Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިޔަފާރި

މިފަހަރުގެ އިޤްތިސާދީ ކާރިސާ 2008 ވަނަ އަހަރުގެ ކާރިސާއަށްވުރެ މާ ނުރައްކާވާނެ: އައިިއެމްއެފް

ކޮވިޑު-19 އާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދު އެއްކޮށް މަޑު ޖެހިފައިވާކަމަށާއި، އިޤްތިސާދު ހުއްޓި 2008 ވަނަ އަހަރުގެ މުޅި ދުނިޔެއަށް ކުރިމަތިވި އިޤްތިސާދީ ކާރިސާއަށް ވުރެ މާ ނުރައްކާ ހާލަތެއް މިހާރު ކުރިމަތިވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ކްރްސްޓަލީނާ ޖިއޮޖިއޭވާ އީއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުރިއަރާފައިވާ އިޤްތިސާދުތަކުން ކުރިއަރަމުން އަންނަ ޤައުމުތަކަށް މިދަނޑިވަޅުގައި އެހީވާން ޖެހޭކަމަށެވެ. އަދި އެ ޤައުމުތަކަށް ކުރިމަތިވެފައިވާ ސިއްހީ އަދި އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށް ކުރިއަރާފައިވާ ޤައުމުތަކުގެ އެހީ ބޭނުންވާކަމަށް ޖިއޮޖިއޭވާ ވިދާޅުވިއެވެ.
އަދި މިހާރު ކުރިމަތިވެފައި މިވާ ހާލަތަކީ 2008 އަހަރު ކުރިމަތިވި އިޤްތިސާދީ ކާރިސާއަށްވުރެ ބޮޑު ކާރިސާއެއް ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އަނދިރި ވަގުތެއްކަމަށް އޭނާ ވިދާޅުވިއެވެ.
"މި ކާރިސާ އަކީ މީގެ ކުރިން ދިމާވެފައި ނުވާފަދަ ބޮޑު ކާރިސާއެއް. މުޅި ދުނިޔޭގެ އިޤްތިސާދު ހުއްޓުމަކަށް އައިސްފައިވާތަން އަހަރުމެންނަށް ފެނިއްޖެ. އިޤްތިސާދު މިއޮތީ ހުއްޓިފަ އަދި މިއީ 2008 ވަނަ އަހަރުގެ އިޤްތިސާދީ ކާރިސާއަށްވުރެ ނުރައްކާތެރި ހާލަތެއް" ޖިއޮޖިއޭވާ ވިދާޅުވިއެވެ.
މިހާރު ކުރިމަތިވެފައިވަނީ އިޤްތިސާދީ ކާރިސާއެއް ކަމަށް އައިއެމްއެފް އިން ބުނެފައި ވީނަމަވެސް ދިވެހިރާޢްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއީ އިޤްތިސާދީ ކާރިސާއެއް ނޫންކަމަށް ވިދާޅުވެފައެވެ.
"މިއީކީ އިކޮނޮމިކް ކްރައިސަސްއެއް، ފައިނޭންޝަލް ކްރައިސަސްއެއް އައިސްގެނެއް ނޫނޭ މިއުޅެނީކީ. ބޭންކްތަކުގައި ފައިސާ އެބަހުއްޓޭ. މީހުން އަތުގައިވެސް އެބަހުއްޓޭ ފައިސާ. ޚަރަދުކުރަންވެސް ބޭނުންވޭ" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް އޭގެ ފަހުން މާލީ ވަޒީރު އިބްރާހިމް އަމީރު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވަނީ އިޤްތިސާދީ ކާރިސާއެއް އަންނަ ކަމުގެ އިންޒާރުދެއްވާފައި ކަން ފާހަގަކުރެވެއެވެ.
ދުނިޔޭގެ އިޤްތިސާދު ވަރަށް ބޮޑަށް މަޑު ޖެހިފައިވާއިރު މިއަހަރު ދިވެހިރާއްޖޭގެ އިޤްތިސާދު ކުރިއަރާ މިންވަރު ހުންނާނީ -5.5 އިންސައްތައިގައި ކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ