އިޓަލީގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އެޤައުމުގެ ޓީމެއް ރާއްޖެ އައިސްފި

ޝިފްޒާން އަހްމަދު 4 ނޮވެމްބަރު 2019 09:50
Flowers
ފޮޓޯ: އެމްއެމްޕީއާރުސީ

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޓަލީވިލާތުގައި އިޝްތިހާރުކުރުމުގެ ގޮތުން އެޤައުމަށް ނިސްބަތްވާ ޓީމެއް ރާއްޖެ އައިސްފިއެވެ.

އިއްޔެ ރާއްޖެ އައިސްފައިވާ ޓީމުގައި ހިމެނެނީ އިޓަލީވިލާތުގެ ނޫސްވެރިންނާއި އެޤައުމުގެ އިޖުތިމާޢީ ވިއުގަތަކުގައި ހަރަކާތްތެރިވާ ނުފޫޒު ފޯރުވާ ފަރާތްތައް (އިންފުލުއެންސަރސް)އެވެ.

އެމްއެމްޕީއާރުސީއާ ހަވާލާދީ ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ މިދަތުރަކީ ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ބުރޭންޑު އިތުރަށް ކުރިއެރުވުމަށް އިންތިޒާމުކުރެވިފައިވާ މިފަދަ ދަތުރުތަކުގެ ތެރެއިން 16ވަނަ ދަތުރެވެ.

ރާއްޖޭގައި އިޓަލީގެ މިޓީމު ހޭދަކުރާ ދުވަސްތަކުގައި ރިސޯރޓުތަކާއި ގެސްޓު ހައުސްތައް ތަޖުރިބާކޮށް އެތަންތަނުގެ މަޢުލޫމާތު އެއްކުރާނެ ކަމުގައިވެސް އެމްއެމްޕީއާރުސީއާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުގައި ލިޔެފައިވެއެވެ. އަދި މިޓީމުގައި އިޓަލީގެ މަޝްހޫރު މެގަޒިންތަކަށް ލިޔުއްވާ ލިޔުންތެރިންނާއި މީސްމީޑިޔާގައި ހަރަކާތްތެރިވަ މަޤުބޫލު ފަރާތްތައް ހިމެނޭ ކަމުގައިވެސް އެމްއެމްޕީއާރުސީއިން ބުނެފައިވެއެވެ. އެކުންފުންޏާ ހަވާލާދީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވަނީ މިޓީމުން ދިވެހިރާއްޖޭގައި ކުރާ ތަޖުރިބާ ތަފާތު މަންސަތަކުގައި (ޕްލެޓްފޯރމްތަކުގައި) ހިއްސާކުރާނެ ކަމުގައެވެ.

އިޓަލީވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. މިއަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް 97375 ފަތުރުވެރިއެއް އެޤައުމުން ރާއްޖެ އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު