ސަރުކާރުން 25 މިލިއަން ޑޮލަރުގެ ލޯނެއް އޭޑީބީއިން ނަގައިފި

މަރިޔަމް ލީނާ 26 ޖޫން 2020 17:06
Flowers
ފިނޭންސް މިނިސްޓަރު އަމީރު

ދިވެހި ސަރުކާރުން 25 މިލިއަން ޑޮލަރުގެ ލޯނެއް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ) ނަގައިފިއެވެ.

އޭޑީބީން ވަނީ 25 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރަށް 25 މިލިއަން ޑޮލަރުގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ. މި ފައިސާ ދީފައިވަނީ ކޮވިޑު-19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ.

"ކޮވިޑު-19 އާއި ގުޅިގެން ރާއްޖެއަށް ކޮށްފައިވާ އިޖުތިމާއީ އަދި އިޤްތިސާދީ އަސަރުތަކުން އަރައިގަތުމަށް އެހީތެރުވުމަށް އޭޑީބީ އިން އޮތީ ތައްޔާރަށް" އޭޑީބީގެ ރައީސް މަޓަސުގޫ އަސަކަވާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަސަކަވާ ވަނީ އިޤްތިސާދީ ގޮތުންނާއި ސިއްހީ ދާއިރާގެ ކަންކަމަށް ހަރަދުކުރަން ސަރުކާރަށް ބޭނުންވާ ބަޖެޓު ސަޕޯޓުވެސް އޭޑީބީން ދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

އޭޑީބީން ދިން އެހީ ބޭނުން ކުރާނީ، 5 ރީޖަނެއްގެ ހޮސްޕިޓަލްތަކުގައި ކޮވިޑު-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، އައިސޮލޭޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި 200 އައިސީޔޫ އެނދު ޤާއިމްކުރުމަށެވެ. މީގެ އިތިރުން އޭޑީބީ އިން ދިން ފައިސާ އިން ސަރުކާރުން ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށްވެސް ހަރަދުކުރަން ވަނީ ހަމަޖެހިފައެވެ. މިގޮތުން ވަަޒީފާ ގެއްލިފައިވާ މީހުންނާއި، އަމިއްލަ މަސައްކަތް ކުރާ މީހުންނަށާއި އެހެނިހެންވެސް ނާޒުކު ފަރާތްތަކަށް އެހީތެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ކުދި ވިޔަފާރި ތަކަށް ލޯނު ދިނުމަށްވެސް މި ފައިސާ ބޭނުން ކުރެވޭނެ ކަމަށް އޭޑީބީ އިން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު