Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

އިސްރާއީލްގައިތިބި އެމެރިކާ ރައްޔިތުން އެ ގައުމުން ބޭރުކުރަން ފަށައިފި

އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އިސްރާއީލުގައި ތިބި އެމެރިކާގެ ރައްޔިތުން އެ ގައުމުން ބޭރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. މިކަން ބުދަ ދުވަހު އިއުލާން ކުރެއްވީ އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކަލް ހަކަބީއެވެ.

އިސްރާއީލުގެ ޖެރޫސަލަމްގައި ހުންނަ އެމެރިކާގެ އެމްބަސީން ދަނީ ރައްޔިތުން ބޭލުމަށް ހާއްސަ ފްލައިޓުތަކާއި ކްރޫޒް ޝިޕްތަކުގެ އިންތިޒާމު ހަމަޖައްސަމުންނެވެ. ސަފީރު ހަކަބީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ފުރަން ބޭނުންވާ އެމެރިކާ ރައްޔިތުން އެމްބަސީގެ 'ސްމާޓް ޓްރެވަލާ އެންރޯލްމަންޓް ޕްރޮގްރާމް' (STEP) ގައި ރަޖިސްޓްރީ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ފަހުގެ މައުލޫމާތު އެމީހުންނަށް އެ ޕްރޮގްރާމް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްރާއީލާއި އީރާނާ ދެމެދު ހަނގުރާމަ ފެށިގެން ހަވަނަ ދުވަސް ވެފައިވާއިރު، ބުދަ ދުވަހުގެ ރެއިން ފެށިގެން ވެސް ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކޮށްފައިވެއެވެ. ހޯމަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލަށް ދަތުރުކުރުން މަނާކޮށް، އެންމެ ނުރައްކާތެރިކަމުގެ ދަރަޖަ ކަމަށްވާ 'ލެވެލް 4' އަށް އެގައުމުގެ ޓްރެވަލް އެޑްވައިޒަރީ މަތިކޮށްފައެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އިސްރާއީލުން ދޭ ހަމަލާތަކުގައި އެމެރިކާ ބައިވެރިވުމުގެ އިޝާރާތެއް ދީފައެވެ.

"އަހަރެން އެކަން ކޮށްފާނަން، ނުކޮށްވެސް ހިނގައިދާނެ. އަހަރެން ކުރާނެ ކަމެއް އެކަކަށް ވެސް ނޭނގޭނެ،" އީރާނުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދިނުމުގައި އެމެރިކާ ބައިވެރިވާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ޓްރަމްޕް ބުނެފައިއެވެ.

ޓްރަމްޕް ވަނީ އީރާނުން ހަތިޔާރު ބަހައްޓައި އެއްކޮށް އަމާންދިނުމަށް ގޮވާލާފައެވެ. ނަމަވެސް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އެ ގައުމުން ދުވަހަކުވެސް އަމާން ނުދޭނެ ކަމަށް ވިދާޅުވެ، އަސްކަރީ ގޮތުން ބިރު ނުދެއްކުމަށް އެމެރިކާއަށް އިންޒާރު ދެއްވާފައެވެ.

މި ދެބަސްވުންތަކުގެ މައިގަނޑު އެއް ސަބަބަކީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމެވެ. އިސްރާއީލުން ދެކޭ ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދައިފިނަމަ އެއީ އެ ގައުމުގެ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. މިހާރު ހިނގަމުންދާ ހަމަލާތަކަކީ، މި 'ފަރުދާގެ ފުރަގަހުން' ހިނގަމުން އައި ހަނގުރާމަ، ސީދާ އަސްކަރީ ކުރިމަތިލުމަކަށް ބަދަލުވެފައިވާކަމުގެ ހެއްކެކެވެ.

މި ލިއުމާއި ގުޅޭ