ތެޔޮ އުފައްދާ މިންވަރު ދަށްކުރަން އޯޕެކުން އެއްބަސްވުމާއެކު ތެލުގެ އަގު އުފުލިއްޖެ

އައިޝަތު ހަނާ 13 އޭޕްރީލު 2020 13:27
Flowers

ކޮރޯނާ ވައިރަހާ ގުޅިގެން ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ހީނަރުކަމުން ތެލުގެ ބާޒާރު ސަލާމަތްކުރުމުގެ ގޮތުން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމަށް އޯޕެކު ޤައުމުތަކުން އެއްބަސްވުމާ ގުޅިގެން ތެލުގެ އަގު އުފުލިއްޖެއެވެ. 

އޯޕެކުގައި ހިމެނޭ އެތައް ޤައުމަކުން އާދީއްތަދުވަހު ބުނެފައިވަނީ ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރުގެ ތެރެއިން ދުވާލެއްގެ މައްޗަށް، ގާތްގަނޑަކަށް 10 މިލިއަން ފީފާ އުފެއްދުން މަދުކުރާނެ ކަމުގައެވެ. އޭގެ ތެރެއިން 9.7 މިލިއަން ފީފާ އުފެއްދުން މަދުކުރާނީ އޯޕެކު ޤައުމުތަކުން ކަމުގައިވެސް ބުނެފައިވެއެވެ. އޯޕެކުގެ މިއެއްބަސްވުމަކީ 2022 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ދެމިގެން ހިނގައިދާނެ އެއްބަސްވުމެއް ކަމުގައި އޯޕެކު ޤައުމުތަކުން ބުނެފައިވެއެވެ.

އޯޕެކުގެ ނިންމުމާއެކު ހޯމަދުވަހުގެ ހެނދުނާ ހަމައަށް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 33 ޑޮލަރަށް އުފުލިފައިވެއެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމިޑިއޭޓުގެ ތެޔޮ ފީފާއެއްގެ އަގު 24.74 ޑޮލަރަށްވަނީ އުފުލިފައި ކަމުގައި ރޮއިޓާރސް އަދި ބްލޫމްބާރގުން ރިޕޯޓުކޮށްފައިވެއެވެ.  

ފެބްރުއަރީ މަހުގެ މެދުތެރެއިން ފެށިގެން ތެލުގެ އަގުވަނީ ތިރިވާން ފަށާފައެވެ. އަގު ތިރިވާން ފެށި މައިގަނޑު ސަބަބަކީ އޯޕެކްގެ އެންމެ ބާރުގަދަ އެއް ޤައުމު، އަދި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ޤައުމު ކަމުގައިވާ ސަޢޫދީ ޢަރަބިއްޔާއިން އެޤައުމުގެ ސާފުނުކުރާ ތެޔޮ ގިނަ ޢަދަދަކަށް ބާޒާރަށް ނެރުމާ ގުޅިގެންނެވެ. އަދި އޭގެ އިތުރަށް ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ތެލުގެ ޑިމާންޑު ދަށަށް ދިއުމުގެ ސަބަބުން ތެލުގެ އަގު އިތުރަށް ހީނަރުވިއެވެ. 

ތެލުގެ އަގު އިތުރަށް އުފުލުމަށްޓަކައި ކަންކުރާނެ ގޮތަކާމެދު އެއްބަސްވުމަށް އޯޕެކާއި ބައިވެރިންގެ މެދުގައި މަޝްވަރާކުރެވޭތާ ދުވަސްތަކެއް ވެއްޖެއެވެ. ތެޔޮ އުފައްދާ ބޭރުކުރާ އެންމެ ބޮޑެތި ޤައުމުތަކުން އާދީއްތަދުވަހުވަނީ އެއްބަސްވުމަކަށް އައިސްފައެވެ. 

އޯޕެކުގައި ނުހިމެނޭ ތެޔޮ އުފައްދާ ޤައުމުތަކުންވެސް ތެޔޮ އުފައްދާ މިންވަރު ދަށްކުރުމުގައި އެހީވާނެ ކަމަށް އުންމީދުކުރާ ކަމުގައި ކުވައިތުގެ ތެލާ ބެހޭ ވަޒީރު ޚާލިފުލް ފާޟިލް ވިދާޅުވިއެވެ. ކެނެޑާއާއި ނޯރވޭއިން ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް ޝައުޤުވެރިވާކަންވަނީ ހިއްސާކޮށްފައެވެ. 

އެމެރިކާއިން ބުނެފައިވަނީ އެމެރިކާގައި ތެޔޮ އުފައްދާ މިންވަރު ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކު ދަށަށް ގޮސްފައިވާ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު