އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އަލްއަޒްހަރު ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ އިލްމުވެރިއެކެވެ. ލިޔުންތެރިކަމާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ރަޝީދަކީ މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ އެ މުއައްސަސާ އިސްލާމިކް ޔުނިވާސިޓީއަށް ބަދަލުވުމާ ހަމައަށް އެ މުއައްސަސާގެ އެންމެ އިސްވެރިޔާގެ މަޤާމު ފުރުއްވި މުރައްބީއެވެ. ޢަރަބި ބަހާއި އިނގިރޭސިބަހުން ދިވެހިބަހަށް އިލްމީ ލިޔުންތަކާއި ފޮތްތައް ތަރުޖަމާކުރައްވާފައިވާ އުސްތާޛު ރަޝީދަކީ ބޭރު ދުނިޔޭގެ ޚަބަރުތައް ތަހުލީލީ ނަޒަރަކުން ކިޔުންތެރިންނަށް ގެނެސްދެއްވާ ފުންނާބު އުސް މުހައްލިލެއްވެސްމެއެވެ. އަދި ތިލަބަހުން ދީނީ ޢިލްމު ކިޔުންތެރިންނާ ހަމައަށް ގެނެސްދެއްވާ ޢިލްމުވެރިއެކެވެ.