Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަހުމަދު އަޒާން

އަޒާން ގޮވާލެއްވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހްކުރަން ވީހާވެސް އަވަހަށް ބިލެއް ހުށަހަޅަން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކޮމްޕޮޒިޝަން އިސްލާހުކުރުމަށް ވީހާވެސް އަވަހަކަށް މަޖިލީހަށް ބިލެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ގޮވާލައްވައިފިއެވެ.

އަޒާން މިހެން ގިވާލައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް, ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަނުކުރުމާމެދު އެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމެޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

އަޒާން ވިދާޅުވީ ޖުޑީޝަރީ އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރަނގަޅު ފަނޑިޔާރުން އައްޔަންކުރުމުގެ އިތުރުން މުޅި ނިޒާމު އިސްލާހުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން އިދިކޮޅުގައި ތިބިއިރުވެސް އެންމެ ބާރަށް ދެއްކި ވާހަކައަކީ ޖޭއެސްސީ އިސްލާހުކުރުމުގެ ވާހަކަކަން އޭނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
މެންބަރު އަޒާން ފާހަގަކުރެއްވި ގޮތުގައި، ކުރީގެ އެމްޑީޕީ ސަރުކާރުން ވެސް ޖޭއެސްސީ އިސްލާހުކުރުމަށް ވަނީ ވައުދުވެފައެވެ. ނަމަވެސް އެ ސަރުކާރުގެ ދައުރު ނިމުނުއިރުވެސް އެކަން ވަނީ ނުކުރެވިއެވެ.
އަދި މަހިބަދޫ ދާއިރާގެ މެންބަރު ތާރިޤް ދެފަހަރެއްގެ މަތިން ޖޭއެސްސީ އިސްލާހްކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާ އަޒާން ވިދާޅުވ ނަމަވެސް، އެއަށް ތާއީދު ލިބިފައި ނުވާކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް ސިޔާސީ ބޭފުޅުން އައްޔަނު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި. އަޅުގަނޑަށް ޔަގީން މަޖިލީހުން ވެސް އެކަން އެގޮތަށް ކުރާކަށް ބޭނުމެއް ނުވާނެ،" އަޒާން ވިދާޅުވިއެވެ.

އެހެންވެ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބަންޑާރަ ނައިބު ވީ އެންމެ އަވަހަކަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވުމަށް އަޒާން ވަނީ ގޮވާލައްވާފައެވެ.

"އެހެންކަމުން، އަޅުގަނޑު ގޮވާލަން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ދައުލަތުގެ ބަންޑާރަ ނައިބު، ޖޭއެސްސީގެ ކޮމްޕޮޒިޝަން އިޞްލާޙުކުރައްވަން ވީ އެންމެ އަވަހަކަށް ބިލެއް މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅުއްވަން." އަޒާން ގޮވާލައްވިއެވެ.

އަދި އެފަދަ ބިލެއް ހުށަހަޅައިފިނަމަ، މަޖިލީހުގެ މެންބަރުން ވަގުތުން އެ ބިލު ފާސްކުރުމަށް ތައްޔާރަށް ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ