ރޭ ދަންވަރު އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުން ބުނީ ރޭ ފިހިގެން އިތުރު ފަރުވާ ދިނުމަށް 31 އަހަރުގެ ފިރިހެނަކާއި ހަމަ އެ އުމުރުގެ އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށާއި، އެ ދެމީހުންނަށް އެ ހޮސްޕިޓަލުގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެ އެވެ.
މަންޒަރު ދުއް މީހަކު "ދިޔަރެސް"އަށް ކިޔައިދިން ގޮތުގާ މި ހާދިސާގައި ބޮޑަށް ފިހިފައި ވަނީ އަންހެން މީހާ އެވެ. އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ވަރު ފިހިފައިވާކަމަށް އެފަރާތުން ބުނެފައިވެއެވެ.
ރޭ 11:00 ހާއިރު، ރަސްދޫގެ ގެއެއްގައި ހިނގި މި ހާދިސާގައި ފިހިފައި ވަނީ ދެމަފިރިންނެވެ. ރޯވެފައި ވަނީ އެ ދެމަފިރިން ނިދާ ކޮޓަރީގައި ކަމަށާއި، އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެނގިފައި ނުވާކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.