އިސްރާއީލްގެ އިދިކޮޅު ލީޑަރު އަވަސް އިންތިޚާބަކަށް ގޮވާލައިފިއެވެ.
އިސްރާއީލްގެ އިދިކޮޅު ޕާޓީ، ޑެމޮކްރެޓްސް ޕާޓީގެ ލީޑަރު ޔައިރް ގޮލަން ވަނީ އިސްރާއީލްގެ އިޤްތިޞާދާއި ޚިދުމަތްތައް ހުއްޓާލުމަށް ވެސް ގޮވާލައިފައެވެ. މިއީ ބެންޖަމިން ނެތަންޔާހޫގެ ސަރުކާރު އަވަސް އިންތިޚާބަކަށް ދިއުމަށް މަޖުބޫރު ކުރުވުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.
ހޯމަ ދުވަހު ލޯކަލް ރޭޑިއޯ އެފްއެމް 103 އަށް ދިން އިންޓަވިއުއެއްގައި ގޮލަން ބުނީ، ނަތަންޔާހޫގެ ސަރުކާރަކީ ފަނާކުރަނިވި ސަރުކާރެއް ކަމަށާއި، އިދިކޮޅުން ޖެހޭނީ އިހުތިޖާޖުން ރެސިސްޓަންސްއަށް ބަދަލުވާންކަމަށެވެ. އަދި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެއް ކޮޓަރިއެއްގައި މަސައްކަތް ކުރުމަށް އިދިކޮޅު ހުރިހާ ލީޑަރުންނަށް، ޚާއްޞަކޮށް ލިބަރަލް އަދި ޑިމޮކްރެޓިކް ޕާޓީތަކުގެ ލީޑަރުންނަށް، އޭނާ ގޮވާލިއެވެ.
މެދުމިނުގެ ނެޝަނަލް ޔުނިޓީ ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް ވަނީ އެކްސް ގައި "ނަތަންޔާހޫގެ ދައުލަތުގެ މުއައްސަސާތައް ފުނޑާލުން ނިމިގެންދާނީ ކާރިސާއަކުން" ކަމަށް އިންޒާރު ދެއްވާފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސްއިން ދިން ހަމަލާއާ ގުޅިގެން ދިމާވި ފެއިލްތަކުގެ ޒިންމާ ނެގުމަށް ނަތަންޔާހޫ ވަނީ އިންކާރު ކޮށްފައެވެ. އަދި އަވަސް އިންތިޚާބަކަށް ދިއުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުންތައްވެސް އޭނާ ބަލައިނުގަނެއެވެ.
ފާއިތުވި ދުވަސްތަކުގައި އެތައްހާސް އިސްރާއީލީން ވަނީ މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކޮށްފައެވެ. މިއީ ޝިން ބެޓް ޑޮމެސްޓިކް ސެކިއުރިޓީ އޭޖެންސީގެ އިސްވެރިޔާ ރޯނެން ބާރް އަދި އެޓަރނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާ ވަޒީފާއިން ވަކިކުރުމަށް ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށެވެ.