ލަކްޝަދީޕްގެ އެންމެ ދެކުނުގައިވާ ރަށް މިނިކޮއި (މަލިކު) އިން ފެންނަމުން ދަނީ އެ ރަށުގެ ރައްޔިތުންގެ ސަގާފަތާއި ބަހުގެ އަސްލު މަޑުމަޑުން ފަނޑުވަމުންދާ މަންޒަރެވެ. ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރު ޕްރަފުލް ކޯޑާ ޕަޓެލް އިސްކޮށް ހުންނަވައި، މަރުކަޒީ ސަރުކާރުގެ އެހީތެރިކަމާއެކު މަލިކުގެ މާދަރީ ބަސް، މަހަލް އަދި އަރަބި ބަސް ތައުލީމީ މަންހަޖުން އުނިކުރުމަށް ނިންމި ނިންމުމާއި ރައްޔިތުންގެ ސީދާ ދިރިއުޅުމާ ގުޅިފައިވާ އިތުރު ނިންމުންތަކާއެކު އެ މީހުން ވަނީ މާޔޫސް ކަމާ ކުރިމަތިލާން ޖެހިފައެވެ. މިއީ ރައްޔިތުންގެ މިނިވަންކަމާއި، ހައްގުތަކާއި ތަރިކައަށް ދޭ ސީދާ ހަމަލާއެއް ކަމުގައި ގަބޫލު ކުރާ ރައްޔިތުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ރާއްޖޭގެ އުތުރުން އޮންނަ ލަކްޝަދީޕަކީ 36 ރަށުގެ ޖަޒީރާ ރަށްތަކެކެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 10 ރަށުގައެވެ. މި ރަށްތައް ހުންނަނީ ކެރަލާގެ ފަޅު ބަނދަރު ކޮޗީން 220 އާއި 440 ކިލޯމީޓަރު ދުރުގައެވެ.
ވަރަށް ފަހަކާ ޖެހެންދެން ލަކްޝަދީޕްގެ ރައްޔިތުން ދިރިއުޅެމުން އައީ ގައުމީ ސިޔާސަތުގައި މާ ބޮޑު ބައިވެރިވުމެއް ނެތި އަމާން ކަމާއެކުއެވެ. ނަމަވެސް ޕްރަފުލް ކޯޑާ ޕަޓެލް ލަކްޝަދީޕްގެ އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައި އައްޔަންކުރުމުން ރައްޔިތުންގެ ދިރިއުޅުމަށް އަންނާނެ ބަދަލުތައް އެ މީހުން އަންދާޒާ ކޮށްފައެއް ނުވެއެވެ.
މީގެކުރިން ލަކްޝަދީޕްގެ އިދާރީ ސަރަހައްދަށް އައްޔަންކުރެވުނު ހުރިހާ އެޑްމިނިސްޓްރޭޓަރުންނަކީ ރިޓަޔާޑް އައިއޭއެސް އޮފިސަރުން ނޫނީ ސިވިލް ސާވަންޓުންނެވެ. ނަމަވެސް، ކަންތައްތައް ބަދަލުވާން ފެށީ ބީޖޭޕީ އަށް ވެރިކަން ލިބުނު ހިސާބުންނެވެ. މައި ސަރުކާރުން ހިންގާ ލަކްޝަދީޕް އާ ގުޅިފައިވާ އިދާރީ ނިންމުންތަކާއި ސިޔާސަތުތައް ކަނޑައެޅުމަށް ސިޔާސީ މީހުން އައްޔަންކުރުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ރައްޔިތުންގެ ޝަކުވާތައް ހުށަހެޅޭނެ އެއްވެސް މަގެއް ނެތުމާއެކު، މައި ސަރުކާރަށް އަނިޔާވެރި ގާނޫނުތައް ތަންފީޒު ކުރުމަކީ ފަސޭހަ ކަމެކެވެ. މި ގަވާއިދުތައް ތަންފީޒުކުރަން ފަށާފައިވަނީ އެ ސަރަހައްދަކީ 97 އިންސައްތަ މުސްލިމުން ދިރިއުޅޭ މުސްލިމް އަޣުލަބިއްޔަތު އޮތް ސަރަހައްދަކަށްވާތީ ކަމުގައި ރައްޔިތުން ގަބޫލު ކުރެއެވެ.
އައު އިދާރީ ވެރިޔާ އައްޔަންކުރުން ވެގެން ދިޔައީ ރައްޔިތުންނަށް ބޮޑު ސިހުމެއް ގެނުވި ކަމަކަށެވެ. އެއީ ސަރުކާރަށް އެ ތަނުގައި ޒަމާނުއްސުރެން ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ވުރެ މަލިކުގެ ބިން މުހިންމު ކަން ދާދި އަވަހަށް ސާފުވެގެން ދިޔުމުންނެވެ. ރައްޔިތުންނާ މެދު ފަރުވާލެއް ނެތުމުންނެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ވިސްނުން އިންޑިއާ ސަރުކާރުން ކުރިންވެސް ގެންގުޅުނު ނަމަވެސް، މިހާރުގެ އިދާރީ ވެރިޔާގެ ބެލުމުގެ ދަށުން، މި ބަދަލުތައް ތަންފީޒު ކުރަން ފެށީ ރަށުގެ ތިމާވެއްޓަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ.
މި އިތުރުވަމުންދާ ޚިލާފުގެ ފަހަތުގައިވާ އެންމެ ބޮޑު އެއް ސަބަބަކީ އެންއީޕީ 2020 ގެ އޮނިގަނޑުގެ ދަށުން ތައާރަފްކޮށްފައިވާ "ތުރީ ލެންގުއެޖް ފޯމިއުލާ (ޓީއެލްއެފް)" އެވެ. މި އޮނގަނޑުގެ ދަށުން މަލިކުގެ އަސްލު ބަސްކަމުގައިވާ މަހަލް (ދިވެހި) ސްކޫލު މަންހަޖުން އުނިކުރުމަށް ނިންމި ނިންމުމެވެ.
މިކަން ގިނަ ބައެއްގެ ސަމާލުކަމަށް އައީ، މުފީދުއްދީން (މުއްޕި) ނަމަކަށް ކިޔާ މަލިކު މީހަކު އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓުކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
"ދިޔަރެސް" އާ ވާހަކަ ދައްކަމުން މުފީދުއްދީން ބުނީ މިއީ މަލިކު މީހުންގެ ސަގާފަތް ފޮހެލުމަށް ކުރާ ކަމެއް ކަމަށާއި ތައުލީމީ ނިޒާމަށާއި، އެ މީހުންގެ ސަގާފަތާއި، ނަސްލަށް ދޭ ހަމަލާއެއް ކަމަށެވެ.
އޭނާ ބުނީ މި ނިންމުން ތަކުގެ ސަބަބުން މުޖުތަމައުއަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ. އަދި ތައުލީމީ ނިޒާމުން މަހަލް ނައްތާލުމަކީ މަލިކުގެ ޚާއްސަ ބަހުގެ ތަރިކަ ދެމެހެއްޓުމަށް ނުރައްކާވެ، އެ ސަރަހައްދުން އެ ބަސް ނެތިދިއުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ. މި ނިންމުން ތަކާއެކު މަލިކު ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އަދި މި ކަންކަމަކީ ތަރައްގީގެ ނިޝާނެއް ނޫން ކަމަށާއި، މިއީ ނިޒާމީ ގޮތެއްގައި ސަގާފަތް ނެތިކޮށްލަން މަސައްކަތް ކުރުމުގެ ފެންނަން އޮތް ހެއްކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ޚާއްސަކޮށް މަލިކުގެ ރައްޔިތުން މި އަމަލުތައް ސިފަކުރަނީ އެމީހުންގެ އަމިއްލަވަންތަކަމަށް އިހުތިރާމް ކުރުމެއްނެތި މައި ސަރުކާރުގެ ވިސްނުމަށް ދިރިއުޅުން ބަދަލު ކުރުވުމަށް މަޖުބޫރު ކުރުން ކަމުގައެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި މަލިކާއެކު މުޅި ލަކްޝަދީޕް ތަމްސީލުކުރައްވާ އެމްޕީ، ހަމްދުﷲ ސައީދު، ލަކްޝަދްވީޕުގެ އެޑްމިނިސްޓްރޭޓަރަށް ފޮނުވި ސިޓީގައި މި ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއްކަމަށް ބުނެ ރައްޔިތުންގެ އުދާސްތަކާއި ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
"ލަކްޝަދީޕްގައި އަރަބި އަދި މަހަލް އަކީ ހަމައެކަނި ކިޔަވައިދޭ މާއްދާތަކެއް ނޫން. އެއީ އަހަރެމެންގެ ސަގާފަތާއި މުޖުތަމައުގެ ދިރިއުޅުން، އަދި ފެށުނީއްސުރެ ސްކޫލް ތައުލީމުގެ މުހިންމު ބައެއް،" ސިޓީގައި ބުނެފައިވެއެވެ. މިއީ އިންޑިއާގެ ގާނޫނުއަސާސީގެ 29(1)، 14 ވަނަ މާއްދާ އަދި 21 ވަނަ ގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.މި މަހުގެ 14 ވަނަ ދުވަހު މަލިކުގެ ސްކޫލްތައް ޗުއްޓީއަށް ބަންދުވުމަށްފަހު، މި ނިންމުންތައް އިއުލާންކޮށްފައިވަނި ކުއްލިއަކަށެވެ. މިކަން ކޮށްފައިވަނީ މުދައްރިސުންނާއި ބެލެނިވެރިންނާއި ސްކޫލުގެ އިންތިޚާބުކޮށްފައިވާ މެނޭޖްމަންޓް ކޮމިޓީތައް ފަދަ މުހިންމު ފަރާތްތަކާ މަޝްވަރާކުރުމެއް ވެސް ނެތިއެވެ. އެއްވެސް މަޝްވަރާއެއް ނުވަތަ އެންގުމަކާ ނުލައި ކުއްލިއަކަށް މިފަދަ ބޮޑު ބަދަލެއް ގެނައުން މަލިކު ރައްޔިތުން ސިފަކުރަނީ ބާރުގެ ނަހަމަ ބޭނުން ކުރުމުގެ ގޮތުގައެވެ.
އެމްޕީ ސައީދުގެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ޔޫނިއަން ޓެރިޓަރީގައި ހިނގަމުންދާ ޕަންޗާޔަތު ނިޒާމެއް ނެތް އިރު، އެއްވެސް މަޝްވަރާއެއް ނެތި މިފަދަ ނިންމުންތައް ނިންމުމަކީ 'ލަކްޝަދްވީޕް ޕަންޗާޔަތު ރެގިއުލޭޝަނާއި' 'ރައިޓް ޓު އެޑިއުކޭޝަން އެކްޓް' އާ ޚިލާފު ނިންމުމެކެވެ.
ހަމައެހެންމެ މިހާރު ގްރޭޑް 1 އިން 9 އަށް އަރަބި ބަހާއި މަހަލް ކިޔަވަމުންދާ ދަރިވަރުން، މުހިންމު އިމްތިހާންތަކާ ކުރިމަތިލާން ޖެހޭ ދަނޑިވަޅެއްގައި މުޅި މަންހަޖު އެއްކޮށް ބަދަލުކުރުމަކީ އެ ދަރިވަރުންގެ ތައުލީމަށް ލިބޭ ގެއްލުމެެއް ވެސް މެއެވެ.
ސްކޫލްތަކުން މަހަލް ބަސް ފޮހެލުމަށް ކުރަމުންދާ މަސައްކަތަކީ ޕްރަފުލް ޕަޓެލްގެ އެޑްމިނިސްޓްރޭޓަރު ކަމުގެ ދަށުން މަލިކު ރައްޔިތުންގެ މައްޗަށް ގާއިމްކުރަން މަސައްކަތް ކުރާ ކޮންޓްރޯލް ކުރުމުގެ ނިޒާމުގެ ކުޑަކުޑަ މިންވަރެކެވެ.
މީގެކުރިން ނިންމާފައިވާ ބައެއް ނިންމުންތަކަށް ބަލާއިރު ލަކްޝަދީޕް ޑިވެލޮޕްމަންޓް އޮތޯރިޓީ ރެގިއުލޭޝަން މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކަށް ބިން ހިފުމުގެ ފުޅާ ބާރުތަކެއް އެޑްމިނިސްޓްރޭޝަނަށް ލިބިދޭ ބަދަލު ހިމެނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ރުހުމާއި އެކަށީގެންވާ ބަދަލު ނުލިބި، މަޖުބޫރުން ތަންތަނުން ނެރުމާއި، އާންމު ރައްޔިތުންގެ އާދަކާދައިގެ ރަށްވެހިކަން ނައްތާލުމާއި، މުޖުތަމައުގެ މިލްކިއްޔާތުގައިވާ ބިންތައް ގެއްލިގެން ދާނެކަމުގެ ބިރު ރައްޔިތުންނަށް އެބައޮތެވެ.
އަދި ކަފާލާތުގެ ނިޒާމެއް ނެތި، އަހަރު ދުވަހުގެ މުއްދަތަށް ބަންދުކުރުމުގެ ބާރު ލިބިދޭ ގޫންޑާ އެކްޓް ތަންފީޒުކުރުން ވެސް ފާހަގަކޮށްލެވެއެވެ. ރައްޔިތުން މިކަން ދެކެނީ ކުށްކުރުމުގެ ނިސްބަތް ދަށް ސަރަޙައްދެއްގައި، ސަރުކާރުގެ ނިންމުންތަކާ ދެކޮޅަށް އަޑުއުފުލާ މީހުން ބިރުދެއްކުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ.
މީގެއިތުރުން، ގެރި މަސް މަނާކުރުމާއި ރާ ވިއްކުން އިތުރު ކުރަން ނިންމި ނިންމުމަކީ މުސްލިމުން ގިނަ އާބާދީއެއްގެ ސަގާފަތާއި ދީނީ އާދަކާދައާ ފުށުއަރާ ނިންމުމަކަށެވެ.
2021 ވަނަ އަހަރު އެންމެ ފުރަތަމަ އިއުލާން ކުރެވުނު މި ބަދަލުތަކާއެކު މަލިކުގައި އިހުތިޖާޖުގެ އަޑުތައް ގަދަވާން ފެށިއެވެ. މިއީ SaveLakshadweep# ހަރަކާތް ފެށުމުގެ އަސްލެވެ.
ރައްޔިތުންގެ މި ޝަކުވާތަކަށް އިޖާބަދެމުން އެމްޕީ ސައީދު ވަނީ ޖުމްލަ ހަ ހުށަހެޅުއްވުމެއް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި 14 މެއި ގެ އަމުރު ހުއްޓުވުމާއި، މަންހަޖުގައި ރަށު ބަހުގެ އިޚްތިޔާރު އަނބުރާ ގެނައުމާއި، ތައުލީމީ ނިޒާމު ކެރަލާ އެސްސީއީއާރުޓީ އާ އެއްގޮތްވާ ގޮތުގެ މަތީން ފުޅާކޮށް ބައްޓަންކުރުން ހިމެނެއެވެ.
އިންޑިއާގެ މައި ސަރުކާރުން ސިޔާސަތުތައް ކަނޑައެޅުމުގައި މަލިކުގެ ރައްޔިތުން އަބަދުވެސް އެކަހެރިކޮށްފައިވެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ތައުލީމީ ސިޔާސަތުތަކުގައި މަލަޔާލަމް އަދި ހިންދީއަށް އިސްކަން ދީފައިވާއިރު، މަލިކު މީހުންގެ މާދަރީ ބަސް ކަމުގައިވާ މަހަލް އެއްކިބާކޮށްފައި އޮތުމާއި މިހާރު ގެނެވުނު މަންހަޖުގެ ބަދަލަކީ، ރަށުގެ ސަގާފަތަށާއި ރައްޔިތުންނަށް އިހުމާލުވަމުންދާ ސިލްސިލާގެ އެންމެ ފަހުގެ ހަމަލާއެވެ.
މަލިކުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ހަމައެކަނި ބަހާ ގުޅޭ ކަމެއް ނޫނެވެ. އެއީ މައި ސަރުކާރުން ތަސައްވުރު ކުރާ ފުރިހަމަ އިންޑިއާގެ ތަސްވީރެއްތޯ، ނުވަތަ ގާނޫނުއަސާސީގެ ހިމާޔަތުގެ ދަށުން ކުރިއަރަމުންދާ ސަރަހައްދީ ސަގާފަތްތަކަށް ދެވޭ ހަމަލާއެއް ކަމާ މެދު ރައްޔިތުން ސުވާލު އުފައްދައެވެ. ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތި ނިންމާ މިފަދަ ނިންމުންތަކަކީ ނިގުޅައި ގަނެވޭ ހައްގެއް ނޫން ތޯއެވެ؟ މިއީ ފޭރިގަނެވޭ އަމިއްލަވަންތަކަމެއް ނޫން ތޯއެވެ؟
މަލިކުގެ ސަގާފީ ރޫޙު ކަނޑައަޅާ މާދަރީ ބަހާއި، ބިން، އަދި މުޖުތަމައުގެ ބައިވެރިވުން ނިގުޅައިގަތުމަކީ މައި ބިމާ ވަކީން ދިރިއުޅެމުންދާ އާބާދީއަށް ދެވޭ އަނިޔާއެކެވެ. މި ސިޔާސަތުތައް އަވަހަށް ބަދަލު ނުކުރެވިއްޖެނަމަ، މަލިކު ވެގެންދާނީ ތަރައްގީގެ ނަމުގައި ބައެއްގެ ހައްގުތައް ނިގުޅައިގަނެ މަޖުބޫރުން ސަގާފީ އެއްގޮތްކުރުން ތަންފީޒު ކުރުމުގެ ހިތި މިސާލަކަށެވެ.އިދާރާތަކުގެ އަމަލުތަކުގެ ސަބަބުން މަލިކު ރައްޔިތުންނަށް އެއްވެސް އުންމީދެއް ނެތެވެ. ގިނަ ރައްޔިތުން ގަބޫލުކުރަނީ ލަކްޝަދީޕް މިހާރު އޮތީ ހިސާރުކޮށްފައި ކަމަށެވެ. މި މައްސަލަތަކަށް ހައްލެއް ނުލިބިއްޖެ ނަމަ މިހާތަނަށް އޮތް އަމާން ރަށްތަކުގައި ނުތަނަވަސްކަން އުފެދިގެންދާނެއެވެ.