އޭޝިއާގެ ކުރިއަރަމުން އައި އިޤްތިސާދުތައް 60 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދަށަށް!

އިބްރާހިމް އާދަމް 15 ސެޕްޓެމްބަރު 2020 13:29
Flowers

އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އިޤްތިސާދީ ގޮތުން ކުރިއަރަމުން އައި ޤައުމުތަކުގެ އިޤްތިސާދުތައް 1961 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް ދަށަށް ދާނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އޭޑީބީ އިން ބުނެފިއެވެ. 

އޭޑީބީ އިން މިއަަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި އޭޝިއާގެ ކުރިއަރަމުން އައި އިޤްތިސާދުތަކުގެ އުފެއްދުންތެރިކަން މިއަހަރު ހުންނާނީ ނެގެޓިވް 0.7 އިންސައްތައިގައެވެ. އަދި މިއީ 1960 އިން ފެށިގެން އުފެއްދުންތެރިކަން ކުޑަވި ފުރަތަމަ ފަހަރުކަމަށް އެ ބޭންކުގެ ޗީފް އެކޮނޮމިސްޓް ޔަސުކީ ސަވަޑާ ވިދާޅުވެފައިވެއެވެ. 

އޭޑީބީ އިން ބުނިގޮތުގައި އިޤްތިސާދުތައް އަލުން ކުރިއަރަން ފަށާނީ 2021 ވަނަ އަހަރުގައެވެ. އަދި 6.8 އިންސައްތައިގައި ކުރިއަރާނެ ކަމަށް އޭޑީބީ އިން ލަފާކޮށްފައިވެއެވެ. 

ނަމަވެސް ކޮވިޑު-19 ގެ ހާލަތު އިތުރަށް ގޯސްވެ، އިތުރު ފުރަބަންދަކަށްގޮސް ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެނަމަ އިޤްތިސާދު މިހާރަށްވުރެ ވެސް ދަށަށް ގޮސްދާނެ ކަމުގެ އިންޒާރު އޭޑީބީ އިން ވަނީ ދީފައެވެ. އަދި އޭގެ ސަބަބުން ބައެއް ޤައުމުތަކުގައި ބޮޑެތި ކާރިސާތައް ފެށިދާނެ ކަމަށް ސަވަޑާ ވިދާޅުވެފައިވެއެވެ. 

އޭޑީބީ އިން ބުނެފައިވާ ގޮތުގައި، އިޤްތިސާދު ދަށަށް ނުގޮސް ހިފެހެއްޓޭނެ މަދު ޤައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. މިގޮތުން 1.8 އިންސައްތައިގައި ޗައިނާގެ އިޤްތިސާދު މިއަހަރު ކުރިއަރާނެ ކަމަށް އޭޑީބީ އިން ބުނެފައިވެއެެވެ. އެހެން ނަމަވެސް އޭޝިއާގެ ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން އައި އިޤްތިސާދު ކަމުގައިވާ އިންޑިއާގެ އިޤްތިސާދު މިއަހަރު 9 އިންސައްތައިން ދަށަށް ދާނެ ކަމަށް އޭޑީބީ އިން ލަފާކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު