ތެލަށް އޮތް ޑިމާންޑު އިތުރުވަނީ އަންދާޒާކުރި ވަރަށްވުރެ ލަހުން: އައިއީއޭ

މަރިޔަމް ލީނާ 15 ސެޕްޓެމްބަރު 2020 20:48
Flowers

ބައިނަލްއަޤްވާމީ ބާޒާރުގައި ސާފު ނުކުރާ ތެލަށް އޮތް ޑިމާންޑު އިތުރުވަމުން އަންނަނީ އަންދާޒާކުރި ވަރަށްވުރެ ލަހުން ކަމަށް ބައިނަލްއަޤްވާމީ ހަކަތައާއި ބެހޭ އިދާރާ (އައިއީއޭ) އިން ބުނެފިއެވެ.

އެ އިދާރާ އިން ކޮންމެ މަހަކު ނެރޭ ތެލުގެ ބާޒާރާއި ބެހޭ ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑު-19 ގެ ހާލަތު ރަނގަޅުވާނެ ދުވަހެއް ނޭނގޭތީ ތެލުގެ ބާޒާރަށް ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. އަދި ކުރިން އަންދާޒާކުރި ވަރަށްވުރެ ތެލަށް އޮތް ޑިމާންޑު އިތުރުވާ މިންވަރު ލަސްކަން އައިއީއޭ އިން ފާހަގަކޮށްފައިވެއެވެ. 

ޔޫރަޕުގެ ޤައުމުތަކާއި އިންޑިއާ ފަދަ ބޮޑެތި އިޤްތިސާދުތަކުގައި ކޮވިޑު-19 ފެތުރެމުންދާ މިންވަރުގެ ސަބަބުން އިޤްތިސާދީ މަސައްކަތްތަށް ވަނީ މަޑުޖެހިފައެވެ. އަދި އޭގެ ސަބަބުން ތެލަށް އޮތް ޑިމާންޑު ކުޑަވާ ކަމަށް އައިއީއޭ އިން ބުނެފައިވެއެވެ. 

އައިއީއޭ އިން ލަފާ ކުރާ ގޮތުގައި ދުވާލަކަ 8.5 މިލިއަން ފީފާ އިން މިއަހަރު ތެރޭ ތެލުގެ ޑިމާންޑު ދަށަށް ދާނެއެވެ. އެހެން ނަމަވެސް ތެލުގެ ސަޕްލައި އިތުރުވަމުން ދާނެއެވެ. ސަބަބަކީ އޯޕެކާއި ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކުރަން އެއްބަސްވި އެއްބަސްވުމުގެ މުއްދަތު ހަމަވެ މިހާރު ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަމުންދާތީއެވެ. 

އެހެން ކަމުން ރައްކާކޮށްފައި ހުރި ތެލުގެ މިންވަރުވެސް މަދުވަމުން ނުދާނެއެވެ. އަދި އޭގެ ސަބަބުން ތެލުގެ އަގު ދަށަށް ދިޔުމުގެ ފުރުސަތު ބޮޑެވެ. މޭއި މަސް ފެށުނު ފަހުން ތެލުގެ އަގު ކުޑަކޮށް އުފުލުނު ނަމަވެސް އަނެއްކާވެސް ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 40 ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އޭޕްރިލް މަހު ތެލުގެ އަގު ވަރަށް ބޮޑަށް ވެއްޓި ތެޔޮ ފީފާއެއް 20 ޑޮލަރަށްވުރެ ދަށަށް ދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު