މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއިން ތަޖިކިސްތާނާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެއްވީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ތަޖިކިސްތާނުގެ ބޮޑުވަޒީރު ޤަހީރު ރަސޫލްޒޮދާ ކުރިއަށްގެންދެވި ބައްދަލުވުމެއްގައެވެ.
މީގެއިތުރުން ދެއުމުގެ މެދުގައި ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި، ތަޖިކިސްތާނުގެ ބޮޑުވަޒީރު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަކީ ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަރެއްގެ ގޮތުގައި ބަލައިގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި އެ ގައުމުގައިވެސް ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.