ކޮވިޑު-19 އާއި ގުޅިގެން އޭޝިއާ ޕެސިފިކްގެ ޤައުމުތަކަށް 3 ޓްރިލިއަން ޑޮލަރުގެ ގެއްލުން ވާނެ!

އިބްރާހިމް އާދަމް 26 ޖޫން 2020 17:57
Flowers
ހޮންކޮންގް

ކޮވިޑު-19 އާއި ގުޅިގެން އޭޝިއާ ޕެސިފިކް ޤައުމުތަކުގެ އިޤްތިސާދަށް 3 ޓްރިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް، އެސް އެންޑް ޕީ ގްލޯބަލް ރޭޓިންގްސް އިން ބުނެފިއެވެ.

އެސް އެންޑް ޕީ އިން ބުނެފައިވާ ގޮތުގައި މިއަހަރާއި ކުރިއަށް އޮތް އަހަރު 3 ޓްރިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވޭ އިރު ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ރައްކާ ކުރަން މަސައްކަތް ކުރުމުގެ ސަބަބުން ހަރަދު ކުރާ މިންވަރު މަދުވާނެކަމަށެވެ. މީގެ އިތުރުން އެސް އެންޑް ޕީ އިން ލަފާ ކުރާ ގޮތުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ އިޤްތިސާދު 1.3 އިންސައްތައިން މި އަހަރު ކުޑަވާނެއެވެ. ނަމަވެސް އަންނަ އަހަރު 6.9 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އެސް އެންޑް ޕީ ގެ ޗީފް އެކޮނޮމިސްޓް ޝޯން ރޯޗް ވަނީ އޭޝިއާ ޕެސިފިކް ޤައުމުތަކުން ކޮވިޑު-19 ބަލިމަޑުކަމުން އަރައިގަތުމަށް ކުރި މަސައްކަތަށަށާއި އިޤްތިސާދު ހަމައަކަށް އަޅުވަން ގެންގުޅުނު ސިޔާސަތުތަކަށް ތައުރީފުކޮށްފައެވެ.

ނަމަވެސް އޭނާ ވަނީ، ދަރަނި ދެއްކުމަށް އާންމު ފަރުދުންނާއި، ވިޔަފާރިތަކާއި، ސަރުކާރުން ފައިސާ ރައްކާކުރަން ފެށުމުގެ ސަބަބުން އިޤްތިސާދަށް ހީނަރުކަން އައިސްދާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އޭގެ ސަބަބުން، މުދަލާއި ހިދުމަތްތަކަށް އޮންނަ ޑިމާންޑު ކޮވިޑު-19 ގެ ކުރިން އޮތް މިންވަރަށް ވުރެ ދަށްވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެން ކަމުން، ބިޔަފާރިތަކަށް އިންވެސްޓު ކުރާ މިންވަރު ދަށްވާނެ ކަމަށާއި، ކޮވިޑު-19 އަށް ވެކްސިނެއް ފެނުނު ނަމަވެސް އިޤްތިސާދަށް ކޮށްފައިވާ އަސަރު ދެމިގެންދާނެ ކަމުގެ އިންޒާރު ޝޯން ދެއްވިއެވެ.

ކޮވިޑު-19 އާއި ގުޅިގެން މުޅި ދުނިޔޭގެ އިޤްތިސާދަށްވެސް ވަނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އައި އެންމެ ބޮޑު ހީނަރުކަން އައިސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު