ކޮވިޑު-19 ގެ ސަބަބަބުން ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދު ކުޑަވަނެ: މޫޑީސް

އިބްރާހިމް އާދަމް 27 ޖޫން 2020 16:04
Flowers
ރާއްޖޭގެ ރިސޯޓެއް

އިޤްތިސާދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާ ޤައުމުތަކުގެ އިޤްތިސާދު މިއަހަރު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް މޫޑީސް އިންވެސްޓަރ ސާވިސަސް އިން ބުނެފިއެވެ.

މޫޑީސް އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން އެންމެ ބޮޑަށް އަސަރު ކުރާނީ ޖަޒީރާ ޤައުމުތަކުގެ އިޤްތިސާދަށެވެ. ފަތުރުވެރިކަމާއި ގުޅިގެން އެ ޤައުމުތަކަށް ލިބޭ އާމްދަނީ ދަށްވެފައިވާއިރު އެ ޤައުމުތަކުގެ އިޤްތިސާދަށް ލިބޭ ގެއްލުން ތަހައްމަލު ކުރެވޭނެ ހާ ބާރު އެ ޤައުމުތަކުގައި ނުހުންނާނެކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ. 

އަދި އެ ޤައުުމުތަކަކީ މިހާރުވެސް ކްރެޑިޓް ރޭޓިން ދަށް ޤައުމުތަކަށް ވުމުން، އިތުރަށް ޤައުމުތަކުގެ ކްރެޑިޓް ހާލަތު ދަށްވާނެ ކަމަށް މޫޑީސް ގެ ނައިބު ރައީސް ޑޭވިޑް ރޮގޮވިޗް ވިދާޅުވެފައިވެއެވެ. މޫޑީސް އިން ލަފާ ކުރާ ގޮތުގައި ގިނަ ޤައުމުތަކަށް ފަތުރުވެރިން އަންނަ ނިސްބަތް 35 އާއި 50 އިންސައްތައާއި ދެމެދުގެ އަދަދަކުން ދަށަށް ދާނެއެވެ. އަދި 2021 ވަނަ އަހަރު ފަތުރުވެރިކަން އެއްކޮށް ރަނގަޅުނުވާނެކަމަށްވެސް މޫޑީސް އިން ބުނެފައިވެއެެވެ. 

އެންމެ ބޮޑަށް ގެއްލުންވާނެ ކަމަށް މޫޑީސް އިން ލަފާކޮށްފައިވަނީ ދިވެހިރާއްޖެ، ބަހާމާސް، ބެލީޒް، ސެންޓް ވިންސެންޓް އެންޑް ގްރެނަޑައިންސް އަދި މޮންޓެނެގްރޯއެވެ. 

ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު މާޗު 25 ގައި ބަންދުކޮށްފައިވާއިރު ފަތުރުވެރިކަމުގެ ސަބަބުން ރާއްޖެއަށް ލިބޭ އާމްދަނީވަނީ އެއްކޮށް ހުއްޓިފައެވެ. އޭގެ ސަބަބުން ދިވެހިރާއްޖެއަށް ވަންނަ ބޭރު ފައިސާ އެއްކޮށްހެން ވަނުން ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު ވަނީ ފާއިތުވި 15 އަހަރުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު