އެމްޕީއެލްއިން ނަގާ ބައެއް ފީ ބޮޑުކުރުމުން ޝިޕިން އިންޑަސްޓްރީއަށް ގެއްލުންވުމުގެ ބިރު

އިބްރާހިމް އާދަމް 20 ނޮވެމްބަރު 2020 17:17
Flowers

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބަލަހައްޓަމުންދާ މާލެ ބަނދަރަށް ފަޅުވެރިން ބަދަލުކުރުމަށްޓަކައި ގާތްކުރާ އުޅަނދުފަހަރުން ޕައިލަޓޭޖު ފީގެ ގޮތުގައި ނަގާ މިންވަރު އިތުރުކުރުމުގެ ސަބަބުން ޝިޕިން އިންޑަސްޓްރީއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން ފާޅުކޮށްފިއެވެ. 

ޝިޕިން އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތަކުން "ދިޔަރެސް" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި މިހާރު ނަގަމުންދާ ފީތައް އެތައް ގުނައެއް ބޮޑުކުރުމަށް އެމްޕީއެލްއިން ނިންމާފައިވެއެވެ. އެ ފީތައް ނަގަން ފެށުމަށް ނިންމާފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި، ލަންކާގެ ގޯލް ބަނދަރުގައިވެސް ނުނަގާ މިންވަރުގެ ބޮޑު ފީއެއް ނެގުމުގެ ސަބަބުން ބޮޑު ހޭދައެއް ކުރުމަށްފަހު ކުރޫއިން ބަދަލުކުރުމަށް މާލެ އައުމަކީ އެޓްރެކްޓިވް ކަމެއްގެ ގޮތުގައި ބޯޓުފަހަރުގެ ވެރިން ޤަބޫލުނުކުރާނެއެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާ ހަމައަށް 24،000 ރުފިޔާ ނަގަމުންދިޔަ ކަމަކަށް 122،000 ރުފިޔާ ނަގަން މިހާރުވަނީ ހަމަޖެހިފައެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަން ބޭނުންވާނީ ކޮން ބޯޓުފަހަރުގެ ވެރިންނަކީ ކޮބައިތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ. އަދި މިކަމުގެ ސަބަބުން ޤައުމަށް ވަރަށް ބޮޑެތި ގެއްލުން ލިބެމުންދާ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. 

އޭގެ އިތުރަށް އޭނާ ފާހަގަކުރެއްވީ އަވައްޓެރި ޤައުމުތަކުން 500 އެމެރިކާ ޑޮލަރު ނަގަމުންދާ ކަންކަމަށް މިހާރު ރާއްޖެއިން 10،000 ޑޮލަރާ ގާތްކުރާ މިންވަރުގެ އަގެއް ނަގަން ނިންމުމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައެވެ. އަދި އެކަން ބަދަލުނުކޮށްފިނަމަ، މި ދާއިރާއިން މިހާރު ރާއްޖެއަށް ލިބެމުންދާ ގިނަ އަދަދެއްގެ ފައިސާ ލިބުން ހުއްޓިގެންދާނެ ކަމުގައިވެސް އެނާ ވިދާޅުވިއެވެ. 

މި އަގުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެކަންކަން ބައްލަވާނެ ކަމުގައި އެމްޑީ ވިދާޅުވެފައިވާ ކަމުގައިވެސް "ދިޔަރެސް:އަށް މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކޮންޓޭނަރު
މިހާރުގެ ހާލަތުގަ ދުނިޔޭގެ ހުރިހާ ތަނެއްގަ ވެސް ކަންކަމުގެ އަގު އޮތީ މަތިވެފަ. ވިޔަފާރިވެރިންނަށް މަދު ލާރިކޮޅަކުން އެއްޗެއް ގެނެވުނަސް އެ ވިއްކަނީ %200 ފައިދާ ލާފަ. ހުރިހާ ކަމެއް ނުޖެހެ ވިޔަފާރިވެރިންނަށް ފައިދާ ކުރާގޮތަށް ހެދޭކަށް!