ދައުލަތުގެ ރަސްމީ ރިޒާވް މަދުވެއްޖެ

މަރިޔަމް ލީނާ 8 އޮކްޓޯބަރު 2019 11:52
Flowers
މާލީ ވަޒީރު އަމީރު

ބޭރު ފައިސާގެ ރަސްމީ ރިޒާވް އޯގަސްޓު މަސް ނިމުނު އިރު 612 މިލިއަން ޑޮލަރަށް ވެއްޓިފައިވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

ދައުލަތުގެ ރަސްމީ ރިޒާވް ކަމަށް ބަލަނީ މަރުކަޒީ ބޭންކުގައި ޔޫއެސް ޑޮލަރުން ރިޒާވް ހުންނަ މިންވަރަށެވެ. އެމްއެމްއޭއިން އާންމު ކުރި ހިސާބުތަކުން ދައްކާގޮތުން ޖުލައި 2019 އާއި އަޅާ ބަލާއިރު ރިޒާވް ވަނީ 5 އިންސައްތަ މަދުވެފައެވެ. މިގޮތުން ޖުލައި މަސް ނިމުނު އިރު 644.1 މިލިއަން ޑޮލަރު ރިޒާވުގައި ހުރި އިރު އެ އަދަދު އޯގަސްޓު މަހުގެ ނިޔަލަށް ވަނީ 612 މިލިއަން ޑޮލަރަށް ވެއްޓިފައެވެ. މި އަހަރުގެ މާޗު މަހުން ފެށިގެން ރިޒާވް ދަނީ މަދުވަމުންނެވެ. 

މީގެ އިތުރުން ވަގުތުން ބޭނުން ކުރެވެން ހުންނަ ޔޫސެބްލް ރިޒާވް ވެސް ވަނީ ދަށް ވެފައެވެ. މިގޮތުން ޖުލައި މަސް ނިމުނު އިރު 275.4 މިލިއަން ޑޮލަރު ޔޫސެބްލް ރިޒާވްގެ ގޮތުގައި ހުރި އިރު އޯގަސްޓު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 248.4 މިލިއަން ޑޮލަރަށް ދަށްވެފައެވެ.

ޔޫސެބްލެ ރިޒާވާކީ ވަގުތުން ބޭނުން ކުރެވެން ހުންނަ ފައިސާގެ އަދަދެވެ.ރަސްމީ ރިޒާވްގައި ގައުމެއްގެ މާލީ ހާލަތު ދައްކުވައިދޭ އިގްތިސޯދީ މުހިންމު މިންގަނޑެކެވެ. އަދި ރިޒާވްގައި ހުންނަ ފައިސާ އިން ފުދޭނީ ކިތައް މަސް ދުވަހުގެ އިމްޕޯޓަށްތޯ ބަލާ މިންކުރެ އެވެ.

ރަސްމީ ރިޒާވް ދަށްވެފައި ވާއިރު، ދާދި ފަހުން ސަރުކާރުން ވަނީ އިންޑިއާ އާއި އެކު ކަރެންސީ ސެވެޕް އެގްރީމެންޓެއް ހަދާ 400 މިލިއަން ޑޮލަރު ހޯދާފައެވެ. އަދި އޭގެ ތެރެއިން 50 ވަރަކަށް މިލިއަން ޑޮލަރު ބޭނުން ކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިއަހަރުގެ އިޤްތިސާދީ ދުވެލި 5.4 އިންސައްތައަށް ދަށްވާނެ ކަމަށް މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވަނީ ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު