ސަރުކާރުން އަންގައިފިއްޔާ މަސްވެރިކަންވެސް ޕްރޮމޯޓު ކުރާނަން: ތައްޔިބު

މަރިޔަމް ލީނާ 14 ނޮވެމްބަރު 2019 12:35
Flowers
އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބު. ފޮޓޯ:ޕީއެސްއެމް

ސަރުކާރުން އަންގަވައިފިއްޔާ ފަތުރުވެރިކަމާއި އެއްގޮތަށް އެހެނިހެން ސިނާއަތްތައްވެސް އިޝްތިހާރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވެއްޖެއެވެ. 

ތައްޔިބު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމްއާއި ވާހަކަދައްކަވަމުންނެވެ. ތައްޔިބު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ މެންޑޭޓުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި އޮތީ ފަތުރުވެރިކަން ޕްރޮމޯޓު ކުރުން ކަމަށާއި އެ ކުންފުނީގެ ބަޖެޓުވެސް ކަނޑައެޅެނީ އެކަން ކުރުމަށްކަމަށެވެ. ނަމަވެސް ސަރުކާރުން އެންގެވިހާ އަވަހަކަށް އެހެނިހެން ސިނާއަތްތައްވެސް ކުރިއެރުވުމަށް މަސައްކަތް ކުރާނެކަމަށް ތައްޔިބު ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ކުރާނަން ސަރުކާރުން ބުނި ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ. ދިވެހިރާއްޖޭގެ ޤާނޫނާއި ދީނީގޮތުން ފުށުނާރާ ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން. މިވަގުތު އަޅުގަނޑަށް ލިބިފައިވާ މެންޑޭޓަކީ ފަތުރުވެރިކަން ކުރިއެރުވުން. އަޅުގަނޑަށް ލިބިފައި އޮތް ސިޓީގައިވެސް ހުރީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މިވެނި ޢަދަދެއްގެ ބަޖެޓް ސަރުކާރުން ދީފިޔޭ މިހެން ބުނެފަ. އެހެންކަމަށް ވަންޏާ އަޅުގަނޑަށް މަސްވެރިކަމެއް ވެސް އަދި އެހެންކަމެއް ވެސް ކުރިނޭރުވޭނެ. އަޅުގަނޑުމެންނަށް ލިޔުމުން އެންގެވިހާ އަވަހަކަށް އަޅުގަނޑުމެން މިކަން ކުރާނަން." ޡައްޔިބު ވިދާޅުވިއެވެ.

ތައްޔިބު މިހެން ވިދާޅުވެފައިވާއިރު މާލީ ވަޒީރު އަމީރުވެސް ވަނީ އެމްއެމްޕީއާރުސީ އިން މަސްވެރިކަންވެސް ކުރިއަރުވަން ޖެހޭކަމަށް ވިދާޅުވެފައެވެ. 

އެމްއެމްޕީއާރުސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން އުފައްދާފައިވާ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މިއަހަރުގެ މިހާތަނަށް އެކި ޤައުމުތަކުގައި 24 ފެއަރ، 33 ސިޓީއެއްގައި ފޭމް ޓްރިޕް އަދި އެކި ކުންފުނިތަކާއި ގުޅިގެން 5 ޖޮއިންޓް ޕްރޮމޯޝަން އެމްއެމްޕީއާރުސީއިން ވަނީ ކުރިއަށްގެންގޮސްފައެވެ. 

ކިޔުންތެރިންގެ ހިޔާލު