އިންޑިއާ ނަގާ 150 މިލިއަން ޑޮލަރުގެ ލޯނަކީ ވަގުތީ ހައްލެއް: މޫޑީސް

އަހްމަދު އަޒާން 8 އޭޕްރީލު 2020 13:32
Flowers
ރައީސް ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ.

ކޮވިޑު-19 ގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި އިންޑިއާގެ މަރުކަޒީ ބޭންކުގެ ކަރެންސީ ސްވެޕް ފެސިލިޓީއިން އަނބުރާ ދައްކާގޮތަށް ދިވެހި ދައުލަތުން ހޯދުމަށް ނިންމާފައިވާ 150 މިލިއަން ޑޮލަރުން ލިބޭނީ ވަގުތީ ހައްލެއް ކަމަށް މޫޑީސް ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ރާއްޖޭގެ އިޤްތިސާދާ ގުޅޭގޮތުން ނެރެފައިވާ ކަރުދާހެއްގައި ބުނެފައިވަނީ އިންޑިއާ އިން ފޯރުކޮށްދޭ 150 މިލިއަން ޑޮލަރުން ލިބިގެންދާނީ ވަގުތީ ހައްލެއް ކަމަށާއި، އެއީ ގިނަދުވަހަށް ދެމިގެންދާނެ ހައްލެއް ނޫން ކަމަށެވެ. އަދި ބޭރު ފައިސާ ލިބޭ މިންވަރަށް އަންނަ އުނިކަމުގެ އަސަރު އިޤްތިސާދަށް ފޯރާނެކަމަށް އެ ރިޕޯޓުގައިވެއެވެ.

އިންޑިއާއިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވެޕް ފެސިލިޓީއެއް ފޯރުކޮށްދީފައެވެ. މީގެ ދަށުން ސަރުކާރުން 150 މިލިއަން ޑޮލަރު ހޯދުމަށް ތައްޔާރުވަމުން އަންނަ އިރު އެ ފައިސާ އަލުން އަނބުރާ ދައްކަން ޖެހޭނީ 6 މަސް ފަހުންނެވެ. އަދި އެ ފައިސާ ދައްކަން ޖެހޭނީ 6 އިންސައްތައިގެ އިންޓަރެސް އާއި އެކުގައެވެ.

ކޮވިޑު-19 އާއި ގުޅިގެން ފަތުރުވެރިކަން ހުއްޓިފައިވާތީ، ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ބޭރު ފައިސާގެ އަގު އަރައިގެން ދިޔަ ނުދިނުމަށްޓަކައި މަރުކަޒީ ބޭންކުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އިތުރުކޮށް، ބޭންކުތަކުން އެމްއެމްއޭގައި ރިޒާވްގެ ގޮތުގައި ބަހައްޓަން ޖެހޭ މިންވަރުވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި މަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި އިންޑިއާއިން 150 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ހޯދައި ރިޒާވަށް ލުމަށްވަނީ ނިންމާފައެވެ. 

އިންޑިއާއިން ނަގާ ފައިސާ އަކީ ދިގު މުއްދަތުގެ ހައްލަކަށް ނުވާނެ ކަމަށް މޫޑީސް އިން ބުނެފައިވާ ނަމަވެސް ސަރުކާރުން ވަނީ އެ ފައިސާ ހޯދުމުގެ ސަބަބުން ބޭރު ފައިސާގެ އަގު ރާއްޖޭގައި ހިފެހެއްޓޭންކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު