Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

ހުތް ލުނބޮއިން ފޮނި ބުއިމެއް ތައްޔާރުކުރާށެވެ!

ހަރުދަނާ ބުއްދިވެރިން ނާކާމިޔާބު ކާމިޔާބަށް ބަދަލުކުރެއެވެ. ތަންދޮރުނުދަންނަ މޮޔަމީހާ ޖެހޭ ކޮންމެ މުޞީބަތެއް ދެ މުޞީބަތަށް ބަދަލުކުރެއެވެ. ސަލާމާއި ޞަލަވާތްލެއްވުނު މާތް ރަސޫލާ މައްކާއިން ބޭރުކޮށްލެއްވުމުން މަދީނާގައި ތާރީޚުގައި އެދައުލަތެއްގެ ވާހަކަ ހުރަހަށާއި ދިގަށް ލިޔެވުނު ދައުލަތެއް ޤާއިމުކުރެއްވީއެވެ.
އިމާމް އަޙުމަދުބިން ޙަންބަލު ޖަލަށް ލެވި އެތަށް އަދަބެއް ދެވުނެއެވެ. އެއަށްފަހު ވެވަޑައިގަތީ ސުންނަތުގެ އިމާމުކަމުގައެވެ. އިމާމް އިބުނު ތައިމިޔާ ހުރަގޭގައި ބަންދުކުރެވުނެއެވެ. އެބަންދުގެ ސަބަބުން ޝާމިލު ޢިލްމީ މަސައްކަތެއް ނެރުއްވިއެވެ. އިމާމް ސަރުޚަސީ ބިއުރު މަޠުލަޢާ ނަމަކަށް ކިޔުނު ވަޅެއްގައި ބަންދުކުރެވުނެވެ. އެކަލޭގެފާނު އެބަންދުގައި ހުންނަވައިގެން ފިޤުހުގައި ވިހި މުޖައްލަދު (ވޮލިއުމް)ގެ ފޮތެއް އެކުލަވައިލެއްވިއެވެ. އިމާމް އިބްނު އަޘީރު ގޭގައި ބަންދުކުރެއްވުމުން، ޙަދީސް ޢިލްމުގައި އެންމެ މަޝްހޫރު އަދި އެންމެ މަންފާ ބޮޑު ފޮތްތަކުގެ ތެރޭގައި ހިމެނޭ ޖާމިޢުލް އުޞޫލޭ ކިޔުނު ފޮތާއި، ނިހާޔަތޭ ކިޔުނު ފޮތް ލިޔުއްވިއެވެ. އިބްނުލް ޖައުޒީ ބަޣުދާދުން ބޭރުކޮށްލެއްވުމުން ހަތް ޤިރާއާތު އިތުރަށް ފުރިހަމަކޮށްދެއްވިއެވެ. މަލިކު ބިން އައްރަބީބަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތް ހިނދު، ޢައްބާސީ ދައުލަތުގެ ހުރިހާ ޅެންވެރިންގެ ޅެންތަކަށްވުރެ މޮޅު، ރީތި ހިތްގައި ޅެމެއް ޢާލަމްތަކަށް ހަދިޔާކުރެއްވިއެވެ. ذؤيب الهذلي އެކަމުގެ ހިތާމާގައި ތާރީޚު އެކީ ސިހިގެންދިޔަ، ޢާންމުން އަންތަރީސްކޮށްލި، ވަގުތު އޭގެ ސަބަބުން ހަމަހިމޭންވި އަސަރުހުރި ޅެންބައިތުތަކެއް އެކުލަވައިލެއްވިއެވެ.
ތިބާއަށް ދަތިކަމެއް ޖެހިއްޖެނަމަ، އެކަމެއްގައި އޮތް އަލިފަރާތް ހޯދާށެވެ. ތިބާއަށް ހިތި ލުނބޯ ދިޔަ ތައްޓެއް މީހަކު ދީފިނަމަ، އެއަށް ހަނކުރު ކޮޅެއް އިތުރުކޮށްލާށެވެ. ހިޔަޅެއް ތިބާއަށް މީހަކު ހަނދިޔާކޮށްފިނަމަ، އެހިޔަޅުގެ އަގު ބޮޑު ހަންގަނޑު ނެގުމަށްފަހު ބާކީހުރި ބޭނުމެއް ނެތް ތަކެތި އުކައިލާށެވެ. ތިބާގަޔަށް ނަގުލަން ދާއްޓެއް ކަށި ޖަހައިފިނަމަ ދަންނާށެވެ. އެއީ ހަރުފައިގެ ވިހަޔަށް ލިބިފައިވާ ވެކުސިނެކެވެ. ނުވަަތަ ހަރުފައިގެ ވިހައިން ޙިމާޔަތްކޮށްދޭ އެންޓި ބޮޑީއެކެވެ.
ތިބާއަށް ދިމާވެފައިވާ ދަތި ޙާލަތާ ކުރިމަތިލާށެވެ. އަދި ޔާސްމީނާއި ފިނެފެންމަލާއި އެހިނެހެން މާތަކާއިގެން ނުކުންނާށެވެ. ކާމިޔާބު ކުރާށެވެ. ﴿وعسى أن تكرهوا شيئا وهو خير لكم﴾. ތިޔަބައިމީހުންނަށް ރަނގަޅު ކަމެއްކަމުގައިވާ ކަމަކާމެދު ތިޔަބައިމީހުން ނުރުހުން އެކަށީގެންވެއެވެ.
ފަރަންސޭސި އިންޤިލާބުގެ ކުރިން ކުޅަދާނަ ދެޝާޢިރަކު ޖަލަށް ލެވުނެވެ. އެކަކީ ކުރިމަގާމެދު ހެޔޮކޮށްދެކޭ މީހެކެވެ. ދެވަނަ މީހަކީ ނާއުންމީދުން ފުރިފައިވާ މީހެކެވެ. ދެމީހުންމެ ޖަލުގެ ތޭރިތަކުގެ ތެރެއިން ބޭރަށް ބޯ ދިއްކޮށްލައެވެ. އެކަކު އުޑުގައިވާ ތަރިތަކަށް ބެލުމަށްފަހު ހިނިތުންވެއެވެ. އަނެކަކު ބިމުގެ ވެއްޔަށް ބެލުމަށްފަހު ހިތާމަކޮށް ރޮއެއެވެ.
ހިތާމައިގެ ފަހަތުން ފޮރުވިފައި އޮންނަ އަނެއް ޙަޤީޤަތަށް ބަލާށެވެ. އެއްްވެސް ހެވެއް އެކުނުލެވޭ ހަމައެކަނި ދެރައާއި ހިތާމައިން އެކުލެވޭ ޙާލަތަކީ ވުޖޫދުގައިވާ ޙަޤީޤަތެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެއެވެ. ލިބިގަނެވޭނެ، އަދި ހޯދައިގަނެވޭ ރަނގަޅު ކަމެއް އޮންނާނެއެވެ. އައު ފުރުޞަތާއި ހެޔޮ ދަރުމަ އެކުލެވޭނެއެވެ.
އަސްލު ލިޔުއްވީ: ޑރ.ޢާއިޟުލް ޤަރަނީ
މި ލިއުމާއި ގުޅޭ