ނޮވެމްބަރު 3 ހަމަލާގެ ގެ ފަހަތުގައި އޮތީ އިންޑިއާ!؟

އަހްމަދު އަޒާން 3 ނޮވެމްބަރު 2020 12:55
Flowers

އުފަންވީއްސުރެ އަޑު އިވޭ ވާހަކައެކެވެ. ދިވެހިރާއްޖެއަށް ދިވެހި ޚާއިނުންތަކެއް އަޑީގައި ތިބެ ތަމަޅަ ހަނގުރާމަވެރިންގެ ބަޔަކު ބޭނުންކޮށްގެން ދިން އުދުވާނީ ހަމަލާއެއްގެ ވާހަކައެވެ. އަދި ދިވެހި ބަޠަލުންތަކެއް ލެޔާއި ފުރާނައިން އަގުދައްކައިގެން ޤައުމުގެ މިނިވަންކަން ދިފާއުކުރި ވާހަކައެވެ. މި ހާދިސާގެ ވާހަކަ ނޭނގޭ ދިވެއްސަކު ނުހުންނާނެކަން ޔަގީނެވެ. ދިވެހިންތަކެއް ޝަހީދުވުމުގެ އިތުރަށް ދެން އެންމެ ބޮޑަށް އެކަމާއި ގުޅިގެން ދެއްކޭ ވާހަކައަކީ އެދުވަހު އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް އެހީތެރިވި ވާހަކައެވެ.

އިންޑިއާ ސިފައިން ނައިނަމަ ރާއްޖެ ސަލާމަތް ނުވާނެކަމަށް މިއަދު ބައެއް ދިވެހިންނަށްވެސް ޤަބޫލު ކުރެވޭހާ މިންވަރަށް އެ ވާހަކަ އިންޑިއާއިން ދައްކައެވެ. ކޮންމެ އަހަރެއްގެ ނަސްރުގެ ދުވަހާއި ގުޅުވައިގެން ގަދައަށް އެވާހަކަ ދެކެވެއެވެ. އެއީ އެއްގޮތަކަށްވެސް ހަގީގަތެއް ނޫނެވެ. އެކަމާ ގުޅޭގޮތުން މީގެ ކުރިން ލިޔެފައިވާ މި ލިޔުން ކިޔާލުމުން ކޮންމެވެސް ވަރެއްްގެ މައުލޫމާތެއް ލިބޭނެއެވެ. 

މި ހާދިސާއަށް 32 އަހަރު ފުރޭއިރު މިއަދު ދައްކަން މިއުޅެނީ އެހެން ވާހަކައެކެވެ. އެ ހަމަލާގެ ފަހަތުގައި އޮތީ އިންޑިއާ ކަމުގައި އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ވާހަކައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކިޔުންތެރިންނަށް ސާފު ވާނެހެން ވަރަށް ތިލަކޮށް މިފަދަ ބައެއް ސަބަބުތައް ބުނެދެވޭތޯ ބަލާނަމެވެ. 

ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެރި ހުރެ ހިންގިކަމަށް ބުނާ މި އުދުވާނުގައި ހަރަކާތްތެރިވީ ތަމަޅަ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓަމިލް އީލާމް (ޕްލޯޓް) ގެ ހަނގުރާމަވެރިންތަކެކެވެ. މި ޕްލޯޓް އަކީ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރިސާޗް އެންޑް އެނަލިސިސް ވިންގް (ރޯ) އިން ހަރަދުކޮށްގެން އުފެއްދި ޖަމާއަތެއްކަމަށް ގިނަ މަސްދަރުތަކުން ބުނެއެވެ. މިގޮތުން މި ޖަމާއަތުގެ ލީޑަރު އުމާމަހޭޝްވަރަމް ދެކުނު އިންޑިއާގައި ރޯ ގެ ތަމްރީނު މަރުކަޒުތަކުގައި ތަމްރީނުވާ ފޮޓޯތައްވެސް އެކިއެކި މަސްދަރުތަކުން އާންމުކޮށްފައިވެއެވެ. ޕްލޯޓާއި ރޯ އާއި ދެމެދު އޮތް ގުޅުން މިއީ ސިއްރު ގުޅުމެއް ނޫނެވެ. އެހެންކަމުން މި ޖަމާއަތުން އިންޑިއާގެ ފެހި ސިގްނަލް ނުލިބި ބޯޓުތަކަށް އަރައިގެން ރާއްޖެ ހިފަން ގޮސްދާނެ ހެއްޔެވެ؟ 

އިންޑިޔާގެ ޤައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ މަޤާމު އަދާކުރެއްވި ޝަވިޝަންކަރު މެނޯން އޭނާގެ ލިއްޔުވި "ޗޮއިސެސް: އިންސައިޑް ދަ މޭކިން އޮފް އިންޑިޔާސް ފޮރިން ޕޮލިސީ" މިފޮތުގައި ލިޔުއްވާފައިވަނީ، އެލްޓީޓީއާއި އެނޫން އެފަދަ ޖަމާޢަތްތައް ތަމްރީނުކޮށް އެޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދިނުން، 1970 ވަނަ އަހަރު އިންޑިޔާގެ ޖާސޫސީ އިދާރާކަމުގައި "ދަ ރިސާޗް އެންޑް އެނަލައިސިސް ވިންގް" ރޯއާ ހަވާލުކުރެވުނު ކަމަށެވެ. ތަމްރީނުދީ ހަތިޔާރު ފޯރުކޮށްދީ ހަނގުރާމައަށް ތައްޔާރުކުރި ޖަމާޢަތްތަކުގެ ތެރޭގައި އުމާ މަހޭޝްވަރުމުގެ ޕްލޯޓު ޖަމާޢަތް ހިމެނޭ ކަމަށް އެ ފޮތުގައި މުއައްލިފު ލިޔުއްވާފައިވެއެވެ. 

އުމާ މަހޭޝްވަރަން ނޫނީ މުކުންޑަން އަކީ ޕްލޯޓް އުފެއްދުމުގެ ކުރީގައި ލަންކާގެ ތަމަޅައިންގެ އެންމެ ވަރުގަދަ ޖަމާއަތްކަމަށްވާ ލިބަރޭޝަން ޓައިގާރސް އޮފް ޓަމިލް އީލާމް (އެލްޓީޓީއީ) ގެ ސެންޓްރަލް ކޮމިޓީގެ ޗެއަރމަންއެވެ. އެ ޖަމާއަތުގެ ލީޑަރު ޕްރަބާކަރަންއަށްފަހު އެންމެ ނުފޫޒުގަދަ ފަރާތެވެ. ރޯގެ ބެލުމުގެ ދަށުން އިންޑިއާގައި ތަމްރީނު ވުމުގެ އިތުރުން އޭނާ ވަނީ ސީރިއާ އާއި ލުބުނާނުގައިވެސް ތަމްރީނު ހަދާފައެވެ. ކުރުގޮތަކަށް ބުނާނަމަ އޭނާ އަކީ ހަނގުރާމައިގެ އުކުޅުތައް ދަންނަ، ދުނިޔޭގެ ކަންހިނގާ މަގު ދަންނަ ދުނިޔެއަށް ލޯހުޅުވިފައިވާ މީހެކެވެ. ކުޑަ ބޯޓުތަކެއްގައި މަދު ހަނގުރާމަވެރިންތަކެއް ފޮނުވައިގެން ރާއްޖެ ނުހިފޭނެކަން އޭނާއަށް ނޭނގޭނެ ހެއްޔެވެ؟ އަދި ރާއްޖެ އެހެން ހިފުނަސް ރާއްޖެ ދިފާއުކުރަން އިންޑިއާ ނޫނީ އެމެރިކާފަދަ ތަންތަނުން އަންނާނެކަން އޭނާއަށް ނުވިސްނޭނެ ހެއްޔެވެ؟ ހަނގުރާމައިގެ ތަޖުރިބާހުރި، ދުނިޔޭގެ އެފަދަ އެހެން ޖަމާއަތްތަކާއި ގުޅުން އޮތް، އަދި އިންޑިއާގެ ޖާސޫސީ އިދާރާއިން ތަމްރީނު ވެފައި ހުރި މީހަކު މިވަރު ނޭނގިދާނެ ކަމަކީ ނާދިރު ކަމެކެވެ. އެކަން އެނގިހުރެ، އޭނާގެ ހަނގުރާމަވެރިން ރާއްޖެ ހިފަން ފޮނުވާނީ، ކޮންމެވެސް ބާރުގަދަ އެހެން ފަރާތަކުން އެކަމަށް "އޯކޭ" ދީނީމަ ކަމަށް އަޅުގަނޑަށްވަރަށް ބޮޑަށް ގަބޫލު ކުރެވެއެވެ. 

1988 ވަނަ އަހަރުވެސް އިންޑިއާ އިން، އިންޑިއާ ކަނޑުގައި އަދި ލަންކާ އައްސޭރިފަށުގައިވެސް ސަވައިލެންސް އޮޕަރޭޝަންސްތައް ޖައްސައެވެ. ދާދިފަހުން ރާއްޖޭގައި ދުއްވަން އިންޑިއާއިން ގެނައި ޑޯނިއާ 228 މަތިންދާ ބޯޓުތައް އޭރުވެސް އިންޑިއާގައި ހުރެއެވެ. އަދި ކަނޑުގެ ސަރަހައްދު ބެލުމަށް އޭރުވެސް އެ މަތިންދާބޯޓުތައްވެސް ބޭނުން ކުރެއެވެ. މިހާރު ހުންނަހާ ފެންވަރު ރަނގަޅު ނޫން ނަމަވެސް އޭރުވެސް ރާޑަރު ސިސްޓަމްތައްވެސް ހުރެއެވެ. ލަންކާގެ ދާހިލީ ހަނގުރާމައިގެ ސަބަބުން މި ސަރަހައްދު މޮނިޓަރ ކުރުމުގެ ހަރަކާތްތައް އޭރުވެސް ގަދައަށް ހިންގުނެވެ. އިންޑިއާގެ ޖާސޫސުން ލަންކާގައި ގިނަ އަދަދަކަށް ހަރަކާތްތެރިވެއެވެ. މިހުރިހާ ކަންކަމަށް ބަލާއިރު، އިންޑިއާގެ އަސްކަރިއްޔާ އަދި ޖާސޫސީ އިދާރާއަށް ނޭނގި ހަނގުރާމަވެރިންތަކަކަށް ބޯޓުތަކަށް އަރައިގެން އިންޑިއާ އިން ބަލަހައްޓާ ކަނޑުތައް ހުރަސްކޮށް ރާއްޖެއާއި ހަމައަށް އާދެވިދާނެކަމަށް ޤަބޫލުކުރަން އަޅުގަނޑަށް ހަމަ ވަރަށް ދައްޗެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ނުދާން ބަހަނާދެއްކި! 

3 ނޮވެމްބަރުގެ ހާދިސާ އާއި ގުޅިގެން އިންޑިއާގެ އެހީއަށް އެދުމުން، އިންޑިއާ ސިފައިންނަށް އާދެވުނު އިރު ބާޢީން ފިލައި ރައްކާވެއްޖެއެވެ. ނަމަވެސް ރަހީނުކޮށްގެން ދިޔަ މީހުން ހޯދުމަށް އިންޑިއާ އިން އެހީވެދިނެވެ. އެއަށްފަހު އިންޑިއާ އިން ރާއްޖޭގައި ކޭމްޕުޖެހިއެވެ. އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިޔައީ އޭގެ އަހަރެއްފަހުންނެވެ. ދާހިތަކުން ނޫނެވެ. މަޖުބޫރުންނެވެ. އޭރު ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން މިކަމަށް ހެކިވާނެއެވެ.

ރައީސް މައުމޫންގެ ކެބިނެޓުގައި ގިނަދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅަކު އަޅުގަނޑަށް މައުލޫމާތު ދެއްވި ގޮތުގައި އިންޑިއާ ސިފައިން އޭރު ރާއްޖެއިން ބޭލޭނެކަމަށް ދުނިޔޭގެ ޤައުމުތަކުންވެސް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ރައީސް މައުމޫން އެކަން ކާމިޔާބު ކުރެއްވިކަމަށް އެބޭފުޅާ ވިދާޅުވިއެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން އޭރު ފޮނުވާލަން އުޅުމުން އިންޑިއާ ސަރުކާރުން ވަރަށް ބޮޑަށް އެކަމާއި ނުރުހުންވިކަމަށްވެއެވެ. އަދި ނުދާން ގިނަ ބަހަނާތައް ދެއްކެވިކަމަށް އޭރުގެ ސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.

"އެ ހަމަލާގެ އަޑީގައި އޮތީ އިންޑިއާކަން އެއީ އޭރުގެ ސަރުކާރަށް ކުޑަވެސް ޝައްކެއް އޮތް ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންނަށް ފާޅުގަ އެހެން ބުނެވޭނެތޯ؟" އެ ބޭފުޅާ ވިދާޅުވިއެވެ. 

ރާއްޖޭގެ ކުރީގެ ޚާރިޖީވަޒީރު އަލްމަރުޙޫމު އަލްއުސްތާޛު ފަތުޙުﷲ ޖަމީލް 1989 ވަނަ އަހަރު އދގެ އާންމު މަޖިލީހުގައި ދެއްވި ތަޤުރީރުގައި އެމަނިކުފާނު ފާހަގަކުރެއްވި ކަންކަމަކީ، އިސްވެ ދެންނެވުނު ވާހަކަތަކަށް ބާރު ލިބޭ ކަންކަމެވެ. އެ ތަޤުރީރުގައި އެމަނިކުފާނު ފާހަގަަކުރެއްވި ކުދި ދައުލަތްތަކުގެ ސަލާމަތަށް ބޭނުންޖެހޭ ޙާލަތްތަކުގައި ބޮޑެތި ދައުލަތްތަކުން އެހީވާކަމެވެ. އެކަމަށް ޝުކުރު އަދާކުރައްވަމުން ފާހަގަކުރެއްވީ ދޭދޭ ޤައުމުތަކުގެ މެދުގައިވެވޭ ސަލާމަތީ އެއްބަސްވުންތައް އެ އެއްބަސްވުންތަކުގައި ބައިވެރިވާ ބަލިކަށި ދައުލަތުގެ މަސްލަހަތުތައް ހިމާޔަތްކުރެވޭ މިންވަރަށް ތަސައްރުފުނުފުދޭ ވާހަކައެވެ. އަދި ބައިނަލްއަޤުވާމީ ސިޔާސީ ނިޒާމުގައި ވަރަށް ބޮޑަށް ކަންކަން އޭގެ އަސްލާ ޚިލާފަށް ދެކެވޭ ގޮތްވާ ކަމުގައި ފާހަގަކުރައްވައި، ކަންކަން އޭގެ އަސްލާ ޚިލާފަށް ދެކެވުމުން، އެންމެ ހެޔޮ ނިޔަތުގައި ކުރާ ކަންކަމުގެ ޙަޤީޤަތްވެސް ބަދަލުވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ތަޤުރީރަށް ބަލައިލުމުން މިއީ ދިވެހިރާއްޖެއިން އިންޑިޔާއާމެދު އުފުލި ޝިކާޔަތެއް ކަމުގައި އަޅުގަނޑަށް ޞިފަވެއެވެ. 

ޕްލޯޓް ޖަމާއަތާއި އިންޑިއާ އާއި އޮތް ގުޅުމާއި، އެ ހަމަލާ އާއި އެކު އިންޑިއާ އިން ރާއްޖެއަށް ސިފައިން ފޮނުވާ، ރާއްޖޭގައި ސިފައިން ޤާޢިމްކޮށްފައި ބައިތިއްބަން ކުރި މަސައްކަތުން އަޅުގަނޑަށް ދޭހަވަނީ، އެ ހަމަލާއަކީ އިންޑިއާ އަޑީގައި އޮވެގެން، އިންޑިއާ ސިފައިންނަށް ރާއްޖެއަށް އެރުމުގެ މަގު ތަނަވަސްކުރަން އިންޑިއާގެ ޖާސޫސީ އިދާރާއިން ޖެއްސި ފޯލްސް ފްލެގް އޮޕަރޭޝަނެއްގެ ގޮތުގައެވެ.

މިކަން ހިނގައިދިޔައީ އަޅުގަނޑު މިލަފާކުރާ ގޮތަށް، ނުވަތަ ލުތުފީ ކިޔާ މީހަކަށް "އިއްތިފާގަކުން" ޕްލޯޓް ޖަމާއަތުގެ އިސްވެރިޔާ އާއި ދިމާވެ، ލުތުފީ ދެއްކި ވާހަކަތަކަކަށް ބިނާކޮށް ވަގުތުން ވަގުތަށް ރާއްޖެ ހިފަން ނިންމީތޯ ބުނެދެވޭނެ މީހުން އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. މި ލިޔުމުގައި ފާހަގަ ނުކުރިއަސް އެ ބޭފުޅުންނަށް އެއީ ކޮންބޭފުޅުންނެއްކަން އެނގިލައްވާނެއެވެ. ފަހުން އަންނަން އޮތް ޖީލުތަކަށްޓަކައިވެސް އެ ހަމަލާ އާއި ގުޅޭ މިފަދަ ކަންކަން ހާމަކުރެއްވުމަކީ އެ ބޭފުޅުންގެ ޤައުމީ ވާޖިބެއް ކަމުގައި ދެކެމެވެ. 

ކިޔުންތެރިންގެ ހިޔާލު
ވަންމޭން
ނޭވީ ތަމްރީނެއްގައި އިންޑިއާގެ ދިއްލީގައި އުޅުނު ދިވެހި ސިފައިންގެ އޮފިސަރެއް އަޅުގަނޑަށް ކިޔަދިންގޮތުގައި، 88 ނޮވެމްބަރ 3 ގެ ޙަމަލާއާއި ގުޅިގެން އިންޑިއާ ސިފައިން ހިންގި އޮޕަރޭޝަން ކެކްޓަސް ގެ މައުލޫމާތު ދިއްލީގައި ހުންނަ ނޭވީ ހެޑްކްއޯރޓަރޒްގެ ލައިބްރަރީގައި ވަރަށް ފުރުހަމައަށް ލޮގް ކުރެވިފައި ހުއްޓާ ދުށީމެވެ. މި ލޮގްތަކުގައި ޢާންމު ނުވާ ޖާސޫސީ ގިނަ މައުލޫމާތު ހުރިކަން ފާހަގަވިކަމާއި އަދި ބައެއް މައުލޫމާތު ރާއްޖޭގެ ޚާރިޖިއްޔާ އާއި ޑިފެންސް އަށް ހިއްސާކޮށްފައި ވާކަންވެސް އޭގެއިން އެނގޭ ކަމަށް ބުނެފައި ވެއެވެ.
އައްޑޫމީހާ
ބަރާބަރު ލިއުމއް!
ހަމީދު
އަޅުގަނޑު މިލިއުމަށް ތާއީދު ހަމައެއާއި އެކު އެހެން ދިމާލަކުންވެސް އަޅުގަނޑުގެ ވިސްނުމާއި މި ލިއުމާއި އެބަގުޅޭ! އިންޑިޔާ އަކީ ލަންކާގެ ތަމަޅައިންނަށް ވަރަށް އެހީތެރިވާ މަދަދުގާރުންގެ ގޮތުގަ އަބަދުވެސް ތިބޭބައެއް، ލަންކާ ތަމަޅައިންނަކީ އިންޑިޔާގެ ލޭކަމުގާ އިންޑިޔާ އަބަދުވެސް ދެކެމުންދާކަން އެއީ ހަގީގަތެއް.ކޮންމެއަކަސް 3 ނޮވެންބަރ ގަ ރާއްޖެ ތަމަޅައިންނަށް ހިފުންނަމަ އޭގެ އެންމެބޮޑު ފައިދާއެއް ވާނީވެސް އިންޑިޔާއަށްކަން ކަށަވަރު.އޭރުން ރާއްޖެ ކޮންޓްރޯލްކުރާނީ އިންޑިޔާއިންކަން މީ އެއްވެސް ދިވެއްސަކު އަދި އަދި ބޭރުމީހަކުވެސް ދެބަސްވާނެ ކަމެއްނޫން.ވީއިރު ލިޔުންތެރިޔާ ތިޔަ ވިދާޅުވާ ވިދާޅުވުން ތިޔައީ އަޅުގަނޑުވެސް 100% ތެދުކުރާ ވާހަކައެއް.
މުޙައްމަދު
ދިވެހިން ގަބޫލުކުރާނީ ހިންދީ ޑުރާމާތަކުގައި ދައްކާ އެއްޗެއް. މުސްލިމުން ދޭ ނިރުބަވެރި ހަމަލާތަކާއި ކަޝްމީރުގެ މައްސަލައާއި ޕާކިސްތާނާ އިންޑިޔާގެ ކޯޅުމާއި އިންޑިއާގެ މުސްލިމު ރަސްރަސްކަލުންގެ ވާހަކަތައްވެސް ދިވެހިންނަށް ފެންނަނީ ހިންދީ ފިލްމުތަކުގައި ދައްކައިދޭ ގޮތަށް. ނޮވެންބަރު 3 ގެ ވާހަކަވެސް ދިވެހިްނނަށް އެނގިގެން ދާނީ ޝާހިދު ކަޕޫރު ކުޅޭ އޮޕަރޭޝަން ކެކުޓަސް ބެލުމުން. އިންތިޒާރުކޮށްލައްވާ.