Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

އޯގަސްޓު މަހު ބާޒާރުގައި މުދަލުގެ އަގު 20 އިންސައްތަ މައްޗަށް ދާނެ!

އޯގަސްޓު މަހު ބާޒާރުގައި މުދަލުގެ އަގު 20 އިންސައްތަ މައްޗަށް ދާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ އަހްމަދު އާރިފު (އެޕޯލޯ އާއްޓެއް) ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެ ކުރާ ލޮޓަސް ފިހާރައިގެވެސް ވެރިޔާކަމަށް ވާ އާރިފު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމާއި އެކު އޯގަސްޓު މަހުގެ ނިޔަލަށް ބާޒާރުގައި މުދަލުގެ އަގު 20 އިންސައްތަ މައްޗަށް ދާނެ ކަމަށެވެ. އަދި މުސާރަތައް ބޮޑު ނުކޮށް މީހުންނަށް މަހެއްގެ މައްޗަށް ކުރަންޖެހޭ ހަރަދުން ދެކޮޅު ނުޖެއްސޭނެ ކަމަށެވެ. މީގެ އިތުރުން އެ ކަންކަމަށް ހައްލު ހޯދާދޭން ސަރުކާރުންވެސް އަދި ޕްރައިވެޓް ސެކްޓަރއިންވެސް ބާރު އަޅަންވާނެ ކަމަށް އާރިފު ވިދާޅުވިއެވެ.
Dolaru agu bodu vumaai eku August mahuge niyalah baazaaruga mudhaluge agu 20% mahchah dhaane. Musaara thah bodu nukoh meehun nah monthly expenses dhekolhu nujesseyne. Sarukaarun ves private sector ves mi massala ah hallu hoadhaa dheyn baaru alhan vaane.— Ahmed Arif (@Arttey) July 4, 2020

"ދިޔަރެސް" އިން މީގެ ކުރިން ވާހަކަ ދެއްކި ބޮޑެތި ވަރަށް ގިނަ ވިޔަފާރިވެރިންވެސް ވަނީ ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށާއި އެހެން ކަމުން ޖުލައި މަހުން ފެށިގެންވެސް މުދަލުގެ އަގު ބޮޑުވާން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. ބޮޑެތި ވިޔަފާރިތަކަށް ބޭނުންވާ ވަރަށް ޑޮލަރު ބޭންކުތަކަށް ފޯރުކޮށް ނުދެވޭއިރު ކަޅު ބާޒާރުންވެސް ޑޮލަރު ލިބެނޭ ވަރަށް މަދުންނެވެ. އަދި ޑޮލަރު ހުރި ފަރާތްތަކުން ޑޮލަރު ވިއްކަނީ ވަރަށް ބޮޑު އަގުގައެވެ. މިގޮތުން ބައެއް ފަރާތްތަކުން މިހާރު ޑޮލަރު ވިއްކަނީ 18.50 ރުފިޔާއަށެވެ.
ޑޮލަރުގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިވަނީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައިގަނޑު ސިނާއަތް ކަމުގައިވާ ފަތުރުވެރިކަން ހުއްޓިފައި އޮތުމުގެ ސަބަބުންނެވެ. 25 މާޗުގައި ރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ބަންދުކޮށްފައިވާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިގޮތުން ފާއިތުވި މޭއި މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޑޮލަރުން ލިބިފައިވަނީ 7.03 މިލިއަން ޑޮލަރެވެ. ފާއިތުވި އަހަރުގެ މޭއި މަހު 43.06 މިލިއަން ޑޮލަރުގެ އާމްދަނީއެއް ދައުލަތަށް ލިބުނެވެ. މިއަހަރުގެ ޖެނުއަރީ އިން މޭއި މަހުގެ ނިޔަލަށް 200.9 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބުނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 293 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ 31 އިންސައްތައިގެ މަދުވުމެކެވެ.
ދައުލަތަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ދަށްވެފައިވާތި އެކަން ފޫބެއްދުމަށް ސަރުކާރުން ދަނީ 233 މިލިއަން ޑޮލަރު ބޭރުގެ އެކި ފަރާތްތަކުން ލޯނާއި ހިލޭ އެހީގެ ގޮތުގައި ލިބޭތޯ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އޭގެ ތެރެއިން 200 މިލިއަނެއްހާ ޑޮލަރު ލިބިފައިވާއިރު، 233 މިލިއަން ބޭނުންވާކަމަށް ސަރުކާރުން ބުނި އިރަށްވުރެ މިހާރު ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސްވެފައިވާކަން ފާހަގަކޮށްލެވެއެވެ. މިވަގުތު ރާއްޖޭގެ ބޭނުން ކުރެވޭ ރަސްމީ ރިޒާވުގައި ހުރީ 200 މިލިއަނެއްހާ ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 2 މަހުގެ އެކްސްޕޯޓަށް ބޭނުންވާ ފައިސާއެވެ.
"ދިޔަރެސް" އާއި ވާހަކަ ދެއްކި އިޤްތިސާދީ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އަވަސް މުސްތަޤުބަލެއްގައި ބޭރު ފައިސާ ރާއްޖެއަށް ވަންނަން ނުފަށައިފިނަމަ އެންމެ އަސާސީ ކަންކަން ކުރަން ބޭނުންވާ ވަރަށް ވެސް ޑޮލަރު ނެތި އިޤްތިސާދީ އަދި މާލީ ބޮޑު ކާރިސާ އަކާއި ދިވެހިރާއްޖެ ކުރިމަތިލާން ޖެހިދާނެއެވެ.
މި ލިއުމާއި ގުޅޭ