އެސްޓީއޯއިން ތެޔޮ އަގުހެޔޮކުރަން ނިންމައިފި

އައިޝަތު ހަނާ 21 މާރިޗު 2020 14:49
Flowers
ފޮޓޯ: އަވަސް

ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއެކު، އެސްޓީއޯއިން ދިވެހިރާއްޖޭގައި ތެޔޮ ވިއްކާ އަގު ވަރަށް ބޮޑަށް ހެޔޮކުރަން ނިންމައިފިއެވެ. 

މިއީ ދައުލަތުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯއިން މި މަހު ތެލުގެ އަގު ހެޔޮކުރި ދެވަނަ ފަހަރެވެ. އަދި މިފަހަރު ކޮންމެ ޑީސަލް ލީޓަރަކުން 1.68 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.53 ރުފިޔާ އަގު ހެޔޮކޮށްފައިވެއެވެ. 

މިބަދަލާއެކު މިހާރު ޑީސަލް ލީޓަރެގެ އަގަކީ މިހާރު 8.71 ރުފިޔާއެވެ. އަދި ޕެޓްރޯލު ލީޓަރެއްގެ އަގަކީ މިހާރު 8.07 ރުފިޔާއެވެ. މިއަގުތަކަކީ މިފަހުގެ ތާރީޚުގައި ރާއްޖޭގެ ބާޒާރުގައި ތެޔޮ ލިބެންހުރި އެންމެ ހެޔޮ އަގުތަކެކެވެ. 

އެންމެ ފަހުން ރާއްޖެއިން ތެޔޮ އަގު ހެޔޮކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހު ގެނައި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރަކުން 0.50 ރުފިޔާ އަދި ޕެޓްރޯލު ލީޓަރަކުން 0.53 ރުފިޔާ ހެޔޮކޮށްފައިވެއެވެ. 

ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކުރާ ދަތުރުފަތުރު މަދުވެފައިވެއެވެ. އަދި ދަތުރުކުރާ މީހުންގެ ޢަދަދުވެސް ވަރަށް ބޮޑަށް މަދުވެފައިވެއެވެ. މިކަމުގެ ސަބަބުން ތެލަށް އޮތް ޑިމާންޑު ކުޑަވެ، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 30 ޑޮލަރަށް ވެއްޓިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު