Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދީން

އިސްލާމީ ޙަޟާރަތުގެ ފަލްސަފާވެރިޔާ: މާލިކް ބިން ނަބީ

އިސްލާމީ މުފައްކިރު މާލިކް ބިން ނަބީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އަލްޖަޒާއިރުގައި 1905 ވަނަ އަހަރުއެވެ. އޭނާގެ ޢާއިލާއަކީ މެދުފަންތީގެ އާދައިގެ ޢާއިލާއެކެވެ. މާލިކް ބިން ނަބީގެ ބައްޕާފުޅު އުމުރަކީ ތަބައްސާ ޝަހަރުގެ އިދާރީ މުވައްޒަފެކެވެ. މިޒަމާނުގެ ބަހުން ދަންނަވަނީ ނަމަ ސިވިލް ސާވެންޓެކެވެ. ނަމަވެސް އެއާއިލާއަކީ ދީނަށް ލޯބިކުރާ އާއިލާއެކެވެ. އަމިއްލަ ނަފުސުގެ ޤަދަރާއި އިއްޒަތް ނެގެހެއްޓުމަށް ސަމާލުކަން ދިން އާއިލާއެކެވެ. އޭނާގެ ފޮތް "ޝާހިދުލް ޤަރުނި" ނުވަތަ ޤަރުނު ދުށް މީހާ މިފޮތުގައި، ޖަޒާއިރަށް ފަރަންސޭސިން ވެރިވެ، އަނިޔާވެރިކަން ހައްދުން ނެއްޓުމުން، އޭނާގެ މަންމަ ފަރާތުގެ ކާފަ ޖަޒާއިރު ދޫކުރައްވައި ތޫނިސަށް ހިޖުރަކުރެއްވި ވާހަކަ ލިޔުއްވާފައިވެއެވެ. މިހިޖުރައިގެ ބޭނުމަކީ ފަރަންސޭސި ސިފައިން ޖަޒާއިރު އަންހެނުންގެ ހަށިފޭރޭ ފޭރުމުން ކާފަގެ އަންހެން ދަރިން ސަލާމަތްކުރުން ކަމަށްވެސް މާލިކް ބިން ނަބީ ލިޔުއްވިއެވެ.
އަދި ތުއްޕުޅު އުމުރުގައި އިސްތިއުމާރީންގެ އަނިޔާވެރިކަން އޭނާއަށް ދަސްވެވަޑައިގަތީ މާމަގެ ބަސްފުޅުތަކުންނެވެ. މާމަގެ ބަސްފުޅުތައްވީ އިސްލާމީ ޢަޤީދާއާއި ޢަރަބި ބަހާމެދު ފަޚުރުވެރިވެވަޑައިގަތުމުގެ މުހިއްމުކަން އޭނާގެ ހިތްޕުޅަށް ވައްދައިދިން ބަސްފުޅުތަކަކަށެވެ. އަދި ޖަޒާއިރުގައި އެއިރު ފެށިފައިވާ އިސްލާހީ ޙަރަކާތްތަކާ މާލިކް ބިން ނަބީގެ އާއިލާއާމެދު އޮތް ގުޅުމަކީ އިޞްލާޙީ ފިކުރުތަކަށް އޭނާގެ ލޯ ހުޅުވައިދިން ކަމެކެވެ. އަދި އޭނާގެ މަންމަ ދަރިންނަށް ކީރިތި ޤުރުއާނު އުނގަންނައިދެއްވުމަށް ބެހެއްޓެވި އަހަންމިއްޔަތުކަމަކީ އޭނާގެ ހިތުގައި ކީރިތި ޤުރުއާނަށް އޮތް ލޯތްބާއި ޤަދަރު އިތުރުވި ސަބަބެކެވެ. އެގޮތުން އޭނާގެ މަންމަގެ އެދު ޤުރުއާން މުދައްރިސްގެ އުޖޫރަ ދިނުމަށް ވިއްކަވައިލެއްވި ވާހަކައަކީ މިއަހަންމިއްޔަތުކަމުގެ އެއް މިސާލެވެ. މިއަހަންމިއްޔަތުކަމުގެ ނަތީޖާއަކީ މުސްތަޝްރިޤުން ކީރިތި ޤުރުއާނާމެދު އުފައްދަމުންދިޔަ ވަހުމާއި ޝައްކުތަކަށް ރައްދުދެއްވައި "އައްޡާހިރަލް ޤުރުއާނިއްޔާ"ގެ ނަމުގައި ޚާއްޞަ ފޮތެއް ލިޔުއްވައި ޝާއިޢުކުރެއްވުމެވެ.
ތައުލީމުގެ ބިންގާ އެޅުއްވީ ޖަޒާއިރުގެ އިސްލާމީ މަދުރަސާތަކާއި ފަރަންސޭސި މަދުރަސާތަކުންނެވެ. ސާނަވީ ތައުލީމު ޙާޞިލުކުރެއްވުމަށްފަހު ފަރަންސޭސިވިލާތަށް ވަޑައިގެން އިންޖިނިއަރިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ޙާޞިލުކުރައްވައި ދަސްވެނިވެލެއްވީ 1935 ވަނަ އަހަރުއެވެ. ޙަޤީޤަތުގައި މާލިކަކީ އޭނާ އަމިއްލަފުޅަށް އުނގެނިވަޑައިގެންނެވި ބޭފުޅެކެވެ. ވަރަށް ބޮޑަށް ފޮތް ވިދާޅުވުމަށް ސަމާލުކަން ދެއްވިއެވެ. އޭނާ އަމިއްލަފުޅަށް ކަންކަން ދަސްކުރައްވައި އުނގެނިވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅަކީ މަދުން ނޫނީ ނުފެންނާނެ ފަދަ ކަމެކެވެ. އިސްލާމީ ފިކުރުގެ ފޮތްތަކާއި، އިސްލާމީ ތުރާސް (ހެރިޓޭޖް)ގެ ތެރެއިން ގިނަ އިލްމު އެއްކުރެއްވިއެވެ. ހުޅަނގުގެ މުފައްކިރުންނާއި ފަލްސަފާވެރިންގެ ފޮތްތަކާއި ލިޔުންތައް ވިދާޅުވެ، ހުޅަނގުގެ ފިކުރާއި ފަލްސަފާގެ އެންމެ ފުނަށް ދަތުރުކުރެއްވިއެވެ.
ކިޔަވާވިދާޅުވުމަށް ފަރަންސޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އެޤައުމުގައި 20 އަހަރު އުޅުއްވިއެވެ. ފަރަންސޭސި ބަހުން ފޮތްތައް ލިޔުއްވައި ޝާއިޢުކުރެއްވިއެވެ. އެއަށްފަހު 1956 ވަނަ އަހަރު މިޞްރަށް ވަޑައިގެންނެވިއެވެ. މިޞްރަށް ވަޑައިގެން ޢަރަބި ބަހުގެ ޢިލްމު ބޮޑަށް އުނގެނިވަޑައިގެން، ޢަރަބި ބަހުން ލިޔުއްވައި ވާހަކަދައްކަވަން ފެއްޓެވިއެވެ. އޭގެ ކުރިން ގިނައިން ބޭނުންކުރެއްވީ ފަރަންސޭސި ބަހެވެ. އެތަނުގައި ޑރ.ޢަބްދުއް ޞަބޫރު ޝާހީނާ ބައްދަލުވެވަޑައިގަތެވެ. ޑރ.ޢަބްދުއްޞަބޫރުވަނީ މާލިކުގެ ގިނަ ފޮތްތަކެއް ޢަރަބި ބަހަށް ތަރުޖަމާކުރައްވާފައެވެ.
މިދުވަސްވަރު މާލިކުގެ ނަން އަރަބި ދުނިޔޭގައި ހިނގަން ފެށިއެވެ. އެގޮތުން އެއިރު މިޞްރުގެ ރައީސް ޖަމާލު ޢަބްދުއްނާޞިރާ މާލިކާ ބައްދަލުވެވަޑައިގަތެވެ. އަދި މިޞްރު ސަރުކާރުން މާލިކަށް މުސާރައެއް ހަމަޖައްސައި ފޮތް ލިޔުއްވުމާއި ކިޔަވައިދެއްވުމަށް ހުސްވެވަޑައިގަތުމަށް ޖާގަ ފަހިކޮށްދިނެވެ. މާލިކު ޤާހިރާގައި ހުންނަވަނިކޮށް ޖަޒާއިރުގެ މިނިވަންކަމުގެ ހަރަކާތުގެ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. މާލިކުގެ ޤަލަން އެހަރަކާތަށް ވާގިވެރިވުމަށް ޚާއްޞަކުރެއްވިއެވެ. ފަރަންސޭސި ބަހުންނާއި ޢަރަބި ބަހުން ޖަޒާއިރުގެ މިނިވަންކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ދިގު ލިޔުންތައް ލިޔުއްވިއެވެ.
ޖަޒާއިރަށް އަނބުރައި ވަޑައިގެންނެވީ 1963 ވަނަ އަހަރުއެވެ. ވަޑައިގެން މަތީ ތަޢުލީމާ ބެހޭ މުސްތަޝާރުގެ މަޤާމާއި، ޖަޒާއިރު ޔުނިވަރސިޓީގެ މުދީރުގެ މަޤާމާއި މަތީ ތަޢުލީމާ ބެހޭ މުދީރުގެ މަޤާމު ފަދަ މުހިއްމު މަޤާމުތައް އަދާކުރެއްވިއެވެ. ނަމަވެސް 1967 ވަނަ އަހަރު އެމަޤާމުތަކުން އިސްތިއުފާދެއްވައި ފިކުރީ މަސައްކަތްޕުޅަށް ހުސްވެވަޑައިގެންނެވިއެވެ. 1973 ވަނަ އަހަރު ދުނިޔެ ދޫކުރެއްވުމާ ހަމައަށް އެމަސައްކަތްޕުޅުގައި ދެމިހުންނެވިއެވެ.
މާލިކް ބިން ނަބީ މާތްﷲގެ ޙަޟްރަތަށް ދަތުރުކުރެއްވީ ފިކުރީ ޚަޒާނާއެއް ދޫކުރައްވާފައެވެ. އޭގެ ތެރެއިން ވަރަށް ގިނަ މަސައްކަތްތައް ޗާޕުކުރެވި ލިބެން އެބަހުއްޓެވެ. ނަމަވެސް ބައެއް މަސައްކަތް އަދި މިހާތަނަށްވެސް ޝާއިޢުނުކުރެވި އެބަހުއްޓެވެ.
މާލިކުގެ ޙަޔާތްޕުޅުގައި ކުރެއްވި ފިކުރީ މަސައްކަތްޕުޅު މުހިއްމު ދެބައަކަށް ބަހައިލެވިދާނެއެވެ. އެއީ ކީރިތި ޤުރުއާން ދިރާސާކުރުމުގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތާއި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމުގެ ދާއިރާއިން ކުރައްވާފައިވާ މަސައްކަތެވެ. މިދެދާއިރާގައިވެސް މާލިކަކީ ތަފާތު އައު ވިސްނުންތައް އުފަންކުރެއްވި ބޭފުޅެކެވެ.
ކީރިތި ޤުރުއާން ދިރާސާކުރުމުގެ ފަންނުގައި މާލިކު ލިޔުއްވި އައްޡާހިރަލް ޤުރުއާނިއްޔާއަކީ ކީރިތި ޤުރުއާނުގެ މަޞްދަރަކީ އިލާހީ މަޞްދަރެއްކަން ތާރީޚީ އަދި މަންޠިޤީ އުސްލޫބުތަކުން ސާބިތުކޮށްދެއްވުމަށް ލިޔުއްވި ފޮތެކެވެ. އޭގެ ކުރިން ކީރިތި ޤުރުއާނަކީ މުޢުޖިޒާތެއް ކަމާއި، އެފޮތަކީ މުޤައްދަސް ފޮތެއްކަން ސާބިތުކޮށްދިނުމަށް ލިޔެފައިހުންނަ ހުރިހާ ފޮތެއް ލިޔެފައި ހުންނަނީ ބަހަވީ މަންޒޫރަކުންނެވެ. އެފޮތްތަކުގައި ކީރިތި ޤުރުއާނުގެ މުޢުޖިޒާތް ގުޅުވަނީ ބަލާޣަތާއި އަދަބާއި ބަހުގެ ފޮނިމީރުކަމާއެވެ. ނަމަވެސް މާލިކުގެ ފޮތުގައި ޤުރުއާނުގެ މަޞްދަރަކީ އިލާހިއްޔަ އަޞްލެއްކަން ސާބިތުކޮށްދެއްވީ، އަދި ސާބިތުކުރައްވަން މަސައްކަތްކުރައްވާފައިވަނީ ތާރީޚީ އަދި މަންޠިޤީ މަންޒޫރަކުންނެވެ. މިމަންޒޫރު ނުވަތަ ޕާސްޕެކްޓިވް ޤުރުއާން ދިރާސާކުރުމުގެ ތެރެއަށް ގެނެސްދެއްވި ޝަޚުޞިއްޔަތަކީ މާލިކު ބިން ނަބީއެވެ.
ނަމަވެސް މާލިކު ބިން ނަބީގެ ފިކުރީ އުފެއްދުންތަކުގެ ތެރެއިން ބޮޑު ބައެއް އަދި ގިނަ ފޮތްތައް އަމާޒުކުރައްވާފައިވަނީ ވަޅުޖެހިފައިވާ އިސްލާމީ ޙަޟާރަތު އަލުން ދިރުއްވުމުގެ މައްޗަށެވެ. އެގޮތުން އިސްލާމީ ފިކުރުގެ ތެރެއަށް އައު ވަރަށް ގިނަ މުޞްޠަލަޙުތައް (ޓާމްސް) މާލިކު ބިން ނަބީ އުފަންކުރެއްވިއެވެ. އެއިން އިސްތިޢުމާރު މިލަފުޒާއި "އިސްތިޢުމާރަށް ފައްކާވުން" މިމުޞްޠަލަޙާއި، މަރުވެފައިވާ ފިކުރުތަކާއި، މަރާލަނިވި ފިކުރުތައް ފަދަ މުޞްޠަލަޙުތައް ހިމެނެއެވެ.
މާލިކް ބިން ނަބީ ދެކެވަޑައިގެންނެވި ގޮތުގައި އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ކާރިސާއަކީ މަންހަޖީ އަދި އަމަލީ މައްސަލަތަކެއްގެ ސަބަބުން އުފަންވި ކާރިސާއެކެވެ. އަދި މުސްލިމުންނާ ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ އަދި ގޮންޖެހުމަކީ ވަޅުޖެހިފައިވާ އިސްލާމީ ޙަޟާރަތު އަލުން އާރާސްތުކުރުމާއި ދިރުން ގެނައުމުގެ މައްސަލައާއި ގޮންޖެހުމެވެ. އެހެންކަމުން އިސްލާމީ އުންމަތް އަލުން އޭގެ ފަޚުރަށް ޝަރަފަށް އިއާދަކުރުމަށްޓަކައި، އިޖުތިމާޢީ ބަދަލުތަކުގެ ނަޒަރިއްޔާއެއް މާލިކް ބިން ނަބީ އެކުލަވައިލެއްވިއެވެ. އެނަޒަރިއްޔާގެ ނާރެހަކީ ނަތީޖާނެރެވުން ނުވަތަ ފާޢިލިއްޔަތެވެ. އިނގިރޭސި ބަހުން ދަންނަވާނަމަ އެފެކްޓިވްނެސްއެވެ.
އެގޮތުން މާލިކް ބިން ނަބީގެ ޒަމާނުގެ އިސްލާމީ ބައެއް ހަރަކާތްތަކަށް ފާޑުވިދާޅުވުމުން މާލިކު ފާހަގަކުރެއްވީ އެހަރަކާތްތަކަކީ ހަމައެކަނި ޢަޤީދާއަށް ސަމާލުކަންދޭ ހަރަކާތްތައް ކަމުގައެވެ. އުފެއްދުންތެރިކަމާއި، ބިނާކުރުމާއި، ނަތީޖާނެރުމަށް ސަމާލުކަން ނުދޭ ކަމުގައެވެ. "ޕްރެކްޓިކަލް" ނުވަތަ އަމަލީ ހަރަކާތްތަކަކަށް ބޭނުންވެފައިވާ ކަމުގައެވެ. މިގޮތުން މާލިކް ބިން ނަބީ ލިޔުއްވާފައިވެއެވެ. "މުސްލިމާ އޭނާގެ ޢަޤީދާ ދޫކޮށްނުލާތީ އޭނާ ދެމިހުންނަނީ މުއުމިނެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ ޢަޤީދާއަކުން އަމަލީ ނަތީޖާއެއް ނުދެއްކެއެވެ. ސަބަބަކީ އޭނާގެ ޢަޤީދާގެ އިޖުތިމާޢީ ވިދުވަރު ކެނޑިފައިވުމެވެ. މުސްލިމަކަށް އޭނާގެ ހިތުގައި އިހުއްސުރެ އޮތް ޢަޤީދާއެއް ބުނެދިނުމަކީ އެއީ އަހަރުމެންނަށް ކުރިމަތިވެފައި އޮތް މައްސަލައެއް ނޫނެވެ. ނަމަވެސް މުހިއްމުކަމަކީ މިޢަޤީދާއަށް އެޢަޤީދާގެ ނަތީޖާ ނެރެވޭ އަސަރު ނުވަތަ އަމަލީ ބާރު އަނބުރައި އިއާދަކުރުމެވެ. އަދި އެއަޤީދާގެ އިޖުތިމާޢީ ދައުރާއި، އީޖާބީ އަސަރު އެއަށް ރުޖޫޢަކުރުމެވެ. ކުރުކޮށް ބުނާނަމަ، އަހަރުމެންނަށް މުހިއްމީ ﷲ ވޮޑިގެންވާކަމުގެ މައްޗަށް މުސްލިމާއަށް ހެކި ދެއްކުމެއް ނޫނެވެ. ނަމަވެސް ﷲ ވޮޑިގެންވާ ކަމުގެ އިހުސާސު އޭނާގެ ކިބާގައި އަށަގެންނެވުމެވެ."
މާލިކު ބިން ނަބީ ދެކެވަޑައިގެންނެވި ގޮތުގައި އިސްލާމީ އިސްލާހީ ހަރަކާތެއްގެ އަމާޒެއް ކަމުގައިވާންވާނީ އިންސާނާގެ ޖައުހަރު ނުވަތަ އެސެންސް ބަދަލުކުރުމެވެ. އަދި އޭނާގެ އިޖުތިމާޢީ ވެށި އެބަދަލާއެކު އިސްލާހުކުރުމެވެ. އޭނާ ލިޔުއްވިއެވެ. "ބޭނުންވެގެން މިއުޅެނީ މާތް ﷲގެ ޞިފަފުޅުތައް އެނގުމެއް ނޫނެވެ. ނަމަވެސް އެކަލާނގެއާ ގުޅިލާމެހުމެވެ.
އޭގެ އިތުރުން ހުޅަނގާއި އިސްލާމީ އުންމަތުގެ މެދުގައި އޮތް ގުޅުމާމެދުވެސް މާލިކު ވާހަކަދެއްކެވިއެވެ. ހުޅަނގުގެ ސަގާފީ އަދި ފިކުރީ އަގުކުރުންތަކަކީ އިސްލާމީ އަގުކުރުންތަކާ މަސްހުނިވާނެ އަދި އެއްކުރެވޭނެ ކަންކަން ނޫން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އިސްލާމީ ޙަޟާރަތު ވަޅުޖެހި، އިސްތިޢުމާރުގެ ވަކިތަކުގެ ދަށުވެ ތާށިވުމާއި، މުސްލިމުން މަރުވެފައިވާ ފިކުރީ ޖަދަލުތަކާއި ބަހުސްތަކުގައި ބަންދުވެ، އީޖާދީ ވިސްނުމާއި އުފެއްދުންތެރި ފިކުރުތަކާ ދުރުވެފައިވުމުގެ ސަބަބުން ކުރިމަތިވެފައިވާ އިލްމީ ހުސްކަން، އިލްމު ހޯދައިގެން ފުރައިލުމަށް އޭނާ ގޮވައިލެއްވިއެވެ. އެގޮތުން ސައިންސާއި އިންޖިނިއަރިންއާއި ޠަބީޢީ އިލްމުތަކުގައި ހުޅަނގުން ހޯދާފައިވާ ކުރިއެރުމަކީ އިންކާރުކުރެވެން ނެތް ކަމެއް ކަމުގައި ދެކެވަޑައިގެން އެއިން ފައިދާ ޙާޞިލުކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އެއިލްމުތައް އިސްލާމީ މުޖުތަމަޢުތައް ގެނައިނަމަވެސް، ހުޅަނގުގެ މުޖުތަމަޢުތައް އެމައްޗަށް ބިނާވެފައިވާ ފިކުރީ އަދި އަޚުލާޤީ އަސާސުތަކަކީ އިސްލާމީ މުޖުތަމަޢަކަށް ގެންނަން ހެޔޮވާވަރު ކަންކަން ނޫން ކަމުގައި ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ މާލިކު ބިން ނަބީ ދެކެވަޑައިގެންނެވި ގޮތުގައި އުންމަތްތައް އިސްތިޢުމާރުވުމަކީ އުންމަތްތަށް ފަހަތަށް ސޮހިގެން ދިއުމުގެ ސަބަބެއް ނޫނެވެ. ނަމަވެސް ޤައުމެއް އިސްތިއުމާރުގެ ދަށަށްދަނީ އެޤައުމެއް ޙަޟާރީ ގޮތުންނާއި ފިކުރީ ގޮތުން ފަހަތަށް ސޮހިގެން ދިއުމުގެ ސަބަބުންނެވެ. އެހެންކަމުން އިސްތިޢުމާރަކީ އަދި ޙަޟާރީ ގޮތުން ފަހަތަށް ސޮހުމަކީ އެތައް ޒަމާނަކަށް ދިގުލައިގެން ގޮސްފައިވާ ފިކުރީ އަދީ ސަޤާފީ ހީނަރުކަމެއްގެ އާޚިރު ނަތީޖާއެވެ.
އަދި ޤައުމެއްގެ މުއްސަނދިކަން ބަލާ މިންގަނޑާމެދު މާލިކް ބިން ނަބީ ވިދާޅުވެފައިވެއެވެ. "ޤައުމެއްގެ ތަނަވަސްކަން މިންކުރާ މިންގަނޑަކީ އެޤައުމެއްގެ މިލްކިއްޔާތުގައި ހުރި މާއްދީ މުދަލާއި، ތަކެތީގެ މިންވަރެއްނޫނެވެ. އެހެންނަމަވެސް އެޤައުމެއްގައި ދައުރުކުރާ ފިކުރުތަކާއި ޚިޔާލުތަކުގެ މުއްސަނދިކަމެވެ."
އިސްލާމީ ޙަޟާރަތުގެ ފަލްސަފާވެރިޔާ މާލިކް ބިން ނަބީއަށް މާތްﷲ ހެޔޮ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށިއެވެ. އާމީން!
މި ލިއުމާއި ގުޅޭ