އެމްއޭސީއެލްއިން ސީއީއޯއެއް ހޯދަން އިއުލާންކޮށްފި

މަރިޔަމް ލީނާ 30 ޖެނުއަރީ 2020 10:58
Flowers
އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) ސީއީއޯއެއް ހޯދަން އިއުލާންކޮށްފިއެވެ.

މިއީ އެމްއޭސީއެލްއިން ސީއީއޯއެއް ހޯދަން އިއުލާންކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ކުންފުނީގެ ސީއީއޯ އައްޔަން ކުރަނީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ. މިވަގުތު އެމްއޭސީއެލްގައި ސީއީއޯއެއްވެސް އަދި އެމްޑީއެއްވެސް ނުހުރެއެއެވެ. އެކުންފުނި ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނަވަނީ އެކުންފުނީގެ ޗީފް އިންފޮމޭޝަން އޮފިސަރ މޫސާ ސޯލިހެވެ. މޫސާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ. 

އެމްއޭސީއެލްގެ ސީއީއޯއަކަށް ކުރިމަތިލާން ބޭނުން މީހުންގެ ޝަރުތުތަކުގެ ތެރޭގައި އޭވިއޭޝަން ދާއިރާގައި 15 އަހަރުގެ ތަޖުރިބާ ހުރުން ހިމެނެއެވެ. އަދި އެ މުއްދަތުގައި މެނޭޖްމެންޓް ފެންވަރުގައި 10 އަހަރު އަދި ސީޓޫ ފެންވަރުގައި މަދުވެގެން 5 އަހަރު ހޭދަކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ސީޓޫ ފެންވަރަކީ ސީއީއޯ، ސީއެފްއޯ ފަދަ ކުރިއަށް ޗީފް އަންނަ މަޤާމުތަކެވެ. މީގެ އިތުރުން އޭވިއޭޝަން ދާއިރާއިން ޕޯސްޓް ގުރެޖުއޭޓް ޑިގްރީއެއް އޮތުމަކީވެސް ޝަރުތެކެވެ. 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނަގާ ސީއީއޯއަށް މުއްދަތު ހަމަވުމުން އެއްބަސްވުން އާކުރެވޭނެ ކަމަށްވެއެވެ. 

އެމްއޭސީއެލްއަށް ސީއޯއެއް ހޯދަން އިއުލާންކޮށްފައި މިވަނީ، އެ ކުންފުނިން ތަރައްޤީ ކުރި އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭން އުޅޭކަމުގެ އަޑުތައް ފެތުރި، އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމްއޭސީއެލް އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ނަމަވެސް އެމްއޭސީއެލްގެ ބޯޑުގައި ޓީއެމްއޭގެ މަސްލަހަތު އޮންނަ ބޭފުޅުން ތިބޭކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ހަބީބު
ޢިންޑިޔާ މީހެއް ދޯ ބޭނުންވެގެން ތި އުޅެނީ