Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮލަމް

ކޮލަމް: 21 ވަނަ ގަރުނު ހިންދުކަނޑުގައި ދެރަދުންގެ ވެރިކަން

އަޅުގަނޑުގެ މި ލިޔުން ފަށައިގަތުމުގެ ކުރިން ދިވެހިރާއްޖޭގެ މިޒަމާނުގެ ތާޜީޚް އިލްމުގައި އެންމެ ފުންނާބު އުސް އެއް ބޭފުޅެއްކަމުގައިވާ ކޮލިގޭ ހަސަން އަހުމަދު މަނިކު ފަތްތޫރައަށް ލިޔުއްވާފައިވާ ލިޔުމެއްގެ ތަންކޮޅު ނަކަލުކޮށްލާހުށީމެވެ. އޭނާ ލިޔުއްވާފައިވެއެވެ.
" އާދެ! ދެން ..... އިހެއް މިހާރެއްނެތި އަބަދުމެ ދިވެހިން އަޅުވެތިކުރުމުގެ ކޮންމެ ފުރުސަތަކަށް ބަލަބާ އޮންނަ އިންޑިއާ އެވެ. ދިވެހި މިނިވަންކަމުގެ އެންމެ ޒަމާންވީ މަކަރުވެރި އަދާވަތްތެރިޔާއެވެ. އަޅުގަނޑުމެންގެ އަމާން އަދި އޮމާން ދިރިއުޅުމަށް ސިއްރާއި ފައުޅުގައި ނުނިޔަތްލާފައިވާ ހަތުރެވެ. އެމީހުންގެ އެންމެ ބޮޑު ބޭނުމަކީ މިހާރުފަދައިން އެހާރުވެސް މިނިވަން ގައުމެއްގެ ގޮތުން ދުނިޔޭގެ ޗާޓުން އަޅުގަނޑުމެން ފޮހެލުމެވެ. މިކަމަށްޓަކައި އިންޑިއާގ ކަނޑުފޭރޭ މީހުން މިރާއްޖެއާއި އެންމެ ގައިގޯޅިވި ދުވަސްވަރަކީ މިލާދީން ސޯޅަވަނަ ގަރުނުގެ މެދުތެރެއެވެ."
އާދެ ހަސަން އަހުމަދު މަނިކު ވިދާޅުވެފައިވާގޮތުން އެދުވަސްވަރު ރާއްޖޭގެ ރަސްކަމުގެ ސިންގާސަނާގައި ހުންނެވީ ވެރިކަމަށް ދަހިވެތިވެ ފެންބޮވައިގެންފައިހުރި 9 ވަނަ ހަސަން ރަސްގެފާނެވެ. އިސްލާމްދީން ދޫކޮށްލަންޖެހުނަސް އޭނާ ބޭނުންވީ ތަޚްތުގައި ހުރެވޭނެގޮތެކެވެ. އެންމެފަހުން އިންޑިއާގެ ގޯވާއަށް ގޮސް އިސްލާމްދީން ދޫކޮށް މުރުތައްދުވިއެވެ. އޭނާ ބޭނުންވީ ދިވެހި ގައުމުން އިސްލާމްދީން ނައްތައިލުމަށެވެ. އެކަމަކު ކާފަރުންނާއިގުޅިގެން މިދިވެހި އުއްމަތަށް ގެއްލުންދިނުމަށް އޭނާރޭވި ރޭވުންތައް ﷲ ތަޢާލާ ބާތިލް ކުރެއްވިއެވެ.
ދިވެހި ރާއްޖެ އިސްލާމްދީނަށް އެނބުރުމުގެ ކުރިން ބުދުދީނުގައި މިގައުމުގެ ކާބަފައިން އުޅުނުޒަމާނުވެސް އިންޑިއާއިން މިދީބު އަޅުވެތި ކުރިއެވެ. ރާއްޖޭގެ ތާރީޚް ދިރާސާކުރެއްވި ޙަސަން އަހުމަދު މަނިކުގެ އެހެން ލިޔުމަކަށް އަޅުގަނޑު ޖެހިލާނަމެވެ. އެއީ މީލާދީން 10 ވަނަ ގަރުނު ނިމި 11 ވަނަ ގަރުނަށް ފެށުނު ދުވަސްވަރެވެ. އެދުވަސްވަރަކީ އަޅުގަނޑުމެން އެންމެން ދަންނަ ދެކުނު އިންޑިއާގެ ޗޯލާ އެމްޕައަރ އޭގެ ގަދަފަދަ ބާރާއެކު ފެތުރެމުންގޮސް ކަނޑުތައް ހުރަސްކޮށް ދިވެހި ރާއްޖެއަށް ވަކި އެއްލި ދުވަސްވަރެވެ. ޗޯލާއިންނަށް ދިވެހި މުސްކުޅި ބަހުންކިޔަނީ "ސޯޅިޔާ" އިންނެވެ. ޗޯލާއިންނަކީ ވަރަށް އަނިޔާވެރި ރަސްކަމެއް ކުރިބައެކެވެ. ޗޯލާއިން އެއްގަމުންމުޅި ދެކުނުއިންޑިޔާގައި ބާރުގަދަކޮށް ކަނޑުތައް ހުރަސްކޮށް އެކިގައުމުގައުމު އަޅުވެތިކުރަމުންދިޔައިރު އެމީހުންނާއި ތަންކޮޅެއް ދުރުގައި އޮތް 12 ހާސް ރަށް ފަތަހަކުރިކަމަށް ވެއެވެ. އެއީ އަޅުގަނޑުމެންގެ މިދީބެވެ. އެކަމަކު މި 12 ހާސް ރަށުގެތެރޭގައި މިހާރު އިންޑިއާގެ ލަކްޝައްދީބުގެ ރަށްތައްވެސް ހިމެނެއެވެ. އެކަމަކު މިޗޯލާއިންގެ ބާރު ކުޑަވާންފެށުމާއެކު އެންމެ ފުރަތަމަ ހަގުރާމަކޮށް އެމީހުންގެ މައްޗަށް ގަދަވެ މިނިވަން ވެގަތީ އަޅުގަނޑުމެންގެ މިދިވެހި ގައުމެވެ. މުޅިގައުމު އެއްކޮށްނޫންނަމަވެސް މިމީހުންގެ އަޅުވެތިކަމުގެ ދަށުގައި 100 ވަރަކަށް އަހަރު ރާއްޖޭގެ ބައެއް އޮތެވެ. އޭގެފަހުން ކިތަންމެ ފަހަރަކު އިންޑިއާއިން މިދިވެހި ގައުމު އަޅުވެތިކޮށް އެގައުމުގެ ބާރުގެދަށަށް ގެންދިއުމަށް ހަނގުރާމަކޮށްފައިވެއެވެ. އިންޑިއާގެ އެކިއެކި ރާޖާއިންނެވެ. ޙަސަން އަހުމަދު މަނިކު ވިދާޅުވެފައިވާގޮތަށް ދުނިޔޭގެ ޗާޓުން މިގައުމު ފޮހެލުމަށްޓަކައެވެ. އެރާޖާއިންގެ އަތްދަށަށްދިޔަ އެއް ރަށަކީ މަލިކެވެ. ދިވެހި ތާރީޚްގައި ދިވެހި ރަސްކަމުގެ ސިންގާސަނާއިން މަލިކައްޑުއާއިދެމެދު ރަދުންގެ އަމުރު މައުރޫފް ހިންގެވިކަމަށް އެގެން އޮއެވެ. މިހާރު އެއީ އިންޑިއާގެ ރަށެކެވެ.
ދިވެހި ރަސްކަމަށް އިސްވި އެތައް ރަސްރަސްކަލުންނެއް އެކި ދުވަސްވަރުގައި ވެރިކަމުގެ ދަހިވެތި ކަމުގައި އިންޑިއާގެ އަޅުވެތިކަމުގެދަށަށް މިގައުމު ގެންދަން މަސައްކަތްކޮށްފައިވެއެވެ. އިންޑިއާގެ ކަންނަންނޫރު އަލީރާޖާއަށް ރާއްޖެ ހިފުމަށް ދައުވަތުދީގެން އަލީ ރާޖާގެ ލަޝްކަރު އައިސް އައްސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން ނުވަތަ އަޅުގަނޑުމެންގެތެރޭގައި މަޝްހޫރު ކޮރުބަންޑާރައިންނާއި އަދި އެބަންޑާރައިންގެ ކޮއްކޯފުޅާއިމެދު އަމަލުކުރިގޮތް އެއީ ދިވެހި ތާރީޚްގެ ހިތާމަވެރި ސަފްހާއެކެވެ. އެފަހަރު ދިވެހި ގައުމަށް ޚިޔާނާތްތެރިވި ދިވެހި ބަޔަކު އިންޑިއާގެ މަލާބާރުން ނުވަތަ ކަންނަންނޫރު އަލީރާޖާއަށް ސިއްރުން ސިޓީތައްފޮނުވައިގެން ހޮޅީންގެ ލަޝްކަރު މާލެ ގެނުވައި އެމީހުންލައްވައި މުޅި ގަނޑުވަރުގައި ހުޅުޖަހައި އަދި މާލޭގެވެސް ބޮޑުބައެއް އަންދައިލިއެވެ. ރަސްގެފާނު އިންޑިއާއަށްގެންގޮސް ވަރަށް އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލިއެވެ. ދެން ގައުމަށް ޙިޔާނާތްތެރިވި ދިވެހިން ރަސްކަމުގެ ތަޚްތުގައި ހިނދުކޮޅަކަށް އިށީދެ އަރާމާއި ލައްޒަތު ލިބިގަތްތަނުން އެއްކަލަ މަކަރުވެރި އިންޑިއާގެ ރާޖާ އެދެ ޚާއިނުން ކަނޑުފައްތައި މަރައިލިއެވެ. އޭގެފަހުން އިންޑިޔާގެ އަޅުވެތިކުރުމުގެ ހަމަލާތަކުން ދިވެހި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދިނުމަށް ﷲ ތަޢާލާ ދިވެހިންގެ މައްޗަށް ފަޟްލަވަންތަވެ ވޮޑިގެން މެދުވެރިކުރެއްވީ މުލީގޭ ދޮން ހަސަންމަނިކު އަޅުގަނޑުމެންގެ ލޮބުވެތި ޣާޒީ ހަސަން އިއްޒައްދީން ދޮންބަންޑާރައިންނެވެ.ބޭރުގެ ނުފޫޒުތަކުގެތެރެއަށް ގައުމު ވަށްޓާލުން
21 ވަނަ ގަރުނުގައިވެސް މިފެންނަނީ ހަމަ އެއް މަންޒަރުތަކެކެވެ. ދިވެހި ޜާއްޖޭގެ ރައްޔިތުން އިންތިޚާބުކުރި ވެރިކަމެއް ވަށްޓައިލުމަށްޓަކައި ވެރިކަމުގެ ދަހިވެތިކަމުގައިވާ ފަރާތަކުން މަކަރުވެރި ޔަހޫދީ ރޭވުމެއް ރާވައި އިންޑިއާގެ ރާޖާގެ އަރިހުގައި އަސްކަރީ އެހީއަށް ނުވަތަ އިންޑިއާގެ ރާޖާގެ ލަޝްކަރު ފޮނުވައިދޭން އެދިގޮވައިލުމާއި އިންޑިއާއިން އެކަމަށް އުފަލުން އިޖާބަދިން ގޮތުގެ ވާހަކައަކީ މިޒަމާނުގެ ތާރީޚްއެވެ. އިންޑިއާގެ ބޮންއަޅާ ބޯޓްތައް ތައްޔާރީހާލަތަކަށް ގެނެވުނުކަމަށް އެގައުމުގެ މަސްދަރުތަކުން ބުންޏެވެ. އެބޯޓްތަކުން އައިސް ބޮންއަޅައި މާލޭގެ ގަނޑުވަރު ގޮއްވާލަނީކަމެއް ނުވަތަ ކޮރުބަންޑާރައިންނަށް ހެދިގޮތަށް ރަހީނުކޮށްގެންގަދަކަމުން ގެންދަންރޭވިތޯ އެއީ އަދި ސާފުނުވާ ކަމެކެވެ. އަދި ބަދަލެއްގެ ގޮތުން ދިވެހި ދައުލަތުން ދައްކަންޖެހޭގޮތަށް އެއްބަސްވެފައިވަނީ ކޮންކަމެއްކަމެއްވެސް ސާފެއްނުވެއެވެ. އެކަމަކު ސީނުކަރައިގެން ރަސްގެފާނާއި ހެދި އެހަނގުރާމައަށް ހުރަސްއެޅުނީކަމަށް ބުނާތީ އިވެއެވެ. މިހާދިސާއިން ތާރީޚް ލިޔުންތެރިޔާ ހަސަން އަހުމަދު މަނިކުގެ ބަސްފުޅު ކުރިމަތީގައ ތަމްސީލުވެދެއެވެ. ދިވެހިރާއްޖެ އަޅުވެތިކުރުމަށް އޮތް ދަހިވެތި ކަމެވެ.
މުސްކުޅި ތާރީޚީ ބަހުރުވައިން ވާހަކަދައްކާނަމަ މިޒަމާނަކީވެސް ދެރަދުންގެ ވެރިކަމެއް ހިންދު ކަނޑުގެ ޖަޒީރާތަކުގައި ކުރެވެމުންދާ ޒަމާނެކެވެ. އެއް ރަދުން އިންނަވަނީ ކަބާފާނު ގަޑުވަރުގެ ގޮނޑިކޮޅެއްގައެވެ. އޭނާގެ ވަށައިގެން ހަގުބޭކަލުން އެބުރިއެބުރި އުޅެތެވެ. ސިލޭހަވެރިންވެސް ކޮންޓްރޯލްކުރަނީ އޭނާކަމުގައިވެއެވެ. އަމުރުކުރާ ކޮންމެކަމެއް ކުރެތެވެ. މުޅި ދައުލަތް އެއީ އޭނާގެ ބާރުގެ ދަށުގައިވާ އެއްޗެއް ފަދައެވެ. އަނެއް ރަދުން އަވަހާރަފުޅު ލައްޕަވަނީ މުލީގޭ ދޮންހަސަންމަނިކުފާނުގެ ގަނޑުވަރުކޮޅުގައެވެ. މިރަދުންއަކީ އަމަލުފުޅުތަކުން ޣާޒީބަންޑާރައިންގެ ގަނޑުވަރުކޮޅުގައި ހުންނެވުމަށް އެކަށީގެންނުވާ ފިނޑި ބޭފުޅެއްކަމަށް ރައްޔިތުންނަށް ދައްކަވަނީ ކަނބާފާނުގަޑުވަރުގެ ރަދުންގެ އަމަލުފުޅުތަކުންނެވެ.
ދިވެހިންނަށް އަސްލު ރަދުން އިންނެވީ ކޮން ގޮނޑިކޮޅެއްގައިކަން ސާފުނުވާ ދަރަޖައަށް ގައުމު ފަރަންޖީންގެ ނުފޫޒުގެ ދަށަށް އެތައް ގޮތަކުންވަނީ ވަދެފައެވެ. އެއީ މިލާދީން 19 ވަނަ ގަރުނުގައިވެސް ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން އިނގިރޭސިންގެ އަތްދަށަށް މިގައުމުގެ މިނިވަންކަން ގެންދިއުމަށް އަމަލުކުރި ބީދައިންނެވެ. ބޮޑުހުޅުގެ ތާރީޚުން އެކަން ސާފުވެއެވެ. އެއީ ވަރަށް މަކަރުވެރި ރޭވުމެކެވެ. އިނގިރޭސިން ނުރުހޭ އެއްވެސް ކަމެއް ނުކުރަން ޅަޒުވާން މުއީނުއްދީން ބަންޑާރައިންލައްވައި އޭރުވެރިކަމަށް ދަހިވެތި ވެފައިތިބި ސިޔާސީ ބަޔަކު މަޖްބޫރު ހާލަތަކަށް ގެންގޮސް ސޮއިކުރުވައި ދިވެހި ދައުލަތުން އެއްބަސްވެއެވެ. އެސޮއި ލިބެންދެން އިގިރޭސިން މާލީގޮތުން ދަތިކޮށްގެންނާއި އެކިގޮތްގޮތުން ދިވެހިންނަށް ބިރުދައްކަވަމުންދިޔައެވެ. ރާއްޖޭގެ ރައީސްކަންކުރެއްވި ޑޮކްޓަރ މުހައްމަދު ވަހީދުގެ ބައޮގްރަފީން ހަމަ އެމަންޒަރު އާދެ ރާއްޖެ އަޅުވެތިކުރުމަށް މެދުވެރިވި ބަސްމަގު ތަކުރާރުވާ ހާދިސާއެއް 21 ވަނަ ގަރުނުގައިވެސް ފެންނަން އޮވެއެވެ. 2011 ވަނަ އަހަރު އިންޑިއާއާއެކު އޭރު ރާއްޖޭގެ ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ސޮއިކުރި ސަލާމަތީ އެއްބަސްވުމުގައި އިންޑިއާގެ މަސްލަހަތަށް ބުރޫއަރާނެ އެއްވެސްކަމެއް ރާއްޖެއިންކޮށްގެން ނުވާނެކަމަށް ހިމެނިއެވެ. ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިވެހި ގައުމު ދިޔައިރު ދިވެހި ރައްޔިތުންތިބީ ވެރިކަމާއި އަދި ވެރިންނާއިމެދު މާޔޫސްވެ ފޫހިވެފައެވެ. މިއަދުވެސް ހަމަ އެމާޔޫސްކަމެވެ. ގައުމަށް ޣަދަރުވެރިވާ މީހުން ބަލަބަލާތިބެނީ މިފަދަ ފުރުސަތަކަށެވެ.
މި ލިއުމާއި ގުޅޭ