މި ރަމަޟާން މަހުގެ ފުރަތަމަ ވިހި ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 7.6 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި އޮންލައިންކޮށް އަދި ޒަކާތު ހައުސްގެ ކައުންޓަރުތަކުން ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 7،623،214ރ. ބަލައިގެންފައިވެއެވެ.
ފުރަތަމަ 20 ދުވަހުން ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ހާމަކޮށްފައިވާއިރު ފަހު 10 ގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އިއްޔެއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުކުރާއި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށެވެ.
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ 27 ރަމަޟާން ވަނަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށެވެ. ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ.
ޒަކާތު ހައުސިން އިން ބުނީ މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާ އިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.