އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް ޕީއެންސީގެ ޖޮއިންޓް ކައުންސިލުން އިދިކޮޅުގެ ލީޑަރަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ކަމުގައި ކަނޑައަޅާފައިވާ ކަމުގައި، ވަގުތީ ގޮތުން ކޯލިޝަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އިދިކޮޅުގެ ލީޑަރަކީ ކޮން ބޭފުޅެއްކަން ކަނޑައަޅަންޖެހޭ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ލީޑަރަކު ހުންނަވާ ތަނަކަށްވުރެ ލީޑަރަކު ކަނޑައެޅޭ ގޮތް މާ މުހިއްމު ކަމުގައެވެ.
ރައީސް ނަޝީދުގެ މިވާހަކަފުޅަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައި އަދުރޭ ވިދާޅުވެފައިވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި ވާދަކުރައްވާނެ ކެނޑިޑޭޓަކީ ރައީސް ޔާމީނު ކަމުގައި، ދެޕާޓީގެ ކައުންސިލުން އިއްތިފާޤުން ނިންމާފައިވާ ކަމުގައެވެ. އެކަން އޮގޮތަށް ކަނޑައަޅައި ނިންމާފައިވާ ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.
އަދި އޭގެ އިތުރަށް އޭނާ ވިދާޅުވީ އިދިކޮޅުގެ ލީޑަރަކީވެސް ރައީސް ޔާމީން ކަމުގައެވެ.
އިދިކޮޅު ކޯލިޝަނުގެ ފަރާތުން އަބަދުވެސް ބުނަމުންދަނީ އެކޯލިޝަނުގެ ލީޑަރަކީ އަދި އެކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުަގއި ވާދަކުރައްވާނެ ކެނޑިޑޭޓަކީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައެވެ.
ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އިތުރު ދެދައުވާއެއް މިހާރު އަނެއްކާވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވެއެވެ. ކުރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައިވަނީ އިސްތިއުނާފުކޮށްފައެވެ.