އޮންލައިންކޮށް ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ތޮމާސްކުކް އަލުން އިފުތިތާޙުކޮށްފި

ހަޔާ ޔޫސުފް 16 ސެޕްޓެމްބަރު 2020 09:37
Flowers
ތޮމާސް ކުކް ބަނގުރޫޓުވެފައިވަނީ 2019 ވަނަ އަހަރުގައެވެ.

ބަނގުރޫޓުވި އިނގިރޭސި ޓްރެވެލް އެޖެންސީ ތޯމާސް ކުކް އަލުން ހަމައެކަނި އޮންލައިންކޮށް ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި ލޯންޗުކޮށްފިއެވެ. 

އެ ކުންފުނި ބަނގުރޫޓުވީ 2019 ވަނަ އަހަރުއެވެ. އޮންލައިންކޮށް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި 178 އަހަރު ވެފައިވާ މި ކުންފުނި އަލުން ލޯންޗުކުރަނީ ޗައިނާ ކުންފުންޏަކުން މި ކުންފުނީގެ ބްރޭންޑު ނަން ގަތުމަށްފަހުއެވެ. މި ބުރޭންޑު ނަން ގަނެފައިވަނީ ޗައިނާ ކުންފުނި ފޯސަންއެވެ. އެ ކުންފުނިން ތޯމާސް ކުކް ބްރޭންޑު ނަން ގަނެފައިވަނީ 11 މިލިއަން އިނގިރޭސި ޕައުންޑަށެވެ. އެއީ ތޯމަސް ކުކް ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް 1.1 ބިލިއަން ޕައުންޑު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ކުންފުނި ބަނގުރޫޓުވުމާ ގުޅިގެންނެވެ. 

ފައިނޭންޝަލް ޓައިމްސް ނޫހުން ފޯސަންއިން ތޯމާސް ކުކް ބްރޭންޑު ނަން ގަތުމަށް ހެދި އެއްބަސްވުމުގެ މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާދީ ބުނެފައިވަނީ ފޯސަންއިން މި ވިޔަފާރިއަށް އިތުރު 6 މިލިއަން ޕައުންޑު އިންވެސްޓުކުރާނެ ކަމުގައެވެ. 

ތޮމާސް ކުކް ކުންފުނިން ބުދަ ދުވަހު ހޮލިޑޭ ޕެކޭޖުތައް ވިއްކަން ފަށާނީ 50 މުވައްޒަފުންނާއެކީއެވެ. އެ ކުންފުނިން ބަނގުރޫޓުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ކުންފުނީގެ ވަޒީފާގައި 21،000 މުވައްޒަފުން ތިއްބެވެ. އޮންލައިންކޮށް ތޮމާސް ކުކުގެ ޚިދުމަތްތައް ފަށާއިރު އެ ކުންފުނީގެ އިސްވެރިންގެ ގޮތުގައި ތިބޭނީ ކުރިންވެސް ތޯމާސް ކުކްގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކުރި ފަރާތްތަކެވެ. އެގޮތުން ކުންފުނީގެ ޗީފް އެކްޒެކެޓިވް އެލަން ފްރެންޗަކީވެސް އެކުންފުނީގެ ކުރީގެ މުވައްޒަފެކެވެ. 

ތޯމާސް ކުކް ބަނގުރޫޓުވުމުގެ ސަބަބުން އެ ބުރޭންޑު ނަމަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައި، ރެޑްބާންގެ މުހައްލިލެއް ކަމުގައިވާ އެލެކްސް ބްރިގަނޯލް ވިދާޅުވިއެވެ. އަދި އެ ކުންފުނީގެ ކާމިޔާބީ ބިނާވާނީ ފޯސަންއިން ޙާޞިލުކުރަން ބޭނުންވާ އަމާޒުތަކުގެ މައްޗަށް ކަމުގައާއި، އަދި ހިތްއުފާކުރުމަށް ކުރާ ދަތުރުފަތުރު އިތުރުވާ މިންވަރެއްގެ މައްޗަށް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ތޮމާސް ކުކްއިން އެންމެ ފުރަތަމަ ދަތުރުތައް ހަމަޖައްސާނީ އީޒީޖެޓް މެދުވެރިކޮށެވެ. އަދި އެންމެ ފުރަތަމަ އެ ކުންފުނިން ދަތުރު ހުށަހަޅާނީ އިޓަލީވިލާތާއި، ގްރީސް އަދި ތުރުކީއަށެވެ. މި ޤައުމުތަކަކީ އިނގިރޭސި ސަރުކާރުން ނެރެފައިވާ ރައްކާތެރި މަންޒިލުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމުތަކެވެ. 

ކުންފުނީގެ ސީއީއޯ ވިދާޅުވީ ކުންފުނީގެ މަސައްކަތް އިނގިރޭސިވިލާތުގައި ކާމިޔާބުކަމާއެކު ހިނގައިގަނެއްޖެނަމަ ބެލްޖިއަމާއި ނެދާލޭންޑްސްއަށް ކުންފުނީގެ ޚިދުމަތް ފުޅާކުރަން އެ ކުންފުނިން ވިސްނަމުންދާ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު