އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އެސެޓް ރިކަވަރީ ޤާނޫނުގެ ނަމޫނާއާ ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، އެ ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވުނު މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހެޅުއްވި ހުށަހެޅުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ތާއީދުކުރެއްވިއެވެ. އަދި މި ހުށަހެޅުން ވަނީ ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ.
އެސެޓް ރިކަވަރީ ޤާނޫނަކީ ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުގެ އަތުން އެ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް މަގުފަހިކޮށްދޭނެ ޤާނޫނެކެވެ. އަދި ނުހައްގު މުއްސަނދިކަމުން ހޯދާ ފައިސާއާއި މުދާ މި ޤާނޫނުގެ ދަށުން ދައުލަތަށް ނެގޭނެއެވެ.