ކަނޑުއޮތްގިރީގައި މަސް ބަންދުކުރަން 4 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

ޙުސައިން އަފްޝަން 13 އޮކްޓޯބަރު 2020 20:39
Flowers
ކ.ކަނޑުއޮތްގިރި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިހާރު ހިންގަމުންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ހިންގަމުންދިޔަ ކަނޑުއޮތްގިރީ މަސް ކާރުޚާނާގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރުަމށް 4 ފަރާތަކުން ޝައުޤުވެރިވާކަން ހާމަކޮށްފިއެވެ. 

މާލެ އަތޮޅު ކަނޑުއޮތްގިރީގައި މަސް ބަންދުކުރުމުގެ މަސައްކަތްކުރުމަށް އަލުން ފުރުޞަތު ދޭން ނިންމާފައިވަނީ މި ސަރުކާރުން ގެންގުޅޭ މަސްވެރިކަން ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން، މަސްވެރިކަމުގެ ވިޔަފާރި އިތުރަށް ތަނަވަސްކުރުމުގެ މަޤުޞަދުގައި ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ ރާއްޖެ ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.

އެ ރަށުގައި ބޮޑުކަންނެލީގެ އިތުރަށް ފަރުމަސް ބަންދުކުރުމުގެ މަސައްކަތްކުރަން ނިންމާފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. ފައުޒީ އިތުރަށް ވިދާޅުވި ގޮތުގައި އެ ރަށުގައި މި މަސައްކަތްކުރަން ހަތަރު ފަރާތަކުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. 

ކަނޑުއޮތްގިރިއަށް އަރައި ފޭބުމަށް ބޭނުންކުރާ މަގަތުފާލަން ހަލާކުވެ، ބޭނުންކުރަން ދަތިވުމުގެ ސަބަބުން އެ ރަށުގައި މަސައްކަތް ނުކުރެވި މަޑުޖެހިފައިވާތާ ދުވަސްތަކެއް ފާއިތުވެފައިވެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުން މިހާރު މިފްކޯ އަދި ސަރުކާރުގެ އަމާޒުހުރީ މަސްވެރިކަމުގެ ޞިނާޢަތް ބަދަލުކޮށް ޒަމާނީ ބަދަލުތަކެއް ގެނެސް، ރާއްޖެއިން ބޭރުކުރާ މަހަށް ރަނގަޅު އަގެއް ހޯދުމަށެވެ. 

މިފްކޯގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާއިން ލޯނު ނަގައިގެން ފެލިވަރުގައި މަސް ބަންދުކުރާ ކާރުޚާނާތައް މިހާރަށްވުރެ ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރާނެކަން ސަރުކާރުންވަނީ އިއުލާނުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު