ކޮވިޑު ގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ ފެންވަރު ދާއިމީގޮތެއްގައި ދަށަށްދާނެ: އައިއެމްއެފް

އަހްމަދު އަޒާން 14 އޮކްޓޯބަރު 2020 19:26
Flowers

ކޮވިޑު-19 ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައްހާސް ބައެއްގެ ދިރިއުޅުމުގެ ފެންވަރު ދާއިމީ ގޮތެއްގައި ދަށަށް ދާނެކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ. 

އައިއެމްއެފް ގެ ވޯލްޑް އެކޮނޮމިކް އައުޓްލުކް ރިޕޯޓުގައި ބުނެފައިވާގޮތުގައި އެކަން ހައްލު ކުރުމަށް މުއްސަނދިންނާއި މުއްސަނދި ކުންފުނިތަކުން ނަގާ ޓެކްސް މަތިކުރަން ޖެހިދާނެކަމަށެވެ.  އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑު-19 ގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ކަރިސާގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ބޮޑެތި ގެއްލުންވާނެ ކަމަށެވެ. މިގޮތުން، ވަޒީފާ ގެއްލުމާއި، ބަނގަރޫޓުވުމާއި، އިޤްތިސާދުގެ އެތައް ދާއިރާއެއް މަޑުޖެހުން ފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. 

މި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އައިއެމްއެފްގެ ޗީފެ އެކޮނިމިސްޓް ގީތާ ގޮޕިނާތު ވިދާޅުވީ އިޤްތިސާދީ ކާރިސާއިން އަރައިގަތުމުގެ ރާސްތާ އަކީ ދިގު، އަޑި ގުޑަން ރާސްތާއެއް ކަމަށެވެ. 

މީގެ އިތުރުން އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމުތަށް، މި ބަލިމަޑުކަމަށްފަހުގައިވެސް އޮންނާނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ. 

1930 ގެ އަހަރުތަކުގައި ކުރިމަތިވި ބޮޑު ތަދުމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް މިއަހަރު ދުނިޔޭގެ އިޤްތިސާދީ ކުރިއެރުން ނެގެޓިވް ވާނެ ކަމަށްވެސް އައިއެމްއެފް އިން ބުނެފައިވެއެވެ. އަދި މިއަހަރު ދުނިޔޭގެ އިޤްތިސާދު 4.4 އިންސައްތައިން ކުޑަވާނެ ކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ.

އަންނަ އަހަރު ކޮވިޑު-19 ކޮންޓްރޯލް ކުރެވިއްޖެނަަ އިޤްތިސާދު ކުރިއަރާ މިންވަރު 5.2 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް އައިއެމްއެފްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު