Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

މިއަދުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތް ކުރީ 904 ފަތުރުވެރިން

15 ޖުލައިގައި ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވާލިފަހުން މިއަދުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 904 ފަތުރުވެރިން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދު ކުރީ 27 މާޗުގައެވެ. އޭގެ 3 މަސް ފަހުން ފަތުރުވެރިންނަށް އަލުން ބޯޑަރު ހުޅުވާލި ނަމަވެސް އެދެވޭ މިންވަރަކަށް ފަތުރުވެރިން ރާއްޖެއަށް ނާންނަކަން ފާހަގަކުރެވެއެވެ. 9 ދުވަހަށް ބަލާއިރު އެވަރެޖުކޮށް ރާއްޖެއަށް ޒިޔާރަތް ކުރަނީ 100 ފަތުރުވެރިންނެވެ.
މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ޤައުމުން 117 ފަތުރުވެރިން ޒިޔާރަތްކުރި އިރު އެމެރިކާއިން 106 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ޒިޔާރަތް ކުރީ ޖަރުމަން ފަތުރުވެރިންނެވެ. ޖަރުމަނުން 73 ފަތުރުވެރިން ޒިޔާރަތްކުރި އިރު ސްވިޒަލޭންޑާއި ރަޝިޔާއިން ކޮންމެ ޤައުމަކުން 45 ފަތުރުވެރިން ޒިޔާރަތްކުރިއެވެ.
އާންމުގޮތެއްގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް 4000 އާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައިވަނީ 3 ލައްކައެއްހާ ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ޖުމްލަ 8 ލައްކަ ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ. އެހެންކަމުން އަހަރުގެ ބާކީ އޮތް މުއްދަތުގައި 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެންނަން ޖެހޭނެއެވެ.
15 ޖުލައިގައި ބޯޑަރު ހުޅުވިނަމަވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކުގެ އޮޕަރޭޝަންސް އަދިވެސް ނުފަށާކަން ފާހަގަކޮށްލެވެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކުން ބުނާގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގައިވެސް ފަތުރުވެރިކަން ހަމައަކަށް ނޭޅޭނެއެވެ. ރާއްޖޭގެ އަދި ދުނިޔޭގެވެސް އެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓީއެމްއޭ އިންވެސް ވަނީ އެ ކުންފުނީގެ އޮޕަރޭޝަންސް ހުއްޓާލާ ގިނަ އަދަދަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އެ ކުންފުނިން އެ ނިންމުން ނިންމާފައިވަނީ ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުނުވާނެ ކަމަށް ލަފާކުރެވޭތީ ކަމަށްވެއެވެ.
އެހެން ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ ރިސޯޓުތައް ފުރި، އިޤްތިސާދީ ބޫމްއެއް އަންނާނެކަމުގެ ޔަޤީންކަން ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ