ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި 74 މިލިއަން ރުފިޔާ

މަރިޔަމް ލީނާ
Flowers
ވެލަނާ އެއާޕޯޓުގައި ފަތުރުވެރިންތަކެއް


މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 74 މިލިއަން ރުފިޔާ ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 74،339،477.77 ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކުހަކީ ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓް ހައުސް އަދި ސަފާރީތަކަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ފަތުރުވެރިއެއްގެ އަތުން ނެގޭ ޓެކްސްއެކެވެ. އެންމެ ބޮޑު އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ރިސޯޓުތަކުންނެވެ. މިގޮތުން ރިސޯޓުތަކުން 68،563،616.38 ރުފިޔާ ދައްކާފައިވެއެވެ. އަދި ހޮޓާތަކުން 1،667،931 ރުފިޔާ ލިބިފައިވާއިރު ގެސްޓް ހައުސްތަކުން 2،252،427،.29 ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން ސަފާރީތަކުން 1،855،503.10 ރުފިޔާ ލިބިފައިވެއެވެ.

އެންމެ ގިނައިން ދައުލަތަށް ގްރީންޓެކްސް ލިބިފައިވަނީ މާލެއަތޮޅުންނެވެ. މިގޮތުން މާލެއަތޮޅުން 24،750،413.02 ރުފިޔާ ދައްކާފައިވެއެވެ. އެންމެ މަދުން ގްރީން ޓެކްސް ދައްކާފައިވަނީ މ. އަތޮޅުންނެވެ. އެ އަތޮޅުން ދައްކާފައިވަނީ 1657.80 ރުފިޔާއެވެ. ދެން އެންމެ މަދުން ދައްކާފައިވަނީ ފުވައްމުލަކުންނެވެ. މިގޮތުން ފުވައްމުލަކުން ދައްކާފައިވަނީ 11،287.26 ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ގްރީން ފަންޑަށް ޖުމްލަ ލިބިފައިވަނީ 729،646،482.80 ރުފިޔާއެވެ. މި ފަންޑަށް ލިބޭ ފައިސާ އެކިއެކި މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރެއެވެ. ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި ފަންޑުގައި ބާކީ ހުރީ 255،826،653.98 ރުފިޔާއެވެ. 

ކިޔުންތެރިންގެ ހިޔާލު