުންނެވެ. މިސިހުން ފިލައިދިއުމުން މިއަޑު ކެނޑިދާނެއެވެ. އަނެއްކާވެސް ދިވެހިންގެ ޟަމީރު ހޭލައްވައިލާ ވަރުގެ ބިޔަ ބޮޑު ކަމެއް ހިނގަންދެނެވެ. އެހައިރުން މަރުގެ އަދަބުގެ ވާހަކަ، އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމުގެ ވާހަކަ ތިލަވާނެއެވެ. ނަމަވެސް އެކަން ކުރުމުގެ ވިސްނުމެއް، ޚިޔާލެއް ފިކުރެއް ދައުލަތުގައި ނުހުންނާނެއެވެ. އެފިކުރާއި ވިސްނުން ބާރުން ބޭރުކޮށް އެއްލައިލީވެސް ދިވެހިންނެވެ. މިއަދު މިއީ އެޙަޤީޤަތް ޤަބޫލުކުރަންވީ ވަގުތެވެ.
މި ލިއުމާއި ގުޅޭ