Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުނިފޫހިފިލުވުން

ފަރަންސޭސި ސިލްސިލާ "ދަ ބިއުރޯ": ދައްކަނީ މުސްލިމުންނާމެދު ހުޅަނގުން ދެކޭ ގޮތް

ފަރަންސޭސި ސިލްސިލާ ޑުރާމާ "ދަ ބިއުރޯ" ނުވަތަ "ދަ ބިއުރޯ އޮފް ލެޖެންޑްސް"އަކީ އެޤައުމުގައާއި އެޤައުމުން ބޭރުގައިވެސް ގިނަ ބައެއްގެ ޝައުޤުވެރިކަން ދަމައިގެންފައިވާ ސިލްސިލާއެކެވެ. އެސިލްސިލާގެ 5 ވަނަ ސީޒަން ފެށިގެން އަންނައިރު، އެސިލްސިލާގައި މުސްލިމުންނާއި ޢަރަބިން ދައްކުވައިދީފައިވާ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، ބައެއް މުޙައްލިލުން ވިދާޅުވެފައިވަނީ އޭގައި މުސްލިމުން ދައްކުވައިދީފައިވަނީ ހުޅަނގުގެ ލޮލަށާއި ހިތަށް މުސްލިމުން ތަސައްވުރުވާ ގޮތުގެ މައްޗަށް ކަމުގައެވެ.
މިސިލްސިލާގައި މުސްލިމުން ދައްކުވާދީފައިވާ ގޮތާ ގުޅޭ ގޮތުން ލިޔުންތެރިޔާ އަދި ނޫސްވެރިޔާ އަކްރަމް ބަލްޤާއިދުވަނީ ވަރަށް ތަފުސީލު ލިޔުމެއް ލިޔެފައެވެ. އެލިޔުމުގައި އޭނާ ފާހަގަކުރާ ގިނަ ކަންކަމުން ދައްކުވައިދެނީ މުސްލިމުންނާމެދު ހުޅަނގުގައި އޮތް ނަފުރަތާއި ރުޅިވެރިކަމާއި އަދި އިހާނަތްތެރިކޮށް މުސްލިމުންނަށް ބަލާ ބެލުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާ މިންވަރު މިޑުރާމާއިން ފެންނަ ކަމުގައެވެ.
އޭނާ ފާހަގަކުރި ގޮތުގައި މިސިލްސިލާގެ ޝަޚުޞިއްޔަތުތައް (ކެރެކްޓާސް)ގެ ތެރެއިން މުސްލިމު ޝަޚުޞިއްޔަތެއް އީޖާބީ ގޮތެއްގައި ދައްކުވައިދީފައިވަނީ އެންމެ ޝަޚުޞިއްޔަތެކެވެ. އެއީ ސޫރިޔާއަށް ނިސްބަތްވާ ނާދިޔާ މަންޞޫރެވެ. އޭނާއަކީ ފަރަންސޭސި ޖާސޫސަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ. އޭނާ ފެންނަނީ ހިތްވަރުގަދަ ޒަމާނީ އަންހެނެއްގެ ގޮތުގައެވެ. އޭނާ ވާހަކަދައްކަނީ ފަރަންސޭސި ބަހުންނެވެ. އަކުރަމް ވިދާޅުވީ އޭނާ މިޑުރާމާގައި ދައްކުވައިދެނީ ހުޅަނގުން ޢަރަބި ދުނިޔެ އޮތުމަށް އެދޭ ގޮތް ކަމުގައެވެ. އަމިއްލަވަންތަކަން ދޫކޮށް ހުޅަނގަށް ތަބާވާ ބައެއްގެ ގޮތުގައި ޢަރަބިން އަދި މުސްލިމުން ތިބުމަށް އެއުރެން އެދޭ މިންވަރު މިޝަޚުޞިއްޔަތަށް ޑުރާމާގައި ދެވިފައިވާ މަޤާމުން ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނާދިޔާ ފިޔަވައި މިޑުރާމާގައި އުޅޭ ގިނަ އަންހެން ޝަޚުޞިއްޔަތުތައް ތިބެނީ ބުރުގާ އަޅާފައެވެ. އެއިން ކޮންމެ މީހަކީވެސް ކޮންމެވެސް "ސަލްބީ" ނުވަތަ ނެގެޓިވް ސިފައެއް، ދައުރެއް ނުވަތަ ފަސްމަންޒަރެއް ލިބިފައިވާ މީހެކެވެ. އެގޮތުން އަސްރީނަކީ ޝަހީދުންނާ ގުޅެން ބޭނުންވެގެން އުޅޭ ކުރުދީ ހަނގުރާމަވެރިއެކެވެ. ޗެރިޓީ ފައުންޑޭޝަނެއްގައި މަސައްކަތްކުރާ އިބާޟީ މަޒުހަބަށް ނިސްބަތްވާ މަންމައަކީ ޖިހާދީ ޖަމްޢިއްޔާތަކަށް ފައިސާ ހޯދައިދިނުމަށް އެޗެރިޓީ ބޭނުންކުރާ އަންހެނެކެވެ. ދެން ފެންނަނީ ޕެރިހުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެކެވެ. އޭނާ ދައްކުވައިދެނީ ފަރަންސޭސި މުޖުތަމަޢަށް ވަދެ ލާމެހިގެން އުޅޭ ކަމަށް ދައްކައި އޮޅުވައިލާ އެތެރޭގައި ތިބި ދުޝްމިނުންނެވެ.
މިސިލްސިލާއިން ދެން ފެންނަ ކޮންމެ މުސްލިމަކީ ޓެރަރިސްޓެކެވެ. ނުވަތަ ނަފުސާނީ ބަލި ޖެހިފައިވާ މީހެކެވެ. އެއިން މީހަކާމެދު ހިތެއްގައި ރަޙުމެއް އޯގާތެރިކަމެއް އުފަންވާންޖެހޭނެ އެއްވެސް ސަބަބެއް މިސިލްސިލާގައި ނުދައްކައެވެ. މިސިލްސިލާގެ ކޮންމެ ސީޒަނަކުންވެސް ފެންނަ ގޮތުން އިސްލާމީ ޢަރަބި ދުނިޔޭގައި އުޅެނީ މުޅިންވެސް މޮޔައިންނެވެ. ރިޝްވަތު ނަގާ މީހުންނެވެ. ނާޤާބިލު ފިނޑި، ޒަމާނަށް ނުފެތޭ މީހުންނެވެ.
ފަސްވަނަ ސީޒަނުގައި ފެންނަ އެއް ޝަޚުޞިއްޔަތަކީ އިސްލާމީ ދުނިޔޭގެ ސަލާމަތީ ބާރުތަކާމެދު ހުޅަނގުގެ ވިސްނުން ތަމްސީލުކުރާ ޝަޚުޞިއްޔަތެކެވެ. އޭނާއަކީ ޖަނަވާރެއް ފަދަ މީހެކެވެ. އެއްވެސް މިންވަރަކަށް އޭނާގެ ޝަހުވާނީ އެދުން ހަންމަތަނުވާ މީހެކެވެ. އެހެންކަމުން ފަރަންސޭސި އަންހެން ޖާސޫސެއްގެ އަވާގައި ޖެހި އޭނާ ފަނާވެއެވެ. މިއީ ޙޫޘީ ހަނގުރާމަވެރިންގެ އަމީރާއި ޢިރާޤުގެ އަސްކަރީ ކޮމާންޑަރުގެވެސް ހާލަތެވެ.
އެހެންނަމަވެސް ފަރަންސޭސި ޖާސޫސުންނަކީ އަޚުލާޤީ ގޮތުން އެންމެ މަތީ ފެންވަރުގެ މީހުންނެވެ. އެއިން މީހަކު ގޯހެއް ހަދައިފިނަމަ އެއީ އެމީހެއްގެ ފޮރުވިފައި އޮތް އަނދިރި މާޒީގެ ސަބަބުން ހިނގި ކަމެކެވެ.
އަކްރަމް ފާހަގަކުރެއްވި ގޮތުގައި ނުބައިނުލަފާ ގޮތްކުޑަ ބައެއްގެ ގޮތުގައި މުސްލިމުން ދައްކުވައިނުދޭނަމަ، ދެން މުސްލިމުން ފެންނާނީ ޤާބިލުކަމެއް ނެތް، މޮޔަ ގަމާރު ބައެއްގެ ގޮތުގައެވެ. އަދި ކުރިނާރާ ބައެއްގެ ގޮތުގައެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ އެއް މަންޒަރެއްގައި ސައިނާގެ ޢަރަބި ޤަބީލާއެއްގެ ވެރިޔަކު ފަރަންސޭސި ޖާސޫސަކާ ބައްދަލުކުރާ މަންޒަރެވެ. އެމަންޒަރުގައި ފެންނަނީ ބަދަވީ ޤަބީލާގެ ލީޑަރަށް ގޮނޑީގައި އިނުން ކަމުނުދާތީ ބިންމަތީގައި ކާޕެޓު މަތީ އިށީންނަ މަންޒަރެވެ.
އަކްރަމް ފާހަގަކުރެއްވި ގޮތުގައި މިމަންޒަރުތައް ފެނި މުސްލިމު ޒުވާނުންގެ ހިތްތަކުގައި އިސްލާމްދީނާމެދު އޮންނަ އިއްޒަތް ކެނޑި އަމިއްލަ ދީނާއި ޚާއްޞަ ޞިފަތަކާމެދު ލަނދުވެތިވާން ފަށައެވެ. ހުޅަނގުގެ ވަރަށް ގިނަ ސިލްސިލާ ޑުރާމާތަކުގައި މިފަދަ ވަޙުޝީ (ބާބޭރިކް) ގޮތެއް ފޮތެއް ނެތް، ގަމާރު ކުރިނާރާ ބައެއްގެ ގޮތުގައި މުސްލިމުންނާއި އަރަބިން ދައްކައިދެނީ އެއީ އިސްތިއުމާރުގެ ޒަމާނުއްސުރެ އެވިސްނުން އެމީހުންގެ ސިކުނޑިތަކުގައި ބިންވަޅު ނެގިފައިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ